بســماللّـهالرّحمـنالرّحيــم
 
           
 السّلام عليــكم ورحـمــة اللّـه وبـركاتـه،
  
اللّـه سبحـانـه وتعـالىގެ ކިބަޔަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާ مُحَمَّـدصـلّى الله علـيـه وسـلّمގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އާދެ، އޭގެފަހުގައި މާލެއާއި ރާއްޖެތެރޭގެ ގަސްގަހާގެހީގެ ކާބޯތަކެއްޗާއި މާމެލާމެލީގެ މަޢުރަޒު ހުޅުވައިދިނުމުގެ ޝަރަފް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް އެގްރިކަލްޗަރ އޮނަރަބްލް އަލްފާޟިލް އަޙްމަދު ޙިލްމީދީދީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި މަޢުރަޒު ހުޅުވައިދިނުމަކީ އަޅުގަނޑަށް މިއަދު ލިބުނު ވަރަށްބޮޑު އުފަލެއް.
 
އެއްވެސް ޝައްކެއްނެތް، މި މަޢުރަޒު ބޭއްވުމުގެ މަޤްޞަދު ވަރަށް ފުރިހަމަ ދަރަޖައަކަށް ހާސިލުވެއްޖެ. މި މަޢުރަޒަކީ ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިބާވަތުގެ މަޢުރަޒެއް ރާއްޖޭގައި ނުބޭއްވޭތާ ހައެއްކަ އަހަރު ވުމަށްފަހު ބޭއްވޭ މަޢުރަޒެއް. އެހެންކަމަށްވުމާއެކު، މި މަޢުރަޒު ބޭއްވުމުގެ ބޭނުމަކީ، ތަފާތު ގިނަ ވައްތަރުތަކުގެ ގިނަ އެއްޗެތިތަކެއް ގެނެސްގެން، އެ ދެއްކުމެއް ނޫން. މި މަޢުރަޒު ބޭއްވުމުގެ އެންމެބޮޑު ބޭނުމަކީ، ގަސްގަހާގެހީގެ ކާބޯތަކެތި އުފެއްދުމާއި، ދަނޑުގޮވާން ކުރުމުގެ މަސައްކަތަކީ މިހާރު ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ކަމެއްކަން ހާމަކޮށްދިނުން. އަދި އެކަމަށް މީސްތަކުންގެ ސަމާލުކަން ގެނައުން.
 
އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ރާއްޖެއެއް. އިޤްތިޞާދީގޮތުން އަޅުގަނޑުމެންނަށް ކުރެވެންހުރި މަސައްކަތްތައް ވަރަށްމަދު. އެހެންކަމުން، އަޅުގަނޑުމެންނަށް މަޖުބޫރުވެފައި ވަނީ އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް، ކުރެވެންހުރި މިންވަރަކަށް ކުރަމުން ގެންދިޔުން. އަޅުގަނޑުމެންގެ އެންމެބޮޑު މައިގަނޑު މަސައްކަތަކީ މަސްވެރިކަން. އޭގެފަހުން އަޅުގަނޑުމެން މިހާރު ކުރަމުންގެންދާ އެހެނިހެން އިޤްތިޞާދީ މަސައްކަތްތައް އެބަހުރި. އޭގެތެރެއިން އެންމެބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ ޓޫރިޒަމް. ހަމައެފަދައިން ޝިޕިންގގެ މަސައްކަތް، ބޯޓްފަހަރު ދުއްވުން. އެހެންނަމަވެސް، މި މަސައްކަތްތައް ކޮށްގެން އަދި އަޅުގަނޑުމެންނަށް ފުދޭވަރަށް އިޤްތިޞާދީގޮތުން ކުރިއަށް ދެވޭކަށެއް ނެތް. ދިވެހިރާއްޖެއަށް އަންނަ ކޮންމެ އިޤްތިޞާދީ މާހިރަކުވެސް އެމީހަކާ ޙަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށްފަހު ސަރުކާރަށް ހުށަހަޅާ ރިޕޯޓްގެ އެންމެބޮޑު ބައެއް ޚާއްޞަކޮށްފައި ވަނީ މަސައްކަތް އިތުރުކުރުމުގެ މައްޗަށް. އަޅުގަނޑުމެން އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތައް މިހާރަށްވުރެ އިތުރުކުރެވޭތޯ ބެލުން. އިތުރު މަސައްކަތްތައް ފަށައިގެން އިތުރު އުފެއްދުން ނުއުފައްދައި، އަޅުގަނޑުމެންގެ ރާއްޖެއަށް އިޤްތިޞާދީ ގޮތުން ކުރިއަށް ދެވެން ނޯންނާނެތީ. އެގޮތުން ބަލާއިރު، ބިމުގެ ބޭނުންކުރުމަކީ ހަމަ ކޮންމެހެން މިވަގުތު އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެފައިވާ ކަމެއް.
 
އާދެ، އަޅުގަނޑުވެސް އެއްބަސް، ރާއްޖޭގެ ބިންގަނޑު އެއީ ވަރަށް ކުޑަކުޑަ އެއްޗެއް. އަދި އަޅުގަނޑުމެންނަށް ޒިރާޢީގޮތުން ކުރިއަށް ދިޔުމަށް ހުރަސްއެޅޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ކާމިޔާބާ އެކުގައި ކުރެވެންހުރި ގަސްގަހާގެހީގެ މަސައްކަތްތަކެއްވެސް އެބަހުރި. މިހާރުވެސް ބައެއް އަތޮޅުތަކާއި ބައެއް ރަށްރަށުގައި ވަރަށް އެކަށީގެންވާ ދަރަޖައަކަށް މިބާވަތުގެ މަސައްކަތްތައް ކުރަމުން އެބަގެންދޭ. އެހެންވުމާއެކު، އަޅުގަނޑުމެންނަށް މިވަގުތު އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެފައިވަނީ ބިމުންވެސް އަޅުގަނޑުމެންނަށް ލިބެންހުރި ހުރިހާ ފައިދާއެއް ހޯދުން. އަޅުގަނޑުމެންގެ އިޤްތިޞާދު ތަފާތު ބައިތަކެއްގެ މައްޗަށް ބަހައިލުމަށްޓަކައި، އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، ކުރެވޭ މަސައްކަތްތައް ގިނަކުރުމަށްޓަކައި، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވަނީ މިދެންނެވި ފަދައިން، ބިމުގެ ބޭނުން އެންމެ ފުރިހަމައަށް ކުރުން.
 
އާދެ، މިވާހަކަ އަޅުގަނޑު ދައްކާއިރު، މިއަދު މި ފާޅުކުރެވުނު ނަތީޖާއިން އެކިއެކި މަޤާމުތައް ހޯއްދެވި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީ ރައްދުކުރުމަކީ އަޅުގަނޑުގެ ވަރަށް އުފާވެރި ވާޖިބެއް. މި މަޢުރަޒުން 1 ވަނައަށް އައީ ރާއްޖެތެރޭގެ އަތޮޅެއް ކަމަށްވާކަން އެއީ އަޅުގަނޑު ވަރަށް ޚާއްޞަކޮށް ފާހަގަކޮށްލާ ކަމެއް. ށ. އަތޮޅަށް އަޅުގަނޑުގެ ހިތުގެ އަޑިން މުބާރަކްބާދު އަދާކުރަން. އެ އަތޮޅަށް ތަރުޙީބުދެން. ހަމައެފަދައިން، 1 ވަނަ ރަށަކަށް ހޮވުނީވެސް އެ އަތޮޅުގެ ރަށަކަށްވާތީ، އެރަށުގެ ވެރީންނަށާއި ރައްޔިތުންނަށްވެސް މުބާރަކްބާދީއާއި ތަހުނިޔާ އަދާކުރަން.
 
އާދެ، އަޅުގަނޑުމެންގެ ބިމުގެ ބޭނުންކުރުން އެއީ މިވަގުތު އަޅުގަނޑުމެންނަށް ކުރަންޖެހޭނެ ކަމެއްކަމަށް އަޅުގަނޑަށް ދެންނެވިއްޖެ. އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް ހުރިގޮތުން ފުރިހަމައަށް ބިމުގެ ބޭނުންކުރެވެން ނެތް ކަމުގައިވިޔަސް، އެހެން ތަންތާނގައި ކުރާ ބާވަތްބާވަތުގެ ދަނޑުވެރިކަން އެގޮތަށް ކުރެވެން ނެތްކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ކުރެވިދާނެ އެތަކެއް މަސައްކަތްތަކެއް އެބަހުރި. ކޮންމެ މީހެއްގެވެސް ގޯތިތެރޭގައި އެ އޮންނަ ކުޑަތަންކޮޅުގައި، އެމީހަކަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވިދާނެ. ދެތިންހަތަރު ރުއް އިންދާލިޔަސް ނުވަތަ މޭވާއަޅާކަހަލަ ގަސް އިންދިކަމުގައިވިޔަސް، ނުވަތަ މިރުސް، ފިޔާ ނުވަތަ އެނޫންވެސް އެބާވަތުގެ ތަރުކާރީއާއި ފަތްޕިލާވެލި ލިބޭކަހަލަ އެއްޗެތި އުފެއްދި ކަމުގައިވިޔަސް، އެކަމުން ވަރަށްގިނަ ފައިދާތަކެއް ލިބޭނެ.
 
އާދެ، އެންމެ ފުރަތަމަ ފައިދާއަކީ، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދަށް ލިބޭ ފައިދާއެއް. މިހާތަނަށް އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކާބޯތަކެއްޗެއް މިގެންނަނީ ބޭރުން އެތެރެކުރަމުން. ބޭރު ދުނިޔެއިން ވަރަށްބޮޑު އަގުގައި ގަނެގެން އެތެރެކުރަމުން މިގެންދަނީ. އެކަމަށް، އަޅުގަނޑުމެންނަށް ލިބޭ ފައިސާގެ ވަރަށްބޮޑު ބައެއް ދަނީ ޚަރަދުވަމުން. އެހެންވީމާ، އަޅުގަނޑުމެން އެގޮތުން އެ ޚަރަދުކުރަންޖެހޭ ފައިސާ ކިތަންމެ ކުޑަމިންވަރަކަށް ނަމަވެސް، ކުޑަކުރެވޭގޮތް ވެއްޖެނަމަ، އެއްވެސް ޝައްކެއްނެތި އެއީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށްބޮޑު ފައިދާއެއް.
 
ހަމައެއާއެކު އޮތް އަނެއް ފައިދާއަކީ، އަޅުގަނޑުމެންގެ އަމިއްލަ ޚަރަދު ކުޑަކުރުން. އަޅުގަނޑުމެން ގަންނަންޖެހޭ އެއްޗެތީގެ އެއްޗެއްސަށް އަޅުގަނޑުމެން ކުރަންޖެހޭ ޚަރަދު ކުޑަކުރެވިދާނެ، އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް ކޮންމެވެސްވަރަކަށް އެމީހެއްގެ ގޭގައި ތަކެތި އުފައްދާ ކަމުގައިވަންޏާ. ހަމައެއާއެކު ތަންކޮޅެއް އިތުރަށް މިބާވަތުގެ ގަސްގަހާގެހީގެ މަސައްކަތް ކޮށްގެން ކާބޯތަކެތި އުފެއްދޭ ފަރާތަކަށް އެ އެއްޗެތި ވިއްކުމުގެ ފުރްޞަތުވެސް މިހާރުވަނީ ތަނަވަސްވެފައި. އަޅުގަނޑުމެންގެ ޓޫރިޒަމް ކުރިއަށްދިޔަދިޔަހެން ތަކެތި ވިއްކުމުގެ ބާޒާރުތައް ދަނީ ހުޅުވެމުން. މާލޭގައި އެފަދަ ވަރަށްބޮޑު ބާޒާރެއް އެބައޮތް. އެހެންވީމާ، އެގޮތުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީވެސް އިތުރުކުރެވޭނެ މަގެއް އެއޮތީ ފެނިފައި.
 
ހަމައެފަދައިން، އަޅުގަނޑުމެންގެ ޞިއްޙަތަށް ލިބޭ ފައިދާތައްވެސް މި މަޤާމުގައި ހަނދާން ނައްތައިލައިގެނެއް ނުވާނެ. އަޅުގަނޑުމެންގެ ރާއްޖެއިން ލިބެން ހުންނަ ކާބޯތަކެތީގެ ބާވަތްތަކުގެ މަދުކަމުން އަޅުގަނޑުމެންގެ ހަށިތަކަށް ބޭނުންވާ ފުރިހަމަ ކާނާ އޮންނަނީ ނުލިބިފައި. އެންމެބޮޑު އުނިކަން ފާހަގަކުރެވޭ ކަމަކީ ތަރުކާރީއާއި، ފަތްޕިލާވެއްޔާއި މޭވާ މަދުކަން. އެހެންވީމާ، އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން މިދެންނެވި ބާވަތްތައް، ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ކޮންމެހެން ބޭނުންވާ ކާނާގެ މިދެންނެވި ބާވަތްތައް، އަޅުގަނޑުމެން އަމިއްލައަށް އުފެއްދޭ ކަމަށްވަންޏާ، އެގޮތުން އަޅުގަނޑުމެންގެ ޞިއްޙަތަށްވެސް އެ ލިބެނީ ވަރަށްބޮޑު ފައިދާއެއް.
 
އާދެ، ތަންކޮޅެއް ކުރިން މާލެއަކީ މިހާރާ ވަރަށް ތަފާތު ތަނެއް. މާލޭގައި އޭރު ގަސްގަހާގެހި ފުދޭވަރަކަށް ހުރޭ، ހިޔާ ލިބޭ. ވަރަށްރީތިވެސް ރަށެއް. އެއާ ޚިލާފަށް، މިހާރު އަޅުގަނޑުމެންނަށް ފެންނަން މިއޮތީ މާލެ މުޅިން އެހެން ގޮތަކަށް ބަދަލުވެފައި އޮތްތަން. މާލޭގައި މިހާރު އެއްގޮތަކަށްވެސް ގަސްގަހާގެއްސެއް ނެތޭ ދެންނެވިޔަސް، އެއީ ދޮގަކަށް ނުވާނެ. މާލޭގެ ރީތިކަންވެސް ގެއްލިއްޖެ. ހަނަފަސް ތަނަކަށްވާން ވަރަށް ކައިރިވެއްޖެ. އާދެ، އެހެންވާންޖެހޭ ސަބަބުތަކެއްވެސް އެބަހުރި. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރަންވެފައި އެބަހުރި. އެގޮތުން ކުރެވޭ މަސައްކަތްތަކެއް، އަޅުގަނޑުމެންނަށް ލިބިފައިވާ ބިންބިމުގައި އިތުރު ޢިމާރާތްތައް ރާނައި، އެގޮތުން މީހާގެ ތަނަވަސްކަން އިތުރުކުރުން. އެކަން ކުރަންޖެހޭނެކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެހެންނަމަވެސް، އަޅުގަނޑުމެން އެއްގޮތަކަށްވެސް އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ބިމާ ދެމެދުގައިވާ ވަރުގަދަ ގުޅުން ހަނދާން ނައްތައިލައިގެނެއް ނުވާނެ. އަޅުގަނޑުމެންނަކީ ބިމާ ވަރަށްމަތީ ދަރަޖައަކަށް ގުޅިފައިވާ ބައެއް، އިންސާނުންނަކީ. އިންސާނުން އައީ ބިމުން، އިންސާނުން އެނބުރި ދާނީ ބިމަށް. އަދި ޖާޒްބިއްޔަތުގެ ސަބަބުން އަޅުގަނޑުމެން އަބަދުވެސް އުޅެން ޖެހިފައިވަނީ ބިމުގައި. އަޅުގަނޑުމެންގެ ކާނާ މި އޮންނަނީ ބިމުން ލިބޭ އެއްޗެއްގެ މައްޗަށް ބިނާވެފައި. އެހެންވީމާ، މިހުރިހާ ސަބަބުތަކަށްޓަކައި އަޅުގަނޑުމެންނާއި އަޅުގަނޑުމެން ދިރިއުޅޭ ބިމާއި ފަސްގަނޑާ ދެމެދުގައި މިއޮންނަ ވަރުގަދަ ގުޅުން އެއީ އަޅުގަނޑުމެންނަށް ހަނދާންނައްތައިލެވޭނެ އެއްޗެއް ނޫން. އެ ގުޅުން އެގޮތަށް އޮތް ކަމުގައިވަންޏާ، އަޅުގަނޑުމެންނަށް
މި ދިރިއުޅުން ތަރައްޤީ ކުރެވޭނީ، އެއްވެސް ޝައްކެއްނެތި ބިމަށް އަހަންމިއްޔަތެއް ދީގެން. ބިމަށް ސަމާލުކަމެއް ދީގެން. ބިމުން އަޅުގަނޑުމެންނަށް އިތުރު ފައިދާތަކެއް ހޯދައިގަނެވިގެން.
 
އާދެ، ރާއްޖޭގެ ގަސްގަހާގެއްސާއި އަދި ކާބޯތަކެތި ހެއްދުމުގެ މަސައްކަތް، ވޭތުވެދިޔަ ތާނގައި ހިސާބަކަށް ނަމަވެސް އޮތީ އިހުމާލުކޮށްލެވިފައި. އޭގެ ބަދަލުގައި މިހާރު އެމަގަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް އެބަދޭ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ބޭރުގެ ބައެއް ފަރާތްތަކުގެ އެހީގައި އެކިއެކި މަޝްރޫޢުތައް ހިނގަމުން އެބަދޭ. ތިޔަ ހުރިހާ ބޭފުޅުންވެސް އައްސަވާނެ، ރޭޑިޔޯއާއި ޓެލެވިޜަންގެ ޛަރީޢާއިން، އަދި ނޫސްތަކުންވެސް، ސަރުކާރުން މިހާރު މިރޮނގުގައި ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަ. އެ ޚަބަރުތައް ތިޔަބޭފުޅުންނަށް ވާނީ ފިލާވަޑައިގެންފައި.
 
އާދެ، މިއަދަކީ އެފް.އޭ.އޯ.ގެ އަހަރީ ދުވަސް. އެއީ ދުނިޔޭގެ ކާބޯތަކެއްޗާބެހޭ އަދި ޒިރާޢަތާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ. އެ ޖަމްޢިއްޔާގެ އަހަރީ ދުވަސް އެއީ މިއަދު. މިއަދު މިމަޢުރަޒް ބޭއްވުމުގެ ސަބަބަކީވެސް އެއީ. އެފް.އޭ.އޯ.ގެ ފަރާތުން އަޅުގަނޑުމެންނަށް މިހާރު ވަރަށް އެކަށީގެންވާ އެހީތަކެއް ލިބެމުން އެބަދޭ. ހަމައެފަދައިން، ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުންވެސް ވަރަށް އެކަށީގެންވާ އެހީތަކެއް، ދަނޑުވެރިކަމުގެ ރޮނގުގައި އަޅުގަނޑުމެންނަށް ލިބެމުން އެބަދޭ. އެހެންކަމަށްވުމާއެކު، ޔޫ.އެން.ޑީ.ޕީ އަށާއި އެފް.އޭ.އޯ އަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް، ދިވެހި ސަރުކާރުގެ ނަމުގައި އަދާކުރުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
 
އެފް.އޭ.އޯ.ގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ އެޑްވަރޑް ސައޮމާ، އޭނާ ދިވެހިރާއްޖެއަށް ވަރަށްމަތީ ސަމާލުކަމެއް ދެއްވާ. އަދި އޭނާގެ ފަރާތްޕުޅުން ދިވެހިރާއްޖެއަށް މިހާރު ކަނޑައަޅުއްވައިފައިވާ ރެޕްރެޒެންޓެޓިވް މިސްޓަރ ޖީ ލޯރަންޓް މިތަނަށް ދުރުވެ އިންނެވިކަން، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން. އެމަނިކުފާނު ވަޑައިގެންނެވިފަހުން އަދި އެ މަޤާމަށް ޢައްޔަން ކުރެވުނު ފަހުން ރާއްޖެއަށް އެފް.އޭ.އޯ.ގެ ފަރާތުން ލިބެމުންދާ އެހީތައް، އެތައް ގުނައެއް އިތުރުވެއްޖެ. އަދި އެފް.އޭ.އޯ.ގެ ލަފަޔާއި މަޝްވަރާގެ މަތިން، އެކިއެކި މަޝްރޫޢުތައް ހިންގުމުގެ މަގު މިހާރުވަނީ ސަރުކާރުގެ ކުރިމަތީގައި ފަހިވެފައި. ތިޔަބޭފުޅުން އައްސަވާނެ، ތޮއްޑޫގައި ހިނގަމުންދާ މަސައްކަތްތަކުގެ ވާހަކަ. ޑެމޮންސްޓްރޭޝަން، މަސައްކަތްތަކެއް ދެއްކުމުގެ ގޮތުން އެކިއެކި ގަސްގަހާގެހީގެ މަސައްކަތާއި، ދަނޑުވެރިކަމުގެ މަސައްކަތް، މި ޒަމާނާ އެކަށީގެންވާ ގޮތަށް ކުރަމުންގެންދާނެ ގޮތް ދައްކައިދޭ ތަނެއް އެތާނގައި އެބަހުރި. އެ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން. ވަރަށް އެދެވޭ ނަތީޖާތަކެއް ފެންނަމުން އެބަދޭ. ހަމައެއާއެކު، މިމަހުގެ 20 ވަނަ ދުވަހު އ. އަތޮޅު ފެރިދޫގައި އެހެން ވަރަށްބޮޑު ކަމެއް އެބަ ހަމަޖެހޭ. އެއީ ކުދިފިޔާ އިންދުމާ ބެހޭގޮތުން ހަމަޖެހިފައިވާ ވާރކްޝޮޕް ފެށުން.
 
 އާދެ، އެކަހަލަ ކަންތައްތައް ކުރުމުން، އަޅުގަނޑުމެންގެ ރާއްޖެތެރޭގެ މީހުންނަށް ދަނޑުވެރިކަމުގެ ކަންތައް ކުރާނެގޮތާއި، އެކަމުގައި ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރާނެގޮތާ، އެހުރިހާ ކަމެއްގައި ބޭރުގެ އެކަށީގެންވާ މާހިރުންގެ ލަފަޔާއި އިރުޝާދު ލިބޭނެ. އަދި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން އެމީހުންނަށްވެސް ލިބޭނެ.
 
މީގެއިތުރުން، ވަރަށްގިނަ އެހެން މަޝްރޫޢުތަކެއް ރޭވިގެން މިހާރުވެސް ޢަމަލުކުރެވެމުން ގޮސްފައިވޭ. ކާޅު މެރުމުގެ މަޝްރޫޢެއް މިދޭތެރެއިން ހިނގި، ރާއްޖޭގެ 7 އަތޮޅެއްގައި. އެ މަސައްކަތް ވަރަށް ކާމިޔާބު ގޮތެއްގައި ކުރެވުނު. މީދާ މެރުމުގެ މަސައްކަތް މާލޭގައިވެސް ކުރެވިފައިވޭ، ހަމަ މިއަހަރުގެ ތެރޭގައި. އަދި ރާއްޖެތެރޭގެ ތިން އަތޮޅެއްގައި ކުރެވިފައިވޭ. އެ މަސައްކަތްތައް އެއީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކަމުގައި މިއަދު އަޅުގަނޑުގެ ގާތުގައި މިސްޓަރ ލޯރެންޓް ވަނީ ވިދާޅުވެފައި. އެހެންވީމާ، އެއިން ދައްކާ އެއްޗަކީ މިހާރު ކުރެވެމުންމިދާ މަސައްކަތްތަކުގެ ނަތީޖާ އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ފެންނާނެކަން.
 
އާދެ، އެހެންވީމާ، އަޅުގަނޑު މި މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނާ މުޚާޠަބުކޮށް، އިލްތިމާސް ކުރަން ބޭނުންވަނީ، އަޅުގަނޑުމެން މިހާރު ބޭނުންވެފައިވަނީ އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިއަށްދިޔުން ކަމަށްވާތީ، އިޤްތިޞާދީ ގޮތުން ކުރެވެންހުރި މަސައްކަތްތައް އިތުރުކުރަން ވެއްޖެ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެމީހަކަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް، އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ކުރަންވެއްޖެއޭ. އެގޮތަށް މަސައްކަތް ކުރުމަކީ ހަމައެކަނި އެމީހަކަށް ލިބޭ ފައިދާއެއް ނޫނޭ. އޭގެއިތުރަށް އެއީ ޤައުމީ ޚިދުމަތެއްވެސްމެއޭ. އެކުރާ މަސައްކަތުގެ ނަތީޖާ އެންމެފަހުން ލިބެނީ ދިވެހި ޤައުމަށޭ.
 
އާދެ، އެހެންކަމުން އަޅުގަނޑު މި އިލްތިމާސް ކުރަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުން، ގަސްގަހާގެއްސާއި އަދި ކާބޯތަކެތި އުފެއްދުމުގެ މަސައްކަތްތައް އިތުރުކުރެއްވުމަށް. ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި މި މަސައްކަތްތައް އެދެވޭ ދަރަޖައަކަށް ކުރެވެން އެބަހުރި. މާލޭގައި އެ މަސައްކަތްތައް އެހެން ކުރެވެން ނެތްކަމުގައިވިޔަސް، މާލޭގައިވެސް ހިސާބަކަށް ނަމަވެސް އެފަދަ މަސައްކަތް ކުރެވެން އެބަހުރި. ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ ގޯތިތެރޭގައި ކޮންމެވެސްކަހަލަ އެއްޗެއް އިންދައިލުން. މިބާވަތުގެ ކޮންމެވެސް މަސައްކަތެއް ކުރުން، އަޅުގަނޑު ހިތުން އެއީ ވަރަށް ބޭނުންތެރި ކަމެއް. މާލޭގައި އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މިހާރު އެއްވެސްކަހަލަ ފިނިކަމެއް ފެންނަން ނެތުމުގެ ސަބަބުން އެއީ ދިވެހިރާއްޖެއަށްވެސް އަދި ރާއްޖޭގެ ވެރިކަން ކުރާ ރަށަށްވެސް ލިބޭ ވަރަށްބޮޑު އުނިކަމެއް. އެ އުނިކަން ފޫބެއްދުމަށްޓަކައި އަޅުގަނޑުމެން އެންމެން އެއްބާރުލާންވެއްޖެ.
 
އަޅުގަނޑު ޚާއްޞަގޮތެއްގައި އިލްތިމާސް ކުރަނީ، މާލޭގެ އަވަށްކުރިއަރުވާ ކޮމިޓީތަކަށް. އެ ކޮމިޓީތަކުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މާލޭގައި ގަސް އިތުރުކުރެވޭތޯ ބައްލަވަންވެއްޖެ. ހުސް ތަންތާނގައި ގަސް ޖައްސަވަންވީ، ގަސް އިންދަވަންވީ. އޭގެތެރޭގައި މޭވާއަޅާކަހަލަ ގަސްގަސް، ހިޔާލިބޭކަހަލަ ގަސްގަސް، ލަކުޑި ލިބޭކަހަލަ ގަސްގަސް. މިގޮތުންވެސް ތަފާތު ގިނަގުނަ ބޭނުންތައް އެ ގަސްގަހުން އަޅުގަނޑުމެންނަށް ލިބޭކަހަލަ ގަސްގަސް އިންދެވުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވަންވެއްޖެ ކަމަށް އަޅުގަނޑު މި ދަންނަވަނީ. އޭރުން އަޅުގަނޑުމެންނަށް ވަރަށްގިނަ ގޮތްގޮތުން ފައިދާތަކެއް ލިބޭނެ. ޞިއްޙީގޮތުންވެސް، މިހާރު އަޅުގަނޑުމެން ނޭވައިލާ ވައި، އޭގެ ތާޒާކަންވަނީ ގެއްލިފައި. މީހުންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް ދަނީ ގިނަވަމުން. މީގެ 6 އަހަރު ކުރިން ބޯހިމެނިއިރު މާލޭގައި ތިބި ކަމަށްވަނީ އޮނަތިރީސްހާސް މީހުން. އެންމެފަހުން ޚަބަރު ބެލިއިރު، މާލޭގައި ސާޅީސް ހަތަރުހާސް މީހުން ތިބި ކަމަށް އެބަވޭ. އެހެންވީމާ، ގާތްގަނޑަކަށް މިދިޔަ ހައެއްކަ އަހަރުގެ ތެރޭގައި މާލޭގައި ފަނަރަވަރަކަށް ހާސް މީހުން އިތުރުވެއްޖެ. އެހުރިހާ އެންމެން ދިރިއުޅެން އޮތް ތަނަކީ މާލެ. އެހުރިހާ އެންމެން ނޭވައިލަނީ މާލެއިން އަޅުގަނޑުމެންނަށް މި ލިބޭ ވައިކޮޅުން. އެ ވައިވެސް މިހާރުވެއްޖެ ތާޒާކުރަން. އަޅުގަނޑުމެންނަށް ލިބޭ ހިޔާ ވެއްޖެ އިތުރުކުރަން. އަޅުގަނޑުމެންނަށް ލިބޭ ހިތްފަސޭހަކަން ގަސްގަހާގެހި ހުރުމުން، އަދި މާމެލާމެލި އަޅާކަހަލަ ގަސްތައް އަޅުގަނޑުމެންނަށް ފެނުމުން، އެއިން ލިބޭ ހިތްފަސޭހަކަން އެއީ ހަމައެކަނި އަޅުގަނޑުމެންގެ ނަފްސާނީ ގޮތުން ލިބޭ ފައިދާއެއް ކަމަށް ބައްލަވައިގެންނުވާނެ. އެ ލިބޭ ފައިދާގެ ނަތީޖާ، އިޤްތިޞާދީ ގޮތުންވެސް ތަރުޖަމާ ކުރެވޭނެ.
 
އެހެންވީމާ، އަޅުގަނޑުގެ ޚާއްޞަ އިލްތިމާސަކީ، މިއަދު މާލޭގެ ރައްޔިތުންނަށް ކުރާ އިލްތިމާސެއް. ފަހަރެއްގައިވެސް އެއީ ރާއްޖެތެރެ ހަނދާން ނައްތައިލައިފައެއް ނޫން. ރާއްޖެތެރޭގައި މި މައްސަލަ މިގޮތަށް ނެތުމާއެކު، އަދި ރާއްޖެތެރޭގައި ގަސްގަހާގެއްސަށް އަދިވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެވެމުން އެބަ ގެންދެވޭ. އަދި ރާއްޖެތެރޭގެ ރަށްރަށުގައި، އެ ރަށްރަށުގައި ފުދޭވަރަކަށް ރުއްގަސް އެބަހުރި. މާލެ، އެއާ ޚިލާފަށް، އެއްގޮތަކަށްވެސް މާލެއަކު ނެތް. މާލެ އެއީ އަޅުގަނޑުމެން އެންމެންގެ ވެރިރަށް. މާލެއަށް ލިބޭ ހުތުރަކީ އަޅުގަނޑުމެން އެންމެންނަށް ލިބޭ ހުތުރެއް. މާލެއަށް ލިބޭ ފައިދާއަކީ މުޅި ރާއްޖެއަށްވެސް ލިބޭ ފައިދާއެއް. އެގޮތުން އަޅުގަނޑު މާލޭގެ ރައްޔިތުންނަށް މި އިލްތިމާސް ކުރަނީ، މާލޭގައިވެސް އެކިއެކި ގަސް އިންދެވުމަށް ސަމާލުކަން ދެއްވުމަށް. ކޮންމެ މީހަކުވެސް، އެމީހަކަށް ލިބިފައި އޮންނަ ތަންކޮޅުގައި، އަދި އަވަށްއަވަށުގައިވެސް، އަވަށްކުރިއަރުވާ ކޮމިޓީގެ ބެލުމުގެ ދަށުން އެކަންތައް ކުރިއަށް ގެންދެވުމަށް. މާލެ ރީތިކުރެއްވުމަށް، މާލެ ޒީނަތްތެރި ކުރެއްވުމަށް، ތިޔަ ހުރިހާ ފަރާތްތަކުގެ އެހީއަށް އަޅުގަނޑު ބޭނުން. އަދި މާލޭގައި ހަމައެކަނި މާލެ ރީތިކޮށް ޒީނަތްތެރިކުރުމުގެ އިތުރަށް، މިދެންނެވި ފަދަ އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާތައް އެކަމުން ލިބޭނެތީ، އެކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވަން އަޅުގަނޑު މި އިލްތިމާސް ކުރަނީ.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، މިއަދު އަޅުގަނޑު މިތަނަށް އައުމަށް ދަޢުވަތު ދެއްވިކަމަށްޓަކައި މިނިސްޓަރ އޮފް އެގްރިކަލްޗަރަށް ޝުކުރު އަދާކުރަމުން. ހަމައެފަދައިން، އެ މިނިސްޓްރީގެ ފަރާތުން މި މަޢުރަޒް ބޭއްވުމަށް ކުރެއްވި ތައްޔާރުތަކުގެ ފުރިހަމަކަމުންނާއި، އެ ކުރެއްވި ބުރަ މަސައްކަތްތަކަށްޓަކައި ސަރުކާރުގެ ނަމުގައި މިނިސްޓަރަށާއި އަދި މިނިސްޓްރީގެ ހިންގުންތެރީންނަށް ޝުކުރު އަދާކުރަމުން. ހަމައެފަދައިން، މި މަޢުރަޒުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ދައުލަތުގެ ނަމުގައި ޝުކުރު އަދާކުރަމުން. އެބޭކަލުން، އެހުރިހާ ފަރާތްތަކުން އެކުރެއްވި މަސައްކަތްތައް އެއީ ފިސާރި ރަނގަޅަށް ސަރުކާރުން ވަޒަންކުރާ ކަންތައްތަކެއް. އަޅުގަނޑުމެންގެ ކަންތައްތައް ހަމަޖެހިފައި އޮންނަ ގޮތުންނާއި، ދަތުރުފަތުރުކުރުމުގެ ދަތިތައް އޮންނަގޮތުން ވަރަށްގިނަ އަތޮޅުތަކަށް މި މަޢުރަޒުގައި ބައިވެރިވެވޭގޮތެއް މެދުވެރިއެއްނުވި. އެހެންކަމުގައިވިޔަސް، އެ އަތޮޅުތަކުންވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް މި މަޢުރަޒަށްޓަކައި ކުރައްވައިފައިވާކަން އަޅުގަނޑަށް އެނގިފައިވޭ.
 
އެހެންވީމާ، މި މަޢުރަޒުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި އަދި މިދެންނެވި ކަހަލަ ސަބަބުތައް މެދުވެރިވެގެން ބައިވެރިނުވެތިބި ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަނީ.
 
         والسّلام عليكم ورحمـة اللّـهوبركاته.