بســم اللّـه الرّحمـن الرّحيــم
         
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين،  وعلى آلـه وصحبـه أجمعـين.
 
އާދެ، މިރޭ ދިވެހިބޭސްވެރިންގެ ފުރަތަމަ ޖަލްސާ އިފްތިތާޙުކޮށްދިނުމުގެ ޝަރަފް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް ހެލްތު އޮނަރަބްލް އަލްފާޟިލް މުޙައްމަދު މުޞްޠަފާ ޙުސައިންގެ އަރިހަށް ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ޝުކުރު އަދާކުރަން.
 
އާދެ، އެއްވެސް ޝައްކެއްނެތް، މިރޭގެ މި ޖަލްސާއަކީ ދައުލަތުގެ ފަރާތުން ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތު ސަލާމަތް ކުރުމަށްޓަކައި އަދި ރާއްޖޭގެ ރައްޔިތުންނަށް ދައުލަތުގެ ފަރާތުން ލިބިދޭ ޞިއްޙީ ޚިދްމަތްތައް އިތުރު ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް. ތިޔަ ހުރިހާ ބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، މިއަހަރުގެ ކުރީކޮޅު ރާއްޖެތެރޭގައި ޞިއްޙަތާބެހޭ ވަރަށް ޚާއްޞަ ސެމިނާރެއް ބޭއްވުނު. އޭގެފަހުން މީގެ މަހެއްހާ ދުވަސް ކުރިން، ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ރީޖަނަލް ކޮމިޓީގެ ޖަލްސާވެސް މާލޭގައި ބޭއްވުނު. މި ކަންތައްތަކަކީ ރާއްޖޭގެ ޞިއްޙީ ފެންވަރު ކުރިއަށް ގެންދިޔުމަށްޓަކައި ދައުލަތުން ކުރާ މަސައްކަތްތައް. ހަމަ އެމޭރުމުން މިރޭ މިފަދަ ޖަލްސާއެއް މި ފެށެނީ. މިޖަލްސާގެ ބޭނުންތެރިކަމާ މެދުގައި މާދިގު ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް ވަޒަންކުރެއްވޭނެ، ދިވެހި ބޭސްވެރިކަމުގެ ބޭނުންތެރިކަން. ދިވެހި ބޭސްވެރިކަން ކުރިއަރުވައި އާލާކުރުމުން، އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ އެންމެހައި އަޚުންނާއި އުޚުތުންނަށް ލިބޭނެ ފައިދާތައް.
 
އާދެ، އެއްވެސް ޝައްކެއްނެތް، އަޅުގަނޑުމެންފަދަ ރާއްޖެއެއްގައި ހަމައެކަނި ހުޅަނގުގެ ބޭސްވެރިކަމުން އަޅުގަނޑުމެން ހުރިހާ ކަމެއް ރުއްސައިލައިގެން ތިބުމުގެ މާނައެއް ނެތް. ހުޅަނގުގެ ބޭސްވެރިކަމޭ އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެން އެ ބޭސްވެރިކަމަށް ކިޔާ ނަމެއްގެ ގޮތުން. އާދެ، އެއީ އެއްވެސް ޝައްކެއްނެތި، މުޅި ދުނިޔޭގައި ވަރަށް ކުރިއަރައިފައިވާ ޢިލްމެއް. ވަރަށް ކުރިއަރައިފައިވާ ފަންނެއް. އިންސާނުންނަށް ޖެހޭ ބޮޑެތި ބަލިތައް ފަސޭހަކުރުމުގައި ހުޅަނގުގެ ބޭސްވެރިކަމުގެ ފައިދާ ނުހޯދައި، ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނޯންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ފަދަ ރާއްޖެއެއްގައި ހުޅަނގުގެ ބޭސްވެރިކަމުގެ ޚިދްމަތްތައް އެންމެންނަށް ލިބޭނެގޮތް އަދި ނެތް ތަނެއްގައި، އަޅުގަނޑުމެންގެ އަމިއްލަ ބޭސްވެރިކަން ނުދިރުވައި، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތު ސަލާމަތް ކުރެވޭކަށެއްވެސް ނޯންނާނެ. މާލޭގައި ކޮންމެވެސް ފެންވަރެއްގައި، ހުޅަނގުގެ ބޭސްވެރިކަން އަޅުގަނޑުމެންނަށް އެ ޚިދްމަތްތައް ލިބެމުން އެބަދޭ. ވަރަށް އެކަށީގެންވާ ފެންވަރެއްގައޭވެސް ދެންނެވިދާނެ. ސަރުކާރުގެ ހޮސްޕިޓަލުގައި އަދި އެނޫންވެސް ބައެއް އަމިއްލަ ފަރާތްތައް ޞިއްޙީ ޚިދްމަތްތައް އަދާކުރައްވާ. މާލޭގައި އެބަތިއްބެވި އެކިއެކި ޑޮކްޓަރުން. ހޮސްޕިޓަލުގެ ޚިދްމަތްތަކާއި، އެ ޑޮކްޓަރުންގެ ޚިދްމަތްތައް ޢާންމުގޮތެއްގައި ލިބެމުންދަނީ މާލޭގެ ރަށްވެހިންނަށް. ރާއްޖެތެރޭގެ ރައްޔިތުންނަށް އެ ޚިދްމަތްތައް ލިބިގަތުމަށް ވަރަށްގިނަ ހުރަސްތަކެއް އެޅިފައި ހުރޭ. އެންމެބޮޑު ހުރަހަކީ އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވެސް އެޅޭ ހުރަސް. އެއީ ދަތުރުފަތުރު ކުރުމުގެ ދަތިކަން. ރާއްޖެތެރެއިން މީހަކު ބަލިވެގެން މާލެ އަންނަން ޖެހިއްޖެނަމަ، އެއީ ވަރަށްބޮޑު މައްސަލައަކަށްވާނެ. ކަމާކަންފަށާ ބޭސްކުރުމަށް މާލެ އައުމަށް. އެތައް ކަނޑުތަކެއް ހުރަސްކޮށްފައި، ދަތުރުކުރުމުގެ އުނދަގޫތައް އޮންނަގޮތުން އެއީ އެއްވެސް މީހަކަށް މާފަސޭހަކަމަކަށެއް ނުވާނެ. އެގޮތުން ދަތުރުކޮށްފައި މާލެ އަންނަ މީހަކުވެސް އެމީހެއްގެ ޞިއްޙީ ފަރުވާއަށްޓަކައި ވަރަށްގިނަ ދުވަސްތަކެއް މާލޭގައި ހޭދަކުރަންޖެހޭ ބަލީގެ ބާވަތުން. އެގޮތަށް މާލޭގައި ގިނަދުވަސްތައް ހުރުމަކީ، އެމީހަކަށް ލިބޭނެ ވަރަށްބޮޑު ދައްޗަކަށްނުވެނުދާނެ. ޚަރަދުގެ ގޮތުން ބެލިނަމަވެސް، އަދި އާމްދަނީއަށްޓަކައި އެމީހަކު ކުރަންޖެހޭ މަސައްކަތެއް ހުއްޓައިލަން ޖެހުމުގެ ގޮތުން ބެލިނަމަވެސް، އެކަމަކީ އަޅުގަނޑުމެންގެ ތެރެއިން ރާއްޖެތެރޭގެ ގިނަ މީހުންނަށް ކުރެވޭވަރަށްވުރެ މާބޮޑު ކަމަކަށް އަބަދުވެސް އޮންނަނީ ވެފައި. އެއާޚިލާފަށް އަޅުގަނޑުމެންގެ ދިވެހިބޭސްވެރިކަން ކުރިއަރުވައިގެން ރާއްޖެތެރޭގައި ދިވެހި ބޭސްވެރިކަމުގެ ފައިދާ ރާއްޖެތެރޭގެ އަހުލުވެރީންނަށް ލިބޭގޮތަކަށް އޮތް ކަމުގައިވާނަމަ، މިދެންނެވި ބުރަ އެމީހުން އުފުލާކަށެއް ނުޖެހޭނެ.
 
އާދެ، މިހާރުވެސް ދައުލަތުން ރާވާގޮތުގައި ރާއްޖެތެރޭގައި ތަފާތު ހޮސްޕިޓަލްތައް އެޅުމަށްވަނީ ރޭވިފައި. ރީޖަނަލް ހޮސްޕިޓަލްތައް، އަދި އެހޮސްޕިޓަލްތައް އެޅުނު ކަމުގައިވިޔަސް، އެހޮސްޕިޓަލުގެ ޚިދްމަތްތައް ވަރަށްގިނަ ޢަދަދެއްގެ ބަޔަކަށް ލިބެމުންދާގޮތަށް ހަމަޖެހުނު ކަމުގައިވިޔަސް، ރާއްޖެތެރޭގެ އެންމެންނަށް އެ ޚިދްމަތްތަކެއް ލިބެމުންނެއް ނުދާނެ. އެހެން މިދެންނެވީ، އެ ހޮސްޕިޓަލްތައްވެސް ހުންނަނީ ވަކި ރަށްރަށުގައި ކަމަށްވާތީ. ބަލިމީހުން އެރަށަށް ދަތުރުކޮށްފައި ދިޔުމަކީ ރާއްޖެތެރޭގައިވެސް ފަސޭހަކަމަކަށްނުވާނެ. ހަމައެފަދައިން، އެރަށަކަށް ގޮސް ބޭސްކުރަން ހުންނަ ހުރުމުގައި، ހިނގާ ޚަރަދުތަކާއި އަދި އެނޫންވެސް ދަތިތައް ހުންނަގޮތުން ހޮސްޕިޓަލްތައް ހުރި ކަމުގައިވިޔަސް، އޭގެ ފުރިހަމަ ޚިދްމަތް ރާއްޖެތެރޭގެ އެންމެންނަކަށް ލިބޭގޮތަކަށް ހަމަޖެއްސޭކަށެއް ނޯންނާނެ. އެކަން އެހެން އޮތުމާއެކު، އަޅުގަނޑުމެންގެ ޞިއްޙީ ޚިދްމަތްތަކުގައި މިވާ ބޮޑު އުނިކަން ހަމަޖެއްސޭނެ ގޮތަކަށް އޮންނާނީ ހަމައެކަނި ދިވެހި ބޭސްވެރިކަން ކުރިއަށް ގެންދިޔުން. ދިވެހިބޭސްވެރިން ތައްޔާރުކޮށް، ދިވެހި ބޭސްވެރިންގެ ތެރެއިން ފުދޭވަރަކަށް މީހުން ރާއްޖެތެރޭގެ ރަށްރަށުގައި ތިބުން. އެގޮތަށް ބޭސްވެރިން ހުރިހާ ރަށެއްގައި ތިބޭނަމަ، އެ ރަށްރަށުގެ އަހުލުވެރިންނަށް އެމީހުންގެ ފައިދާތައް ކިތަންމެ ރަނގަޅަކަށްވެސް ލިބެމުންދާނެ. އާދެ، އަޅުގަނޑުވެސް އެއްބަސް، ދިވެހި ބޭސްވެރިކަން ކުރިއަށް ގެންދިޔަނަމަވެސް، އިންސާނުންނަށްޖެހޭ ހުރިހާ ބަލިތަކެއް ފަސޭހަކޮށްދިނުމުގެ ކުޅަދާނަކަން އެމީހުންނަކަށް ލިބިފައެއް ނޯންނާނެ. އެއީ ބޭސްވެރިކަމުގެ ފަންނުގެ ބާވަތުން. ވަރަށްގިނަ ބަލިތައް ހުންނާނެ، އެކަމަށް ޑަކްޓަރީ ބޭހުގެ ފަރުވާ ލިބެން ބޭނުންވާ. އެހެން އޮތް ކަމުގައިވިޔަސް، މިހާރު ރާއްޖެތެރޭގެ ރައްޔިތުން މި އުފުލަންޖެހޭ ބުރަކަމުގެ ތެރެއިން ވަރަށްބޮޑު ބައެއް އޭރުން އަޅުގަނޑު ހިތުން ސަލާމަތްވާނެ.
 
ކޮންމެއަކަސް، ބޭސްވެރިކަމަކީ އިންސާނީ ޢިލްމުތަކާއި ފަންނުތަކުގެ ތެރެއިން ވަރަށް ޤަދީމީ ފަންނެއް. އަޅުގަނޑު ހިތުން އެއީ އެންމެ ޤަދީމީ ފަންނޭ ދެންނެވިޔަސް، އެއީ ދޮގަކަށް ނުވާނެ. އިންސާނުން މިދުނިޔެއަށް އައީއްސުރެ އެމީހުންނަށް އެކިއެކި ބަލިޖެހެމުންދާނެ. އެއްވެސް ޝައްކެއްހުރި ކަމެއްނޫން. ކޮންމެ އިންސާނަކުވެސް ބަލިވުމާ ގުޅިގެން އެ ބަލިން ފަސޭހަވޭތޯ މަސައްކަތް ކުރާނެ. އެގޮތުން އިންސާނުން މިދުނިޔޭގައި އުޅޭން ފެށީއްސުރެ ކޮންމެވެސް މިންވަރަކަށް ބޭސްވެރިކަން އޮންނާނީ އެވަގުތުން ފެށިގެން ފެށިފައި. އެންމެފުރަތަމަކޮޅުގައި މަރުވުމާއި އަދި ބޮޑެތި ބަލިތައް އެއީ ޤުދްރަތީގޮތުން ދިމާވާ ކަންތައްތަކެއް ނޫންކަމަށް އިންސާނުންނަށް ގަބޫލުކުރެވިފައި އޮތީ. އެންމެ ފުރަތަމަ އިންސާނުން ގަބޫލުކުރިގޮތުގައި، އާދައިގެ ކުދިކުދި ބަލިތައް، މިސާލަކަށް، އަރިދަފުސް އެޅުން، ނުވަތަ ބަނޑުހިކުން، މިފާޑުގެ ކަންތައްތައް މިއީ ދިރިއުޅުމުގައި ދިމާވާ ކަންތައްތައްކަން އެމީހުން ގަބޫލުކުރޭ. އޭގެއިތުރުން ޖެހޭ ނުރައްކާތެރި ބޮޑެތި ބަލިތައް އެއީ އެންމެކުރީގެ އިންސާނުން ގަބޫލުކުރިގޮތުގައި ކޮންމެވެސް ނުބައި ޝައިޠާނީ ބާރެއްގެ ސަބަބުން ޖެހޭ ބަލިތަކެއް. އެހެންވުމާއެކު، އެންމެ ފުރަތަމަ ބޭސްވެރިކަން ބިނާވެފައި އޮތީ ޢިލްމީ ބިންގަލެއްގެ މައްޗަކަށް ނޫން. މިދެންނެވި ފަދަ ބައެއް އިޢުތިޤާދުގެ މައްޗަށް. އެހެންވުމާއެކު، އިންސާނީ ތާރީޚުގައި އެންމެ ފުރަތަމަ ބޭސްވެރިކަން ކުރި މީހުން އެއީ ހަމައެކަނި ޑަކްޓަރުންނެއް ނޫން. ޑަކްޓަރުންގެ އިތުރުން އެމީހުންނަކީ، އޭރުވެފައި އޮތީ ސިޙުރުވެސް ހަދާ މީހުން ކަމުގައި. އެއީ އެންމެކުރީ ޒަމާނުގައި ފަތްޕިލާވެއްޔާއި ތަރުކާރީގެ ބާވަތްތައް ބޭނުންކޮށްގެން ބޭސްކުރި ކަމުގައިވިޔަސް، އެ ބޭސް ބަލިމީހާއަށް ދޭއިރު އެމީހުން ކިޔަވާ ކިޔެވެލިތަކަކާއި، އަދި ނަށާ ނެށުންތަކެއްވެސް އޮވޭ. ކުރާ ޙަރަކާތްތަކެއް ހުރޭ. މިކަންތައްތައް މިއީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ފަންޑިތައިގެވެސް ބާވަތެއް. އަދި ސިޙުރުގެވެސް ބާވަތެއް.
 
އެހެންކަމަށްވުމާއެކު، އެންމެ ފުރަތަމަ ޒަމާނުގައި ބޭސްވެރިކަން އޮތީ މިދެންނެވި ކަހަލަ ގޮތަކަށް. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކޮންމެވެސްވަރަކަށް ބޭސްވެރިކަން އޮތް، އަޅުގަނޑުމެންނަށް އަބަދުވެސް ހީވެފައި އޮންނަނީ ކޮންމެ ޢިލްމަކާއި ކޮންމެ ފަންނެއްގެވެސް ފެށުން އޮންނަނީ ޤަދީމީ ޔޫނާނުގައި ކަމަށް. އެހެންނަމަވެސް، އޭގެކުރިންވެސް، ޤަދީމީ ޔޫނާނުގައި ބޭސްވެރިކަން ކުރިއަށްދިޔުމުގެ ކުރިންވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ބޭސްވެރިކަން ކުރަމުންގެންދިޔަ. ޚާއްޞަކޮށް ޤަދީމީ ބާބިލްގައި، ޤަދީމީ މިޞްރުގައި، ޗައިނާގައި، އިންޑިޔާގައި. މިތަންތަނުގެ ބޭސްވެރިކަމުގެ ފަންނުތަކުން ޤަދީމީ ޔޫނާނަށް މަޢުލޫމާތުތަކެއް ލިބުނު. އެމަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ޔޫނާނުގެ މީހުން، އެ ފަންނު ކުރިއަށް ގެންދިޔައީ. އެމީހުންގެ ތެރެއިން އެންމެ މަޝްހޫރު މީހަކީ ޢަލީފިރާޤު. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބޭސްވެރިކަމުގެ މަސައްކަތްތައް ބިނާވެފައި ވަނީ އަޅުގަނޑު މިދެންނެވި އެކިއެކި ޤައުމުތަކުގެ މީހުން، އެމީހުން ކުރަމުން އައިސްފައިވާ މަސައްކަތްތަކުގެ މައްޗަށް. ކޮންމެއަކަސް ޤަދީމީ ޔޫނާނުގެ މީހުން ބޭސްވެރިކަމަށް ކޮށްދިން އެންމެބޮޑު ޚިދްމަތަކީ އެ ދެބައި ވަކިކޮށްލީ. ދެބަޔޭ އަޅުގަނޑު މިދެންނެވީ، ބޭސްވެރިކަމުގެ ބަޔާއި އިޢުތިޤާދުގެ ބައި. ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، އެންމެ ފުރަތަމަ މީހުން ގަބޫލުކުރަމުން އައީ ބޮޑެތި ބަލިތައް އެއީ ކޮންމެވެސް ޝައިޠާނީ ބާރެއްގެ ސަބަބުން އިންސާނުންނަށް ޖެހޭ އެއްޗެއް ކަމަށް. އެބައި މުޅިން ވަކިކޮށްލައި، ބައްޔަކީ ޠަބީޢީގޮތުން، ޤުދްރަތީ ގޮތުން ދިމާވާ ބައެއް ސަބަބުތަކާހުރެ އިންސާނުންގެ ހަށިތަކަށްޖެހޭ އެއްޗެއްކަން ގަބޫލުކުރެވި، އެ ފަންޑިތައިގެ ބަޔާއި ސިޙުރު ހެދުމުގެ ބަޔާއި، ޙަޤީޤީ ބޭސްވެރިކަމުގެ ބަޔާ ވަކިކޮށްދިން ބަޔަކީ ޤަދީމީ ޔޫނާނުގެ މީހުން.
 
ކޮންމެއަކަސް އޭގެފަހުން ޔޫނާނުގެ ބޭސްވެރިކަން ލިބުނީ ޢަރަބިންނަށް، މުސްލިމުންނަށް. މުސްލިމުން ބޭސްވެރިކަން ވަރަށްމަތީ ދަރަޖައަކަށް ތަރައްޤީ ކުރަމުން ގެންދިޔަ. މުސްލިމުންގެ ތެރޭގައި ވަރަށް ކުޅަދާނަ ބޭސްވެރިން ނުވަތަ ޑަކްޓަރުން ތިއްބެވި. އޭގެތެރެއިން ވަރަށް މަޝްހޫރު ބޭފުޅެއް އިބްނު ސީނާ. ތިޔަ ހުރިހާ ބޭފުޅުންވެސް އައްސަވާނެ، އިބްނު ސީނާ ހެއްދެވި ފޮތް، "القانون فى الطب" "ބޭސްވެރިކަމުގެ ޤާނޫނު"، މިހެން ކިޔާފޮތް އެއީ ވަރަށްފަހާ ޖެހެންދެންވެސް ޔޫރަޕުގެ ޔުނިވަރސިޓީތަކުގައި ކިޔަވައިދެމުން ގެންދިޔަ ފޮތެއް. އެހެންކަމަށްވުމާއެކު، މުސްލިމުންގެ ތެރެއިންވެސް ވަރަށްގިނަ ބަޔަކު މި ފަންނުގައި ކުރިއަރައިފައިވޭ. އަދި އެ ފަންނަށް ވަރަށް މަތިވެރި ޚިދްމަތްތަކެއް ކުރައްވައިފައިވޭ. އޭގެފަހުން ޔޫރަޕުގެ ޑަކްޓަރުކަން ކުރިއަށްދާން ފެށީ. ފަހަކަށްއައިސް، މިހާރު އެއްވެސް ޝައްކެއްނެތި ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ބޭސްވެރިކަމަކީ ހުޅަނގުގެ ބޭސްވެރިކަން. އާދެ، ކޮންމެއަކަސް އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް ހުޅަނގުގެ ބޭސްވެރިކަމުގެ މައްޗަށް އެކަނި އަޅުގަނޑުމެންގެ ޞިއްޙީ ފަރުވާ ލިބިގަތުމަށް ތިބެވޭކަށެއް ނެތް. އެއީ އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް ހުރިގޮތުން. އެހެންކަމަށްވުމާއެކު، އަޅުގަނޑުމެންނަށް މަޖުބޫރުވެފައިވަނީ އެހެންގޮތްގޮތުންވެސް އަޅުގަނޑުމެންގެ ބޭސްވެރިކަން ކުރިއަށް ގެންދިޔުމަށް. އެއީ އެންމެ ފުރަތަމަ އެކަމަށް އަޅަންޖެހޭ ފިޔަވަޅަކީ، ދިވެހި ބޭސްވެރިކަން އާލާކުރުން. ދިވެހި ބޭސްވެރިކަން ދިރުވުން.
 
އާދެ، ދިވެހި ބޭސްވެރިކަމަކީ، ދެންމެ ޑޮކްޓަރ ޢަބްދުއްޞަމަދު އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ ޘަޤާފަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑު ހިތުން އަޅުގަނޑުމެން ދިވެހި ބޭސްވެރިކަން ދިރުވުމުގެ ބޭނުމަކީ، ހަމައެކަނި ޘަޤާފީ ކަމެއް ކުރިއަށް ގެންދިޔުމެއް ނޫން. އެއަށްވުރެ މާބޮޑު އެހެން ބޭނުމެއް އެބައޮތް. އެއީ އެއިން އަޅުގަނޑުމެންނަށް ލިބޭ ޢަމަލީ ފައިދާތައް.
 
އާދެ، އެއްވެސް ޝައްކެއްނެތް، ކުރިއެރުމަކީ އިންސާނީ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ މުހިންމު ބައެއް. ކުރިއެރުން އޮންނާނީ އަޅުގަނޑުމެންގެ ޞިއްޙަތާއި އަޅުގަނޑުމެންގެ ބުއްދި ސަލާމަތުން ހުރި މިންވަރަކުން. އެންމެ ފުރަތަމަ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ހަށިތަކަށް ސަމާލުކަންދޭންޖެހޭ. އެ ހަށިތައް ބަލިން ދިފާޢުކުރަންޖެހޭ. ބަލިވެއްޖެއްޔާ ބޭސްކުރަންޖެހޭ. ހަމައެފަދައިން، އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީކުރަންޖެހޭ. އަޅުގަނޑުމެންގެ ވިސްނުން ކުރިއަރުވަންޖެހޭ. އެހެންވީމާ، ކޮންމެ ޤައުމެއްގައިވެސް އެންމެބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ދެކަމަކީ ޞިއްޙަތާއި ތަޢުލީމު. ޞިއްޙަތުގެ ބޭނުމަކީ، ހަށިތައް ސަލާމަތުން ބެހެއްޓުން. ތަޢުލީމުގެ ބޭނުމަކީ އަޅުގަނޑުމެންގެ ސިކުނޑިތައް ތަރައްޤީ ކުރުން. ވިސްނުން ރަނގަޅު ކުރުން. އެހެންވުމާއެކު، މި ދެ ޚިދްމަތް ތަރައްޤީވަމުން އަންނަ ކޮންމެ ޤައުމެއްގައިވެސް ވަރަށް މަތިވެރި އަހަންމިއްޔަތެއްދޭ. އަދި ދޭންވެސްޖެހޭ. ހަމައެފަދައިން، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް އެ ދެކަންތަކަށް ވަރަށް މަތިވެރި އަހަންމިއްޔަތެއް ދޭންޖެހޭ.
 
ދެންމެ ޑިރެކްޓަރ އޮފް ނެޝަނަލް ހެލްތު ސަރވިސަސް އެ ވިދާޅުވި ފަދައިން، މިދޭތެރެއަކުން އަޅުގަނޑުމެން އެހެން ކަންތައްތައްވެސް އިހުމާލުކޮށްލި ފަދައިން، ދިވެހި ބޭސްވެރިކަންވެސް ވަނީ އިހުމާލުކޮށްލައިފައި. މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި ކުރީގައި ތިއްބެވި ފަދަ މޮޅު ބޭސްވެރިން އެހާ ގިނަ ޢަދަދަކަށް ނެތް. ހަމަ އެފަދައިން، ބޭސްވެރިކަމަށް ބޭނުންވާ ތަފާތު ފަތްޕިލާވެއްޔާއި ތަރުކާރީއާ، މިނޫންވެސް އެހެން ތަކެތި ލިބޭކަށެއް ނުހުރޭ. މީގެކުރިން ވަރަށް ގިނައިން އެފަދަ ތަކެތި މާލެއިންވެސް އަދި ރާއްޖެތެރެއިންވެސް ލިބެންހުރި. އެހެންނަމަވެސް، އެކަން އެ ފަންނު، އެ ޢިލްމު، އަޅުގަނޑުމެންނަށް އިހުމާލު ކޮށްލެވުމުގެ ސަބަބުން މިހާރު އެއިން އެއްވެސް އެއްޗެއް ލިބޭކަށެއްވެސް ނެތް. އެހެންވީމާ، މި ޖަލްސާގައި ތިޔަބޭފުޅުން މިހާރު ރާއްޖޭގައި ދިވެހި ބޭސްވެރިކަން އޮތް މިންވަރު ބައްލަވައި، އަދި ބޭސްވެރިކަމުގެ ތެރެއިން ކޮން ރޮނގެއްތޯ ކުރިއަރުވަން ބޭނުންވަނީ. މިކަންކަން ކަނޑައަޅުއްވާއިރު، އަޅުގަނޑު ހިތުން ބޭސްވެރިކަމަށް ބޭނުންވާ މިދެންނެވި ބާވަތުގެ ތަކެތި ރާއްޖެއިން ލިބޭނެގޮތަކާ ދޭތެރޭގައިވެސް ވިސްނަވަންޖެހޭނެ.
 
ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، މި އުފާ އަޅުގަނޑަށް ދެއްވިކަމަށްޓަކައި، މިނިސްޓަރ އޮފް ހެލްތަށް ޝުކުރު ދަންނަވަމުން. އަދި މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭސްވެރިންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް ފާޅުކުރަމުން. ތިޔަ ހުރިހާ ބޭފުޅުން ތިޔަކުރައްވާ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންގެ ދިވެހި ބޭސްވެރިކަމަށް އާ ތާޒާކަމެއް، އާ ދިރުމެއް ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން.
 
އަޅުގަނޑުގެ އެދުމަކީ، ވަރަށް ކާމިޔާބު ގޮތެއްގައި ޖަލްސާ ނިމިގެން ދިޔުން. އަދި މި ޖަލްސާގެ ސަބަބުން ދިވެހިރާއްޖޭގެ ޞިއްޙީ ޚިދްމަތްތަކަށް އިތުރު ފަހިކަމެއް ލިބޭނެ މަގުތަކެއް ތަނަވަސްވަމުން ދިޔުން.
    والسّلام عليكم ورحمـة اللّـه.