بســم اللّـه الرّحمـن الرّحيــم
              
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين،  سيّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
އާދެ، އަޅުގަނޑު މިއަދު މިއައީ ފުވައްމުލަކަށް ޒިޔާރަތްކޮށް ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށްޓަކައި. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެކުރިންވެސް ދެފަހަރަކު އަޅުގަނޑު މިރަށަށް ޒިޔާރަތްކޮށްފިން. އެއްފަހަރު އަޅުގަނޑު އައީ މީގެ ހައެއްކަ އަހަރު ކުރިން 1974 ވަނަ އަހަރުގެ ފަހުކޮޅު. އެފަހަރު އަޅުގަނޑު އައީ ސަރުކާރުން ފޮނުއްވި ވަފުދެއްގެ މެމްބަރެއްގެ ގޮތުން. އޭގެފަހުން މިދިޔަ އަހަރު ޖޫންމަހުގެ ތެރޭގައި. އާދެ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން އައްޑުއަތޮޅަށް ކުރި ދަތުރެއް ނިންމާލާފައި މާލެދިޔަ މަގުމަތީގައިވެސް މިރަށަށް މަޑުކޮށްލިން. އެހެންކަމަށްވުމާއެކު، މިއީ ފުވައްމުލަކަށް އަޅުގަނޑު އަންނަ ތިންވަނަފަހަރު. މިއިން ކޮންމެ ފަހަރަކުވެސް ފުވައްމުލަކުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނީ ވަރަށް މަތިވެރި ތަރުޙީބެއް. އެކަމަށްޓަކައި އަޅުގަނޑު މިރަށުގެ ވެރިންނަށާއި، އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
ފުވައްމުލަކަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ވަރަށް ޚާއްޞަ އަތޮޅެއް. ހަމައެކަނި ޖުޣުރާފީ ގޮތުން ވިސްނާލިޔަސް، މިކަމުގެ ހެކިތައް ފެންނަން އެބަހުރި. ރާއްޖޭގައިވާ އަތޮޅުތަކުގެ ތެރެއިން އެންމެ ރަށެއްގެ މައްޗަށް އެކުލެވިގެންވާ ހަމައެކަނި އަތޮޅަކީ ފުވައްމުލައް. ފުވައްމުލައް އޮންނަނީވެސް އެހެން އަތޮޅުތަކާ ވަކިން. އަދި މިރަށުގެ ބިންގަނޑަށް ބަލައިލިނަމަވެސް ރަށަކީ ރާއްޖޭގައި ނެތްވަރުގެ ބޮޑު ރަށެއް. ރަށުގެ ރައްޔިތުންގެ މަސައްކަތްތަކަށް ބަލައިލިޔަސް، އަޅުގަނޑު މިދެންނެވީ ޙަޤީޤަތެއްކަން ތިޔަ ހުރިހާ ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެ. އެހެންކަމަށްވުމާއެކު، މިރަށަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންވެސް މިކަން ފާހަގަކުރައްވާ. އޭގެ ހެއްކެއް ކަމަށް އަޅުގަނޑަށް ދަންނަވަންޖެހެނީ، އަޅުގަނޑު މިރަށަށް މިއައި އައުމަށްޓަކައި ރަށް ތައްޔާރުކޮށްލައްވައިފައިވާލެއް ފުރިހަމަކަން. ވަރަށް ބޮޑެތި މަސައްކަތްތަކެއް، މިކަމަށްޓަކައި މިރަށުގެ ރައްޔިތުން ކުރައްވައިފައިވޭ.
 
އާދެ، އަޅުގަނޑު އެހެން ރަށްރަށުގައިވެސް ބުނާ ފަދައިން، އަޅުގަނޑު މިކުރާ ޒިޔާރަތަށްޓަކައި ރަށުގެ ރައްޔިތުން އެއްވެސްކަހަލަ ބުރައެއް ނުވަތަ ތަކުލީފެއް އުފުއްލެވުމަކީ، އަޅުގަނޑު އެދޭ ކަމެއް ނޫން. އެހެންނަމަވެސް އެކަންތައްތައް ދިވެހިރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުން ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ރައްޔިތުންގެ ހިތުގައި ދިވެހި ދައުލަތާމެދު އުފެދިފައިވާ އިޚްލާޞްތެރިކަން ބަޔާންކުރެއްވުމުގެ ގޮތުން ކަމަށްވާތީ، އެކަމަށްޓަކައި އަޅުގަނޑު ކޮންމެ ރަށެއްގައިވެސް އުފާފާޅުކުރަން. އެ ޙައިޘިއްޔަތުން މިއަދު މިރަށުގައިވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް ހިތުގެ އަޑީން ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، ފުވައްމުލަކަކީ ވަރަށް ޚާއްޞަ ރަށެއް. މިހާރުވެސް އަޅުގަނޑުމެންގެ ސަރުކާރުގެ ދާއިރާގެވެސް ވަރަށް މަތީ މަޤާމެއް މިރަށުގެ ބޭފުޅަކު އެބަ ފުރުއްވާ. އާދެ، އެއީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން. އެމަނިކުފާނަކީ މިއަދު ދިވެހިރާއްޖޭގެ ތަޢުލީމުގެ ކަންތައްތައް ކުރިއަށް ގެންދެވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. އޭނާގެ އަގުހުރި ޚިދުމަތްތައް، މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެއްވެސް އޮޅުމެއްނެތި ފެންނަން އެބަހުރި. އާދެ، މިކަމާ ދޭތެރޭގައި އަޅުގަނޑު ދަންނަވަން އޮތީ އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެކޭ. ކަމަށް އެކަށީގެންވާ، ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވުމާއެކު، އޭނާ އެކުރައްވަމުން ގެންދަވާ މަތިވެރި ޚިދުމަތްތައް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ފާހަގަކުރަމުން އެބަގެންދަމު. އަދި އެ ޚިދުމަތްތަކުގެ ނަތީޖާ އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށްގިނަގޮތްގޮތުން ފެންނަމުންދާނެ.
 
އެމަނިކުފާނަށް އިޝާރާތްކުރާ ކުރުމުގައި، މިހާރު ދައުލަތުން ފަށައިގެން މިއުޅޭ އަސާސީ ތަޢުލީމުގެ މަޝްރޫޢާ ދޭތެރޭގައިވެސް ދެތިންބަހެއް ދަންނަވާލުމަކީ އަޅުގަނޑު ހިތުން މިމަޤާމުގައި އެކަށީގެންވާ ކަމެއް. ތިޔަ ހުރިހާ ބޭކަލުންނާއި ބޭކަނބަލުން އައްސަވާނެ، އަސާސީ ތަޢުލީމުގެ ވާހަކަ. އަސާސީ ތަޢުލީމަކީ އެކަމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ސަރުކާރުން ދީފައިވާ މަޝްރޫޢެއް. އެ މަޝްރޫޢުގެ ފެށުން ފާހަގަކުރެވުނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު. އެމަޝްރޫޢުގެ ބޭނުމަކީ ރާއްޖެތެރޭގެ ރައްޔިތުންނާއި އަދި މާލޭގެ ރައްޔިތުންގެ ތެރެއިންވެސް އެކަށީގެންވާވަރަށް ތަކެތި ނުދަންނަ މީހުންނަށް އެތަކެތި އުނގަންނައިދިނުން، ދަސްކޮށްދިނުން. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ލިޔަންކިޔަން ދަސްކޮށްދިނުން. އެއީ ލިޔަންކިޔަން ދަތުމަކީ ތަޢުލީމުގެ އެންމެ ފުރަތަމަ ފިޔަވަޅުކަމަށްވާތީ. ތަޢުލީމުގެ އެންމެ ފުރަތަމަ ހަރުފަތް ކަމަށްވާތީ، އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ލިޔަންކިޔަން ދަސްކޮށްގެން، އޭގެފަހުން އެމީހަކަށް އެދެވޭ މިންވަރަކަށް ތަޢުލީމް ޙާޞިލްކުރެވޭނީ.
 
އާދެ، ރާއްޖެތެރޭގެ ރައްޔިތުންގެ ތެރެއިންނާއި އަދި މާލޭގެ ރައްޔިތުންގެ ތެރެއިންވެސް ވަރަށްގިނަ ބަޔަކަށް ލިޔަންކިޔަން ނޭނގޭ. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަކުރަން ޖެހިފައިވާ ކަމެއް. އެކަން އެހެން ދިމާވި ސަބަބު އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެނެއް ނުވާނެ. އެއީ މިވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ރާއްޖޭގެ ތަޢުލީމަށް އެކަށީގެންވާ އަހަންމިއްޔަތު ދެވިފައިނުވާކަން. ކޮންމެއަކަސް، މި މަޝްރޫޢުގެ ދަށުން ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ އިތުރަށް އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ، އިސްލާމްދީނާ ބެހޭގޮތުން އަޅުގަނޑުމެން ދަންނަންޖެހޭ މަޢުލޫމާތު ދަސްކޮށްދިނުންވެސް ހިމެނޭ. ހިސާބުގެ މަޢުލޫމާތު ދަސްކޮށްދިނުންވެސް ހިމެނޭ. އަދި އަޅުގަނޑުމެންގެ ރާއްޖެއާބެހޭ މަޢުލޫމާތު، އެއީ އަޅުގަނޑުމެން ކޮންމެހެން ދަންނަންޖެހޭ މަޢުލޫމާތު ދަސްކޮށްދިނުންވެސް ހިމެނޭ. މިހެންގޮސް މި މަޝްރޫޢުގެ ބޭނުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް މުޖްތަމަޢު ގަބޫލުކުރާ އަދި މުޖްތަމަޢަށް ފައިދާކުރާނެ މީހެއް ކަމުގައި ހެދުން.
 
 އާދެ، މި މަޝްރޫޢު މިހާރުވަނީ ފެށިފައި. މާލޭގައިވެސް ވަރަށް އެކަށީގެންވާ ގޮތަކަށް މި މަޝްރޫޢު ހިނގަމުން އެބަދޭ. އަދި ރާއްޖެތެރޭގެ ހުރިހާ ތަނެއްގައިވެސް ވަރަށް އެކަށީގެންވާ ގޮތަކަށް މި މަޝްރޫޢު ހިނގަމުން އެބަދޭ. އެހެންކަމުން، އަޅުގަނޑު އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑުގެ އިލްތިމާސަކީ މިރަށުގެ ރައްޔިތުންވެސް މި މަޝްރޫޢަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވުން. މި މަޝްރޫޢުގެ ދަށުން ލިބެންހުރި ފައިދާތައް ޙާޞިލްކުރެއްވުން. އާދެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ކޮންމެވެސް މިންވަރަކަށް ވަގުތު ލިބޭނެ، އެއްޗެތި ދަސްކުރަން އުޅެން. ތަޢުލީމު އުނގެނުމަކީ ވަކި ޢުމުރަކަށް ޚާއްޞަވެފައިވާ ކަމެއް ނޫން. އެއީ ހަމައެކަނި 15 އަހަރުން ދަށުގެ ކުދިންނަށް އޮތް ކަމެއް ނޫން. ތަޢުލީމު އުނގެނުމަކީ އިންސާނާ ދުނިޔޭގައި ދެމިހުރިހާ ހިނދަކު އެމީހާ ކުރަންޖެހޭނެ ކަމެއް. މި މަޝްރޫޢުގެ މޮޓޯގައިވާ ފަދައިން، މަންމަގެ އުނގުން ކަށްވަޅަށް ދާންދެން ތަޢުލީމު އުނގެނުމަކީ ކޮންމެ އިންސާނަކުވެސް ކުރަންޖެހޭނެ ކަމެއް.
 
 އެކަންއޮތީ އެހެންކަމަށްވުމާއެކު، އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ތެރެއިން ބޮޑެތި މީހުން ކްލާސްތަކަށް ދާން ޖެހުމުން އެއީ ލަދުގަންނަ ކަމަކަށް ވެގެނެއް ނުވާނެ. އެއީ ނުކުރެވޭނެ ކަމަކަށް ވެގެނެއް ނުވާނެ. ކޮންމެ މީހަކަށްވެސް ވަގުތު ލިބުނު މިންވަރަކުން އެ ކްލާސްތަކުގައި ބައިވެރިވެގެން، ދައުލަތުގެ ފަރާތުން މިކުރާ މަސައްކަތުގައި ބައިވެރިވެގެން އެމީހަކަށް ލިބެން އޮތް ފައިދާއެއް ޙާޞިލްކުރެވޭތޯ ބަލަންވާނެ. އާދެ، އެފައިދާއަކީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ލިބޭ ފައިދާއެއް. އެފައިދާއަކީ ސަރުކާރަށް ލިބޭ ފައިދާއެއް ނޫން. ނުވަތަ ދައުލަތަށް ލިބޭ ފައިދާއެއް ނޫން. އެންމެ ފުރަތަމަ އެފައިދާއަކީ ތިމާގެ އަމިއްލަ ނަފްސަށް ލިބޭ ފައިދާއެއް. އެހެންކަމުން އަޅުގަނޑު ނަޞޭޙަތްތެރިވަނީ އަސާސީ ތަޢުލީމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ހުރިހާ ދިވެހި ރައްޔިތުންގެ ފުރިހަމަ ތަރުޙީބާއި އެއްބާރުލެއްވުން ސަރުކާރާ އެކުގައި އޮތުމަށް.
 
އާދެ، މީގެކުރިން އަޅުގަނޑު މިރަށަށް އައިފަހަރު، މިދެންނެވީ މިދިޔަ އަހަރު ޖޫންމަހުގެ ތެރޭގައި އަޅުގަނޑު ފުވައްމުލަކަށް ޒިޔާރަތްކުރި ދަތުރުގައި ތިޔަ އެންމެ ކަލުންނާއި ކަނބަލުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކިން. އެވާހަކަތަކުގެ ތެރޭގައި އަޅުގަނޑުމެންގެ މަސައްކަތްތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް ބާރުއެޅިން. އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ދިރިއުޅުމަށް މަސައްކަތްކުރާ މީހަކަށްވާތީ. ތިމާކުރާ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން ތިމާގެ ފެންވަރު ކުރިއަށްދާނީ. އަދި ތިމާއަށް ލިބޭ އާމްދަނީ އިތުރުވާނީ. އެހެންކަމަށްވުމާއެކު، އަޅުގަނޑު އިލްތިމާސް ކުރީ، ކޮންމެ ރައްޔިތެއް ވީހާ ރަނގަޅަކަށް، ވީހާ ފަރުވާތެރިކަމާއެކު މަސައްކަތް ކުރަމުން ގެންދިޔުމަށް. ތިމާއަށް ލިބޭ އެއްޗެއް އިތުރުކުރެވޭތޯ ބެލުމަށް. އެއީ އެގޮތަށް މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެންގެ ފެންވަރު މައްޗަށް ނުދާނެތީ. ހަމައެއާއެކު، އަޅުގަނޑު އިލްތިމާސްކުރީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ ގުޅުން، އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ރަނގަޅު ކުރުމަށް. އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައި މާތްﷲ ލައްވާފައިވާތީ، މިކަން އަބަދުވެސް ހަނދާންކުރުމަށް. އަދި އަޚުންތަކެއްގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް އަޅުގަނޑުމެންގެ މެދުގައި ބޭއްވުމަށް. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަތުމަށް. ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވުމަށް. އަޅުގަނޑުމެންގެ މެދުގައި އެއްވެސް ބާވަތެއްގެ ރުޅިވެރިކަމަކަށް ނުވަތަ ޙަސަދަވެރިކަމަކަށް ނުވަތަ ފިތުނަވެރިކަމަކަށް ތަން ނުދިނުމަށް. މިވާހަކަތައް މީގެކުރިންވެސް އަޅުގަނޑުވާނީ ވަރަށް ތަފްޞީލުކޮށް ދަންނަވައިފައި. އެހެންކަމަށްވުމާއެކު، އަޅުގަނޑު ގަސްދެއްނުކުރަން، އެވާހަކަ ތަކުރާރުކުރާކަށް. އަޅުގަނޑުގެ ބޭނުމަކީ ހަމައެކަނި މިއަތޮޅުގެ ރައްޔިތުންނަށް އެކަންތައްތައް އަނެއްކާވެސް ހަނދާންކޮށްދިނުން. އެ މުހިންމު ދެ ނުކުތާ އަޅުގަނޑުމެން ހަނދާންކޮށްގެން، އެއާއެއްގޮތަށް އަޅުގަނޑުމެން ޢަމަލުކުރަމުން ދިޔުމަކީ މިވަގުތު ކޮންމެހެން ބޭނުންކަމެއް. މިދެންނެވީ މަސައްކަތްތެރިކަން އިތުރުކުރުމާއި، އެއީ އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރުމަށްޓަކައި. އަނެއްކަމަކީ، އަޅުގަނޑުމެންގެ މެދުގައި ހުންނަ ގުޅުން ރަނގަޅުކުރުން. އެކަކު އަނެކަކާ ދޭތެރޭގައި އޮންނަ ގުޅުން އިޞްލާޙު ކުރުން. އަޅުގަނޑުމެންނަކީ ޢަމަލީގޮތުންވެސް އަޚުންތަކެއް ކަމުގައިވުން.
 
 މިކަމާ ގުޅޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ނުކުތާއަކީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދެ ދައުރެއް އަދާކުރަން ޖެހިފައިވެޔޭ. އެއީ ތިމާގެ އަމިއްލަ ކަންތައްތައް އިޞްލާޙުކޮށް، ތިމާގެ ދިރިއުޅުން ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެއީ އެއް ދައުރު. އަނެއް ދައުރަކީ ތިމާގެ ޖަމާޢަތުގެ ކަންތައްތައް ރަނގަޅު ކުރެވޭތޯ ތިމާއަށް ވެވުނުވަރަކުން މަސައްކަތް ކުރުން. މި ދެ ދައުރު ފުރިހަމައަށް އަދާކޮށްގެން ނޫނީ އިސްލާމީ މުޖްތަމަޢުގެ އުޞޫލުތައް އަޅުގަނޑުމެންގެ މެދުގައި ޤާއިމެއްނުކުރެވޭނެ. މީސްތަކުންނަށް ނަޞޭޙަތްދީ، އިރުޝާދުދީ، ހެޔޮކަންތައް ކުރުމަށް އަމުރުކޮށް، މިބާވަތުގެ ކަންތައްތައް ކުރުމަކީ ހަމައެކަނި ވެރިޔަކަށް ހުންނަ މީހެއްގެ މަސްއޫލިއްޔަތެއް ނޫން. އެއީ ހަމައެކަނި ދައުލަތުގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ނޫން. އެއީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއް.
 
އާދެ، އިސްލާމީ އުންމަތަކީ މާތްﷲ މިދުނިޔެއަށް ފޮނުއްވެވި އެންމެ މާތް، އެންމެ ހެޔޮ އުންމަތް ކަމުގައި ލައްވާފައިވަނީވެސް މި ސަބަބަށްޓަކައި. މާތްﷲ ވަޙީކުރައްވާފައިވަނީ، [كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ]. އާދެ، ތިޔަބައިމީހުންވީމުއޭ، މާތްﷲ މީސްތަކުންގެ ތެރެއަށް ނެރުއްވި، އެންމެ މާތް، އެންމެ ހެޔޮ އުންމަތް ކަމުގައި. މުސްލިމުންނަކީ މާތްﷲ މީސްތަކުންގެ ތެރެއަށް ނެރުއްވި އެންމެ މާތް އެންމެ ހެޔޮ އުންމަތް ކަމުގައި ލައްވާފައިވާ ސަބަބު، މި އާޔަތުގައި ބަޔާންކުރައްވާފައިވޭ. އެއީ ހެޔޮކަންތަކަށް އަމުރުކުރުން. ނުބައި ކަންތައްތަކުން އެއްކިބާވުމަށް މީހުންނަށް ނަޞޭޙަތްތެރިވުން. މިދެކަންތަކުގެ ސަބަބު މާތްﷲ ވަޙީކުރައްވާފައިވަނީ، މާތްﷲގެ ކިބަޔަށް އީމާންވުމަށް. ޢިލްމުވެރިން ވިދާޅުވާގޮތުގައި ކޮންމެ ހެޔޮ ޢަމަލެއްގެ އަސްލަކީ އީމާންކަން. އެންމެ ފުރަތަމަ އަޅުގަނޑުމެންނަކީ މާތްﷲގެ ކިބަޔަށް އީމާންވެ ތިބި ބައެއް ކަމުގައި ވެގެންނޫނީ އަޅުގަނޑުމެން ކުރާ އެއްވެސް ޢަމަލެއްގެ ހެޔޮ ނަތީޖާއެއް ނުފެންނާނެ. އެހެން ނަމަވެސް، މި އާޔަތުގައި މާތްﷲގެ ޙަޟްރަތަށް އީމާންވުމަށްވުރެވެސް އިސްކުރައްވައިފައިވަނީ އެކަކު އަނެކަކަށް އަމުރުކުރުން، ނަޞޭޙަތްތެރިވުން، އެވާހަކަތަކަށް މީސްތަކުންގެ ސަމާލުކަމަށް ގޮވައިލުން. އަދި އަޅުގަނޑުމެންގެ މެދުގައި ހުންނަ ނުބައި ކަންތައްތަކުން ނަހީވުމަށް މީސްތަކުންނަށް ނަޞޭޙަތްތެރިވެ ގޮވައިލުން. ޢިލްމުވެރިން ވިދާޅުވާގޮތުގައި، މިއާޔަތުން ދައްކައިދޭ އެއްޗަކީ މި ދެކަންތަކުގެ މުހިންމުކަން ބޮޑުކަން. އިސްލާމްދީނުގައި ނަޞޭޙަތްތެރިވުމާއި ހެޔޮލަފާ ކަންތައް ކުރުމަށް އަމުރުކުރުމާއި، ނުބައި މުންކަރާތްތަކުން ނަހީވެގެން ތިބުމަށް އަމުރުކުރުން އެއީ ވަރަށް މުހިންމު ދެކަންތައް ކަމުގައި ކަނޑައެޅުމުގެ ގޮތުން، މި އާޔަތް އެގޮތަށް ބާވައިލައްވާފައިވަނީ. އަދި އެ ދެކަންތައް، މާތްﷲގެ ކިބަޔަށް އީމާންވުމަށްވުރެވެސް މި އާޔަތުގައި އިސްކުރައްވައިފައިވަނީ.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މި ދެދައުރު އަދާކުރަންވާނެއޭ. އަޅުގަނޑުމެންގެ މުޖްތަމަޢުގެ ކަންތައްތައް ރަނގަޅުކޮށް، އިޞްލާޙު ކުރުމަށް ބާރުއަޅަންވީ ހަމައެކަނި ވެރިންނެއް ނޫނޭ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެކަމަށް ބާރުއަޅަންވާނެއޭ. ކޮންމެ މީހަކުވެސް އެމީހެއްގެ ދާއިރާގައި، ތިމާގެ އަމިއްލަ ކަންތައްތައް އިޞްލާޙުކޮށް ރަނގަޅުކުރަންވެސްވާނެ. އޭގެއިތުރަށް ތިމާ އުޅޭ ދާއިރާގެ ކަންތައްތައް ރަނގަޅުކޮށް އިޞްލާޙު ކުރަންވެސްވާނެ. އެގޮތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މިދެންނެވި ދެދައުރު ފުރިހަމައަށް އަދާކޮށްގެން ނޫނީ އަޅުގަނޑުމެންގެ މުޖްތަމަޢަކީ ބާއްޖަވެރި އުފާވެރި މުޖްތަމަޢަކަށް ނުވާނެ. އެހެންވީމާ އަޅުގަނޑު އިލްތިމާސް ކުރަނީ، މިކަމަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް. ހަމައެކަނި ތިމާގެ ދިރިއުޅުން ރަނގަޅުވީމާ އެއީ ފުދުނީކަމަށް ނުބެލުން. ހަމައެކަނި ތިމާ ކުރަންޖެހޭ ކަންތައް، ތިމާގެ އަމިއްލަ މަޞްލަޙަތަށްޓަކައި ކުރަންޖެހޭ ކަންތައްތައް އިޞްލާޙުވުމުން އެއީ ފުދުނީކަމަށް ނުބެލުން. އޭގެއިތުރަށް ޖަމާޢަތުގެ ކަންތައްތަކުގައި ބައިވެރިވެ މީސްތަކުންނާ ގުޅިގެން ކޮންމެ ތަނެއްގެވެސް އެކި ކަންކަން ރަނގަޅުކުރެވޭތޯ ނަޞޭޙަތްތެރިވެ މަސައްކަތްކޮށް އުޅުން އެއީވެސް ވާންޖެހޭނެ، ތިމާގެ ވާޖިބެއް ކަމުގައި.
 
އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، މިހާރު ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ އެހެން ކަމެއްގެ ވާހަކަ. އެއީ ރާއްޖޭގެ ބިމުން ލިބެން ހުންނަ ފައިދާތައް އިތުރުކުރުން. މިވާހަކަ މާ ތަފްޞީލުކޮށް، މިރަށުގެ ރައްޔިތުންނާ މުޚާޠަބުކޮށް ދައްކާ ވާހަކައެއްގައި ދެއްކުމުގެ މާބޮޑު ބޭނުމެއް އޮތެކޭ އަޅުގަނޑަކަށް ހިއެއްނުވޭ. ސަބަބަކީ މިރަށުގެ ރައްޔިތުންނަކީ ބިމުގެ މަސައްކަތުގައި އުޅުއްވާ ބަޔަކަށްވާކަން. މަސްވެރިކަމަށްވުރެ މިރަށުގައި ބޮޑަށް ފައިދާކުރެވޭ މަސައްކަތަކީ ބިމުގެ މަސައްކަތް ކަމުގައިވާތީ. ކޮންމެއަކަސް، ރާއްޖޭގެ ބިމަކީ ވަރަށް ކުޑަކުޑަ ބިންކޮޅެއް. އަޅުގަނޑުމެންގެ ރަށްތަކުގެ ތެރެއިން ރަށްތަކަކީ ވަރަށް ކުދިކުދި ރަށްރަށް. އަދި އެކިއެކި ބާވަތްބާވަތުގެ ކާބޯތަކެތި ހެއްދުމަށް އެކަށީގެންނުވާ ކަހަލަ ރަށްރަށްވެސް އެބަހުރި. މިދެންނެވީ ގިނަގޮތްގޮތުން ބަލާއިރު، ފެން ލޮނުވުމުގެ ސަބަބުން ނުވަތަ ފަސްގަނޑުގެ ދެރަކަމުން. މިކަހަލަ އެތަކެއް ސަބަބުތަކަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ބިމުގެ ފައިދާ އޮންނަނީ ޙާޞިލްނުކުރެވިފައި. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ބިމުގެ ފައިދާ ޙާޞިލްނުކުރެވޭ އެންމެބޮޑު ސަބަބަކީ އެކަމާ ނޫޅެވޭކަމޭ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ދަނޑުވެރިކަމަށް އެކަށީގެންވާ އަދި އެނޫންވެސް ކާބޯތަކެތި އުފައްދާ ގަސްގަސް އިންދައި ހެއްދުމަށް އެކަށީގެންވާ، ވަރަށްގިނަ ރަށްރަށް އެބަހުރި. އޭގެތެރެއިން ފުދޭވަރަކަށް އަޅުގަނޑުމެންނަށް އެ މަސައްކަތް އެއްވެސް ރަށެއްގައި ކުރެވިފައެއް ނުހުރޭ. މިހެން ދެންނެވިޔަސް، މިރަށަކީ އެއިން  އިސްތިސްނާކުރެވޭނެ ރަށެއް. މިރަށުގެ ހުރިހާ ރައްޔިތުންނަކީވެސް ބިމުގެ މަސައްކަތް ވަރަށްމަތީ ދަރަޖައަކަށް ކުރައްވާ ބައެއް. އޭގެ ފައިދާ ޙާޞިލްކުރައްވާ ބައެއް. އެހެންނަމަވެސް، މުޅި ރާއްޖެއަށް ކުރާ އިލްތިމާސެއް، މިރަށުގެ ރައްޔިތުންނަށް ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި އެކަށީގެންނުވާ ކަމެއް ނޫން. އެގޮތުން އެވާހަކަ އަޅުގަނޑު މިދަންނަވަނީ. މިރަށުގެ ބިމުންވެސް އަދި މިހާރަށްވުރެ ބޮޑަށް ފައިދާކުރާނެ ގޮތްތަކެއް އަޅުގަނޑަށް އަދި ހީވަނީ ހޯއްދެވިދާނެހެން. އެންމެން މިކަމާ ދޭތެރޭގައި ވިސްނައިގެން ރައްޔިތުންނާއި ވެރިންނާ އެކުވެގެން އެއްބާރުލައިގެން އަދި އެކިކަންކަމުގައި ބޭނުންވާ ބޭނުންތައް ސަރުކާރަށް ހުށަހަޅައިގެން ސަރުކާރުގެ އެހީތެރިކަންވެސް ލިބިގެން މިހާރަށްވުރެ ބޮޑަށް މިރަށުގެ ބިމުންވެސް ލިބެން އޮތް ފައިދާއެއް ޙާޞިލްކުރުމަކީ އަޅުގަނޑު ދަންނަވާނީ މިދަނޑިވަޅުގައި ކޮންމެހެން ބޭނުން ކަމެކޭ.
 
އާދެ، އަޅުގަނޑުގެ ވާހަކަ މިއަދު މާދިގުކުރާކަށް ގަސްދެއް ނުކުރަން. ސަބަބަކީ މީގެކުރިންވެސް އަޅުގނޑު މިރަށަށް އައިސް މިރަށުގެ ރައްޔިތުންނާ ވާހަކަ ދައްކައި، އެކިއެކި ނުކުތާތަކުގެ މައްޗަށް އަލިއަޅުވާލައިފައިވާކަން. އެކަންކަން ތިޔަ އެންމެ ކަލުންނާއި ކަނބަލުން ރަނގަޅަށް ހަނދާން ބަހައްޓަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި މިހާރުވެސް ހަނދާން ހުންނާނެ ކަމަށް އަޅުގަނޑު ދެކެން. އެހެންކަމަށްވުމާއެކު، އަޅުގަނޑުގެ ވާހަކަ މިއަދު ނިންމާލަން ގަސްދުކުރަނީ، އަޅުގަނޑު މިދެންނެވި ނުކުތާތަކުގެ މައްޗަށް ތިޔަ ހުރިހާ ބޭކަލުން ރަނގަޅަށް ވިސްނެވުން އެދި އަދި ރަށުގެ ކަންތައްތައް އިޞްލާޙު ކުރުމާއި، ރަށް ކުރިއެރުވުމާ، މިހުރިހާ ކަމެއްގައިވެސް އެންމެން އެކުވެރިވެގެން ކުރުމަށް އިލްތިމާސް ކުރަމުން. އެންމެން އެކުވެރިވެގެން އެކަތިގަނޑަކަށްވެގެން، ވެރިންނާއި ރައްޔިތުންނާވެސް ގުޅިގެން ހުރިހާ ކަމެއްވެސް ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުން އެއީ އަޅުގަނޑުގެ އެދުމަކީ. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތި އަޅުގަނޑުމެންނަށް ދެވޭނީ ކުރިއަށް. މިއަދަށްވުރެ ތަނަވަސް މާދަމައެއް އަޅުގަނޑުމެންނަށް ފެންނާނެ. ކޮންމެ ބައެއްގެވެސް މުސްތަޤްބަލް އަލިވެގެންދާނީ އެބަޔަކު އެކަމަށް މަސައްކަތްކުރާ މިންވަރަކުން. މަސައްކަތް ނުކޮށް އުޅޭ ބައެއްގެ މުސްތަޤްބަލް އަލިވެގެނެއް ނުދާނެ. އެއާޚިލާފަށް ހުރިހާ ކަމެއްވެސް ރަނގަޅު ކުރެވޭތޯ މިހާރަށްވުރެ ފެންވަރު މަތިކުރެވޭތޯ ހިންމަތާއެކު މަސައްކަތް ކުރަމުންދާ ކޮންމެ ބައެއްގެވެސް މުސްތަޤްބަލް ދާނީ އުޖާލާވަމުން އަލިވަމުން. ހުރިހާ ކަމެއްވެސް ދާނީ ރަނގަޅުވަމުން. އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ކަމެއް.
 
އެހެންކަމަށްވުމާއެކު، އަޅުގަނޑު އިލްތިމާސް ކުރަނީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކު އެކުރާ މަސައްކަތެއް މިހާރަށްވުރެ ރަނގަޅު ކުރެވޭތޯ ބެލުމަށް. މިހާރަށްވުރެ ފައިދާހުރި ގޮތެއްގައި މަސައްކަތް ކުރަމުން ގެންދެވޭތޯ ބެލުމަށް. މިހާރަށްވުރެ ގިނަ، މިހާރަށްވުރެ ރަނގަޅު އާމްދަނީއެއް ލިބޭތޯ މަސައްކަތް ކުރަމުން ގެންދިޔުމަށް. އެގޮތަށް މަސައްކަތް ކުރުމުން، އޭގެ އެންމެ ފުރަތަމަ ނަތީޖާ ލިބޭނީ ހަމަ ތިމާއަށް. އޭގެފަހުގައި ރަށަށް އޭގެ ފައިދާކުރާނީ. އަދި މުޖްތަމަޢަށް އޭގެ ފައިދާކުރާނީ. ހަމައެއާއެކު، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ ގުޅުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ. އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަން އާކޮށް އާލާކުރެވޭތޯ ބެލުން އެއީ އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް ވާޖިބު ކަމުގައި ދެކެންވާނެ. އެއީ ހަމައެކަނި ރަށުގެ ވެރިން ކުރައްވާން އޮތް ކަމެއް ނޫން. ނުވަތަ ވަކިބަޔަކު ކުރަން އޮތް ކަމެއް ނޫން. އެއީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކުރަން ޖެހިފައިވާ ކަމެއް. އެހެންވީމާ، މިދެންނެވި ނުކުތާތަކުގެ މައްޗަށް ވިސްނަވައިގެން މިރަށުގެ ރައްޔިތުން އެކުވެރިވެގެން އެއްބާރުލައްވައިގެން މަސައްކަތް ކުރައްވަމުން ގެންދެވުމަކީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އެދުމެއް. އެގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވަންޏާ އެއްވެސް ޝައްކެއްނެތި އަޅުގަނޑުމެންނަށް އަޅުގަނޑުމެން މި އުންމީދުކުރާ ތަނަވަސް މުސްތަޤްބަލާ ހަމައަށް ވާސިލްވެވޭނެ.
 
އާދެ، އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤު ދެއްވުން. ފުވައްމުލަކުގެ ރައްޔިތުންނަށް އަދި މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވުން. ރާއްޖެއާއިގެން ކުރިއަށް ދިޔުމުގައި ދިވެހި ސަރުކާރަށާއި އަދި ދިވެހި ރައްޔިތުންނަށް ތެދުމަގު ދެއްކެވުން.
    والسّلام عليكم ورحمـة اللّـه.