بســم اللّـه الرّحمـن الرّحيــم
           
  السّلام عليــكم ورحـمــة اللّـه وبـركاتـه،
  
الحمـد للّه ربّ العـالمـين، الصّـلاة والسّـلام عـلى أشـرف المرسـلين،  سيّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
އާދެ، ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ނައިބު އެ ވިދާޅުވި ފަދައިން، މިރަށަކީ އަޅުގަނޑު އައްޑުއަތޮޅަށް މިކުރާ ޒިޔާރަތުގެ ޕްރޮގްރާމްގައި ހަމަޖެހިފައިވާ އެންމެފަހު ރަށް. އެހެންނަމަވެސް، ހުޅުދޫއަކީ އެއްވެސް ހައިސިއްޔަތަކުން ބަލާއިރު އައްޑުއަތޮޅުގެ އެންމެފަހު ރަށެކޭ އަޅުގަނޑު ނުދަންނަވާނަން. މިކަން ހަމަޖެހިފައި މިވަނީ އަޅުގަނޑު ދެކޭގޮތުގައި [وختامه مسكއެހެން އެބުނާ އުޞޫލުގެ މަތިން. އާދެ، "ނިންމާލެވެނީ ހުވަނދުންނޭ". މިގޮތުން އަޅުގަނޑު ދެކެނީ، މިރަށަށް ވަރަށް ޚާއްޞަ ގޮތެއް ބެހެއްޓިއްޖެ ކަމަށް، އެންމެފަހު ރަށަކަށްވީތީ. ކޮންމެއަކަސް މިރަށަށް އައިސް މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި މާތްﷲގެ ކިބަޔަށް ޙަމްދާއި ޝުކުރުކުރަން.
 
އާދެ، އަޅުގަނޑަކީ މިރަށަށް އަދި އައްޑުއަތޮޅަށް މުޅިން އާ މީހެއް ނޫން. މީގެކުރިން ދެފަހަރެއްގެ މަތިން އައްޑުއަތޮޅަށް ޒިޔާރަތް ކުރުމުގެ ފުރްޞަތު އަޅުގަނޑަށް ވަނީ ލިބިފައި. އެންމެފުރަތަމަ އަޅުގަނޑު މިއަތޮޅަށް އައީ 1974 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި. އެފަހަރު އައީ އޭރުގެ ވަޒީރުލްއައުޡަމްގެ ޚާއްޞަ ވަކީލެއްގެ ގޮތުން، ސަރުކާރުން ފޮނުއްވީމާ. އެފަހަރު އައިސްވެސް ތިޔަބޭކަލުންނާއި ބޭކަނބަލުންނާ މުޚާޠަބު ކުރުމުގެ އުފާ އަޅުގަނޑަށް ލިބުނު. އަދި އެއްރޭ މިރަށުގައި ހުރުމުގެ އުފާވެސް އަޅުގަނޑަށް އެދުވަހުވަނީ ލިބިފައި. އޭގެފަހުން އަޅުގަނޑަށް، މިއަތޮޅަށް ކުރެވުނު ޒިޔާރަތަކީ ގަމަށް އައި ފްލައިޓަކުން މިދިޔަ އަހަރުގެ ކުރީކޮޅުގައި އަޅުގަނޑަށް އާދެވުނު ދުވަހަކު އަޅުގަނޑަށް ލިބުނު އުފަލެއް. އެދުވަހު ހަމައެކަނި އާދެވުނީ ގަމަށް. ދެން ގަމުން އެއްގަމު މަގުން ހިތަދުއާ ހަމައަށް ދިޔައިން. އެދުވަހު މިރަށަށް އައުމުގެ ފުރްޞަތެއް އަޅުގަނޑަކަށް ނުލިބޭ. އެހެންނަމަވެސް މީގެކުރިންވެސް ތިޔަބޭކަލުންނާ އަޅުގަނޑު ވަނީ ބައްދަލުވެފައި. މިއަދުވެސް އަޅުގަނޑު މިއައީ ދައުލަތުގެ ޚިދުމަތުގައި. އަދި ރައްޔިތުންގެ ޚިދުމަތުގައި. މީގެ ފަސްއަހަރު ދުވަހުގެ ކުރިން އަޅުގަނޑު މިރަށަށް އައީވެސް ދައުލަތުގެ ޚިދުމަތުގައި އަދި ރައްޔިތުންގެ ޚިދުމަތުގައި.
 
އާދެ، އަޅުގަނޑު އައްޑުއަތޮޅަށް މިކުރި ޒިޔާރަތަކީ ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑަށް ފާހަގަކުރެވޭ ޒިޔާރަތެއް. މިދަތުރުގެ ހަނދާންތައް އަޅުގަނޑުގެ ހިތަކުން ދުވަހަކުވެސް ފިލައިގެނެއް ނުދާނެ. މިއަތޮޅުގައި މިހޭދަކުރި ވަގުތުތަކަކީ އަޅުގަނޑުގެ ޙަޔާތުގައި އަޅުގަނޑަށް ކުރިމަތިވި ވަރަށް އުފާވެރި ވަގުތުތަކެއް ކަމަށް އަޅުގަނޑު މިދަންނަވަނީ ތެދުވެރިކަމާއެކު. އާދެ، ކަންދިމާވިގޮތުން އަތޮޅުގެ ރަށްރަށުގެ ޢަދަދުގެ ނިސްބަތުން ބަލާއިރު، މިއަތޮޅުގައި އަޅުގަނޑަށް ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައި ހޭދަކުރަން ދިމާވެފައިވާ ވަގުތުތަކަށްވުރެ ގިނަވަގުތުތައް ހޭދަކުރެވޭގޮތަށް ވަނީ ދިމާވެފައި. ދެދުވަހާ ތިންރޭ މިއަތޮޅުގައި އަޅުގަނޑު އެބަ ހޭދަކުރަން. އެކަން އެގޮތަށް ހަމަޖެހުނުކަން އެއީވެސް އަޅުގަނޑު ދެކޭގޮތުގައި ވަރަށް ރަނގަޅަށް ދިމާވި ކަމެއް. ވަރަށްގިނަ ގޮތްގޮތުން ބަލާއިރު، މިއަތޮޅަކީ ޚާއްޞަ އަތޮޅެއް. މީގެކުރިންވެސް މިއަތޮޅުގެ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް އަޅުގަނޑު މިގޮތުން މުޚާޠަބުކޮށް ދެއްކި ވާހަކަތަކުގައި އިޝާރާތްކުރި ފަދައިން، ތަޢުލީމީ ގޮތުންނާއި އަދި ރަށްވެހިކަމުގެ ގޮތުން އައްޑުއަތޮޅަކީ ރާއްޖޭގެ އެހެނިހެން އަތޮޅުތަކަށް ބަލާއިރު، ވަރަށްމަތީ މަޤާމެއް ހޯދައިފައިވާ އަތޮޅެއް. އަދި އެކަމަށްޓަކައި އަޅުގަނޑު ދެކެނީ، އައްޑުއަތޮޅަކީ ރާއްޖެއަށް ލިބިފައިވާ ފަޚްރެއް ކަމަށް.
 
އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ބޭނުމަކީ ހަމަ އެންމެ ކަމެއް. އެއީ ދައުލަތުގެ ހެޔޮއެދުމާއި އިޚްލާޞްތެރިކަން ރާއްޖޭގެ ރައްޔިތުންނާ އެކުގައިވާކަން ރާއްޖޭގެ ރައްޔިތުންނަށް ހާމަކޮށްދިނުން. މީގެކުރިން އަޅުގަނޑު ވަނީ އެންމެ އުތުރުގެ ދެއަތޮޅަށް ޒިޔާރަތްކޮށްފައި. ހއ. އަތޮޅަށާއި ހދ. އަތޮޅަށް. އޭގެކުރީގައި މާލެއަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރުމުގެ ފުރްޞަތުވެސް އަޅުގަނޑަށް ވަނީ ލިބިފައި. މިހާރު އަޅުގަނޑު މިއުޅެނީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުގައި އާދެ، އައްޑުއަތޮޅުގައި. މިދަތުރުތަކުގެ ބޭނުމަކީ އަޅުގަނޑު މިދެންނެވި ފަދައިން، ސަރުކާރުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ވަނީ ރައްޔިތުންނާ އެކުގައިކަން ރައްޔިތުންނަށް ހާމަކޮށްދިނުން. އަދި ހަމައެއާއެކު ރާއްޖޭގެ ރައްޔިތުންނާ ބައްދަލުކޮށް، ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވާ އެކިއެކި ދަތިތައް އޮޅުންފިލުވައި، އެކަންތައްތައް ހަމަޖެހުމަކަށް ގެނައުމުގައި ސަރުކާރަށް ވެވެން އޮންނާނީ ކޮންކޮން ކަންތައްތަކެއްތޯ އޮޅުންފިލުވުން. އެއީ މިދަތުރުގެ އެންމެބޮޑު މަޤްޞަދު. އަޅުގަނޑު މީގެކުރިން މާލެއިން އުތުރުގެ އަތޮޅުތަކަށް ކުރި ޒިޔާރަތުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށާއި އަދި އޭގެފަހުން މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ނައިބު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިހާރުވަނީ ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީ ކުރުމަށްޓަކައި މަޝްރޫޢެއް ރޭވިފައި. އެ މަޝްރޫޢުގެ ވާހަކަ ތިޔަ އެންމެ ކަލުންނާއި ކަނބަލުންވާނީ އައްސަވާފައި. އެ މަޝްރޫޢުގެ އެކިއެކި ނުކުތާތަކަށް ވިސްނާއިރު، އެއީ މިވަގުތު ކޮންމެހެން ކުރަން ޖެހިފައިވާ ކަންތައްތަކެއް. ރާއްޖެތެރެ ތަރައްޤީ ކުރުމުގެ ގޮތުން، ރާއްޖެތެރެ އިޞްލާޙު ކުރުމުގެ ގޮތުން، ރާއްޖެތެރޭގެ ކަންތައްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން.
 
އާދެ، ތިޔަ އެންމެ ކަލުންނަށާއި ކަނބަލުންނަށް އަޅުގަނޑަށްވުރެވެސް ރަނގަޅަށް އެނގިލައްވާނެ ފަދައިން، ރާއްޖެތެރޭގެ ކަންތައްތައް ވަނީ ވަރަށް ނޭދެވޭ ކަހަލަ ގޮތަކަށް. މީގެކުރިން ރާއްޖެތެރޭގެ ކަންތައްތަކަށް އެއްވެސްކަހަލަ ޢިނާޔަތްތެރިކަމެއް ސަރުކާރުން ދެއްވިފައެއް ނެތް. އެކަމުގެ ސަބަބުން ރާއްޖެތެރޭގެ ހުރިހާ ކަމެއްވަނީ ވަރަށް ހިތާމަކުރަންޖެހޭފަދަ ދަރަޖައަކަށް ދަށަށް ގޮސްފައި. ރާއްޖެތެރޭގައި ތަޢުލީމު ޙާޞިލު ކުރެވޭނެ މަގެއް ތަނަވަސްވެފައެއް ނެތް. އަޅުގަނޑު މިދެންނެވީ ފަހަރެއްގައިވެސް ރަށްރަށުގެ ރައްޔިތުން، އެމީހުން އަމިއްލައަށް މަކްތަބްތަކާއި މަދަރުސާތައް ހުޅުވައިގެން އެމީހުންގެ ދަރިންނަށް ތަޢުލީމު ޙާޞިލު ކުރުމުގެ ފުރްޞަތު ތަނަވަސްކޮށްނުދެއެކޭ ނޫން. އަޅުގަނޑު މިދެންނެވީ ސަރުކާރުގެ ޚަރަދުގައި ސަރުކާރުން ހިންގަވާ ސްކޫލެއް މީގެކުރީގައި ރާއްޖެތެރޭގައި ނެތް ވާހަކަ.
 
އާދެ، އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށްބޮޑު އުނިކަމެއް. ތަޢުލީމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ޙައްޤު. ރާއްޖޭގެ ކޮންމެ ދަރިއެއްގެވެސް ޙައްޤު. އެހެންކަމުން ތަޢުލީމު ރާއްޖެތެރޭގެ ދަރިންނަށް ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުގެ މަސްއޫލިއްޔަތެއް. ވުމާއެކު މިހާރު އަޅުގަނޑު މިދެންނެވި މަޝްރޫޢުގައި ރާއްޖެތެރޭގެ ތަޢުލީމަށް ޚިދުމަތް ކުރުން ހިމެނިފައިވޭ. ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ އެއް މަދަރުސާ ހުޅުވުން ހިމެނިފައިވޭ. އަދި އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވަން، މިހާރު އަޅުގަނޑު މިވާހަކަ ދައްކާއިރު، ރާއްޖޭގެ 19 އަތޮޅުންކުރެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިނގާ ސްކޫލެއް މިހާރު ހިނގަމުންދާ ވާހަކަ. މިއީ މީގެކުރިން، މީގެ އަށެއްކަ މަސްދުވަސް ކުރިން އެއްގޮތަކަށްވެސް ނެތްކަމެއް. އޭރު ކަންތައްތައް ހުރިގޮތުން، ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުވެސް ވަނީ ހަމައެކަނި ވަކިބަޔަކަށް ލިބޭގޮތަށް. އެއީ މާލޭގެ މީހުން. މާލޭގެ މީހުންގެ ދަރިންނަށް. ހަމައެކަނި ސަރުކާރުގެ ތަޢުލީމު ލިބޭގޮތް ހަމަޖެހިފައި އޮތީ، ރާއްޖެތެރޭގެ މީހުންގެ ތެރެއިން އެމީހުންގެ އަމިއްލަ ތަނަވަސްކަންހުރި މިންވަރަކުން މާލެއަށް އެމީހުންގެ ދަރިން ފޮނުވައިގެން، އެކުދިންނަށް ތަޢުލީމު ޙާޞިލުކޮށްދެވޭވަރުގެ ފެންވަރުހުރި މީހުންނަށް. ރާއްޖެތެރޭގެ އާދައިގެ މީހުން، ރާއްޖެތެރޭގެ ޢާންމު ރައްޔިތުންނަށް ތަޢުލީމު ލިބޭކަހަލަގޮތަކަށް އެއްވެސްކަމެއް އޭރު ހަމަޖެހިފައެއްނުވޭ. އެއާޚިލާފަށް މިހާރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިނގާ އެއް ސްކޫލް އެބަހުރި. އެއީ ޕްރައިމަރީ ސްކޫލެއް. މިއަތޮޅުގައި އެ މަދަރުސާ ހުރީ ހިތަދޫގައި. އޭގެއިތުރަށް މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން މިހާތަނަށް ހިނގަމުން އައިސްފައިވާ މަކްތަބްތަކަށާއި މަދަރުސާތަކަށާއި ނުވަތަ ސްކޫލްތަކަށް ސަރުކާރުން އެހީވެދެއްވާގޮތަށް މިހާރުވަނީ މި މަޝްރޫޢުގައި ހަމަޖެހިފައި.
 
މިކަމާ ގުޅިގެން އަޅުގަނޑު ވަރަށް ޚާއްޞަ އުފަލަކާއެކު ދަންނަވަން. މިރަށުގެ ނަޞްރިއްޔާ ސްކޫލަށް ސަރުކާރުން އެހީވެދޭގޮތަށް މިހާރުވަނީ ހަމަޖެހިފައި. އަޅުގަނޑު ދެންމެ މިރަށަށް ފޭބިއިރުވެސް ނަޞްރިއްޔާ ސްކޫލުގެ ކުދިންކޮޅަކާ ދިމާވި. އެސްކޫލުގެ ކެޑެޓުންނާއި އަދި އެހެން ކުދިން. އެކުދިންގެ ހުރިހާ ކަމެއްވެސް އަޅުގަނޑަށް ފެނުނުގޮތުގައި ވަރަށް ރަނގަޅު. ވަރަށް ފުރިހަމަގޮތަކަށް އެކުދިންގެ ތަޢުލީމާއި އަދި އެހެނިހެން ކަންތައްތައްވެސް ދާކަމަށް އަޅުގަނޑަށް ފެނުނު. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި އަޅުގަނޑު ހިތުން މިހާރު މިހަމަޖެހުނު ގޮތުން އެ ސްކޫލް ހިންގުމަށް އިތުރު ހަމަޖެހުމެއް ލިބޭނެ. އަދި ސްކޫލް ތަޢުލީމުގެ މަގުގައި އެ އަދާކުރާ ޚިދުމަތްތަކަށް އިތުރު ތަރައްޤީއެއް ލިބޭނެ. ތިޔަބޭކަލުންގެ ތެރެއިން ވަރަށްގިނަ ބޭކަލުން ސުވާލުކުރެއްވުން އެކަށީގެންވޭ، ސަރުކާރުގެ ޚަރަދުގައި ކޮންމެ އަތޮޅެއްގައިވެސް އެއް މަދަރުސާ ހުރެގެން ފުދޭނެހޭ؟ އޭގެ ޖަވާބުގައި ދަންނަވަންޖެހެނީ، އެއް މަދަރުސާއަކުން ނުފުދޭނެއޭ. އެހެންނަމަވެސް މިވަގުތު އަދި ކަންތައްތައް ހުރިގޮތުން އެއްވެސް އަތޮޅެއްގައި ސަރުކާރުން ހިންގާ އެއް މަދަރުސާއަށްވުރެ ގިނަ މަދަރުސާ ހިންގޭކަށެއް ނެތް. ސަބަބަކީ އެކަމަށް ބޭނުންވާ ފައިސާގެ ޢަދަދުގެ ގިނަކަން. އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެންގެ ޤައުމަށް ލިބޭ އާމްދަނީއަކީވެސް ވަރަށް ކުޑަކުޑަ އެއްޗެއް. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކުރެވިގެން ނޫނީ އަޅުގަނޑުމެންނަށް ޚަރަދު އެހާ މަތީ ޢަދަދަކަށް ހިންގޭކަށް ނޯންނާނެ.
 
 އެހެންނަމަވެސް، އަޅުގަނޑު ޔަޤީންކޮށް އަރުވަނީ، މިއީ ހަމައެކަނި ފަށައިގަތުމެއް ކަމަށް. މިހާރު ސަރުކާރުގެ ޚަރަދުގައި ކޮންމެ އަތޮޅެއްގައިވެސް އެއް މަދަރުސާ ހިންގާގޮތަށް އޮތް ނަމަވެސް، ގަސްދުކުރެވިފައިވަނީ ސަރުކާރުގެ ތަނަވަސްކަން އިތުރުވީ މިންވަރަކުން އަތޮޅުތަކުގައި ސަރުކާރުގެ ޚަރަދުގައި އިތުރު މަދަރުސާވެސް ހިންގުމަށް. އަދި އެހެންގޮސް އަޅުގަނޑު ހިތުން ކޮންމެވެސް ދުވަހެއްގައި ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިނގާ ސްކޫލެއް ހުންނާނެ.
 
ތަޢުލީމުގެ އިތުރަށް އަޅުގަނޑު މިދެންނެވި މަޝްރޫޢުގައި، އެހެން ވަރަށްގިނަ ކަންތައްތައްވެސް ހިމެނިފައިވޭ. އޭގެތެރޭގައި ބައެއް ރަށްރަށުގެ ފަޅުތެރެ ފުންކުރުން، ނެރުކެނޑުން، ބައެއް ރަށްރަށުގެ އޮފީސް ޢިމާރާތް މަރާމާތުކުރުން. ނުވަތަ އަލުން އޮފީސް ހެދުން. ބައެއް ރަށްރަށުގެ މިސްކިތްތައް މަރާމާތުކުރުން. ވަރަށްގިނަ ރަށްރަށުގެ މިސްކިތްތައް މަރާމާތުކުރުން ހިމެނޭ. އަދި ބައެއް ރަށްރަށުގައި މުޅިން އަލުން މިސްކިތް އެޅުންވެސް ހިމެނޭ. އަދި އަތޮޅުގެ ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުމުގެ ޚަރަދުވެސް ހިމެނޭ. މިހެންގޮސް ވަރަށްގިނަ ކަންތައްތައް މި މަޝްރޫޢުގައިވޭ. އެހެންނަމަވެސް އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި މަޝްރޫޢަކީ އަދި ފެށުމެއް. މި މަޝްރޫޢަކީ ތިން އަހަރު ދުވަހަށް ހެދިފައިވާ މަޝްރޫޢެއް. އޭގެއިތުރަށް އެހެނިހެން ކިތަންމެ މަޝްރޫޢުތަކެއް ހެދިގެން، އެ މަޝްރޫޢުތަކަށް ޢަމަލުކުރެވިގެން ނޫނީ، އަޅުގަނޑުމެންގެ ރާއްޖެތެރޭގެ ކަންތައްތައް އަޅުގަނޑުމެން އެދޭ ފެންވަރަކަށް ކުރިއަކަށް ނުގެންދެވޭނެ.
 
އާދެ، މިރަށާ ބެހޭގޮތުން މި މަޝްރޫޢުގައި އަދި ހިމެނިފައިވަނީ އެންމެ ކަމެއް. އެއީ މިރަށުގެ ނެރު، ޑައިނަމައިޓް އަޅައިގެން ގޮއްވާލުން، ނެރުކެނޑުން އެއީ އަޅުގަނޑު ހިތުން މިރަށަށް ވަރަށް ބޭނުންވެފައިވާ ކަމެއް. ރަނގަޅު ނެރެއް ނެތުމުގެ ސަބަބުން މިރަށު މީހުންނަށް ވަރަށްގިނަ ގޮތްގޮތުން ދަތިވެފައިވާކަން އަޅުގަނޑަށް އެނގޭ. އާދެ، ނެރާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމާ ގުޅިގެން، އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެހެން ވާހަކައެއްވެސް އެބައޮތް. އެއީ މިރަށަށް އަޅުގަނޑު އައިއިރު މިރަށު ފަޅުތެރޭގައި ވަރަށްގިނަ ބޯޓްފަހަރު އަޅާފައި އޮތްތަން އަޅުގަނޑު ދުށިން. މިރަށަކީ އަޅުގަނޑަށް ހީވާގޮތުގައި ވަރަށްގިނަ ބޯޓްފަހަރު ދުއްވާ ރަށެއް. އެއީ މިއަތޮޅަށް، މިރަށުގެ އެ ބޯޓްފަހަރު ދުއްވާ ބަޔަކު ކުރާ ވަރަށް މަތިވެރި ޚިދުމަތެއް ކަމުގައި އަޅުގަނޑު ދެކެން. މިއަތޮޅަށާއި މިއަތޮޅުގެ މީހުންނަށާއި، މިއަތޮޅުގެ ތަރައްޤީއަށް އެބޯޓްފަހަރު ދުއްވުމުގެ ސަބަބުން ވަރަށްމަތީ ޚިދުމަތްތަކެއް ލިބެމުންދާކަމާމެދަކު ޝައްކެއްނެތް. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއަކީ، ބޯޓްފަހަރު ދުއްވުމުގައިވެސް އެއް އުޞޫލެއް ގެންގުޅެންޖެހޭނެކަން. ތިޔަބޭކަލުންނާއި ބޭކަނބަލުން އައްސަވާނެ، ވަރަށްގިނަފަހަރަށް ދިމާވާ ހިތާމަވެރި ހާދިސާތަކުގެ ވާހަކަ. ބައެއް ބޯޓް، ދިމާވާ ސަބަބުތަކާހުރެ، ބެހިގެން އެބަދޭ. އިންޖީނު ހަލާކުވެ ނުވަތަ އެހެނިހެން ނުރައްކާތައް މެދުވެރިވޭ. މޫސުމް ނުބައިވުމުގެ ސަބަބުން ނުވަތަ އިންޖީނު ހަލާކުވުމުގެ ސަބަބުން ބޯޓްފަހަރުން ގެންދާ ފަސިންޖަރުންގެ ފުރާނައަށް ނުރައްކާވާތަން އެބައާދޭ. ބޯޓްފަހަރުން ގެންދާ މުދާ މުޅިން ހަލާކުވެ ގެއްލިގެންދާތަން އެބައާދޭ. ބޯޓްފަހަރު ބެހިގެން ރާއްޖެއިން ބޭރަށް ގޮސް ވަރަށްގިނަ ޚަރަދުތަކެއް ކޮށްގެން ނޫނީ އެބޯޓްފަހަރުގެ ފަސިންޖަރުންވެސް ސަލާމަތްނުކުރެވޭތަނާއި އަދި އަމުދުން ބޯޓްފަހަރު ނުގެނެވޭތަންވެސް އެބައާދޭ.
 
ވީމާ، އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ ކޮންމެ ކަމެއްވެސް ތަރައްޤީކުރަންޖެހޭނެ ފަދައިން، އަދި ކޮންމެ ކަމެއްވެސް ވާނީ ކަނޑައެޅިގެން ވަކި ޚާއްޞަ އުޞޫލުތަކެއްގެ މަތިން ކަމުގައިވާފަދައިން، ބޯޓްފަހަރުވެސް ދުއްވަންވާނީ އެފަދަ ހަރުދަނާ އުޞޫލެއްގެ މަތިންކަން. ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ބޯޓްފަހަރު ދުއްވުމާބެހޭ ޤާނޫނެއް އޮވޭ. އަދި ރާއްޖޭގެ ކަންތައް ހުރިގޮތުން އެފަދަ ޤާނޫނެއް ހެދިފައިނެތީ. އެހެންނަމަވެސް، ރާއްޖޭގައި އެއްގަމުގައި ދުއްވާ އެއްޗެތީގެ ޤާނޫނެއް އެބައޮތް. އިންޖީނުލީ އެއްޗެތީގެ ޤާނޫނެއްވެސް އެބައޮތް. އިންޖީނު ނުލާ އެއްޗެތީގެ ޤާނޫނެއްވެސް އެބައޮތް. އެހެންވުމާއެކު، ކަނޑުގައި ދަތުރުފަތުރުކުރާ އުޅަނދުތަކުގެ ޤާނޫނެއްވެސް ވަރަށް އަވަހަށް ހެދޭނެ. އެކަމުގެ ފުރަތަމަ ބޭނުންވާ މަޢުލޫމާތުތައް މިހާރުވަނީ އެއްކުރެވިފައި. އަދި ޤާނޫނެއްގެ ޑްރާފްޓްވެސް ވަނީ ތައްޔާރުކުރެވިފައި. އެއީ ވަރަށްބޮޑު ޤާނޫނެއް. އެ ތައްޔާރުކުރެވިފައިވަނީ ދުނިޔޭގެ ކަނޑުދަތުރުތަކާބެހޭ ޖަމްޢިއްޔާގެ އެހީގައި. އެއީ "އިމްކޯ" ގެ އެހީގައި ތައްޔާރުކުރެވުނު ޤާނޫނެއް. އެއީ އަޅުގަނޑު މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަޤާމުގައި ހުރިއިރު، "އިމްކޯ" ގެ ވެރިންނާ މަޝްވަރާކޮށްގެން "އިމްކޯ" ގެ އެހީގައި މާލެ ދުރުވި އެޑްވައިޒަރުންގެ ލަފާގެމަތިން. އަދި އެބޭކަލުން ތައްޔާރުކޮށްދެއްވި ޤާނޫނެއްގެ ޑްރާފްޓް މިދެންނެވީ. އެއީ ވަރަށްބޮޑު އެއްޗަކަށްވާތީ، އަދި ދިވެހިބަހަށް ތަރުޖަމާ ނުކުރެވިއޮތީ. ދިވެހިބަހަށް ތަރުޖަމާ ކުރެވިގެން، އެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްވާންޖެހޭނެ. އެކަމަށް އަޅުގަނޑު ހިތުން ވަރަށްގިނަ ދުވަސްތަކެއް އަދި ބޭނުންވާނެ.
 
 އެހެންވުމާއެކު، މިހާރު ގަސްދުކުރެވިފައިވަނީ މިދެންނެވި ޤާނޫނު ދިވެހިބަހަށް ތަރުޖަމާކުރެވި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިންވެސް އަޅުގަނޑުމެންގެ ކަނޑުދަތުރުތަކުގެ ކަންތައްތައް، ވަކި އުޞޫލެއްގެ މަތިން ހަމަޖެހިފައި އޮންނަންޖެހޭނެތީ، އެކަމާބެހޭ ގަވާއިދެއް ސަރުކާރުން ހައްދަވަނީ. އަޅުގަނޑަށް ހީވާގޮތުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެވެސް އަވަސް ފުރްޞަތެއްގައި މި ގަވާއިދު ހަމަޖެހޭނެ. އެއީ ކަނޑުދަތުރުކުރާ މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުން، އެއީވެސް ސަރުކާރުގެ މަސްއޫލިއްޔަތަކަށްވާންވާނެ. އަދި އެ ދަތުރުކުރާ އުޅަނދުތައް ވަކިގޮތެއްގެ މަތިން ބެލެހެއްޓި، އެ އުޅަނދުތަކުގެ ސަލާމަތްކަން އެއީވެސް ސަރުކާރުން ކޮށްދޭންޖެހޭނެ ކަމެއް. ހަމައެއާއެކު އެ އުޅަނދުތަކުން ގެންދާ މުދާވެސް ރައްކާތެރިކުރެވޭނެ ގޮތެއްގެ ގަވާއިދު ސަރުކާރުންވާނެ ހަމަޖެހެން. އެހެންވީމާ، އަޅުގަނޑު މިބޯޓްފަހަރު ދުއްވާ ބޭކަލުންނަށް ނަޞޭޙަތްތެރިވަނީ އަދި އިލްތިމާސް ކުރަނީ، އެބޭކަލުން އެ އަދާކުރައްވާ މަތިވެރި ޚިދުމަތަށް އެއްވެސް ބާވަތެއްގެ ނޭދެވޭ ބަހެއް ރައްދުވާކަހަލަ ގޮތަކަށް އެކަންތައް ނުކުރެއްވުމަށް. އަދި ހަމަޖެހޭ ރަނގަޅު އުޞޫލެއްގެ މަތިން އެކަންތައްތައް ކުރައްވަމުން ގެންދެވުމަށް. އަޅުގަނޑު ފަހަރެއްގައިވެސް ނުދަންނަވަން، މިހާތަނަށްވެސް އެކަންތައްތައް ހިނގާފައިވަނީ އެ ބޯޓްފަހަރު ދުއްވާ މީހުންގެ ކަންތައް ހުންނަ ގޮތުންނެކޭ. އެހެނެއްނޫން އެކަންވަނީކީ. އެއީ އެމީހުންނަށް އިރުޝާދު ލިބެންވާ ފަރާތުން އިރުޝާދު ނުލިބޭތީ، އެކަން އެހެންވެފައި އޮންނަނީ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެހާބޮޑަށް މީގެކުރިން އަޅާނުލައްވައި އޮތުމުގެ ސަބަބުން. އަދި ސަރުކާރުން އެމީހުންނަށް ދެއްވަންޖެހޭ އިރުޝާދު އެމީހުންނަށް ނުދެއްވައި އޮތުމުގެ ސަބަބުން، އެގޮތަށް ކަންތައްތައް ދިމާވެފައި ހުންނަނީ. މިހާރު އެކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުކުރެވޭނެ. ސަރުކާރުގެ ކަމާބެހޭ ފަރާތުން އެކަމާ ގުޅޭގޮތުން ބޯޓްފަހަރުގެ ވެރިންނަށާއި، ބޯޓްފަހަރުން ދަތުރުކުރާ މީހުންނަށާއި، ބޯޓްފަހަރުން މުދާ ފޮނުވާ މީހުންނަށް ދެއްވަންޖެހޭ އިރުޝާދުތައް ދެއްވާނެ. އެގޮތުގެ މަތިން އަޅުގަނޑުމެން ކަންތައްތައް ގެންގޮސްފިނަމަ، އިރާދަކުރެއްވިއްޔާ މީގެފަހުން މިކަހަލަ ހިތާމަވެރި ހާދިސާތަކެއް ދިމާވާކަށެއް ނުޖެހޭނެ.
 
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން އަދިވެސް ދެ ނުކުތާއަކަށް އިންޞާފުކޮށްލަން ބޭނުންވޭ. އެތަނުން އެއް ނުކުތާއަކީ، އަޅުގަނޑުމެން ކުރާ މަސައްކަތް ފަރުވާތެރިކަމާއެކު ކުރުމުގެ މައްޗަށް. އާދެ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އަމިއްލަ އަތުން ކުރާ މަސައްކަތުން ދިރިއުޅޭ ބައެއް. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅެން ބޭނުންވާ އާމްދަނީ ހޯދަނީ އެމީހަކު ކުރާ މަސައްކަތެއްގެ ވާސިޠާއިން. އެހެންކަމަށްވުމާއެކު އަޅުގަނޑުމެން، އަޅުގަނޑުމެން އަމިއްލަ ދިރިއުޅުން ތަނަވަސްކުރަން ބޭނުންވާނަމަ އޮތް މަގަކީ ހަމަ އެންމެ މަގެއް. އެއީ އަޅުގަނޑުމެން ކުރާ މަސައްކަތް އިތުރުކުރުން. އަދި އެކުރާ މަސައްކަތުގައި ފަރުވާބެހެއްޓުން. އެއިން އެންމެބޮޑު އެންމެމޮޅު ނަތީޖާއެއް ލިބޭނެގޮތަކަށް އެ މަސައްކަތް ކުރަމުން ގެންދިއުން. އާދެ، މިދަންނަވަނީ އެއްގޮތަކަށްވެސް އެކުރައްވާ މަސައްކަތުން ސަރުކާރަށް ވަކި ފައިދާތަކެއް ހޯދަން ބޭނުންވާތީ، މަސައްކަތް ކުރުމުގައި އިތުރު ފަރުވާތެރިކަމެއް ބަހައްޓަވަންޖެހޭނެ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކު އެކުރާ މަސައްކަތެއް އިޚްލާޞްތެރިކަމާއެކު ކުރާކަމުގައިވަންޏާ އެންމެ ފުރަތަމަ އެއިން ރަނގަޅު ނަތީޖާއެއް ލިބޭނީ ހަމަ އެމީހަކަށް. ދެން އެމީހެއްގެ ޢާއިލާއަށް. އެމީހަކު އުޅޭ ރަށަށް. މިހެންގޮސް އެންމެފަހު ނަތީޖާއަކަށްވާނެ، އެކަމުން ޤައުމަށް ކުރާ ފައިދާވެސް. އެހެންނަމަވެސް، އެކަމުން އެންމެ ފުރަތަމަ ރަނގަޅު ނަތީޖާއެއް ލިބޭނީ ހަމަ އެމީހަކަށް. އެހެންވީމާ، އަޅުގަނޑު މި އިލްތިމާސް ކުރަނީ، އަދި އަޅުގަނޑުދާ ކޮންމެ ރަށެއްގެ ރައްޔިތުންނާ ވާހަކަ ދައްކާއިރުވެސް މި ޕޮއިންޓަށް ވަރަށްބާރުއަޅަން. އެއީ އަޅުގަނޑުމެން ކުރާ މަސައްކަތުގައި އިތުރު ހީވާގިކަމެއް ބޭނުންކޮށްގެން، އިތުރު ފަރުވާތެރިކަމެއް ބަހައްޓައިގެން، އެއިން ލިބޭ އެއްޗެއް އިތުރުކުރެވޭތޯ ބެލުން.
 
އާދެ، އަޅުގަނޑުމެންގެ ހުރިހާ ބޭނުންތަކެއް ފުއްދަންޖެހެނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެން ކުރާ މަސައްކަތުން ލިބޭ އާމްދަނީއިން. އަޅުގަނޑުމެންނަށް ބޭނުންވާ ކާނާ ހޯދަންޖެހެނީވެސް އެ އާމްދަނީއިން. އަޅުގަނޑުމެން ގެ ހަދަން ބޭނުންވެއްޖެ ނަމަވެސް، ގެ ހެދެނީވެސް ނުވަތަ ހަދަން ބޭނުންވާ ޚަރަދު ހޯދެނީވެސް އެ އާމްދަނީއިން. އަދި އަޅުގަނޑުމެންނަށް ބޭނުންވާ ހެދުމާއި ފޭރާމާ، މިބާވަތުގެ އެއްޗެތި ހޯދެނީވެސް އެ އާމްދަނީއިން. އަދި އަޅުގަނޑުމެން ބަލިވެއްޖެނަމަ ބޭސްފަރުވާކުރަން ޖެހެނީވެސް އެ އާމްދަނީއިން. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުކޮށްގެން ނޫނީ މިބޭނުންތައް ފުއްދޭކަށެއް ނޯންނާނެ. އަދި މިހާރު އެ ބޭނުންތައް ފުއްދޭވަރަށްވުރެ މަތީ ދަރަޖައަކަށް، ކުރިއަށް އޮތް ތާނގައި އެ ބޭނުންތައް ފުއްދޭކަށެއް ނޯންނާނެ. އެހެންވުމާއެކު، އަޅުގަނޑު ނަޞޭޙަތްތެރިވަނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެމީހަކު އެކުރާ މަސައްކަތެއް، ކުރިއަށްވުރެ ރަނގަޅަށް ކުރެވޭތޯ ބެލުމުގެ މައްޗަށް.
 
އާދެ، ހަމައެއާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ނުކުތާއަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނެ އެކުވެރިކަން. އެއީ އަޅުގަނޑުމެން އެންމެންވެގެން ބަދަހިކުރެވޭތޯ ބަލަންވެއްޖެ އެއްޗެކޭ. އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ އަފްރާދުން. ދިވެހިރާއްޖޭގެ ރައްޔިތުން. އެއް ނަސްލަކުން އައިސްފައިވާ ބައެއް. އަޅުގަނޑުމެންނަކީ އެއް ދީނެއްގެ އަހުލުވެރިން. އިސްލާމީ އުންމަތުގެ އަފްރާދުން. އެހެންކަމުން އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އެކުވެރިކަން، އޯގާތެރިކަން، އެއްބަނޑުއެއްބަފާކަން، އުޚުއްވަތްތެރިކަން. މިކަންކަން އަޅުގަނޑުމެން ރަނގަޅަށް ފާހަގަކުރަންޖެހޭނެ. އެއީ އަޅުގަނޑުމެންގެ ބަސްތަކާއި ޢަމަލުތައް ބަހައްޓަންޖެހޭނީ، މިދެންނެވި އެކުވެރިކަމުގެ އުޞޫލާ ޚިލާފުނުވާގޮތެއްގެ މަތިން.
 
އާދެ، މިމޭރުމުން އަޅުގަނޑު ހިތުން މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނުޖެހޭނެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ގަބޫލުކުރެއްވޭނެ، އެކުވެރިވުމުގައި ހުރި ފައިދާތައް. އަދި ވަކިވަކިވެ ބައިބައިވުމުގައި ހުރި ގެއްލުންތައް. އެއްވެސް ޤައުމެއްގައި ފިތުނަވެރިކަން އުފެދިއްޖެނަމަ ނުވަތަ ދެކޮޅުވެރިކަން ނުވަތަ ޢަދާވާތްތެރިކަން، އެ ޤައުމުގެ އަފްރާދުންގެ މެދުގައި ފެތުރިގެން ހިނގައްޖެނަމަ، އެ ޤައުމެއް ވަރަށް އަވަހަށް ދާނީ ނާކާމިޔާބުގެ މަގުގައި ހިނގަމުން. ވަރަށް ނުބައި ނަތީޖާތަކެއް އެ ޤައުމަކަށް މެދުވެރިވަމުންދާނެ. މިއީ އަޅުގަނޑުމެން ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަން ހުރި ކަމެއް. މިޒަމާނުގައި ހިނގާ ކަންތައްތަކަށް ބަލައިލިނަމަވެސް، އަޅުގަނޑުމެންނަށް މިކަމުގެ އެތައް ހެކިތަކެއް ފެންނަން އެބަހުރި. އަދި ތާރީޚަށް ވިސްނި ނަމަވެސް، އަދި އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައިވާ އިރުޝާދުތަކަށް ބެލިކަމުގައިވިޔަސް، މިކަމުގެ ސާފުސީދާ ހެކިތައް ވަރަށް ފަސޭހައިން ފެންނަން އެބަހުރި.
 
އާދެ، މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަނީ، [وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ] [ތިޔަބައިމީހުން އަރައިރުންނުވާށޭ، ބައިބައިނުވާށޭ، ޚިލާފުނުވާށޭ. ތިޔަބައިމީހުން އަރައިރުންވެއްޖެނަމަ ނުވަތަ ތިޔަބައިމީހުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، ތިޔަބައިމީހުން ނާކާމިޔާބުވާހުއްޓޭ. އަދި ތިޔަބައިމީހުންގެ އާރާއިބާރު ގެއްލިދާހުއްޓޭ.] އިސްލާމީ އުންމަތް މުޅި ދުނިޔެއަށް އެ އުންމަތުގެ ނުފޫޒު ފޯރާފައިވީ ދުވަސްވަރުގައި އެކަން އެހެން ދިމާވެފައިވަނީ. އެއުންމަތުގެ އެކުވެރިކަން ވަރަށްމަތީ ދަރަޖައަކަށް އާލާވެފައިވީ ދުވަސްވަރެއްގައި. އާދެ، ޢައްބާސީ ޚިލާފަތުގެ ދުވަސްވަރުގައި ނުވަތަ ޢުމަވިއްޔަ ޚިލާފަތުގެ ދުވަސްވަރުގައި. ނުވަތަ އޭގެފަހުންވެސް ޢުޘްމާނީ ޚިލާފަތުގެ ދުވަސްވަރުގައި. އެދުވަސްވަރުގައި މުސްލިމުންގެ މެދުގައި ވަރަށް ބޮޑަށް، ވަރަށްމަތީ ދަރަޖައަކަށް އެކުވެރިކަން އާލާވެފައި ހުރި. މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ވަރަށް ރަނގަޅަށްހުރި. އެކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގައިވެސް އެންމެ ބާރުގަދަ، އެންމެ ނުފޫޒުގަދަ، އެންމެ މީހުން އިޙްތިރާމްކުރާ އުންމަތަކަށް އޭރުވެފައި އޮތީ އިސްލާމީ އުންމަތް. އެއާ ޚިލާފަށް މިއަދު އަޅުގަނޑުމެން، ދުނިޔޭގައި މި ހިނގަމުންދާ ކަންތައްތަކާމެދު ނަޒަރު ހިންގައިލައިފިނަމަ، އަޅުގަނޑުމެން ބުނަންޖެހެނީ މުސްލިމުން މިއަދު ތިބީ އެމީހުން ތިބެންޖެހޭ ގޮތަކަށެއް ނޫނޭ. އެމީހުންގެ ދީނުގައި އަންގަވައިފައިވާ ގޮތަކަށެއް ނޫނޭ. އެކަމުގެ ސަބަބުން މުސްލިމުން މިއަދުވަނީ ބައިބައިވެފައި. އަޅުގަނޑު މިދެންނެވީ މުސްލިމް ޤައުމުތަކުގެ ވާހަކަ. އިސްލާމީ ޤައުމުތައްވެސް ވަނީ ބައިބައިވެފައި، ވަކިވަކިވެފައި. އެހެންކަމުން އިސްލާމީ ޤައުމުތަކަށް ލިބެންޖެހޭ ކާމިޔާބު އަދި އިސްލާމީ ޤައުމުތަކަށް ލިބެންޖެހޭ ޤަދަރާއި މަޤާމު މިއަދުވަނީ ނުލިބިފައި.
 
އާދެ، ތިޔަ އެންމެ ކަލުންނަށާއި ކަނބަލުންނަށް އެނގިލައްވާނެ، އިސްލާމީ ޤައުމުތަކަކީ ދުނިޔޭގައި ވަރަށް މުއްސަނދި ޤައުމުތަކެއްކަން. މިއަދު އޭގެ އަގު އެހާ މައްޗަށް އަރައިގެން މިއުޅޭ ތެޔޮ، އެންމެ ގިނައިން އުފައްދަނީވެސް އިސްލާމީ ޤައުމުތަކުން. ތެލުން އިސްލާމީ ޤައުމުތަކަށް ވަރަށްމަތީ އާމްދަނީއެއް ދަނީ ލިބެމުން. އެހެންކަމުން އިސްލާމީ ޤައުމުތަކަކީ މިރޮނގުން ބަލާއިރު، ވަރަށް ފައިސާވެރި އަދި ވަރަށް ނުފޫޒުގަދަ ޤައުމުތަކަކަށްވާންޖެހޭނެ. އެހެންނަމަވެސް، އިސްލާމީ ޤައުމުތަކުގެ މެދުގައި އަޅުގަނޑު މިދެންނެވި ކަހަލަ ހަމަޖެހޭ އެކުވެރިކަމުގެ ގުޅުމެއް ނެތުމުގެ ސަބަބުން، އެމީހުންގެ ކަންތައްތައް މިއަދު ވަނީ ވަރަށް ހިތާމަވެރި ދަރަޖައަކަށް ގޮސްފައި. އިސްލާމީ އުންމަތުގެ ވަރަށް މުޤައްދަސް ތަންތަންވެސް ވަނީ މުސްލިމުންގެ އަތުން ގެއްލިގެން ގޮސްފައި. އިހަކަށް ދުވަހު އަޅުގަނޑުމެން މި އިޙްތިފާލުކުރީ އިސްރާއާއި މިޢުރާޖުގެ މުނާސަބަތު. އެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އިސްރާއާއި މިޢުރާޖުގެ ވާހަކަ ދައްކާއިރު، އޭގެ އެންމެ މުހިންމު މަރްކަޒަކީ އަލް މަސްޖިދުލް އަޤްޞާ. އެއީ ކީރިތި ރަސޫލާ މައްކާގެ މަސްޖިދުލް ޙަރާމުން އިސްރާ ކުރެއްވީ ޝާމްކަރައިގެ އަލްމަސްޖިދުލް ޢަޤްޞާއަށް. އެތަނުން އޭގެފަހުން ކީރިތި ރަސޫލާ މިޢުރާޖު އަރައިވަޑައިގަތީ. އެ މުނާސަބަތު އަޅުގަނޑުމެން ފާހަގަކުރިއިރުވެސް މިހާރު އަޅުގަނޑުމެންގެ ހިތަށް ވަންނަނީ ވަރަށް އަސަރުގަދަ ވޭނެއް. އެއީ މުސްލިމުންގެ އެންމެ މާތް އެންމެ މުޤައްދަސް އެއްތަން ކަމުގައިވާ އަލް މަސްޖިދުލް ޢަޤްޞާ އަޅުގަނޑުމެންގެ އަތްދަށުން ގެއްލިފައިވާތީ. އެތަން މިހާރުވަނީ  ޔަހޫދީންގެ އަތްދަށުގައި. އިސްރާއީލުގެ މީހުންގެ އަތްދަށުގައި. އެކަން އެހެން އެދިމާވީވެސް މުސްލިމް ޤައުމުތަކުގެ މެދުގައި ހުންނަންޖެހޭނެ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން ނެތުމުގެ ސަބަބުން.
 
އާދެ، މިއީ ދުނިޔެއަށް ވިސްނައިލައިފިނަމަ ކަންތައް އޮތްގޮތް. އެކިއެކި ޤައުމުތަކަށް ބެލިނަމަވެސް، އެޤައުމެއްގައި ފިތުނަވެރިކަން އުފެދިއްޖެނަމަ، ނުވަތަ ދެކޮޅުވެރިކަން އުފެދިއްޖެނަމަ، އެޤައުމުގެ ކަންތައްތައް ދާނީ މިދެންނެވި ގޮތުގެ މަތިން އެއްދުވަހުން އަނެއް ދުވަހަށް ދަށަށް. އެހެންކަމަށްވުމާއެކު، އަޅުގަނޑުމެން އެކަމާމެދު ވަރަށް ބޮޑަށް ވިސްނައި، އަޅުގަނޑުމެންގެ މެދުގައި އެއްވެސް ބާވަތެއްގެ ދެކޮޅުވެރިކަމަކަށް ތަންދީގެނެއް ނުވާނެ. އާދެ، އަޅުގަނޑު މިހެން ދަންނަވާއިރު، މިވާހަކަ ހުޅުދޫގެ ރައްޔިތުންނަށް މުޚާޠަބުކޮށް ދަންނަވާއިރު، ފާހަގަކޮށްލަންޖެހޭ ފަދައިން، އަޅުގަނޑުމެންނަކީ މުސްލިމުން. އެއްބަނޑުއެއްބަފާ ބައެއް. ދިވެހިންވީމާ އެހެން އެއްވެސް ތަފާތަކަށް އަޅުގަނޑުމެން ބަލައިގެންނުވާނެ. ޤައުމީ ދާއިރާއަށްވުރެ ހަނި ދާއިރާއަކަށް އަޅުގަނޑުމެން ވިސްނައިގެންނުވާނެ.
 
އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އަދި މިތާނގައި މިއަދު ހާޒިރުވެ ތިއްބެވި ބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު ތިމަންނާއީ ހުޅުދޫގެ މީހެކޭ، އެހެން ބުނުމުގެ ބަދަލުގައި ބުނަންޖެހޭނީ ތިމަންނާއަކީ ދިވެއްސެކޭ، ނުވަތަ ތިމަންނާއަކީ މުސްލިމެކޭ. ހަމައެފަދައިން، މީދޫގެ މީހަކުވެސް ތިމަންނާ މިއީ މީދޫގެ މީހެކޭ އެހެން ބުނުމުގެ ބަދަލުގައި، ތިމަންނާއަކީ މުސްލިމެކޭ ނުވަތަ ތިމަންނާއަކީ ދިވެއްސެކޭ ބުނެފިނަމަ، އަޅުގަނޑުމެންގެ މެދުގައި މިއޮތް ހަމަނުޖެހުން މިގޮތަކަށް ނޯންނާނެ. އަޅުގަނޑުމެން ބަލަންވީ އަޅުގަނޑުމެންނަކީ ދިވެހިންކަމަށް. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށް. އަޅުގަނޑުމެންނަކީ ވަކި ރަށަކަށް ނިސްބަތްވާ މީހެއް ކަމުގައި ބަލައިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށް ނޯންނާނެ.
 
ވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ މިރަށުގެ ރައްޔިތުން މި ނުކުތާއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން. އެއްވެސް ކަމެއްގައި މިރަށުގެ ރައްޔިތުންނާއި މީދޫގެ ރައްޔިތުންނާ ދެމެދުގައި މައްސަލައެއްޖެހޭގޮތް ނުހެއްދެވުން. އަދި މައްސަލައެއް ޖެހުނު ކަމުގައިވިޔަސް، ވީ އެންމެ ޞުލްޙަވެރި، އެންމެ ރަނގަޅު ގޮތަކަށް، އެ މައްސަލަ ނިންމެވުމަށް ބާރުއެޅުއްވުން. އެއްވެސް ބަޔަކު އެބައެއްގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ޞުލްޙަވެރިނޫންގޮތަކަށް ޢަމަލުނުކުރުން. އާދެ، އެގޮތަށް އަޅުގަނޑުމެން ތިބެއްޖެނަމަ، އަޅުގަނޑުމެންނަކީ ކުރިއަރަމުންދާނޭ ޤައުމަކަށްވާނޭކަމާމެދަކު ޝައްކެއްނެތް. އަޅުގަނޑުމެންނަށް ދެވޭނީ ކާމިޔާބުގެ މަގުގައި ކުރިއަށް. ހުރިހާ ކަމެއްވެސް ދާނީ ހަމަޖެހެމުން. އަޅުގަނޑުމެންގެ އިޖްތިމާޢީ ފެންވަރުވެސް ދާނީ މައްޗަށް. އަޅުގަނޑުމެންގެ އިޤްތިޞާދީ ފެންވަރުވެސް ދާނީ މައްޗަށް. އަދި އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅުން އެއަށްވުރެ ރަނގަޅަށް.
 
އާދެ، ޝައްކެއްނެތް، އިސްލާމީ އުންމަތަކީ މާތްﷲ މިދުނިޔެއަށް ފޮނުއްވާފައިވާ އެންމެ މާތް އުންމަތް. އަޅުގަނޑުމެންނަކީ އެ މާތް އުންމަތުގެ އަހުލުވެރިން ކަމުގައި ވުމުގެ ހެޔޮ ނަޞީބު އަޅުގަނޑުމެންނަށް ލިބޭނީ އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތުގެ މަތިން، އަޅުގަނޑުމެންގެ ކަންތައްތައް ބަހައްޓައިގެން އުޅެންޏާ. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ، [كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ] އާދެ، [ތިޔަބައިމީހުން ވީމުއޭ، މާތްﷲ މީސްތަކުންގެ ތެރެއަށް ނެރުއްވި އެންމެ މާތް އެންމެ ހެޔޮކަން ބޮޑުވެގެންވާ އުންމަތް ކަމުގައި.] އެހެންވުމުގެ ސަބަބު އެ އާޔަތުގައި ބަޔާންކުރައްވައިފައި އެވަނީ. [تَأْمُرُونَ بِالْمَعْرُوفِ]. [ތިޔަބައިމީހުންނަކީ ހެޔޮކަންތައްތަކަށް އަމުރުކުރާ ބަޔަކީމުއޭ.] [وَتَنْهَوْنَ عَنِ الْمُنكَرِ]. [އަދި ތިޔަބައިމީހުންނަކީ އެކިއެކި ނޭދެވޭ ނުބައި ކަންތައްތައް ނަހީކުރާ ބަޔަކީމުއޭ.] [وَتُؤْمِنُونَ بِاللَّـهِ].  [ތިޔަބައިމީހުން މާތްﷲގެ ކިބަޔަށް އީމާންވަމުއޭ.] ވީމާ، އަޅުގަނޑުމެންނަކީ މާތްﷲގެ ކިބަޔަށް އީމާންވެ ތިބި ބަޔަކު ކަމުގައި ވުމާއެކު، ހެޔޮކަންތައްތަކަށް އަމުރުކުރާ އަދި ނަހީ ކަންތައްތައް ނަހީކުރާ، ނަހީ ކަންތައްތައް ނުކުރުމަށް މީހުންނަށް އަންގައި، އިރުޝާދުދީ، ނަޞޭޙަތްތެރިވާ ބަޔަކު ކަމުގައި ވެއްޖެނަމަ، އަޅުގަނޑުމެންނަކީ މާތްﷲ މިދުނިޔެމަތީގައި ލައްވައިފައިވާ އެންމެ މާތް އުންމަތުގެ އަހުލުވެރިން ކަމުގައި ނުވެނުދާނެ. އެހެންކަމުން، އަޅުގަނޑު ނަޞޭޙަތްތެރިވަނީ، ދީނުގެ އިރުޝާދުތަކަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތަން. އަޅުގަނޑުމެން އެންމެންވެސް ދީނުގެ ފަރުޟުތަކަށް ރައްކާތެރިވާން. ދީނުގައި ނަހީކުރައްވައިފައިވާ ކަންތައްތަކުން ދުރުހެލިވެގެން ތިބެން. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނެ ގުޅުންތަކާމެދު ދީނުގައި އަންގަވައިފައިވާ މާތް އުޞޫލަށް ތަބަޢަވުމަށް. އަޅުގަނޑުމެންގެ މެދުގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް ނުވަތަ ފިތުނަވެރިކަމަކަށް ތަން ނުދިނުމަށް. ކޮންމެ ކަމެއްވެސް ވީ އެންމެ ޞުލްޙަވެރިގޮތަކަށް، އެންމެ ރަނގަޅު ގޮތަކަށް، އެންމެ ގިނަމީހުންނަށް ފައިދާކުރާނެ ގޮތަކަށް ނިންމުމަށް.
 
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލެވެން އަންނަނީ، މިރަށުގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު ހޫނު ތަރުޙީބަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައިފައި. އާދެ، މިރަށް މިއޮތީ އަޅުގަނޑުގެ މި ޒިޔާރަތަށް ވަރަށް ބޮޑަށް ތައްޔާރުވެފައި. މިދަރުބާރުގެވެސް އިންތިޒާމު ކުރައްވައިފައިވާލެއް ފުރިހަމަކަމާއެކު، އެކަމަށްޓަކައި އަޅުގަނޑުގެ ހިތުގައި ތަޢުރީފުގެ ވަރަށް މަތިވެރި ޝުޢޫރުތަކެއް އުފެދޭ. އަދި މިރަށުގެ މަގުތައް ޒީނަތްތެރި ކުރެއްވުމާއި، ދޮންވެލި ލެއްވުމާއި، ދިދަ ޖެއްސެވުމާއި، ތަރުޙީބުގެ ޢިބާރާތްތައް ލިޔުއްވައި އެކި ތަންތާނގައި ބެހެއްޓުމާ، މިބާވަތުގެ ވަރަށްގިނަ ކަންތައްތައް ކުރައްވައިފައިވޭ. މިބާވަތުގެ ކަންތައްތަކަކީ އަޅުގަނޑު މާ ހިތްހަމަޖެހޭ ކަމެއްނޫން. އެއީ އެކަމުގައި ހޭދަވާނެ ވަގުތާއި ފައިސާއަކީ އަޅުގަނޑަށްޓަކައި ރާއްޖޭގެ އެއްވެސް ބަޔަކު ހޭދަކުރަން އަޅުގަނޑު ބޭނުންވާ އެއްޗެއް ނޫން. އެހެންނަމަވެސް، މިކަންތައްތައް މިރަށުގެ ރައްޔިތުންވެސް ކުރައްވައިފައިވަނީ އިޚްލާޞްތެރިކަމާ އެކުގައިކަން އަޅުގަނޑަށް އިޙްސާސް ކުރެވޭތީ، އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް، ހިތުގެ އިޚްލާޞްތެރި ޝުކުރު، މިރަށުގެ ހުރިހާ ރައްޔިތުންނަށް ދަންނަވަން.
 
އާދެ، އަޅުގަނޑުގެ ހިތާމަޔަކީ އަޅުގަނޑުގެ ދަތުރުގެ ޕުރޮގުރާމު ރޭވިފައިވާ ގޮތުން، އެއް ރަށެއްގައި މާގިނަ ވަގުތު ހޭދަކުރެވެން ނެތްކަން. މިހާގިނަ ދުވަހުއްސުރެ މިހާބޮޑަށް މިރަށް ތައްޔާރު ކުރައްވައިފައިވާއިރުވެސް، މިރަށުގައި އަޅުގަނޑަށް ހޭދަކުރެވެން އަންނަނީ ވަރަށް ކުޑަކުޑަ އިރުކޮޅެއް. އެއީ އަޅުގަނޑު ވަރަށް ދެރަވާ ކަމެއް. އެހެންނަމަވެސް، ތިޔަ އެންމެ ކަލުންނަށާއި ކަނބަލުންނަށް އެނގިލައްވާނެ، އަޅުގަނޑަށް މާލެއިން ބޭރުގައި މާގިނަ ދުވަސްތަކެއް ހޭދައެއްނުކުރެވޭނެކަން. އަދި އަޅުގަނޑުގެ ޕުރޮގުރާމު ހަމަޖެހިފައިވާ ގޮތުން ވަރަށް އަވަހަށް އެނބުރި މާލެދާންޖެހޭނެކަން. އެކަން އެގޮތަށް އޮތުމާއެކު، އަޅުގަނޑަށް ގިނަ ވަގުތުތަކެއް ހޭދަކުރެވެންނެތީ. އެހެންނަމަވެސް، އަޅުގަނޑަށް ތިޔަ ބެހެއްޓެވި ޚާއްޞަ ގޮތަށްޓަކައި އަޅުގަނޑު އެއްވެސް ހިފެހެއްޓުމެއްނެތި މިރަށުގެ ރައްޔިތުންނަށާއި އަދި ރަށް ހިންގަވަން ތިއްބެވި ވެރިންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.
 
އަދި އަޅުގަނޑު އެދެނީ، މާތްﷲ މިރަށަށް ތަނަވަސް މުސްތަޤްބަލެއް ދެއްކެވުން. މިރަށުގެ ރައްޔިތުންނަށް ހެޔޮ ތައުފީޤު ދެއްވުން. އަދި ދިވެހިރާއްޖެއަށް މިއަދަށްވުރެ ތަނަވަސް މާދަމައެއް މާތްﷲ ދެއްކެވުން. އަޅުގަނޑުމެންނަށް އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުމާއި އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުން.
 

                     والسّلام عليكم ورحمـة اللّـه.