بســم اللّـه الرّحمـن الرّحيــم
 
ޢިއްޒަތްތެރި ވަޒީރުން، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިން، ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރި މެހުމާނުން،
 
السّلام عليكم ورحمة اللّـه وبركاته،
 
އިންސާނިއްޔަތަށް މިނިވަންކަމުގެ ނިޢުމަތްދެއްވި اللَّـه سبحانه وتعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ޙަޤީޤީ މިނިވަންކަމުގެ މާނަ މުޅި އިންސާނިއްޔަތަށް ދަސްކޮށްދެއްވި ކައުއިތުރު ރަސޫލާ محمّد صلّى اللَّـه عليه وسلّم  މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
އާދެ، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި މިބާއްވާ ޖަލްސާގައި އަޅުގަނޑު މި ތެދުވީ، ފޮނިބަސްތަކަކާއި ބަލާޣާތްތެރި ޢިބާރާތްތަކަކުން އެކުލެވިގެންވާ ތަޤުރީރެއް ދޭކަށެއްނޫން. އަޅުގަނޑު މިތެދުވީ، މިމުނާސަބަތާ ގުޅިގެން އަޅުގަނޑުގެ ހިތުގެ އެންމެއަޑީގެ ޝުޢޫރުތައް ތިޔަބޭފުޅުންނަށް ހުށަހަޅައިލުމުގެ ބޭނުމުގައި. އެ ތެދުވެރި ޝުޢޫރުތައް ތިޔަބޭފުޅުންގެ ހިތްޕުޅުތަކަށް ވާސިލުކޮށްދެވޭތޯ ބެލުމަށް.
 
އާދެ، އަޅުގަނޑުމެން މިފާހަގަކުރަނީ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަމަށް 15 އަހަރު ފުރޭ ދުވަސް. މިނިވަންކަން ލިބުމުގެ މުނާސަބަތު ފާހަގަކުރުމަކީ، ވަރަށް އުފާވެރި މުނާސަބަތެއް. ވަރަށް ފަޚުރުވެރި މުނާސަބަތެއް. ހުރިހާ ޤައުމެއްގައިވެސް އެކަމަށްދޭ އަހަންމިއްޔަތާއި، އެކަމަށް އެތަންތާނގެ ވެރިކަމުގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުންދޭ ތަރުޙީބު އެއީ، ތިޔައިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެންވާނެ ކަމެއްނޫން. އެގޮތުގެ މަތިން، އަޅުގަނޑުމެން ދިވެހިރާއްޖެއަކީވެސް، ދުނިޔޭގައިވާ މިނިވަން މުސްތަޤިއްލު ޤައުމަކަށްވުމާއެކު، މިމުނާސަބަތު އަޅުގަނޑުމެން ފާހަގަކުރަނީ އުފަލާއެކު، ހިތްހަމަޖެހުމާއެކު. އަދި މުސްތަޤްބަލަށް ވަރަށްފޮނި އުންމީދުތަކެއް ކުރަމުން.
 
އާދެ، 15 އަހަރަކީ، އިންސާނެއްގެ ޙަޔާތުގައިވެސް ފާހަގަކޮށްލެވޭ މުއްދަތެއް. އިންސާނާއަށް 15 އަހަރު ފުރުމުން އެއީ ތަޞައްރުފް ފުދުނީ ކަމަށްވެސް ބެލޭ. އެހެންކަމަށްވުމާއެކު، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމަށް 15 އަހަރު ފުރުން އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށްވެސް ކޮންމެވެސްވަރެއްގެ ތަޞައްރުފް ފުދުމެއް ކަމަށް ބެލިދާނެ ކަމެއް. ވީމާ، މީގެކުރިއާ ޚިލާފަށް އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ވަރުގަދަކޮށް، އެ މިނިވަންކަން ޙިމާޔަތްކޮށް، އެ މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެންގެ ބޮލުގައި އިތުރު މަސްއޫލިއްޔަތުތަކެއް އެޅޭނެކަން ކަށަވަރު. އެ މަސްއޫލިއްޔަތަކީ، ހަމައެކަނި ދިވެހި ޤައުމުގެ ވަކިފަރާތެއްގެ ބޮލުގައި އެޅޭ މަސްއޫލިއްޔަތެއް ނޫން. އެއީ، ހަމައެކަނި ވެރިކަމުގެ ފަރާތުގައި އޮންނަ މަސްއޫލިއްޔަތެއް ނޫން. އެއީ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ޙިއްޞާކުރަންޖެހޭނެ މަސްއޫލިއްޔަތެއް.
 
އާދެ، ޤައުމީ މިނިވަންކަން ވަރުގަދަކޮށް، އެ މިނިވަންކަން ދިފާޢުކޮށް، އެ މިނިވަންކަން ޙިމާޔަތްކޮށް، އެ މިނިވަންކަން ދަމަހައްޓައި ރައްކާތެރިކުރުމަށްޓަކައި ވަރަށް މުހިންމު ދެކަމެއް ބޭނުންވާކަމަށް އަޅުގަނޑު ދެކެން. އާދެ، އެ ދެކަންތަކަކީ، އެމިނިވަންކަން ރައްކާތެރިކުރުމަށް އަޅުގަނޑުމެން އުފައްދާ ނުވަތަ އަޅުގަނޑުމެން އެކަމަށް ސަމާލުކަންދޭ ދެ ގެރެންޓީ ކަމުގައިވެސް ބެލިދާނެ.
 
އެންމެފުރަތަމަ ކަމަކީ، ޤައުމީ ހޭލެވުން، ނުވަތަ ޤައުމީ ހޭލުންތެރިކަން. އަޅުގަނޑުމެންނަކީ ކޮންބައެއްކަން، އަޅުގަނޑުމެން މިއުޅެނީ ކޮންތަނެއްގައިކަން، އަޅުގަނޑުމެން މިއުޅެނީ ކޮންޒަމާނެއްގައިކަން، އަޅުގަނޑުމެންގެ ޤައުމީ ޝަޚުޞިއްޔަތަކީ ކޮބައިކަން، އަޅުގަނޑުމެންގެ ޤައުމީ ޝަޚުޞިއްޔަތު ހިފަހައްޓަންޖެހޭނެތޯ ނުވަތަ ނޫންތޯ! އެ ޤައުމީ ޝަޚުޞިއްޔަތު ހިފަހައްޓަން ޖެހޭނެ ކަމަށްވަންޏާ އެ ޝަޚުޞިއްޔަތު ހިފެހެއްޓުމަށް އަޅުގަނޑުމެން ހިނގަންވީ ކޮން މަގެއްގައިކަން، މިހުރިހާ ކަމެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމީ ހޭލެވުމެއް. އެއީ، އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ ބޮޑަށް ބޭނުންވާ ގެރެންޓީ.
 
އާދެ، އެއްވެސް ޝައްކެއްނެތް، އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެން މިއުޅެނީ ދިވެހިރާއްޖޭގައި. އަޅުގަނޑުމެން މިހާރު މިވޭތުކުރަނީ، 20 ވަނަ ޤަރުނުގެ ފަހުކޮޅު. އަޅުގަނޑުމެންގެ ވަށައިގެންވަނީ ދުނިޔޭގެ އެހެނިހެން ޤައުމުތައް. ދުނިޔޭގައިވާ އެކިއެކި އޮއިވަރުތަކާއި ސިޔާސީ ކަންތައްތައް އަޅުގަނޑުމެންނާ ހަމައަށްވެސް އާދޭ. އަޅުގަނޑުމެންގެ ޤައުމީ ޝަޚުޞިއްޔަތެއް އެބައޮތް. އެޝަޚުޞިއްޔަތު ބިނާވެގެންވާ ކަންތައްތަކެއްވެސް އެބަހުރި. އެއީ، އަޅުގަނޑުމެންގެ ދިވެހިވަންތަކަން، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން، އަޅުގަނޑުމެންގެ ތާރީޚު، އަޅުގަނޑުމެންގެ ސަގާފަތް، އަޅުގަނޑުމެންގެ ބަސް. މިހުރިހާކަމެއް މިއީ އަޅުގަނޑުމެންގެ ޤައުމީ ޝަޚުޞިއްޔަތުގެ ވަރަށް މުހިންމު ރުކުންތަކެއް. އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންގެ ޤައުމީ ޝަޚުޞިއްޔަތު ހިފެހެއްޓުމަކީ، ހަމަކޮންމެހެން ބޭނުން ކަމެއް. އެ ޤައުމީ ޝަޚުޞިއްޔަތު ހިފަހައްޓައިގެންނޫނީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރެވޭކަށެއް ނޯންނާނެ. އަޅުގަނޑުމެންގެ މިނިވަންކަން ޙިމާޔަތްކުރެވޭކަށެއް ނޯންނާނެ. ބޭރު ދުނިޔޭގައި އިޙްތިރާމް ލިބޭކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް ޢަމަލުކުރެވޭ ތަނެއްވެސް ނާންނާނެ.
 
އާދެ، ދެވަނަކަމަކީ، ޤައުމުބިނާކުރުން. ޤައުމުބިނާކުރުމޭ އަޅުގަނޑު މިދަންނަވަނީ ޤައުމުގެ ހުރިހާކަމެއްވެސް ކުރިޔަށްގެންދިޔުމަށް. އަދި ވަކިން ޚާއްޞަކޮށް އިޤުތިޞާދީގޮތުން  ކުރިޔަށްދިޔުން. އިޤުތިޞާދީގޮތުން ކުރިޔަށްދެވޭނީ ވަރަށްގިނަ ކަންތައްތަކެއް ހަމަޖެހިފައި އޮވެގެން. އެންމެފުރަތަމަ އަޅުގަނޑުމެންގެ ޅަދަރިންނަށާއި، ޒުވާނުންނަށް އެކަށީގެންވާ ތަޢުލީމެއް ލިބިގެން. އަޅުގަނޑުމެންގެ ޅަދަރިންނަށާއި ޒުވާނުންނަށް އެކަށީގެންވާ ހަރުދަނާ ތަރުބިއްޔަތެއް ލިބިގެން. އަޅުގަނޑުމެން ހިނގަންވީ މަގު އަޅުގަނޑުމެން އެންމެންނަށް ސާފުކޮށް އެނގިގެން. އަޅުގަނޑުމެންގެ އަމާޒުފަތްގަނޑަކީ ކޮބައިކަން، އަޅުގަނޑުމެންގެ ޤައުމީ މަޤްޞަދުތަކަކީ ކޮބައިކަން،  އެހުރިހާ ކަމެއް އަޅުގަނޑުމެންނަށް ސާފުވެގެން. ހަމައެއާއެކު އަޅުގަނޑުމެންގެ މުވާޠިނުންގައި، އަޅުގަނޑުމެންގެ ރައްޔިތުންގައި، އެކަށީގެންވާ ޞުލްޙައެއްވެސް ހުރެގެން. އިޖްތިމާޢީގޮތުންވެސް އަޅުގަނޑުމެންގެ ޤައުމަށްބޭނުންވާ އެކިއެކި ފަސޭހަތައް ހުރެގެން. މިހުރިހާ ކަމެއް ހުރެގެން އަޅުގަނޑުމެންނަށް އިޤުތިޞާދީގޮތުން ކުރިޔަށްދެވޭނީ. އިޤުތިޞާދީގޮތުން ކުރިޔަށް ނުދެވެނީކަމަށްވަންޏާ އެއީ އަޅުގަނޑުމެންގެ މިނިވަންކަމަށް އަބަދުވެސް ހުރަސް އަޅާނެކަމެއް. އެހެން މިދެންނެވީ، އިޤުތިޞާދީގޮތުން ކުރިޔަށް ނުދެވުނީމާ ވާގޮތަކީ، ބޭރުގެ ފަރާތްތަކުގެ އެހީތަކަށް ލެނބެވެނީ. ބޭރުގެ ފަރާތްތަކުގެ ނުފޫޒުގެ ދަށަށް އަޅުގަނޑުމެންނަށް ދެވޭގޮތްވަނީ. އެހެންވެއްޖެނަމަ، އެއީ އަޅުގަނޑުމެންގެ މިނިވަންކަމަށް ލިބޭ އުނިކަމަކަށް ނުވެނުދާނެކަން ކަށަވަރު. އެހެންވީމާ، އަޅުގަނޑުމެންގެ މިނިވަންކަން، ޤައުމީ މިނިވަންކަން ދަމަހައްޓައި ޤައުމީ އިސްތިޤުލާލު ޙިމާޔަތްކުރުމަށް އެންމެބޮޑަށް ބޭނުންވާ އެއްކަމަކީ އަޅުގަނޑުމެންގެ މުޅި ޤައުމުބިނާކުރުން. އަދި ވަކިން ޚާއްޞަގޮތެއްގައި އިޤުތިޞާދީގޮތުން އަޅުގަނޑުމެން ކުރިއަށްގޮސް އަޅުގަނޑުމެންގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުން.
 
އާދެ، ބޭރުގެ އެހީތަކަށްވިސްނާއިރު، ދެބާވަތެއްގެ އެހީ އަޅުގަނޑުމެންނަށް ލިބެމުންދޭ. އަދި އެހެނިހެން ޤައުމުތަކަށްވެސް ލިބެމުންދޭ. އޭގެތެރެއިން އެއްބާވަތަކީ، އެކުވެރި ޤައުމުތަކުން އެއްވެސް ޝަރުޠަކާނުލައި ހިތްހެޔޮކަމާއި، އިޚްލާޞްތެރިކަމާއެކު އަޅުގަނޑުމެންނަށްދޭ އެހީތަކެއް. އެއީ އެކަމަށްޓަކައި އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ އެހީތަކެއް. އަނެއްބާވަތުގެ އެހީއަކީ، ކޮންމެވެސް ޝަރުޠެއް އޭގައި އެކުލެވިފައިވާ ގޮތުގެ މަތިންދޭ އެހީ. އެކަހަލަ އެހީއަކީ، އަޅުގަނޑުމެން ކަހަލަ މިނިވަންކަމަށް ލޯބިކުރާ، އިސްތިޤުލާލު ހިފަހައްޓަންބޭނުންވާ ޤައުމަކަށް ބޭނުންވާ އެހީއެއްނޫން. އެކަހަލަ އެހީއަކީ އެއީ، ފަހަރެއްގައިވެސް އަޅުގަނޑުމެން ގަބޫލުކޮށްގެންވާނެ އެހީއެއްނޫން. އަޅުގަނޑުމެންގެ އިޤުތިޞާދީ ފުދުންތެރިކަން ވަކި ހިސާބަކަށް ނުގެންދެވުމުގެ ސަބަބުން ބޭރުގެ ނުފޫޒުގެ ދަށަށް އިޤުތިޞާދީގޮތުންވެސް އަޅުގަނޑުމެން ދާގޮތް މެދުވެރިވޭ. ވަރަށްކުޑަކުޑަ ދެމިސާލެއް ދަންނަވާކަމަށްވަންޏާ، އެއްކަމަކީ، އަޅުގަނޑުމެންގެ އެންމެ މައިގަނޑު މަސައްކަތްކަމުގައިވާ މަސްވެރިކަން. މަސްވެރިކަންވެސް އޮތީ، ވަކި ހަމައަކުން ބަލާއިރު ބޭރުބައެއްގެ އަތްމަތީގައި. އާދެ، މަސްބާނަނީ އަޅުގަނޑުމެން. ރެއާއި ދުވާލު އަޅުގަނޑުމެންގެ ރިޒުޤު ހޯދުމަށްޓަކައި މަސައްކަތްކުރަނީ އަޅުގަނޑުމެންގެ މަސްވެރިން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެމަސް ވިއްކަންޖެހެނީ ބޭރުގެ ފަރާތްތަކަށް. އެފަރާތްތަކާ އަޅުގަނޑުމެންނާ ދެމެދު ކުރެވިފައިހުރި އެގްރިމެންޓުތައް ކުރެވިފައިހުރީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް އިންސާފުވެރި ގޮތަކަށްނޫން. އެ އެގްރިމެންޓުތައް ހުރީ ވަރަށްބޮޑަށް އެއްފަރާތަކަށްޖެހިފައި. އެހެންވީމާ، އެގޮތުން އަޅުގަނޑުމެންގެ އިޤުތިޞާދީ މިނިވަންކަން އަޅުގަނޑުމެން ބޭނުންވާވަރަކަށް ލިބިފައެއްނޯވޭ. އަދި އަޅުގަނޑުމެންނަށް ޖެހެނީ، އެފަރާތްތަކުން ހުށައަޅާ ޝަރުޠުތައް ޤަބޫލުކުރަން. ޤަބޫލުނުކުރިކަމުގައިވިޔަސް އެމީހުން އެގޮތަށް ޢަމަލުތައް ގެންދިޔުމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމީ އިޤުތިޞާދަށް ލިބިދާނެ ނުރައްކަލަކަށްޓަކައި އަޅުގަނޑުމެންނަށް މަޖުބޫރުވަނީ ކޮންމެވެސް މިންވަރަކަށް އެމީހުން އެބުނާގޮތްގޮތަށް ކަންތައްކޮށްދެން.
 
އަނެއް މިސާލަކީ، އަޅުގަނޑުމެންގެ ތެރޭގައި މިހާރު އަލަށް އުފެދިގެން އުޅޭ ވަރަށް އުންމީދުން ފުރިގެންވާ މަސައްކަތެއް. އާދެ، އަޅުގަނޑު މި އިޝާރާތް ކުރަނީ ޓޫރިޒަމްގެ މަސައްކަތަށް. އެވެސް އަދި މިހާތަނަށް ތަރައްޤީވެފައިވާ ގޮތުން އޭގެ ވަރަށްބޮޑު ބައެއް ބިނާވެގެންވަނީ ބޭރު މީހުންގެ މައްޗަށް. އަޅުގަނޑުމެންގެ ޤައުމީ ކަންތައްތައް ރައްކާތެރި ކުރުމަށާއި، ޤައުމީ ސިޔާސަތު ކަނޑައެޅުމަށާއި އަޅުގަނޑުމެން ޤަބޫލުކުރާ އުސޫލުތަކަށް ޢަމަލުކުރުމުގައި ބޭރުގެ މީހުންގެ ރުހުމަށް ބަލަންއެބަޖެހޭ. އެއީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މިނިވަންކަމަށް ލިބޭ އުނިކަމެކޭ. އެއާ ޚިލާފަށް އަޅުގަނޑުމެންގެ ޓޫރިޒަމް އެކަށީގެންވާ މިންވަރަށް ތަރައްޤީ ކުރެވިފައިވާނަމަ އަޅުގަނޑުމެންގެ ފުދުންތެރިކަން، އެރޮނގުގައިވެސް ވަކި ހިސާބަކަށް ގެންދެވިއްޖެނަމަ، އަޅުގަނޑުމެން ކޮންމެހެން ބޭރުބައެއްގެ ރުހުމަކަށް ބަލާކަށް ނުޖެހޭނެ. އަޅުގަނޑުމެން ބޭނުންވާގޮތަށް އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެންގެ ކަންތައްތައް ކުރިޔަށްގެންދެވިދާނެ. މިކަންތައްތައް މިހެންހުރުމާއެކު އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ސަލާމަތްކޮށް، ޤައުމީ އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ވަރަށްބޮޑު ދެ ގެރެންޓީ ބޭނުންވޭ. އެއްކަމަކީ، އަޅުގަނޑުމެންގެ ޤައުމީ ހޭލުންތެރިކަން. މި ހޭލުންތެރިކަމުގައި އެންމެން ޝާމިލުވާންޖެހޭ. އަޅުގަނޑުމެންގެ ބޮޑެތި މީހުން، އަޅުގަނޑުމެންގެ ކުޑަކުދިން، އަޅުގަނޑުމެންގެ ފިރިހެނުން، އަޅުގަނޑުމެންގެ އަންހެނުން، މިހުރިހާ އެންމެންނަށް ޤައުމީ މަސްއޫލިއްޔަތުތައް ރަނގަޅަށް އެނގިގެން، އަޅުގަނޑުމެންގެ ވާޖިބުތަކާއި އަޅުގަނޑުމެންގެ އަދަބުތައް ނުވަތަ އަމާޒުފަތްގަނޑުތައް ރަނގަޅަށް ސާފުވެގެން. އަޅުގަނޑުމެން މިއުޅޭ ތަނާއި އަޅުގަނޑުމެން މިއުޅޭ ޒަމާނާއި، އަޅުގަނޑުމެން ވަށައިގެން ހިނގާ ކަންތައްތަކާއި، އަޅުގަނޑުމެންގެ ޤައުމީ ޝަޚުޞިއްޔަތާ، މިހުރިހާ ކަމެއް ރަނގަޅަށް އެނގިގެން މިކަންކަމަށް ހޭލުންތެރިވެގެންނޫނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމީ އިސްތިޤުލާލު ދެމެހެއްޓޭކަށެއް ނޯންނާނެ. ހަމައެއާއެކު، އަޅުގަނޑުމެންގެ ޤައުމު ބިނާކޮށްގެން ޤައުމުގެ އިޤުތިޞާދީ ފެންވަރު މައްޗަށް ގެންގޮސްގެން، އަޅުގަނޑުމެންގެ ފުދުންތެރިކަން މިހާރަށްވުރެ މައްޗަށް ގެންގޮސްގެން ނޫނީ، މުސްތަޤުބަލުގައިވެސް އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓޭކަށެއް ނޯންނާނެ.
 
އާދެ، ޤައުމީ މިނިވަންކަމުގެ ވާހަކަދައްކާއިރު، މިމުނާސަބަތުގައި އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމަށް ދާދި މިދާކަށްދުވަހު ލިބެން އުޅުނު އުނިކަމެއްގެ ވާހަކަ ދަންނަވައިނުލައި ކުރިޔަށް ދެވޭކަށެއް ނެތް. އާދެ، އެއީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު މި މަޝްހޫރުވެގެން އުޅޭ ބަޣާވާތުގެ ވާހަކަ. އެ ނުރައްކާތެރި މުޢާމަރާ. އޭގެ ސަބަބުން އަޅުގަނޑުމެންގެ މިނިވަންކަމަށް ވަރަށްބޮޑު އުނިކަމެއް އައުން އޮތީ ވަރަށް ގާތުގައި. އެހެންނަމަވެސް، اللَّـه سبحانه وتعالىގެ ރަޙްމަތާއި އެކަލާނގެ ފަޟްލުވަންތަވެރިކަމުން އަޅުގަނޑުމެން އެފަހަރު ސަލާމަތްވެފައި މިތިބީ. އެހެންވީމާ، އެކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ވަރަށްބޮޑަށް ވިސްނެވުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް.
 
އާދެ، އެ މުޢާމަރާއަކީ އޭގެ ބޭނުން ބޭރުފުށަށް ބަލައިލާއިރު، އެއީ ބަޔަކު މީހުން އެމީހުންގެ އަމިއްލަ އެދުމަށްޓަކައި ރޭވިރޭވުންގަނޑެއް ކަމުގައި ބެލެވިދާނެ. އެއީ މާ އާދަޔާޚިލާފު ކަމެއްނޫން. ދުނިޔޭގެ އެހެން ތަންތާނގައިވެސް އެކަހަލަ ކަންތައްތައް ހިނގާ. އެކަމުގެ ޚަބަރުތައް ރޭޑިޔޯގެ ޒަރީޢާއިންނާއި އަދި ނޫސްތަކުން އަޅުގަނޑުމެންނަށް ލިބެމުންދޭ. އެހެންނަމަވެސް، މިފަހަރު އަޅުގަނޑުމެންނާ މިކުރިމަތިވި މުޢާމަރާގެ ޙަޤީޤަތަށް ބަލާއިރު އެއީ އަޅުގަނޑު މިދެންނެވި ކަހަލަ އާދައިގެ ކަމަކަށެއްނުވޭ. އެވަނީ ވަރަށް އާދަޔާ ޚިލާފު ކަމަކަށް. އެންމެބޮޑު ސަބަބަކީ އޭގައި ބޭރުގެ ބައެއް ބޭނުންކުރަން ރޭވިފައި އޮތްކަން. އަޅުގަނޑުމެން ކުލީ ސިފައިންނޭ މިކިޔާ މީހުން. އާދެ، ފައިސާއަށް ދުނިޔޭގެ ތަންތަނަށް އިންޤިލާބުކޮށް، މީހުންމަރައި އެކިއެކި ބޮޑެތި ގެއްލުންތައްދީ އުޅޭ މީހުން މިކަމުގައި ބޭނުންކުރުމަށް ރާވާފައި އޮތްކަން އެއީ އަޅުގަނޑުމެން މިދަނޑިވަޅުގައި ވަރަށްބޮޑަށް ފާހަގަކުރަންޖެހޭ ކަމެއް.
 
އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިކަމަކީ އަޅުގަނޑުމެންގެ މިހިސާބުގަނޑަށް މުޅިން އާކަމެއް. ދިވެހިރާއްޖޭގައި ހިންގަން މިރޭވިގެން މިއައި މުޢާމަރާގައި ބޭރުގެ ކުލީ ސިފައިން ބޭނުންކުރުމަށް ރޭވިފައިއޮތް ރޭވުން އެއީ، މިހިސާބުގަނޑަށް މުޅިން އާކަމެއް. މީގެކުރިން އަޅުގަނޑުމެންގެ އެއްވެސް އަވަށްޓެރިޤައުމެއްގައި މިބާވަތުގެ ކަމެއް ހިނގައިފައެއްނެތް. ބައްލަވައިލައްވާ! ޝްރީލަންކާ، އިންޑިޔާ، ޕާކިސްތާނު، ބަނގްލަދޭޝް، މިހުރިހާ ތަނެއް. އަދި މީގެ ދުރަށް ވިސްނާލިޔަސް މިއިން އެއްވެސް ތަނެއްގައިވެސް މިކަހަލަކަމެއް މީގެކުރިން ހިނގައިފައެއްނެތް. އެންމެފުރަތަމަ މިހިސާބުގަނޑުގައި މިކަން ހިނގަންއުޅެފައި މިއޮތީ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި. އެއީ ވަރަށްގިނަ ގޮތްގޮތުން ބަލާއިރު އަޅުގަނޑުމެން ފާހަގަކުރަންޖެހޭކަމެއް. އެކަމުގެ ނުރައްކާތެރިކަން އަޅުގަނޑުމެން އިޙްސާސްކުރަންޖެހޭ. އެކަން އެގޮތަށް ހިނގިނަމަ އޭގެ ނުރައްކާތެރިކަން ހަމައެކަނި އަޅުގަނޑުމެންގެ ރާއްޖޭގައި ހިފެހެއްޓިފައެއް ނޯންނާނެ. އެނުރައްކާތެރިކަން އަޅުގަނޑުމެންގެ މުޅި ހިސާބުގަނޑަށްވެސް ފެތުރިގެންދާނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.
 
އެހެންވީމާ، އެ ރޭވިބަޔަކު އެ ރޭވީ ހަމައެކަނި އަޅުގަނޑުމެންގެ އިސްތިޤުލާލު ނަގައިލާކަށެއްނޫން. އެމީހުންގެ ރޭވުމުގެ ނަތީޖާއަކަށްވާނީ، ހަމައެކަނި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ލިބޭ ގެއްލުންތަކެއްނޫން. އޭގެ ނަތީޖާއަކަށްވާނީ މުޅި ހިސާބުގަނޑުގެ ހަމަޖެހުމަށް ބުރޫއެރުން. މުޅި ހިސާބުގަނޑުގައި ސިޔާސީ ހަމަނުޖެހުންތަކެއް ފެށުން. އަދި އެއްތަނެއްގައި މިކަހަލަ ކަމެއް ހިނގައިފީވިއްޔާ ކައިރި ތަންތާނގައި އެކަހަލަ ކަންތައްތައް ހިނގުމަކީވެސް ވަރަށް ގާތުގައި އޮންނާނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން މިކަމާދޭތެރޭގައި ފުންކޮށް ވިސްނާއިރު ވިސްނަންޖެހޭނީ މިދެންނެވި އުސޫލުން. އެއީ، މިކަމަކީ ހަމައެކަނި އޭގެ އަމާޒުފަތްގަނޑަކީ ދިވެހިރާއްޖެކަމަށް ފެނިފައި އޮތް ކަމެއްނޫނޭ. އޭގެ އަމާޒުފަތްގަނޑަކީ، މުޅި ހިސާބުގަނޑުގެ އަމަންއަމާންކަމޭ. މުޅި ހިސާބުގަނޑުގެ ޞުލްޙަމަޞްލަޙަތޭ. އެއީ، މުޅި ހިސާބުގަނޑުގެ ރައްޔިތުންނާ އިދިކޮޅަށް ރޭވިގެންދިޔަ ރޭވުމެކޭ.
 
އާދެ، ދެން އަޅުގަނޑުމެން ބަލައިލަންވީ އެ މުޢާމަރާގެ ބޭނުމަކީ ރައްޔިތުންގެ ފައިދާތޯ! އެކަން ރޭވިގެން އެބަޔަކު ހިންގަން އުޅުނީ، މިހާރު ސަރުކާރު ހިނގަމުންދާގޮތުން ރައްޔިތުންނަށް އުނދަގޫތަކެއް މެދުވެރިވާތީތޯ! ރައްޔިތުންނަށް އަނިޔާވެރިވާތީތޯ! ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިނުވާތީތޯ! ނުވަތަ ދިވެހިރާއްޖެ ކުރިޔަށް ގެންދިޔުމަށް ސަރުކާރުން މަސައްކަތް ނުކުރާތީތޯ! އެހެންބަލައިލާއިރު، އަޅުގަނޑު ކުރިން އެހެން މުނާސަބަތެއްގައި އިޝާރާތްކުރިފަދައިން، އެކަމުގެ ސިއްރަކީ، ނުވަތަ ސަބަބަކީ އެއިން އެއްވެސް ކަމަކަށްނުވޭ. ޚުދު އެމީހުންގެ އިޢުތިރާފުގައިވެސް އެއްވެސް މީހަކު ބުނެފައެއްނެތް. ތިމަންނަމެން މިކަން ރާވައިގެން މިއުޅުނީ، ސަރުކާރު ގޯސްކަމުންނޭ، ސަރުކާރުން ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިނުވާތީއޭ، ނުވަތަ ސަރުކާރުން، ދިވެހިރާއްޖެ ކުރިޔަށް ގެންދަން މަސައްކަތް ނުކުރާތީއޭ، ނުވަތަ އެންމެ މަތީ ވެރިޔަކަށް ހުންނަ މީހާ ދައުލަތުގެ ފައިސާތަކަށް ޚިޔާނާތްތެރިވާތީއޭ، ދައުލަތުގެ ބިންތައް އޭނާ މިލްކު ކުރާތީއޭ، ފަޅުރަށްރަށް އޭނާގެ މިލްކު ކަމުގައި ހަދާތީއޭ، ބޮޑެތި ވިޔަފާރިތައް އޭނާ ހިންގާތީއޭ. މިކަހަލަ އެއްވެސް ވާހަކައެއް ބުނެފައެއްނެތް. މިއީ ޙަޤީޤަތެއްވެސްނޫން. އެހެންވީމާ، އެއިން އެނގޭ އެއްޗަކީ އެމީހުން އެ ރޭވި ރޭވުން، އޭގެ މާނައަކީ ނުވަތަ އޭގެ މަޤްޞަދަކީ ހަމަ އެންމެކަމެއްކަން. އެއީ އެމީހުންގެ އަމިއްލަ ޒާތީ ފައިދާ. އަނެއްގޮތުން ބަލާއިރު އެ ރޭވުމުގެ ނަތީޖާއަކަށްވާނީ ރައްޔިތުންނަށް ޝަރުޢީގޮތުން އަދި ޤާނޫނީ ގޮތުން ލިބިފައިވާ ވަރަށް ބޮޑު ޙައްޤެއް ނިގުޅައިގަތުން.
 
އާދެ، ކޮންމެތަނެއްގެވެސް ވެރިކަން ޤާއިމުކުރުމާއި އެ ވެރިކަން އެހެންގޮތަކަށް ބަދަލުކޮށްލުމާއި މިކަންތައްތައް މިއީ އެތަންތާނގެ ޤާނޫނީ ހަމަތަކުގެ މަތިން، އެތަނެއްގެ ރައްޔިތުންނަށް ލިބިގެންވާ ބާރެއް. އެއީ، އެއްވެސް ހާލެއްގައި ވަކިއިންސާނަކަށް، ވަކިފަރުދަކަށް އެއްވެސް ޤައުމެއްގެ ވަކިބަޔަކަށް ލިބިގެންވާ ޙައްޤެއްނޫން. މިހާރު ދިވެހިރާއްޖޭގެ ރައްޔިތުން ޤާނޫނީ ހަމަތަކުގެ މަތިން ވަކިމީހަކު ވެރިކަމަށް ހޮވައިފައި ހުރުމާއެކު، އަދި ވަކިސަރުކާރެއް ގާއިމުކޮށްފައިވުމާއެކު އެއާ ޚިލާފަށް، ޤާނޫނީ ހަމަތަކާ ޚިލާފަށް، އެ ސަރުކާރާ އިދިކޮޅަށް ނުވަތަ ރައްޔިތުން ހޮވައިފައި އެވާ މީހަކާ އިދިކޮޅަށް ކުރާ ކޮންމެ ހަރަކާތަކީ ބަޣާވާތްތައް ރޭވުމެއް. އެއީ، ރައްޔިތުންނަށް ބޭ އިންސާފުވެރި ރޭވުމެއް. ރައްޔިތުންގެ ޙައްޤުތައް އެމީހުންގެ އަތުން ނިގުޅައިގަތުމަށް ރޭވިގެން ދިޔަ ރޭވުމެއް.
 
އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ބަލައިލިޔަސް، މިނުކުތާއަކީ އެއްވެސް ޝައްކެއްހުރި ނުކުތާއެއް ނޫން. ވެރިއަކަށް ހުންނަ މީހަކަށް ކިޔަމަންވުމަށް ދީނުގައިވަނީ އަންގަވައިފައި. ކަނޑައެޅިގެން މާތް اللَّـه سبحانه وتعالى އަށް އުރެދުމަށް އެމީހަކު އަމުރުނުކުރާހާ ހިނދަކު އެމީހަކަށް ކިޔަމަންވުމަކީ ދީނީގޮތުން ކޮންމެ މުސްލިމެއްގެވެސް ވާޖިބެއް. އެކަހަލަ ކަމެއް މެދުވެރިނުވެ ސަރުކާރުވައްޓައިލަން، ވެރިއަކަށްހުރި މީހަކު އޭނާގެ މަގާމުން ދުރުކޮށް އަދި އެކަންކުރުމުގައި ހަތިޔާރުބޭނުންކޮށް، ތަނުގައި ފިތުނަފަސާދަ އުފައްދައި މީސްތަކުންގެ ލޭ އޮހޮރުވައިލައި، ޤައުމަށް އަޅުގަނޑުމެންނަށް މިހާރު ވިސްނުމަށްވެސް ގެންނަން ދަތިކަހަލަ އެތަކެއް ނުރައްކާތެރި ކަންތައްތަކެއް މެދުވެރިކުރަން ރޭވިރޭވުން އެއީ ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފުކަމެއް. އަދި ކަނޑައެޅިގެން ދުނިޔޭގެ އެންމެންވެސް  ޤަބޫލުކުރާ  ޝަރުޢީ އަދި ޤާނޫނީ ހަމަތަކާވެސް ޚިލާފުކަމެއް.
 
އާދެ، އަދުގެ ދުނިޔޭގެ އޮއިވަރުތަކަށް އަޅުގަނޑުމެން ވިސްނުމަކީ، މިއަދު އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެކަމެއް. ދިވެހިރާއްޖެއަކީ ކިތަންމެކުޑަ ޤައުމެއްކަމުގައިވިޔަސް، އެއީވެސް ދުނިޔޭގައި އޮތް ޤައުމެއް. ދިވެހިރާއްޖެއަކީ، ކިތަންމެ މަދު މީސްކޮޅެއް އުޅޭ ތަނެއްކަމުގައިވިޔަސް އެމީހުންނަކީ ދުނިޔޭގެ އެހެންތަންތާނގައި ހިނގާ އޮއިވަރުތަކުގެ ނުފޫޒު ފޯރާނެ ބައެއް. މިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ދޭހަވޭ. ދުނިޔޭގައި އެއްވެސްކަހަލަ ބޮޑު މައްސަލައެއް ދިމާވެއްޖިއްޔާ އޭގެ ނަތީޖާ އަޅުގަނޑުމެންނާ ހަމައަށް އެބައާދޭ. ނިކަން ވިސްނަވައިބައްލަވާ، ދުނިޔޭގައި ތެލުގެ އަގު ބޮޑުވެއްޖިއްޔާ އަޅުގަނޑުމެންގެ އިޤުތިޞާދަށް އެއިން ލިބޭ އަސަރުތައް. ދުނިޔޭގައި ކާބޯތަކެތީގެ އަގު ބޮޑުވެއްޖިއްޔާ އަޅުގަނޑުމެންގެ ރާއްޖޭގައި ކާބޯތަކެތި އަގު ބޮޑުވެގެންދާ މިންވަރު. އަދި ބައިނަލްއަޤްވާމީގޮތުން ސިޔާސީހަމަނުޖެހުންތައް ދުނިޔޭގައި އުފެދިއްޖެނަމަ އޭގެ އަސަރުތައްވެސް ރާއްޖެއަށް އަންނަ މިންވަރު. ސިޔާސީގޮތުންނާއި އިޤުތިޞާދީގޮތުން ދުނިޔޭގެ އެތަންމިތާނގައި އޮންނަ އޮއިވަރުތަކުގެ ސަބަބުން ރާއްޖެއަށް އޭގެ އަސަރުތައްވެސް ދަނީ ފޯރަމުން. މިއީ އަޅުގަނޑުމެން އެންމެންނަށް ފެންނަ ކަންތައްތަކެއް.
 
އެހެންވީމާ، އަޅުގަނޑުމެން މިކަހަލަ މުނާސަބަތެއްގައި ޤައުމީ މިނިވަންކަމާ ދޭތެރޭގައި ވާހަކަދައްކާއިރު ނުވަތަ ޚިޔާލުކުރާއިރު، އަޅުގަނޑުމެން ހަމައެކަނި ރާއްޖޭގެ ދާއިރާއަށް ވިސްނައިގެން މިއަދަކު ދެކޮޅުޖެއްސޭކަށެއް ނޯންނާނެ. އެހާ ހަނިދާއިރާއަކުން ބަލައިގެން އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ފުއްދޭކަށެއްނޯންނާނެ. އަޅުގަނޑުމެންގެ ޤައުމުގެ ސަލާމަތްކަމާއި މިނިވަންކަން ހިފެހެއްޓޭކަށެއް ނޯންނާނެ. އަޅުގަނޑުމެން އެއަށްވުރެ ފުޅާ ދާއިރާއަކުން ބަލަންޖެހޭނެ. އެއަށްވުރެ ފުޅާދާއިރާއަކަށް އަޅުގަނޑުމެން ނަޒަރު ހިންގަންޖެހޭނެ. އެންމެފުރަތަމަ އަޅުގަނޑުމެންގެ ވަށައިގެންވާ ހިސާބުގަނޑަށް ނަޒަރު ހިންގަންޖެހޭނެ. އިންޑިޔާކަނޑަށް، އިންޑިޔާ ކަނޑުގައިވާ ޤައުމުތަކަށް، އޭގެ ފަހުން އޭގެ ދުރުގައިވާ ޤައުމުތަކަށް، ދުނިޔޭގައި އުފެދިފައިވާ ބޮޑެތި ސިޔާސީ މައްސަލަތަކަށް، މިހުރިހާ ކަމަކަށް އަޅުގަނޑުމެން ވިސްނަންޖެހޭނެ.
 
އާދެ، އިންޑިޔާކަނޑަށް ބަލައިލާއިރު އަޅުގަނޑުމެންގެ ވަށައިގެން ހިނގަމުންދަނީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ ކަހަލަ ހަރަކާތްތަކެއްނޫން. ތިޔަ ހުރިހާބޭފުޅުންވެސް އައްސަވާނެ، ޢަސްކަރީގޮތުން ދުނިޔޭގެ ބައެއް ބޮޑެތި ބާރުތައް އިންޑިޔާކަނޑުގައި ވަރަށްވަރުގަދަ ހަރަކާތްތަކެއް މިދުވަސްކޮޅު ހިންގަމުން އެބަގެންދޭ. އެކަމަކީ، އަޅުގަނޑުމެންގެ މިނިވަންކަމަށް މުސްތަޤުބަލުގައިނަމަވެސް ނުރައްކަލަކަށް ނުވެނުދާނެކަމެއް. އޭގެތެރެއިން އެއްތަނެއްގައި ޢަސްކަރީގޮތުން އެ ކުރިޔަށްގެންދާ ޙަރަކާތްތައް ހިނގަމުންދަނީ އަޅުގަނޑުމެންނާ ވަރަށް ކައިރީގައިވާ ރަށެއްގައި. އަޅުގަނޑުމެންނާ ދެކުނުން ގާތްގަނޑަކަށް 300 ވަރަކަށް މޭލު ދުރުގައިވާ ތަނެއްގައި. އެކަހަލަ ކަންތައް އަޅުގަނޑުމެންގެ ހިސާބުގަނޑުގައި ހިނގަމުން ދިޔުން އެއީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ހިތްހަމަޖެހޭކަމެއްނޫން. އެކަމާދޭތެރޭގައި އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭނެ. ދުނިޔޭގެ ބާރުތަކުގެ މެދުގައި މިއަދު މިއޮތް ސިޔާސީ ވާދަވެރިކަމުގެ ނަތީޖާއެއްގެގޮތުން މިކަހަލަ ޢަސްކަރީ ހަރަކާތްތަކުން އަޅުގަނޑުމެންނަށްވެސް ނައިސްނުދާނެ އަސަރުތަކާދޭތެރޭގައި މިހާރުވެސް އަޅުގަނޑުމެން ވިސްނަންޖެހޭނެ.
 
އަޅުގަނޑު މިވާހަކަ މިދަންނަވަނީކީ، ވަކިބާރަކާ އިދިކޮޅަކަށްނޫން. ވަކިޤައުމަކަށް ނިސްބަތްވާގޮތަކުންނޫން. އިންޑިޔާ ކަނޑަކީ ޞުލްޙަވެރިކަމުގެ ސަރަހައްދެއްކަމުގައި ހެދުމަށް، ޔުނައިޓެޑް ނޭޝަންސުން ފާސްކޮށްފައި އޮތްނަމަވެސް، ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ އެއާ ޚިލާފަށް ޢަމަލުކުރަމުން. ވަކި އެއް ޤައުމެއްނޫން. ވަރަށްގިނަ ޤައުމުތަކުން މިހިސާބުގަނޑުގައި އެމީހުންގެ މިލިޓްރީ ޙަރަކާތްތައް ކުރިޔަށް އެބަގެންދޭ. އެކަންތަކަކީ އަޅުގަނޑުމެން ރުހޭކަމެއްނޫން. ދުނިޔޭގެ ބައިނަލްއަޤްވާމީ ޖަލްސާތަކުގައިވެސް އެއާ ދޭތެރޭގައި ވަރަށް ތެދުވެރިކަމާއެކު އަޅުގަނޑުމެން ޚިޔާލު ފާޅުކުރަމުން ގެންދަމު. އެއީ، ހަމަޖެހޭކަމަކަށް އަޅުގަނޑުމެންނަކަށް ނުވޭ. މިހިސާބުގަނޑުގެ އަމަން އަމާންކަމާއި، މިހިސާބުގަނޑުގެ ހަމަޖެހުމަށް އަންނަ ނުރައްކަލެއްކަމަށް ނޫނީ އެކަންތައްތަކެއް އަޅުގަނޑުމެން ނުދެކެމު. އާދެ، އެހެންވީމާ އެކަހަލަ ކަންތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭނެ.
 
ތިޔަބޭފުޅުން އައްސަވާނެ. ދާދި ފަހުންވެސް ދެކުނު ޕެސިފިކްގައި އޮތް ޖަޒީރާތަކަކަށް ދިމާވި ކަންތައްތަކެއްގެ ވާހަކަ. އިނގިރޭސިންނާއި ފަރަންސޭސިން އެމީހުންނަށް މިނިވަންކަން ދޭން ނިންމައިފައިއޮތީ. އެހެންނަމަވެސް، އެތަނުން އެއް ޖަޒީރާއެއް ވަކިވެގަތީ. އޭގެ ސަބަބެއްކަމަށްވަނީ ކޮބައިތޯ. އޭގެ ސަބަބެއްކަމަށްވަނީ ކޮންމެވެސް ޤައުމެއްގެ ފައިސާވެރިއެއްގެ ނުފޫޒު. އެމީހަކު ބޭނުންވަނީ އެތާނގައި އޭނާ ބޭނުންވާ ގޮތަށް އުއްދަނޑި ދަނޑުތަކެއް ހައްދައިގެން އޭގެ ފެކްޓްރީތަކެއް ހިންގަން. އެއްވެސް ކަހަލަ ޓެކްސެއް ނުނަގާގޮތަށް. އޭނާ ގަބޫލުކުރާ އިޤްތިޞާދީ އުސޫލަކާ އެއްގޮތްވާ ގޮތުގެ މަތިން، އެތަނަކީ އޭނާ ބުނާ ގޮތުގައި ސުވަރުގެއަކަށް ހެދުން. ސުވަރުގެއަކަށް ހަދަންވެގެން އޭނާ ފައިސާ ޚަރަދުކުރީ. އެތައް ލައްކަ ޑޮލަރެއްގެ ފައިސާ ޚަރަދުކޮށްގެން ތަން ގަޑުބަޑުކޮށްލީ. އެތާނގެ މީހުން އެޖަޒީރާއާއިގެން ވަކިވެގަތީ. މިކަހަލަ ބޮޑެތި ހަމަނުޖެހުންތައް އަޅުގަނޑުމެންގެ ދުނިޔޭގައި މިހާރު އެބައުޅޭ. އެހެންވީމާ، އެ ހަމަނުޖެހުންތައް އުފައްދާ ފަރާތަކީ ބައެއްފަހަރު ވެދާނެ އަމިއްލަ މީސްމީހުންކަމަށް، އަމިއްލަ ފަރާތްތައް ކަމަށް. ކޮންމެވެސް ގޮތަކުން އެތާނގެ ސަރުކާރާ ގުޅިފައިވާ ފަރާތްތަކަކަށްވެސް ވެދާނެ. އަދި އަނެއްބައިފަހަރަށް ވާގޮތަކީ އެއީ ހަމަ ކަނޑައެޅިގެން ދުނިޔޭގެ ކޮންމެވެސް ސިޔާސީ އޮއިވަރަކާ ގުޅިފައިވާ ކަމަކަށްވަނީ.
 
އެހެންވީމާ، އަޅުގަނޑުމެންވެސް މިކަހަލަ ކަންތައްތަކާ ދޭތެރޭގައި ވަރަށްބޮޑަށް ވިސްނައި ޚިޔާލުކުރަންޖެހޭނެ. ދެން އަޅުގަނޑުމެންނާ ކުރިމަތިވަމުން މިދިޔަ މުޢާމަރާއިން ފިލާވަޅުތަކެއް އަޅުގަނޑުމެން ލިބިގަންނަންޖެހޭނެކަން ކަށަވަރު. އެއިން ޢިބުރަތްތަކެއް ހާސިލުކުރަންޖެހޭނެ. އެންމެފުރަތަމަ އަޅުގަނޑުމެން ހާސިލުކުރަންވީ ޢިބުރަތަކީ މިކަހަލަކަންތައްތައް  އަޅުގަނޑުމެންގެ މެދުގައި ތަކުރާރުވެގެން ދިޔަނުދިނުމަށް ބާރުއެޅުން. ކޮންގޮތަކަށް ކިހިނެއް މަސައްކަތްކޮށްގެންތޯ، ދެން އެބާވަތުގެ ނުރައްކާތެރިކަމެއް އަޅުގަނޑުމެންނާ ކުރިމަތި ނުލާނީ. ނުވަތަ އެފަދަކަމެއް ރޭވިގެން އަޅުގަނޑުމެންނާ  ކުރިމަތި ވެއްޖެނަމަ، އަޅުގަނޑުމެން އޭގެ ދިފާޢުގައި ކަންތައްކުރަންވީ ކިހިނެއްތޯ، މިއީ އަޅުގަނޑުމެން އެންމެ ފުރަތަމަ ދަސްކުރަންވީ ކަމަކީ. އެންމެ ފުރަތަމަ ލިބިގަންނަންވީ ޢިބްރަތަކީ.
 
އާދެ، އެކަމާ ދޭތެރޭގައި އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި އެންމެބޮޑު ބާރު އޮތީ ރައްޔިތުންގެ އަތުގައޭ. ތަނެއް ދިފާޢުކުރުމަކީ ހަމައެކަނި އެތަނެއްގެ ސަރުކާރުން ވެވޭނެ ކަމެއްނޫނޭ. ސަރުކާރުން، އެތަން ދިފާއުކުރުމަށްޓަކައި މަސައްކަތް ކުރަންވާނެ. އެކަށީގެންވާ ރޭވުންތައް ރާވަންވާނެ. ސިފައިންނަށް ތަމްރީނުދީ ހަތިޔާރު ހޯދައި މިކަހަލަ ގޮތްތައް މެދުވެރިކުރަންޖެހޭނެ. އަޅުގަނޑުމެންގެ ދިވެހި ޤައުމުގައިވެސް އެކަންތައްތައް ދަނީ ކުރިޔަށް. އަޅުގަނޑު ތަފުސީލުކޮށް ނުދެންނެވިކަމުގައިވިޔަސް ތިޔަހުރިހާ ބޭފުޅުންނަށް މިހާރު މިކަން އެނގިވަޑައިގަންނަވާނެ. މިއަދު އަޅުގަނޑުމެންގެ ސިފައިންނަކީ، އިއްޔެގެ ސިފައިންނާ ވަރަށް ތަފާތު ބައެއް. އަޅުގަނޑުމެންގެ ސިފައިންގެ ހަމައެކަނި ބޭރުފުށަށް ބައްލަވައިލެއްވިޔަސް އެތަފާތު ތިޔަ ބޭފުޅުންނަށް ވަރަށް ސާފުކޮށް އިޙުސާސް ކުރެއްވޭނެ. އަދި ބޭރުފުށުން ފެނިވަޑައިނުގަންނަވާ ކިތަންމެ ކަމެއް މިހާރު އޮތީ ހަމަޖެހިފައި. އަޅުގަނޑުމެންގެ ސިފައިންގެ އަތުގައި މީގެކުރިން ދުވަހަކުވެސް ނުހުންނަކަހަލަ ހަތިޔާރު މިހާރު އެބަހުރި. އަޅުގަނޑުމެންގެ ސިފައިން އެ ހަތިޔާރުތައް ބޭނުންކުރަން ވަނީ ވަރަށް ރަނގަޅަށް ތައްޔާރު ކުރެވިފައި. ބައެއް މީހުން ތައްޔާރުކުރެވުނީ، ބޭރު ތަންތަނަށް ފޮނުވައިގެން. އަނެއްބައި މީހުންނަށް ޓްރޭނިންގ ލިބިފައިވަނީ ހަމަ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި. މިހުރިހާ ގޮތަކުން، އަޅުގަނޑުމެންގެ މިނިވަންކަން ސަލާމަތްކުރުމަށްޓަކައި ދައުލަތުން އަޅަންޖެހޭ ފިޔަވަޅުތައް ގެންދަނީ އަޅަމުން. ދައުލަތުން އެކަހަލަ މަސައްކަތްކުރި ކަމުގައިވިޔަސް އިސްތިޤުލާލު ހިފެހެއްޓުމުގެ އެންމެބޮޑުބައި ކުޅެންޖެހޭނީ ހަމަ ރައްޔިތުން. އެއީ އަޅުގަނޑުމެންނަށްވުރެ ބާރުގަދަ ފަރާތަކުން ހަތިޔާރާއެކު އަޅުގަނޑުމެންނާ ކުރިމަތިލައިފިއްޔާ، އަޅުގަނޑުމެންނަށްވުރެ ބާރުގަދަ ފަރާތަކުން ދިމާކޮށްފިއްޔާ ކޮންމެވެސް ވަރަކަށް އެކަން ކާމިޔާބުވެގެންވެސް ހިނގައިދާނެ. އެކަށީގެންވާ ކަމެއް. އަޅުގަނޑު މިދަންނަވަނީ ޙަޤީޤަތް. ތިޔަބޭފުޅުންނަށް އެއްވެސް ކަމެއް ފޮރުވުމުގެ މާނައެއް ނެތް. އެހެންނަމަވެސް، އެބަޔަކަށް ކާމިޔާބުކުރެވިގެން އެބައެއްގެ ވެރިކަން އަޅުގަނޑުމެންގެ ޤައުމުގައި ދެމެހެއްޓޭނީ ރައްޔިތުން އެކަމާ ރުހެންޏާ. ރައްޔިތުން ނުރުހޭ ވެރިކަމެއް އެއްވެސް ތަނެއްގައި ދެމެއެއް ނުބެހެއްޓޭނެ. އަޅުގަނޑު މިދެންނެވީ އެއްވެސްތަނެއްގައި ގާއިމުވިޔަސް އެކަމެއް ކުރިއަކަށް ނުގެންދެވޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ ރައްޔިތުން އެކަމަށް ސަމާލުކަންދީގެން ތިބޭނަމަ، ޤައުމުގެ ދިފާޢުގައި ކުރަންޖެހޭ ކޮންމެކަމެއް ކުރަން ތައްޔާރަށް ތިބޭނަމަ، ވާންޖެހޭ ކޮންމެ ޤުރުބާނީއެއް ވުމަށް ތައްޔާރަށް ތިބޭނަމަ، އެކަހަލަ ކުއްލި ހަމަލައަކުން ފުރަތަމަ ކޮޅުގައި ކާމިޔާބެއް، އެ ހަމަލާ ދިންފަރާތަކަށް ލިބުނުކަމުގައިވިޔަސް، އެމީހުންނަކަށް ދިވެހި ރާއްޖެއަކު ނުތިބެވޭނެ. ދާއިމަކަށް ނުތިބެވޭނެ.
 
މީގެ ހެކިތައް ތާރީޚުން ފެންނަން އެބަހުރި. އެއްޒަމާނެއްގައި މިހިސާބުގަނޑުގައި އެންމެ ބާރުގަދަ އެއް ޤައުމަކަށް އޮތީ ޕޯޗްގީޒު މީހުން. އެމީހުންނަށްވެސް ރާއްޖޭގައި ތިބެވުނީ ހަމައެކަނި 15 އަހަރު. އެއީ އެމީހުންގެ ނިސްބަތުގައި ވަރަށް ކުޑަކުޑަ ދުވަސްކޮޅެއް. އަޅުގަނޑުމެންނަށްވުރެން މާބޮޑެތި ޤައުމުތައް ހިފައިގެން އެމީހުން އެތައްސަތޭކަ އަހަރެއްވަންދެން ތިބި. އެހެންނަމަވެސް، ދިވެހިރާއްޖެ ހިފައިގެން ތިބެވުނީ އެންމެ 15 އަހަރު. އަދި އޭގެފަހުން އަޅުގަނޑުމެންނަށް ދިމާވި އިންޑިޔާގެ އެހެންފަރާތަކުންވެސް އައި ނުރައްކާތެރި ހަމަލާއެއް. އެމީހުންނަށް ތިބެވުނީ ދެތިންމަސްދުވަހު. އެހެންވީމާ، އެކަންތައްތަކުން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ އަޅުގަނޑުމެން ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރާ، މިނިވަންކަމުގެ މަގުގައި އެމީހުން ޤުރުބާންވާން ތައްޔާރަށްތިބި، ޖިހާދުކުރާ ހިތްވަރުގަދަ އަބްޠާލުންތަކެކޭ.
 
އާދެ، އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ ޤައުމީ މިނިވަންކަން ދިފާޢުކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެކޭ. އެއީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫނޭ. ސަރުކާރުގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަންޖެހޭނެ. ހަމައެއާއެކު، ރައްޔިތުންގެ އެންމެންވެސް، ކޮންމެމީހަކަށްވެސް އެ ހިއްސާ ކުރެވޭ މިންވަރު އެމީހަކު އުފުލަންޖެހޭނެ.
 
އާދެ، އަޅުގަނޑުމެންގެ މިނިވަންކަމަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި އަޅުގަނޑު ދެން އެނބުރިލާހިތްއޮތީ ވަރަށް މުހިންމު ނުކުތާއަކަށް. އެއީ އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، 15 އަހަރަކީ ތަޞައްރުފު ފުދުމުގެ އުމުރަކަށްވާތީ. 15 އަހަރު އިންސާނާއަށް ފުރުމުން، އެމީހާގެ ހިތުގައި މިނިވަންކަމުގެ ޝުޢޫރުތައް އުފެދިގަންނާނެ. ދުނިޔޭގައި އުޅެންވީގޮތްތަކާ ދޭތެރޭގައި އެމީހާގެ ޚިޔާލުތައް ކުރެވެން ފަށާނެ. އެހެންވުމާއެކު، އަޅުގަނޑުމެން ވިސްނާލަންޖެހެނީ، އަޅުގަނޑުމެންގެ ޤައުމުގައި މިހާރުތިބި ޒުވާނުންނާ ދޭތެރޭގައި. އުންމަތުގެ އިންސާނީ ހުރިހާ މުއްސަނދިކަމަކުން އަޅުގަނޑުމެން ފައިދާ ހޯދަންޖެހޭނެ. ޤައުމު ބިނާކުރުމުގައި، ޤައުމާއިގެން ކުރިޔަށްދިޔުމުގައި، އަޅުގަނޑުމެންގެ ދިވެހި އުންމަތުގެ ހުރިހާ އަފުރާދުންގެ ސިފައިގައި އަޅުގަނޑުމެންނަށް ލިބެންވާނެ. މިދެންނެވި ވާހަކައިގެ މާނައަކީ، މުސްކުޅިންނާއި ހަރުދަނާ މީހުންގެ ތަޖުރިބާއާއި ދުރުވިސްނުން، އޭގެ ބޭނުން އަޅުގަނޑުމެން ކުރަންޖެހޭނެއޭ. ޒުވާނުންގެ ހިތްވަރާއި ޙަރަކާތްތެރިކަން، އޭގެ ބޭނުންވެސް އަޅުގަނޑުމެން ކުރަންޖެހޭނެ. ޅަކުދިންގެ ފޮނި އުންމީދުތަކާއި ފޮނި ހުވަފެންތައް، އޭގެވެސް ބޭނުން އަޅުގަނޑުމެން ކުރަންޖެހޭނެއޭ. އިންސާނީ ގޮތުން މިހުރިހާ މުއްސަނދިކަމެއްގެ ބޭނުން އަޅުގަނޑުމެން ކޮށްގެންނޫނީ އަޅުގަނޑުމެންގެ ޤައުމު ބިނާކުރެވޭކަށެއް ނޯންނާނެއޭ. އާދެ، ޒުވާނުންނަށް ބަލާއިރު އަޅުގަނޑުމެންގެ ޤައުމުގެ އަޣްލަބިއްޔަތަކީ ޒުވާނުން.
 
1977 ވަނައަހަރުގެ ބޯހިމެނި ހިސާބަށް ބަލާއިރު ރާއްޖޭގެ ރައްޔިތުންގެ 45 ޕަސެންޓް އެއީ އުމުރުން 15 އަހަރުން ދަށުގެ ކުދިން. މުޅި ރާއްޖޭގެ ރައްޔިތުންގެ 56 ޕަސެންޓް އެއީ 20 އަހަރުން ދަށުގެ މީހުން. މުޅި ރާއްޖޭގެ ރައްޔިތުންގެ 64 ޕަސެންޓް އެއީ އުމުރުން 25 އަހަރަށްވުރެ ދަށުގެ މީހުން. އެހެންވީމާ، މި ހިސާބުތަކުން ދައްކާގޮތުން އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު އަޣްލަބިއްޔަތަކީ ޅަކުދިންނާއި ޒުވާނުން. އެއްވެސް ޤައުމެއްގެ ކަންތައްތައް އެކަށީގެންވާ ގޮތަކަށް ކުރިއަކަށްނުދާނެ. އެޤައުމުގެ ހުރިހާ އެންމެން އެކަމުގައި ބައިވެރިވެގެންނޫނީ.
 
އެހެންވީމާ، އަޅުގަނޑުމެން ޤައުމު ބިނާކުރުމާއި، ޤައުމުގެ މިނިވަންކަން ދިފާޢުކުރުމާއި، ޤައުމު ތަރައްޤީކުރުމާއި، މިހުރިހައި ކަމެއްގައިވެސް ޒުވާނުންގެ އެހީތެރިކަމަށް މިއަދުވަނީ ވަރަށް ބޮޑަށް ބޭނުންވެފައި. މިއަދު އަޅުގަނޑު މިގޮވައިލަނީ އަޅުގަނޑުމެންގެ ޒުވާނުން ބޭނުން ކުރުމަށް. ޒުވާނުން ޙަރަކާތްތެރިކުރުވުމަށް. ޤައުމީ މަސްއޫލިއްޔަތުތައް އުފުލުމަށް، ޒުވާނުން ކުރިޔަށް ޖެހިލުމަށް.
 
މީގެ ކުރިން ޒުވާނުންތިބީ އިހުމާލުކުރެވިފައި. އެމީހުން ތިބީ އެކަށީގެންވާ ފުރުޞަތު ނުލިބިފައި. އެތަކެއް ނާއުންމީދުތަކަކާ ކުރިމަތިލާންޖެހިފައި. ޚާއްޞަކޮށް ތަޢުލީމު ލިބިގެން ބޭރުން އައިސްތިބޭ ޒުވާނުންނަށް، އެމީހުންގެ ވާޖިބު އަދާކުރުމަށް އެކަށީގެންވާ ފުރުޞަތެއް އޮތީ ނުލިބިފައި. އެމީހުންނަށް އެކަށީގެންވާ ހިތްވަރު ދެމަކުން ސަރުކާރަކުން ނުދޭ. އެތައް ގޮތަކުން އެމީހުންނާ ކުރިމަތިލާންޖެހިފައި އޮތީ ނާއުންމީދުތަކާ. އެމީހުންގެ ހިތްތަކުގައި ޤައުމީ ޝުޢޫރު އުފެއްދުމަކަށް އެއްވެސް މަސައްކަތެއް ކުރެވިފައެއްނެތް. ސްކޫލްތަކުގައި، މަދަރުސާތަކުގައި ކިޔަވައިދޭއިރު ޤައުމީ ބައި، އެއީ މުޅިން ނެތް ބައެއް. އެހެންވީމާ، ޒުވާނުން ތިބީ އަޅުގަނޑުމެންގެ ތެރޭގައި ބޭނުން ހިފޭ ގޮތަކަށެއްނޫން. މިއަދު އަޅުގަނޑު ބޭނުންވަނީ އެގޮތް މުޅިން ބަދަލުކޮށްލަން. ޒުވާނުންނަކީ ޤައުމުގެ ހުރިހާ ކަމެއްވެސް ކުރިޔަށްގެންދިއުމުގައި އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުލަންޖެހޭ ބައެއްކަމުގައި ވުން. އެއީ، އަޅުގަނޑު ދެކޭގޮތުގައި މިވަގުތު ކޮންމެހެން ބޭނުންކަމެއް.
 
އަޅުގަނޑު ނުދަންނަވަން، ރެޔަކާއި ދުވާލުގެ ތެރޭގައި، އަޅުގަނޑުމެންނަށް ވާރުތަވެފައިމިވާ ހުރިހައި އިންތިޒާމުތަކެއް ބަދަލުކޮށްލެވޭނެއެކޭ. އެހެނެއްނުވާނެ. އެހެންނަމަވެސް، މިހާރު ސަރުކާރުން ޒުވާނުންނަށް ވަރަށް ޚާއްޞަ ސަމާލުކަމެއް އެބަދޭ. ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށް ވަރަށްބޮޑަށް މަސައްކަތްކުރަމުން އެބަދޭ. ޒުވާނުންނަށް ހިތްވަރުދިނުމަށް އެކިބާވަތުގެ ކަންތައްތައް ކުރެވެމުން އެބަދޭ. މަސްއޫލިއްޔަތުތައް އުފުލާ މަގާމުތަކަށް ޒުވާނުން އިސްކުރުމަށްވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް މިހާރު އެބަދެވޭ.
 
ދާދި މިދާކަށްދުވަހު ސަރުކާރުގެ ބައެއް މަގާމުތަކަށް އައި ބަދަލުތައް، އެބަދަލުތަކާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނަވައިފިއްޔާ އެނގިވަޑައިގަންނަވާނެ. އޭގެ އެންމެ ބޮޑު ސިއްރަކީ، ޒުވާނުންނަށް މަސްއޫލިއްޔަތު އުފުލާ މަގާމުތައް ދިނުންކަން.
 
އާދެ، ސަރުކާރު ހިންގުމަށް މިހާރު ބޭނުންވަނީ ޒުވާން ލޭ. ޒުވާން ލޭގެ ހޫނުކަމާއި ތާޒާކަން އެއީ، ސަރުކާރަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ އެއްޗެއް. އާދެ، ޒުވާނުން ހަނދާންކުރަންވީ، ދިވެހިރާއްޖެއަކީ، ހަމަ އެމީހުންގެވެސް ރާއްޖެކަން. ދިވެހިރާއްޖެއަކީ ހަމައެކަނި މުސްކުޅިންގެ ނުވަތަ އުމުރުން ދުވަސްވެފައިވާ މީހުންގެ ތަނެއްނޫންކަން. ބައެއް ޒުވާނުންނަށް ވާގޮތަކީ، އެމީހުންނާ ދިމާވާ އެކިއެކި ދަތިތަކުގެ ސަބަބުން ނުވަތަ އެމީހުންގެ އުންމީދުތައް ގެއްލޭކަހަލަ ކަންތައްތައް ދިމާވުމުން، އެމީހުން އެނބުރި ރާއްޖެއިން ބޭރަށް ދާހިތްވަނީ. ރާއްޖެއަކުން ތިމަންނަމެންނަކަށް އެކަށީގެންވާ ފުރުޞަތެއް ނުލިބުނޭ ހިތަށްއަރަނީ. އެކަމަކު އަޅުގަނޑުމެންގެ ތަޢުލީމީ ޒުވާނުން، އަޅުގަނޑުމެންގެ ރާއްޖެ ދޫކޮށްފައިދާކަމަށްވަންޏާ، ރާއްޖެ އިޞްލާޙުކުރަން ތިބޭނީ ކޮންބައެއްތޯ؟ ރާއްޖެ އިޞްލާޙުކުރެވޭނީ ތަޢުލީމު ލިބިފައިތިބޭ މީހުންނަށް. ތަޢުލީމު ލިބިފައިތިބި ޒުވާނުންނަށް. އެމީހުންނަށް މިހާރު ކަންތައްހުރިގޮތް ކަމުނުދާކަމަށްވަންޏާ، އަޅުގަނޑުވެސް އެއްބަސް. މިހާރު ކަންތައްތައް ހުރިގޮތް އެއީ އެންމެ ކަމުދާ ގޮތެއްނޫން. އެހެންކަމަށްވަންޏާ، އެމީހުންގެ މަސްއޫލިއްޔަތު އުފުލުން  އެއީ  އެކަންތައްތައް އިޞްލާޙުކުރުމަށް އެންމެބޮޑަށް އެޅޭ ބާރަކީ.
 
ޒުވާނުންގެ މަސައްކަތްތައް ކުރިޔަށްގެންދާއިރު، އަޅުގަނޑު ކުރިންވެސް ދެންނެވިހެން، އެމީހުންގެ ހޫނު ލެއާއި، އެ ލޭގައިވާ ތާޒާކަމާއި، އެ ލޭގައިވާ ފޯރި އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއް. އޭގެ އިތުރަށް ޒުވާނުން ދަންނަންޖެހޭނެ، ކެތްތެރިކަމާއި ހަރުދަނާކަންވެސް ބޭނުން ކުރަންޖެހޭނެކަން. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަކީ އަޅުގަނޑުމެންގެ އަމިއްލަ މިލްކެއްނޫން. މިހާރު ރާއްޖޭގައި މިއުޅޭ ރައްޔިތުންގެ މިލްކެއްނޫން. އަޅުގަނޑުމެންގެ ރާއްޖެއަކީ ކުރިޔަށް އަންނަން އޮތް ޖީލުތަކުގެވެސް މިލްކު. މިއަދު އަޅުގަނޑުމެންކުރާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް މުސްތަޤުބަލުގައި އަތުވެދާނެ. އެހެންވީމާ، އެކަމަށް ރަނގަޅަށް ވިސްނަންޖެހޭނެ. އަޅުގަނޑުމެން ހިތަށްއަރާ ކޮންމެ ގޮތަކަށް ވިސްނުމަކާނުލައި ކެތްތެރިކަމެއްނެތި، ހަރުދަނާ ވިސްނުމަކާނުލައި ޢަމަލުކުރަމުންދާކަމަށްވަންޏާ އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް އެކަށީގެންނުވާ ހިތި ތަޖުރިބާތަކެއް އަޅުގަނޑުމެންނަށް ކުރަންޖެހިދާނެ.
 
އެހެންވީމާ، އޭގެ ނަތީޖާއަކަށްވާނީ، މުސްތަޤްބަލްގައި ރާއްޖޭގައި ދިރިއުޅެން ތިބި މީހުންނަށް، އަޅުގަނޑުމެން ރާއްޖޭގެ ކަންތައްތައް ހަލާކުކޮށްލުން.  އެކަން ދެނެތިބެގެން.  ޤައުމެއްގެ ކަންތައްތަކަކީ، ރެއަކާ ދުވާލުން އިސްލާހު ނުކުރެވޭނެ ކަންތައްތަކެއްކަމަށް އެމީހުންވެސް ރަނގަޅަށް ދަނެގެން އެމީހުން ބައިވެރިވެގެން އަޅުގަނޑުމެން ވީ ހުރިހާ އެންމެން މަސައްކަތް ކޮށްގެން، އަޅުގަނޑުމެން ހިނގަންވީ މަގުތައް އެކަށައަޅަން. މިހާރު އަޅުގަނޑުމެންނަށް މިތިބެވެނީ ޤައުމީ ފެންވަރުން ބަލަންޏާ ހަތަރު އަނގޮޅިއަކަށް ނުކުމެވިފައި. އަޅުގަނޑުމެން މިސްރާބުޖަހަންވީ ކޮންދިމާއަކަށްތޯ! އަޅުގަނޑުމެން ހިނގަންވީ ކޮންމަގަކުންތޯ! އަޅުގަނޑުމެންގެ އަމާޒުފަތްގަނޑަކީ ކޮބައިތޯ! މިކަންތައްތައް މިހާރު ވެއްޖެ އެކަށައަޅަން. އެކަންތައްތައް އެކަށައަޅައިގެން އަޅުގަނޑުމެން އެ ކަނޑައަޅާ މަގަކުން ހިނގައިގެން އަޅުގަނޑުމެން ޤަޞްދުކުރާ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވެވޭނީ. އެކަން ކުރަންތިބި ބަޔަކީވެސް ޒުވާނުން. އޭގެ މާނައަކީ ހަމައެކަނި ޒުވާނުންނަށް ހުރިހާ ކަމެއް ދޫކޮށްލެވެނީއަކީނޫން. އަޅުގަނޑު ކުރިންވެސް ދެންނެވިހެން ޤައުމުގެ ހުރިހާ އެންމެންގެ ތަޖުރިބާއިން ފައިދާ ލިބިގަންނަންވާނެ. ހުރިހާ އެންމެންގެ ބޭނުން ކުރަންޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި މުސްކުޅިންނާއި، ހަރުދަނާ މީހުން، އެމީހުންނަށް ލިބިފައިވާ ތަޖުރިބާތަކުގެ މުއްސަނދިކަމުން އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަންވާނެ. ހަމައެއާއެކު އަޅުގަނޑުމެންގެ ޒުވާނުންގައިވާ ޙަރަކާތްތެރިކަމާއި އެމީހުންގެ ހިތްވަރާއި ފަންވަރުން އަޅުގަނޑުމެންނަށް އިތުރު ބާރުތަކެއް ލިބެންވާނެ.
 
އާދެ، އަޅުގަނޑު މިނުކުތާއާދޭތެރޭގައި ވާހަކަ ދައްކައިލައި ނިންމައިލުމުގެ ކުރިން އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ޤައުމުގެ އެންމެ އަގުހުރި ރައުސުލްމާލަކީ އެޤައުމެއްގެ ޒުވާނުންނޭ. ޤައުމަށް ބޭނުންވަނީ ޒުވާނުންގެ ހިތްވަރާއި ޢަޒުމު. ޤައުމަށް ބޭނުންވަނީ ޒުވާނުންގެ ފޯރިއާއި ހަރަކާތްތެރިކަން. ޤައުމަށް ބޭނުންވަނީ ޒުވާނުންގެ ހޫނުކަމާއި ކެރުން.
 
އާދެ، އަޅުގަނޑުގެ ވާހަކަ މިހާރުވެސް ތަންކޮޅެއް ދިގުވެއްޖެ. އެހެންނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ ހިތްޕުޅުތަކަށް ވާސިލްކޮށްދެވޭތޯ މިބަލާ، އަޅުގަނޑުގެ ހިތުގެ އަޑީގެ ޝުޢޫރުތައް ނިންމައިލާނީ މުޅި ޤައުމަށް ވަރަށް ޚާއްޞަ އިލްތިމާސެއް ކުރަމުން. ދިވެހި އުންމަތުގެ ފިރިހެނުންނަށް، ދިވެހި އުންމަތުގެ އަންހެނުންނަށް، ދިވެހި އުންމަތުގެ މުސްކުޅިންނަށް، ދިވެހި އުންމަތުގެ ޒުވާނުންނަށް، ދިވެހި އުންމަތުގެ ޅަކުދިންނަށް، ސަރުކާރުގެ މުވައްޒަފުންނަށް، އަދި އަމިއްލަ ފަރާތްތަކަށް ވަރަށް ޚާއްޞަ އިލްތިމާސެއް ކުރަމުން.
 
އެ އިލްތިމާސަކީ، "އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން، މި ހިތްގައިމު ޖަޒީރާތަކުގެ މާފަތި، މި ފަޚުރުވެރި ފަސްގަނޑު، މި ހަމަހިމޭންކަމުގެ ސުވަރުގެ، މި އިސްލާމްދީނުގެ ކިއްލާ ދުވަހެއްގައިވެސް ބޭރުބައެއްގެ އަތްމައްޗަށް ދިޔަނުދެއްވާށޭ! މި ފަޚުރުވެރި ފަސްގަނޑުގެ އެންމެ ކައިވަތެއްގެ މިންވަރުވެސް ބޭރު ބައެއްގެ ނުފޫޒުން ކިލަނބުކުރިޔަ ނުދެއްވާށޭ! ރާއްޖޭގެ ލޮބުވެތި ޤައުމީ ވެލިގަނޑުގެ އެންމެ ވެލިފުކެއްވެސް ބިދޭސީ ބާރަކަށް ދޫނުކުރައްވާށޭ!"
 
އާދެ، އަޅުގަނޑު އެދެނީ، اللَّـه سبحانه وتعالى އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންގެ ޤައުމާއިގެން ކުރިޔަށްދިޔުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ ޤައުމީ ޝަޚުޞިއްޔަތު ޙިމާޔަތްކުރުމަށް ބޭނުންވާ، ވަރުގަދަ ޢަޒުމާއި ކެތްތެރިކަމާއި ބާރު އަޅުގަނޑުމެން އެންމެންނަށް اللَّـه سبحانه وتعالى ދެއްވުން.
 

       والسّـلام عليـكم ورحمـةاللَّـه وبـركاتـه.