بســم اللّـه الرّحمـن الرّحيــم
           
އާދެ، މިއަދު މިއީ ޒުވާނުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ކުރާ ދުވަސް. މި ޖަލްސާ ހުޅުވައިދިނުމުގެ ގޮތުން، ނޫނީ މި މަޖިލީހުގެ މަސައްކަތް ފަށްޓައިދިނުމުގެ ގޮތުން އަޅުގަނޑު މިތަނަށް މިއަދު މިއައީ.
 
ތިޔަބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އިޙްސާސް ކުރެއްވޭނޭ ފަދައިން، ޒުވާނުންނަކީ ކޮންމެ ޤައުމެއްގެވެސް ވަރަށް މުހިންމު ބައެއް. މިދިޔަ މިނިވަންދުވަހު އަޅުގަނޑު ދިވެހި އުންމަތަށް ކުރި އިލްތިމާސްގައި ބުނެފައިވާނީ، ޒުވާނުންގެ ބޭނުން މިހާރަށްވުރެ ބޮޑަށް ހިފޭތޯ ބެލުމަށް މަސައްކަތް ކުރުމަށް. އަދި ޒުވާނުންނަށް ގޮވައިލައިފައި ވާނީ، އެމީހުންވެސް މުޖްތަމަޢުގައި އެ ކުޅޭބައި މިހާރަށްވުރެ ފުރިހަމަގޮތެއްގައި ކުޅެވޭތޯ ބެލުމަށް، މަސައްކަތް ކުރުމަށް. އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުންގެ އަދަދުތަކަށް ބަލައިލާއިރު، ޒުވާނުންނަކީ ރައްޔިތުންގެ ވަރަށްބޮޑު ބައެއް. އެހެންވުމާއެކު، އަދި އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ހުރިހާ ގޮތަކުންވެސް ޤައުމު ބިނާކުރުމަށް ކަމަށްވާތީ، އެގޮތުން ޒުވާނުންނަށް ދޭންޖެހޭ އަހަންމިއްޔަތު އެއީ ވަރަށްބޮޑު އަހަންމިއްޔަތެއް ކަމުގައި އަޅުގަނޑުމެން ހުރިހާ އެންމެންނަށްވެސް އިޙްސާސް ކުރެވޭނޭކަމާމެދަކު ޝައްކެއްނެތް.
 
އާދެ، ޒުވާނުންގެ މަޖިލިސް އުފެއްދެވުމުގެ މަޤްޞަދަކީ މިދެންނެވީ. އެއީ ޒުވާނުންނާ ބެހޭގޮތުން ޚިޔާލުކޮށް، ޒުވާނުން އެކިއެކި ކަންކަމުގައި ބައިވެރިކޮށް، އެމީހުންގެ ހުރިހާ ކަމެއްވެސް ކުރިއަރުވައި ތަރައްޤީ ކުރެވޭތޯ ބެލުން. އެންމެ ފުރަތަމަ އަޅުގަނޑު ހިތުން އަޅުގަނޑުމެން ޚިޔާލުކޮށްލަންޖެހޭނެ ކަމަކީ، ޒުވާނުންނަކީ ކޮންބައެއްތޯ! އެންމެ ފަސޭހައިން އަޅުގަނޑު ހިތުން ޒުވާނުންނަކީ ކޮންބައެއްކަން ވަކިކުރެވޭނެ އޮތީ އެންމެ ގޮތެއް. އެއީ ޢުމުރުގެ ގޮތުން ކޮންމެވެސް ކަހަލަ ގޮތަކަށް ޒުވާނުން ވަކިކުރުން. މިވެނި ޢުމުރަކާއި މިވެނި ޢުމުރަކާ ދެމެދުގެ މީހުންނަކީ ޒުވާނުން ކަމަށް ބެލުން. އެއީ އަޅުގަނޑު ހިތުން ފަސޭހަގޮތަކަށްވާނެ.
 
[ޒުވާނުން] އެ ލަފްޒުގެ މާނަ އަޅުގަނޑަށް ހީވަނީ ވަރަށްގިނަ ގޮތްގޮތަށް ތަރުޖަމާ ކުރެވިދާނެހެން. އެކަމަކު މިކަހަލަ ކަމެއް ފަށައިގަނެގެން ހިންގާއިރު، ކޮންމެވެސް ގޮތަކަށް ޒުވާނުންނަކީ ކޮންބައެއްކަން ރަނގަޅަށް ވަކިކުރަން އެބަޖެހޭ. ޢުމުރުގެ ގޮތުން ބަލާއިރުވެސް އެކިބޭފުޅުންނަށް އެކިގޮތަށްކަންނޭނގެ ޚިޔާލުކުރެއްވޭނީ. އަޅުގަނޑުވެސް މިކަމާ ދޭތެރޭގައި ކުޑަކޮށް ވިސްނައި ހަދައިފިން. އަޅުގަނޑުމެންގެ ކަންތައްތައް ހުންނަގޮތާއި އަދި އަޅުގަނޑުމެންގެ ކުދީން މަދަރުސާގެ ދައުރު ނިންމާ ޢުމުރާއި، ޢާންމު ޙަޔާތުގެ ތެރެއަށް ނުކުމެއުޅޭ ޢުމުރާއި އަދި ޙަރަކާތްތެރިވުމުގައި ވަކިކަހަލަ ފޯރިއަކާއި ރޫޙެއްގައި އެމީހުން މަސައްކަތްކުރާ ޢުމުރާ، މިކަހަލަ ކަންކަމަށް ބަލައި ވިސްނާއިރު، އަޅުގަނޑަށް ލަފާކުރެވެނީ ފަށައިގަތުމުގެ ގޮތުން ޒުވާނުންނަކީ ޢުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ކަމުގައި ބެލުން އެއީ އެކަށީގެންވާ ކަމެއް ކަމުގައި.
 
 އާދެ، އެއީ ކަނޑައެޅިގެން އަބަދުވެސް އެ ޢުމުރުގެ މީހުން އެއީ ޒުވާނުން ކަމަށް އެހެން ބަލަން މަޖުބޫރުކުރާ ކަހަލަ ގޮތަކަށް ނޫން. އެކަމަކު މި މަސައްކަތްތައް ފަށައިގަންނައިރު ކޮންމެވެސްކަހަލަ ގޮތަކަށް ޒުވާނުން ވަކިކުރަންޖެހޭތީ، މިދެންނެވި ކަންތައްތަކަށް ވިސްނާފައި، މި ޢުމުރު އެއީ ރަނގަޅު ޢުމުރެއް ކަމަށް އަޅުގަނޑަށް ޚިޔާލުކުރެވިފައިވަނީ. މި މަޖިލީހުގެ ކަންތައް ކުރިއަށްދާގޮތުން އަދި މަޖިލީހުގެ ބެއްލެވުމުގެ ދަށުން ޒުވާނުންގެ އެކިއެކި ޙަރަކާތްތައް ކުރިއަށްދާގޮތަށް ވިސްނަވައިފައި، މި ޢުމުރަށް ބަދަލެއް ގެންނެވިދާނެ. އޭގެ ފެށޭ ޢުމުރުވެސް އެއީ އެހެން ޢުމުރެއް ކަމުގައި ހަމަޖެއްސެވިދާނެ. ނޫނީ ނިމޭ ޢުމުރުވެސް އެހެން ޢުމުރެއް ކަމުގައި ހަމަޖެއްސެވިދާނެ. އެހެންނަމަވެސް، ފަށައިގަންނައިރު މިކަހަލަ ގޮތަކަށް ފަށައިގަތުން އަޅުގަނޑަށް ހީވަނީ އެއީ ރަނގަޅު ގޮތެއްހެން. 35، ފަހަރެއްގައި ބައެއް ބޭފުޅުން ޚިޔާލުކުރައްވާގޮތުން ތަންކޮޅެއް މަތީ ޢުމުރަކަށްވުންވެސް އެކަށީގެންވޭ. އާދައިގެ ޒުވާނުންނޭ ބުނީމާ އެއަށްވުރެ ތަންކޮޅެއް ޢުމުރުން ޅަ މީހުންނާ ދޭތެރޭކަންނޭނގެ ޚިޔާލުކުރެއްވޭނީ. އެހެންނަމަވެސް 35 އަހަރާ ދޭތެރޭގައި އަޅުގަނޑު ޚިޔާލުކުރި ސަބަބަކީ، އަޅުގަނޑުމެންގެ ތެރޭގައި 30 އަހަރުން މަތީގެ މީހުން ވަރަށްގިނަ ކަންތައްތަކުގައި ޙަރަކާތްތެރިވަމުން އެބަދޭ. އެމީހުންގެ ޙަރަކާތްތެރިކަމާއި އަދި އެމީހުންގެ ތަޖުރިބާއާ، މިކަހަލަ ކަންކަމުން އަޅުގަނޑުމެން މަޙުރޫމްވާން ޖެހިއްޖިއްޔާ އެއީ މިކަހަލަ ފުރްޞަތެއްގައި އަޅުގަނޑުމެންނަށް ލިބެން އޮތް ވަރަށްބޮޑު ބަޔަކުން އެބައި އުނިވެގެންދާނެ ކަމަށްވާތީ، އަޅުގަނޑު 35 އެކޭވެސް މިދެންނެވީ.
 
އާދެ، އެގޮތަށް އެއްބަސްވެވިއްޖެ ކަމަށްވަންޏާ، ދެން އަޅުގަނޑުމެން ޚިޔާލުކުރަންޖެހެނީ، އެންމެބޮޑު ބޭނުމަކީ ކޮބައިތޯ. އެންމެ ފުރަތަމަ މަޖިލީހުގެ ފަރާތުން ވިސްނަންޖެހެނީ ކޮންކަމަކާ ދޭތެރޭގައިތޯ. އެގޮތުން ޚިޔާލުކޮށްލާއިރު އަޅުގަނޑަށް ވިސްނެނީ އެންމެ ފުރަތަމަ ބޭނުމަކަށްވާންޖެހެނީ، އަޅުގަނޑުމެންނާ ޒުވާނުންނާ ދޭތެރޭގައި ދެކޮޅަށް ޚިޔާލުބަދަލުކުރާކަހަލަ މުވާސަލާތު މަގެއް ޤާއިމުކުރުންކަން. ގިނަފަހަރު ވެފައި އޮންނަ ގޮތަކީ ގިނަ ކަންތައްތަކުގައި އަޅުގަނޑުމެންނާ ޒުވާނުންނާ ދެމެދުގައި އެއްވެސްކަހަލަ ގުޅުމެއް ނޯންނަނީ. އެމީހުންނަށް ދޭންޖެހޭ އަހަންމިއްޔަތު ނުދެވެނީ. ބައެއްފަހަރަށް ވާގޮތަކީ، އަޅުގަނޑުމެންނާ ޒުވާނުންނާ ދޭތެރޭގައި މިގުޅުން އޮންނަ ފަހަރުފަހަރުވެސް ހުރިހާ ޚިޔާލުތަކެއް އެއްކޮޅަށް ދަތުރުކުރާ ކަހަލަ މުވާސަލާތުގެ މަގެއް އަޅުގަނޑުމެންނަށް ގިނަފަހަރަށް ޤާއިމުކުރެވިފައި އޮންނަނީ. މިކަމުގެ ހެތްކެއްގެ ގޮތުން އަޅުގަނޑުމެން ޒުވާނުން ގެނެސްގެން، އެކިކަންކަމާ ދޭތެރޭގައި ވާހަކަ ދައްކައި ނުވަތަ އެމީހުންގެ ކޮންމެވެސް ކަމެއްގައި ބައިވެރިކުރަން ބޭނުންވެގެން އުޅޭއިރު، އަޅުގަނޑުމެން އެމީހުންނަށް ކަންތައްތައް ކުރަންވީގޮތް، ކިޔައިދޭގޮތް ގިނަފަހަރަށް ދިމާވެފައި އޮންނަނީ. އެމީހުންގެ ޚިޔާލު ހޯދައިގެން އެމީހުން އަމިއްލައަށް ބޭނުންވަނީ ކޮން ރޮނގަކުންކަން ޙަރަކާތްތެރިވާން. އެގޮތް އަޅުގަނޑުމެންނަށް ވަރަށް ނުގެންގުޅެވޭ.
 
އެހެންވީމާ، މުވާސަލާތު މިއޮންނަނީ އެއްކޮޅަކަށް. ހުރިހާ އެއްޗެއް އެއްކޮޅަކަށް ދަތުރުކުރަނީ. އެހެން އޮވެގެން ޚާއްޞަކޮށް، ޒުވާނުންގެ ކަންތައް ކުރިއަށްގެންދެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެ އޮންނަންޖެހޭނީ، މުވާސަލާތު އޮންނަންޖެހޭނީ ދެކޮޅަށް ދަތުރުކުރާ ކަހަލަ ގޮތަކަށް. އަޅުގަނޑުމެންގެ ޚިޔާލު އެމީހުންނަށްވެސް ދޭގޮތަށް. އެއަށްވުރެ ބޮޑަށް އެމީހުންގެ ޚިޔާލު އަޅުގަނޑުމެންނަށް ލިބޭގޮތަށް. އެހެން އޮތީމާ އެމީހުން ޙަރަކާތްތެރިވުމަށް އެއީ އެޅޭ ބާރަކަށްވާނީ. ދެން މިގޮތަށް ހުރިހާ ކަމެއްގައި ޚިޔާލު ދެކޮޅަށް ދަތުރުކުރާ ކަހަލަ މުވާޞަލާތެއް ޤާއިމުކުރުމުގެ އެންމެބޮޑު ބޭނުމަކީ، އަޅުގަނޑު ހިތުން މިހާރުގެ ޖީލު، ޒުވާނުންގެ ޖީލާ ދޭތެރޭގައި އިތުބާރު އުފެއްދުން. އެއީ އަޅުގަނޑުމެންނަށްވެސް ވިސްނޭ، އެމީހުންނާ ދޭތެރޭ. އެމީހުންގެ، ޒުވާނުންގެ މައްސަލަތަކެއްވެސް ހުންނާނެ. އެކިކަންކަމުގައި އެމީހުންނަށް އިޙްސާސް ކުރެވޭ ކަންތައްތަކެއް ހުންނާނެ. އެމީހުން ކުރިމަތިލާންޖެހޭ ވަރަށްގިނަ ދަތިތަކެއްވެސް ހުންނާނެ. އެކަހަލަ ކަންކަމުގައި މިހާރުގެ ޖީލަށް އެދެވޭ އަހަންމިއްޔަތެއް، ޒުވާނުންގެ މިދެންނެވި ކަންތައްތަކަށް ނުދެވޭކަމަށްވަންޏާ، އެމީހުންގެ ހިތުގައި އަޅުގަނޑުމެންނާ ދޭތެރޭގައި އޮންނަ އިތުބާރު އެއީ މާބޮޑު އިތުބާރަކަށް ނުވާނެ. އެ އިތުބާރު ޤާއިމުކުރުން އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް މުހިންމު ކަމެއް. މިހާރުވެސް އަޅުގަނޑުވެސް ކުރަމުންދާ އެކިއެކި ކަންތައްތަކުގައި އެ އިތުބާރު ނެތުމުގެ ސަބަބުން އެމީހުން ފަހަތަށްޖެހޭގޮތް ދިމާވާތަން އަޅުގަނޑަށް ފެންނަމުން އެބަދޭ. ކޮންމެވެސް ގޮތަކުން ޒުވާނުންގެ ހިތްތަކުގައި މި ޖީލުގެ މީހުންނާ ދޭތެރޭގައި މިދެންނެވި ކަހަލަ އިތުބާރެއް ޤާއިމުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ.
 
 ދެން، މި މަޖިލީހުގެ ފަރާތުން ޙަރަކާތްތެރިވެވަޑައިގަންނަވާނެ ދާއިރާތަކާ ދޭތެރޭގައި، އެއީވެސް މަޖިލީހުން ޚިޔާލުކުރައްވައިފައި އޮންނަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑަށް ފެނޭ. އެކަން އޮތީ އެހެން ކަމުގައިވިޔަސް، އަޅުގަނޑުވެސް ޚިޔާލުކޮށްލާއިރު، ފެންނަ ބައެއް ދާއިރާތައް އެބަހުރި. އެތަނުން އެއް ދާއިރާއަކީ ކުޅިވަރުގެ ދާއިރާ. އެއީ ވަރަށް މުހިންމު ދާއިރާއެއް. ޚާއްޞަކޮށް، ޒުވާނުންނާބެހޭ ކަންތައްތަކުގައި، ޒުވާނުންގެ ޙަރަކާތްތެރިކަން އަޅުގަނޑުމެން ހޯދައި، އެމީހުން ކުރިއަށް ގެންދިޔުމުގައި ކުޅިވަރު އެއީ ވަރަށް މުހިންމު ބައެއް އަދާކުރާނެ ކަމެއް. އަނެއް ދާއިރާއަކީ ތަޢުލީމު. ސްކޫލް ކުދިން ވަކި ޢުމުރަކަށް ދިޔުމަށްފަހު، ނުވަތަ ކިޔެވުމުގައިވެސް ވަކި ހިސާބަކަށް ދިޔުމަށްފަހު، ސްކޫލުން ވަކިވެގެން މުޖްތަމަޢުގެ ތެރެއަށް ނުކުންނަނީ. އެކަމަކު ތަޢުލީމަކީ ހަމައެކަނި ސްކޫލްތަކުން ލިބޭ އެއްޗެއް ކަމުގައި އަޅުގަނޑުމެންނަށް ބެލޭކަށެއް ނޯންނާނެ. ތަޢުލީމަކީ އެއަށްވުރެ ފުޅާ ދާއިރާއެއްގައި ލިބެމުންދާ އެއްޗެއް. އެހެންވީމާ، ސްކޫލުން ނިމުމުން އެއީ އަދި ތަޢުލީމު ނިމުނީކީ ނޫން. މިދެންނެވި ޢުމުރަށް ކުދިން ދާއިރު އަޅުގަނޑުމެންގެ ތަޢުލީމީ ހަރުފަތް ރޭވިފައި ހުރިގޮތުން އެއީ ތަޢުލީމު ނިމޭ ހިސާބު. ސަރުކާރުގެ ސްކޫލްތަކުގައިވެސް ތަޢުލީމު ނިމޭ ހިސާބު. ގާތްގަނޑަކަށް 16 ވަރަކަށް އަހަރު އެއީ. އެހެންވީމާ، އޭގެފަހުންވެސް އެމީހުންގެ ތަޢުލީމީ ކަންތައްތަކާ ދޭތެރޭގައި މި މަޖިލީހުން ޚިޔާލުކުރައްވައި، އެތާނގައިވެސް ޒުވާނުން ޙަރަކާތްތެރިވާނެ މަގުތަކެއް ހޯއްދެވުން އެއީ އަޅުގަނޑު ހިތުން މަޖިލީހުން ކުރަންޖެހޭނެ ކަމެއް.
 
 ދެން އޭގެއިތުރަށްވެސް ވަރަށްގިނަ އެހެން ދާއިރާތައް އެބަހުރި. ޞިއްޙީ ދާއިރާ އެއީވެސް ވަރަށް މުހިންމު ދާއިރާއެއް. އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ހުރެގެންނޫނީ އެއްވެސް ކަމެއް ކުރިއަކަށް ނުގެންދެވޭނެ. ޚާއްޞަކޮށް، ޒުވާނުންނަށް ޞިއްޙީގޮތުން ލިބެންޖެހޭ އިރުޝާދުތަކާއި، އެމީހުންގެ ޒުވާންކަން ހިފެހެއްޓުމަށްވެސް ޞިއްޙީގޮތުން ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ. އެއީ ވަރަށް މުހިންމު ބައެއް. ޚާއްޞަކޮށް، މިކަހަލަ ޒަމާނެއްގައި ނޭދެވޭ ކަހަލަ ބައެއް ތަކެތީގެ ބޭނުންކުރުމުން ޒުވާނުންގެ ޞިއްޙަތަށް އެކިއެކި ގެއްލުން ލިބެމުންދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި މިކަހަލަ ކަންތައްތައް ވަރަށް ނޭދެވޭ ދަރަޖައަކަށް ފެތުރިގެން ގޮސްފައިވޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އެހިސާބަކަށް ނުދޭ. އެހެން ނަމަވެސް، މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބާވަތުގެ ކަންތައްތައް ކޮންމެވެސްވަރަކަށް އެބަހުރި.
 
އެހެންވީމާ، މިކަހަލަ ރޮނގުރޮނގުން ވިސްނައި، އެ ރޮނގުގައިވެސް ޒުވާނުންނަށް ޚިދްމަތްކުރުން ނުވަތަ ޒުވާނުން އަމިއްލައަށް އެމީހުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާ ދޭތެރޭގައި ވިސްނައި، މަޖިލީހުން އިރުޝާދު ދެއްވައި ހެއްދެވުން އެއީވެސް މަޖިލީހުގެ ދާއިރާއެއް ކަމުގައި، ނޫނީ މި މަޖިލީހުން މަސައްކަތް ކުރައްވަންޖެހޭނެ ގޮތެއް ކަމުގައި އަޅުގަނޑަށް ފެނޭ. ހަމައެއާއެކު އެކިއެކި ކޮމިއުނިޓީ މަސައްކަތްތަކުގައިވެސް ޒުވާނުން ބައިވެރިވާގޮތްވޭތޯ ބެލުން. އެ ދާއިރާ އެއީވެސް އަޅުގަނޑު ހިތުން ޒުވާނުންގެ މަޖިލީހުން ޙަރަކާތްތެރިވެވަޑައިގެންނެވިދާނެ ދާއިރާއެއް. މިހާރު އަޅުގަނޑުމެންގެ ތެރޭގައި މި މަސައްކަތް ފެށިގެން ކޮންމެވެސްވަރަކަށް ހިނގަމުން އެބަދޭ. އަވަށްއަވަށުގެ ޙަރަކާތްތައް މާލޭގައި ހިނގާ. އަދި އެކިއެކި ޖަމްޢިއްޔާތަކުންވެސް ވަރަށް އެދެވޭގޮތެއްގައި ޙަރަކާތްތަކެއް ހިންގަމުން އެބަދޭ. ރާއްޖެތެރޭގައިވެސް އެކި ރަށްރަށުގައި އެކިކަހަލަ ޙަރަކާތްތައް ހިނގަމުންދޭ. ކޮންމެ ބައެއްވެސް އެބައެއްގެ ޖަމާޢަތަށް ފައިދާހުރި އެކި ކަންކަން ކުރުމަށް މިހާރު އިސްނަގަމުންވެސް އެބަދޭ. އެހެންވީމާ، މިދެންނެވި ކަހަލަ ޙަރަކާތްތަކުގައިވެސް ޒުވާނުން ބައިވެރިކުރުވައި، އެމީހުންގެ ޚިދްމަތް ލިބޭނޭ ގޮތްތައް ރާވައި ހެދުން އެއީ މަޖިލީހުން ކުރެއްވިދާނެ ކަމެއް ކަމަށް އަޅުގަނޑަށް ފެނޭ. މިހެންގޮސް ވަރަށްގިނަ ދާއިރާތަކެއް އެބަހުރި، އެ ދާއިރާތަކުގައި މި މަޖިލީހުގެ ފަރާތުން ޙަރަކާތްތެރިވެވަޑައިގެންނެވިދާނެ.
 
އާދެ، މިވޭތުވެދިޔަ ތާނގައި އަޅުގަނޑުމެން މި އެދޭގޮތަށް ޒުވާނުން އެކިއެކި ކަންކަމުގައި ޙަރަކާތްތެރިވެފައި ނުވަނީ، އަޅުގަނޑު ހިތުން ވަރަށްގިނަ ސަބަބުތަކެއްވެސް ހުރެގެން. މިހާރު އަޅުގަނޑު މިދެންނެވި ޢުމުރަށް ވިސްނައިލެއްވިޔަސް (އެއީ 16 އަހަރާއި 35 އަހަރު. އެދޭތެރެއަށް ވިސްނައިލިޔަސް) އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ވަޒަންކުރެއްވޭނެ، މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ޒުވާނުންނާ ދޭތެރޭ މާބޮޑު އަޅާލުމެއް ނެތުމުގެ ސަބަބުން، އެމީހުންވެސް ކަންތައްތަކަށް އަޅާނުލާގޮތް މެދުވެރިވެފައިވަނީކަން. މިހާރު ޢުމުރުން 35 އަހަރުގެ މީހުންނަކީ އެމީހުންގެ ޙަޔާތުގެ އެންމެ ޙަރަކާތްތެރިވާން ފަސޭހަ، އަދި އެންމެގިނަ ޚިޔާލުތައް އެމީހުންނަށް އައިސް، ހުރިހާ ކަމެއްގައިވެސް ކުރިއަށްދެވޭނެ ޢުމުރުގައި އެމީހުން ތިބީ އެއްވެސްކަހަލަ އަޅާލުމެއްނެތި. އޭރު އެމީހުންގެ ޢުމުރުވާނީ ގާތްގަނޑަކަށް 13 އަހަރުން ފެށިގެން މިހާރު އެތިބި ޢުމުރާ ހަމައަށް އައިއިރު، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ނުވަތަ މުޖްތަމަޢުގެ ފަރާތުން އެމީހުންނާ ދޭތެރޭގައި މާބޮޑު އަހަންމިއްޔަތެއް ދެވިފައެއް ނެތް. މިހާރު 16 އަހަރުގެ ކުދިންނަކީ، އެހެންވީމާ، މިދިޔަ ދައުރުގެ ތެރޭގައި ހަމަ ވިހައިބޮޑުވެފައި ތިބި ކުދިން.
 
އެގޮތުން މިހާރު އަޅުގަނޑުމެން ޒުވާނުންނޭ މިކިޔާ ޢުމުރުގެ މީހުންނަކީ، އެއްވެސްކަހަލަ އަހަންމިއްޔަތެއް މީގެކުރިން ދެވިފައިވާ ބައެއް ނޫން. އެހެންވުމުގެ ސަބަބުން އެންމެ ބޮޑަށް އެމީހުންގެ ޙަރަކާތްތެރިކަން އަޅުގަނޑުމެންނަށް ނުފެންނަނީ. ޤައުމީ ކަންތައްތަކުގައިވެސް ވަރަށް އެކަށީގެންނުވާކަހަލަ ގޮތަކަށް، ނޫނީ ފޯރިއެއް ނެތްކަހަލަ ގޮތަކަށް އެމީހުންގެ ޙަރަކާތްތައް ފެންނަ ސަބަބަކީވެސް އެއީ. އެމީހުންނަށް އެއްވެސް ކަހަލަ އަޅާލުމެއް ނެތުމުގެ ސަބަބުން އެމީހުންގެ ފަރާތުންވެސް އަޅުގަނޑުމެންގެ މުހިންމު ކަންތައްތަކަށް އަޅާލުމެއްނެތީ. އެއީ އެކަންވާނެވެސްގޮތް. އެހެންވީމާ، އެހުރިހާ ކަމެއް ބަދަލުކުރެވޭތޯ ބެލުން އެއީ އަޅުގަނޑު ހިތުން މި މަޖިލީހުން އެންމެ ބޮޑަށް ވިސްނަވަންޖެހޭނެ ކަމަކީ. އަޅުގަނޑުމެންނަށް އެބަ ފެނޭ، މިހާރުވެސް ހިނގަމުންދާ ކަންތައްތަކުގައި ޒުވާނުންގެ ބޭނުންކުރެވެމުންދާއިރުވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ ފެންވަރަށް އެމީހުން ޙަރަކާތްތެރިވަމުން ނުދާތަން. އެއީ މިދެންނެވި ކަހަލަ ކިތަންމެ ސަބަބުތަކެއް ހުރެގެން. އެމީހުންގެ ބޭނުން ހިފޭއިރުވެސް އަޅުގަނޑުމެން ބޭނުންގޮތަށް އެމީހުން ލައްވައި ކަންތައް ކުރެވޭތަން އަންނާނީ އެންމެ ބޮޑަށް.
 
އެމީހުންގެ ޝުޢޫރަކީ ކޮބައިތޯ؟ އެމީހުންނަށް އިޙްސާސްވާ ކަންތައްތަކަކީ ކޮބައިތޯ؟ އެމީހުން ޙަރަކާތްތެރިވާން ބޭނުން ރޮނގުތަކަކީ ކޮބައިތޯ؟ އެމީހުންގެ ޚިޔާލަކީ ކޮބައިތޯ؟ އެކަހަލަ ކަންތައްތައް ނުބެލި، އެމީހުންނަށް އަޅުގަނޑުމެން ކިޔައިދީގެން މިވެނި ކަމެއް މިވެނިހެން ކުރާށޭ ބުނެގެން، އެގޮތަށް ކަންތައް ގެންދެވޭގޮތް ދިމާވާތަން އަޅުގަނޑު ހިތުން އެއީ އޭގެ ވަރަށްބޮޑު ސަބަބެއް. އެކަހަލަ ބައެއް މިސާލުވެސް އަޅުގަނޑާ ހަމައަށް އައިސްފައި އެބަހުރި، ދިމާވެފައި ހުންނަ ބައެއް ކަންތައްތަކުގައި. އަވަށްއަވަށުގެ ޙަރަކާތްތަކުގެ ތެރޭގައިވެސް، ޒުވާނުން ގެންދިޔަ ކަމުގައިވިޔަސް، ބޮޑެއްޗަށް ތިބޭ މީހުން ކިޔައިދެނީ މިވެނިހެން ހަދާށޭ. މާކުރިން ރޭވިފައި އޮންނަ ކަހަލަ ގޮތަކަށް އެމީހުން ލައްވައި ކަންތައްތައް ކުރުވަން އެމީހުންގެ ޚިޔާލު ނުހޯދާ. އެހެންވީމާ، އެމީހުންގެ ލަފައެއް މާބޮޑަކަށް ނުލިބޭ. ބައެއް ޖަމްޢިއްޔާތަކުގައިވެސް އެހެން އެބަ ދިމާވާކަން އަޅުގަނޑަށް ވިސްނިފައި އެބައޮތް. އެހެންވީމާ، އެގޮތް ބަދަލުކޮށްލައިފައި، އަޅުގަނޑު ކުރިންވެސް ދެންނެވިހެން، އެޚިޔާލު ދެކޮޅަށް ދަތުރުކުރާކަހަލަ ގޮތެއް ހަމަޖެއްސެވޭތޯ ބައްލަވައިގެން، އެމީހުންގެ ޚިޔާލު ހޯދައިގެން، އެގޮތަށް ގެންދެވިއްޔާހެން އަޅުގަނޑަށް ހީވަނީ މަޖިލީހުގެ ކަންތައްތައް ކާމިޔާބު ކުރެވޭނީ.
 
އާދެ، އަޅުގަނޑު މިކަމާ ދޭތެރޭގައި މާބޮޑަށް ޚިޔާލުކޮށްގެން، ތިޔަބޭފުޅުންނަށް ގޮތްތަކެއް ދަންނަވާކަށެއް ނޫން މިއައީކީ. އެކަމަކު މި މަޖިލީހުގެ ފުރަތަމަ ޖަލްސާ ކަމަށްވާތީ، އަޅުގަނޑުވެސް މިކަމާ ދޭތެރޭގައި ޚިޔާލުކުރެވިފައިވާ ގޮތްތަކެއް ތިޔަބޭފުޅުންނަށް ހުށަހަޅައިލުމަށްޓަކައި އަދި މަޖިލިސް ހުޅުވައިލުމުގެ ގޮތުން. އަޅުގަނޑު މިދެންނެވި ނުކުތާތަކާ ދޭތެރޭގައި ވިސްނަވައި ގޮތްތަކެއް ނެރުއްވުމަކީ އެއީ މަޖިލީހުގެ ކަމެއް. އަދި ހަމައެކަނި އަޅުގަނޑު މިދެންނެވި ދާއިރާތަކަށް އެކަނި މަޖިލީހުގެ މަސައްކަތްތައް ޚާއްޞަކުރުން އެއީވެސް މަޖުބޫރު ކަމެއް ނޫން. އެއަށްވުރެ ފުޅާ ދާއިރާތަކަށްވެސް ވަޑައިގެންނެވިދާނެ. އަޅުގަނޑު ހިތަށް ވަން ދާއިރާތަކެއްގެ ވާހަކަ އަޅުގަނޑަށް މި ދަންނަވާލެވުނީ. އަދި މި މަޖިލީހުގައި ޒުވާނުންގެ، މިއަށްވުރެ ގިނަ ޢަދަދެއްގެ މީހުން ބައިވެރިނުކުރެވުނު ކަމުގައިވިޔަސް، މަޖިލީހުން ރާއްވަވާ ކަންތައްތަކުގައި ޒުވާނުންގެ ބޭނުންކުރެއްވޭނެ. އެއީ އޭގެ ބޭނުމަކީ. މަޖިލީހުގެ ފަރާތުން ރާއްވަވާ ހުރިހާ ކަމެއްގައިވެސް ޒުވާނުން ބޭނުންކުރައްވައިގެން ޒުވާނުންނާ މަޖިލީހާ ދޭތެރޭގައި އޮންނަ ގުޅުން ބޮޑުކުރެއްވުން.
 
މިހާރު އުފެދިފައިވާ ޖަމްޢިއްޔާތަކާއި އަދި އަވަށްއަވަށުގެ އަވަށްކުރިއަރުވާ ކޮމިޓީތަކާއި އަދި ސްކޫލްތަކާ، މިހުރިހާ ޖަމާޢަތްތަކާއި މަޖިލީހާ ދޭތެރޭގައިވެސް ކޮންމެވެސްގޮތަކަށް ގުޅުން ޤާއިމުކުރެއްވިދާނެ. އަޅުގަނޑަށް ޚިޔާލުކުރެވޭގޮތެއް، އެއިން ކޮންމެ ޖަމްޢިއްޔާއެއް ނުވަތަ ކޮމިޓީއެއް ނުވަތަ މަދަރުސާއެއްގައިވެސް ކޮންމެވެސްކަހަލަ، ޒުވާނުންނާބެހޭ ޖަމާޢަތެއް ޤާއިމުކުރެވިފައި އޮތުން. މިސާލެއްގެ ގޮތުން ދަންނަވަންޏާ، މ.މ.ދ. ޖަމްޢިއްޔާގައިވެސް ޒުވާނުންގެ ގްރޫޕެއް އުފެއްދިދާނެ. އެނޫން ޖަމްޢިއްޔާތަކުގައިވެސް އ.މ.ދ ޖަމްޢިއްޔާ، ޖިންސުއްލަޠީފުންގެ ރޫޙު، މިއިން ކޮންމެ ތަނެއްގައިވެސް ހަމަ ޒުވާނުންގެ ގްރޫޕެއް (ޔޫތު ގްރޫޕެއް) ކޮންމެ ނަމެއް ވިދާޅުވިނަމަވެސް ޤާއިމުކުރެއްވިދާނެ. ދެން އެ ޖަމްޢިއްޔާތަކުން ހޮވާ ބައެއް، އެ ގްރޫޕެއްގައި ތިބޭނީ. ހަމައެގޮތަށް، އަވަށް އަވަށުގެ ކޮމިޓީތަކުގައިވެސް، އަވަށް ކުރިއަރުވާ ކޮމިޓީތަކުގައިވެސް ޒުވާނުންގެ ބައެއް (ޒުވާނުންގެ ގްރޫޕެއް) އުފެއްދެވިދާނެ.  އެއީ  އެ އަވަށަކުން އެބަޔަކު އިޚްތިޔާރު ކުރާނީ، މިދެންނެވި ކަހަލަ ގްރޫޕްތަކެއް އުފެދިގެން، އެއިން ކޮންމެ ގްރޫޕެއްގައިވެސް ކަން ހިންގާނެ މީހަކު (އިސްނަގާނެ މީހަކު) އެ ގްރޫޕަށް އިޚްތިޔާރު ކުރެއްވިދާނެ. އެގްރޫޕްގެ ލީޑަރެއް، ގްރޫޕް ލީޑަރ މިހެންވެސް ކިއިދާނެ. ނޫނީ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ އެހެން ނަމަވެސް ކިއިދާނެ. އެހެންވީމާ، އެކަހަލަ ގޮތެއް ހަދައިގެން، އެޖަމްޢިއްޔާތަކާއި މި މަޖިލީހާ ދޭތެރޭގައި އޮންނަ ގުޅުން ޤާއިމުކުރެއްވިދާނެ. އޭރުން މަޖިލީހުން ރާވާ ކަންތައްތައް، އެ ޖަމްޢިއްޔާތަކާއި ކްލަބްތަކުގެ ފަރާތުން، ކްލަބްތައް އެއީވެސް ވަރަށް މުހިންމު ބައެއް. އެހެންވީމާ، އެ ކްލަބްތަކުގައިވެސް މިދެންނެވި ކަހަލަ ޔޫތު ގްރޫޕެއް އުފެއްދެވިދާނެ. އެ ޔޫތު ގްރޫޕާއި މަޖިލީހާ ދޭތެރޭގައި އޮންނަ ގުޅުމެއްގެ ސަބަބުން މަޖިލީހުން ރާއްވަވާ ސިޔާސަތު ޒުވާނުންގެ ތެރޭގައި ފެތުރެމުންދާނީ.
 
ދެން މީގެ ބޭނުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑު ސިޔާސަތޭ ދެންނެވި ކަމުގައިވިޔަސް، ވަކިކަހަލަ ސިޔާސަތެއް މީހުންގެ ތެރޭގައި ހިންގަން ބާރުއެޅުމެއް ނޫން. އެއެއް ނޫން އޭގެ ބޭނުމަކީ. އޭގެ ބޭނުމަކީ، ހަމަ ޒުވާނުން ބައިވެރިކުރުވުން. އެމީހުންގެ ޙަރަކާތްތެރިކަން، ޤައުމުގެ އެކިއެކި ދާއިރާއަށް ލިބޭގޮތަށް ކަންތައްތައް ރޭވުން. ޒުވާނުން ތަރައްޤީ ކުރުން. އެއީ، ޒުވާނުންނަކީ ކުރިއަށް އޮތް ތާނގައި ޤައުމުގެ ހުރިހާ ކަމެއްވެސް ހިންގަން ތިބޭނެ ބަޔަކީ. ކުރިއަށް އޮތް ތާނގައި ލީޑަރޝިޕް އޮންނާނީ ޒުވާނުންގެ އަތްމަތީގައި. ޤައުމުގެ ލީޑަރޝިޕްވެސް އަދި އެހެނިހެން ދާއިރާތަކުގެ ލީޑަރޝިޕްވެސް. އޭގެ ޤިޔާދަތު ބަދަލުވެގެންދާނީ ޒުވާނުންގެ އަތްމައްޗަށް. އެހެންވީމާ، އެ ބަދަލުވެގެންދާއިރު، އެ މަސްއޫލިއްޔަތު އުފުލޭކަހަލަ، މަސްއޫލިއްޔަތު އުފުލަން ކެރޭކަހަލަ ޒުވާނުންތަކެއް ތަރުބިއްޔަތު ކުރެވިފައި ތިބުން އެއީ ވަރަށް މުހިންމު ކަމެއް. ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެންގެ ލީޑަރޝިޕާ ޙަވާލުވާނެ ބައެއް މިހާރުއްސުރެ ތައްޔާރުކުރަންޖެހޭނެތީ. މިގޮތުން އަޅުގަނޑުމެން ޚިޔާލުކުރަންޖެހެނީ.
 
 އާދެ، އެހެންވީމާ، އަޅުގަނޑު ހިތަށްވަދެފައި ހުރި ބައެއް ޚިޔާލުތަކެއް، ވަރަށްކުރު ގޮތެއްގައި މިދަންނަވާލީ. ދެން މިކަމައިގެން ކުރިއަށް ވަޑައިގަތުން އެއީ މަޖިލީހުގެ މަސްއޫލިއްޔަތެއް. މަޖިލީހުގެ މެންބަރުން މިކަންކަމާ ދޭތެރޭގައި މަޝްވަރާ ކުރައްވައިފައި، ފެނިވަޑައިގަންނަވާ ގޮތަކަށް އެކަން ހުށަހަޅުއްވައިގެން އެގޮތްތަކަށް ހިންގަވަމުން ގެންދަވާނެ ކަމުގައި އަޅުގަނޑު ޔަޤީންކުރަން. 

.