بســم اللّـه الرّحمـن الرّحيــم
              
السّلام عليــكم
 
ކީރިތިވަންތަ މާތް اللّـه سبحانه وتعالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
އޭގެފަހުގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ އަދި އެންމެ އުފާވެރި ވާޖިބެއް ކަމަށް ދެކެނީ، ފަރެހުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު ތަރުޙީބަށްޓަކައި އިޚްލާޞްތެރިކަމާއެކު މިރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރުން. އަޅުގަނޑުދާ ހުރިހާ ރަށެއްގެވެސް ރައްޔިތުން ވަރަށް އިޚްލާޞްތެރި ތަރުޙީބެއް އަޅުގަނޑަށް ދެއްވަމުން ގެންދަވާ. އެހެންނަމަވެސް މިރަށުގެ ރައްޔިތުންގެ ފަރާތުން މިލިބުނު ތަރުޙީބަކީ ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކުރާ ކަމެއް. މިރަށުގެ އާދަކާދަ ނިޔާކުރާގޮތުގެ މަތިން ވަރަށްމަތީ ދަރަޖައަކަށް އަޅުގަނޑަށް ވަނީ ތަރުޙީބު ދެއްވާފައި. އަދި މިދުވަހަށް ތައްޔާރުވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް މިރަށުގެ ރައްޔިތުން ކުރައްވާފައިވޭ. އޭގެތެރެއިން، ފަޅުތެރެއިން މަގެއް ކޮނުން. އެއީ ވަރަށްބޮޑު މަސައްކަތެއް ކަމުގައި އަޅުގަނޑު ދެކެން. އެކަން ކުރެވޭނެ އެއްވެސް ރަނގަޅުގޮތެއް ނެތިގެން، ފުޅަފިން ކޮންނަވާފައި އެއޮތީ. އެކަންކަން އެހެން ކުރެއްވުމުން، އެއިން އަޅުގަނޑަށް މާނަކުރެވެނީ، ފަރެހުގެ ރައްޔިތުންގެ ހިތުގައި ދިވެހި ދައުލަތާމެދު އުފެދިފައިވާ އިޚްލާޞްތެރިކަމުގެ މަތިވެރިކަން. އެހެންކަމަށްވުމާއެކު، އަޅުގަނޑު މިރަށުގެ ރައްޔިތުންނަށް ޝުކުރު ދަންނަވަނީ ހިތުގެ އެންމެއަޑިން. އަޅުގަނޑުގެ ހިތާމައަކީ، މިހާބޮޑެތި މަސައްކަތް މިހެން ކުރައްވާފައި ހުންނައިރުވެސް، އަޅުގަނޑަށް އެއްވެސް ރަށަކަށް އައިސް ގިނައިރު ހޭދަކުރަން ނުލިބޭކަން.
 
ތިޔަ އެންމެ ކަލުންނަށާއި ކަނބަލުންނަށް އެނގިލައްވާނޭ ފަދައިން، އަޅުގަނޑުގެ ދަތުރަކީ ހުވަދުއަތޮޅުގެ ދެކުނުބުރިއާއި އުތުރުބުރީގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމަށް މިވަގުތު ފަށާފައިވާ ދަތުރެއް. ލިބިފައިވާ ވަގުތުކޮޅު ވަރަށްވެސްކުޑަ. އެވަގުތުކޮޅުގެ ތެރެއަށް، ހުރިހާ ރަށަކަށް ދާދިޔުން ފައްތަންޖެހޭ. އެހެންވުމާއެކު، ކޮންމެ ރަށަކަށްވެސް ގޮސްފައި، ހަމަ އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކާލާފައި ޖެހެނީ ފުރަން. އެއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. އެހެންނަމަވެސް އަޅުގަނޑަށް ޔަޤީންވޭ، ތިޔަ ހުރިހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް ރަނގަޅަށް އެނގިލައްވާނެ، އަޅުގަނޑަށް މާލެއިން ބޭރުގައި މާގިނަ ދުވަހަކު އުޅެވޭކަށް ނޯންނާނެކަން، އަދާކުރާ މަޤާމުގެ ގޮތުން ބަލާއިރު. އެހެންވުމާއެކު، ކޮންމެ ރަށެއްގައިވެސް ވަރަށް ކުޑަކުޑަ ވަގުތުކޮޅެއް ހޭދަކޮށްލާފައި އަޅުގަނޑަށް ޖެހެނީ ފުރަން.
 
 ކޮންމެއަކަސް، އަޅުގަނޑުގެ މިދަތުރުތަކުގެ ބޭނުމަކީ ރާއްޖެތެރޭގެ ޙާލުއަޙުވާލު، އަޅުގަނޑުގެ އަމިއްލަ ލޮލުން ދެކިލުން. އަޅުގަނޑު އަމިއްލައަށް ބަލައިލުން. އަދި ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅުމަށް ކުރައްވާ މަސައްކަތްތައްވެސް އެއީ ކޮން މަސައްކަތްތަކެއްތޯ ބަލައި، އެމީހުންގެ ދިރިއުޅުމަށް ކުރިމަތިވަނީ ކޮންކަހަލަ ދަތިތަކެއްތޯވެސް ބަލައި، އެކަންކަމުގައި ސަރުކާރުން އެހީވެވެން އޮތް މިންވަރަކުން އެހީވެދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން. މީގެކުރިން މިގޮތުން އަޅުގަނޑު ކުރި ދަތުރުތަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، މިހާރު ރާއްޖެތެރެ ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓެއް، މަޝްރޫޢެއް ވަނީ ރޭވިފައި. އެ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ހިނގަމުން އެބަދޭ. އެއީ ވަރަށްމަތީ ޢަދަދަކަށް ފައިސާ ޚަރަދުކުރެވޭ މަޝްރޫޢެއް. އެގޮތަކީ ރާއްޖެތެރޭގެ ހުރިހާ ކަމެއްވެސް ވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައި. ގިނަ ރަށްރަށުގައި ކިޔަވައިދޭ ތަނެއް ނުހުރޭ. ރަށްރަށުގެ އޮފީސްތައްވެސް ހުންނަނީ ވަރަށް ނިކަމެތި ގޮތަކަށް. މިސްކިތްތައް ހުންނަނީ މުޅިންހެން ހަލާކުވެފައި. މަރާމާތުކުރަންޖެހިފައި. ނުވަތަ އަލުން މިސްކިތް އަޅަން ޖެހިފައި. ފަޅުތެރެ ތިލަކަމުން ދޯނިފަހަރަށް ލަފާފުރޭކަށް ނޯވޭ. ނެރުވެސް އޮންނަނީ އެކަހަލަ ގޮތަކަށް ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި އެއްވެސް ކަހަލަ މަސައްކަތެއް ކުރެވޭގޮތަކަށް ނޫން ކަންތައްތައް އޮތީކީ.
 
އެހެންކަމަށްވުމާއެކު، ވަރަށްގިނަ މަސައްކަތްތައް މިހާރު އަޅުގަނޑުމެންނަށް ވަނީ ކުރަންޖެހިފައި. އަޅުގަނޑުމެންނޭ މިދެންނެވީ، އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ވާހަކަ. ހަމައެކަނި ސަރުކާރަކުން ނޫން. ސަރުކާރުން މަޝްރޫޢެއް ރާވައި، އެމަޝްރޫޢަށް ކުރާނެ ޚަރަދު ހަމަޖެއްސި ކަމުގައިވިޔަސް، އެ މަޝްރޫޢު ހިންގަން ތިބޭނީ އަޅުގަނޑުމެން ރައްޔިތުން. ކޮންމެ ރަށެއްގެވެސް އަހުލުވެރިން. މި މަޝްރޫޢުގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނިފައިވޭ. އެއްކަމަކީ ތަޢުލީމް. އަޅުގަނޑުމެންގެ ޅަދަރިންނަށް ތަޢުލީމު ދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއްކަން ޔަޤީން. ކޮންމެ ރަށެއްގައިވެސް ތަޢުލީމުދޭ ތަނެއް ހުންނަންވާނެ. މިރަށުގައި މިހުރި މަކްތަބުލް ޖިހާދުވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މެދުކެނޑިގެން ނަމަވެސް، ފަނަރަވަރަކަށް އަހަރު މިހާރު ޚިދުމަތްކޮށްފި. އެންމެފަހުން ހުޅުވިގެން ހިނގަމުންދާތާ ހަތަރުއަހަރު ވެއްޖެ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. ކޮންމެއަކަސް ތަޢުލީމުދޭ ތަނެއް ހުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. ސަރުކާރުގެ ޚަރަދުގައި ކޮންމެ ރަށެއްގައި މަކްތަބެއް ހުޅުވޭކަށް ނޯންނާނެ. މިހާރު ހަމަޖެހިފައިވާ ގޮތުން ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި އެއް ޕްރައިމަރީ ސްކޫލް، އެއް މަދަރުސާ ހިނގާގޮތަށް ހަމަޖެހިފައިވަނީ. އެއީ އެކަމަށްދާނެ ޚަރަދު ބޮޑުކަމާއެކު، ސަރުކާރުން އެއަށްވުރެ ގިނަ ޚަރަދު މިވަގުތު ކުރެވެންނެތީމާ. އެއީ ހަމައެކަނި ފަށައިގަތުމެއް. ގަސްދުކުރެވިފައިވަނީ ތަނަވަސްކަން އިތުރުވީ މިންވަރަކުން އަތޮޅުތަކުގައިވެސް މަދަރުސާތައް ގިނަކުރުން. އޭގެކުރިން އަޅުގަނޑުމެންގެ ކޮންމެ ރަށެއްގެވެސް ރައްޔިތުންގެ ވާޖިބަކަށްވާންޖެހޭނެ، އެރަށެއްގައި އެރަށެއްގެ ކުދިންނަށް ތަޢުލީމު ދެވޭނެ ގޮތްތަކެއް ހޯދުން. ވަރަށްގިނަ ރަށްރަށުގައި މިހާރު މަކްތަބުތައް އެބަ ހިނގާ.
 
އެހެންވީމާ، އެކަމަށް މިރަށުގެ ރައްޔިތުންވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މިހާރުވެސް ތިޔަ ހިންގަވާ މަދަރުސާ މިހާރަށްވުރެ ރަނގަޅަށް ހިނގަމުންދާނެގޮތަކާ ދޭތެރޭގައި ވިސްނަވައިގެން އެގޮތަށް ޢަމަލުކުރެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ކުއްލިއަކަށް ސަރުކާރުން މިކަހަލަ ކަންކަމަށް މާބޮޑެތި އެހީއެއްވެވޭކަށް ނޯންނާނެ. އެއީ އަޅުގަނޑު ދެންނެވި ފަދައިން، ހުރިހާ އަތޮޅަކަށްވެސް އަދި ހުރިހާ ރަށަކަށްވެސް އެކަހަލަ ޚިދުމަތްތައް ބޭނުންވެފައިވުމާއެކު، އެކަމަށްދާނެ ޚަރަދުގެ ބޮޑުކަމުން. އަދި ކުއްލިއަކަށް އެހުރިހާ ޚަރަދު ކުރެވެން ނޯންނާނެތީ. ތަޢުލީމުގެ ގޮތުން މެދުނުކެނޑި 10 އަހަރު ހިނގާފައި ހުރި މަކްތަބްތަކަށްވެސް ސަރުކާރުން މިހާރު އެހީވެދޭގޮތަށް ހަމަޖެހިފައިވަނީ. އެއީވެސް ވަކި އުޞޫލެއް ބަލައިގެން ހަމަޖެއްސީ. އެހެން ނޫންކަމަށްވަންޏާ، ހުރިހާ މަކްތަބުތަކަށް ސަރުކާރުން އެހީވެދޭންޖެހޭނެ. އެއީ އެއްފަހަރާ ކުރެވެން އޮންނާނެ ކަމެއް ނޫން.
 
މި މަޝްރޫޢުގެ ދަށުން އެހެންވެސް ވަރަށްގިނަ ކަންތައްތައް ރޭވިފައިވޭ. މިސްކިތްތައް މަރާމާތުކުރުން. ބައެއް ރަށްރަށުގައި އަލުން މިސްކިތް އެޅުން. ކޮންމެ ރަށެއްގައިވެސް ރަށުކޯޓެއް އުފައްދައިގެން ހިންގުން. އަތޮޅުއޮފީސްތަކަށް މުވައްޒަފުން އިތުރުކުރުން. ރަށްރަށުގެ އޮފީސްތަކަށްވެސް މުވައްޒަފުން އިތުރުކުރުން. ވަރަށްގިނަ ރަށްރަށުގެ ފަޅުތެރެ ކޮނުން. ނެރު ގޮއްވުން. މިހެންގޮސް ވަރަށްގިނަ ކަންތައްތައް މިމަޝްރޫޢުގައި ހިމެނިފައިވޭ. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ސަރުކާރުން މިކުރާ މަސައްކަތުގައި ރައްޔިތުން ވީހާ ބޮޑަކަށް ބައިވެރިވެގެން، އެހުރިހާ ކަމެއް ކުރިއަށް ގެންދެވޭތޯ ބެއްލެވުން. އެހުރިހާ ކަމެއް ސަރުކާރުން މިކުރަނީ ހަމަ ރައްޔިތުންގެ ފައިދާއަށް. އެހެން އެއްވެސް ކަމަކު ނޫން. މިހެންކަމުން ސަރުކާރަށް ލިބޭނެ ވަކި ފައިދާއެއް ނޯންނާނެ. އޭގެ ފައިދާ ލިބޭނީ ހަމަ ކޮންމެ ރަށެއްގެވެސް ރައްޔިތުންނަށް.
 
 އާދެ، މިހާރު ތަޢުލީމާ ބެހޭގޮތުން ފެށިގެން އުޅޭ އަސާސީ ތަޢުލީމުގެ މަޝްރޫޢު އެއީވެސް ވަރަށް މުހިންމު މަޝްރޫޢެއް. އޭގެ ބޭނުމަކީ އަޅުގަނޑުމެންގެ ތެރެއިން ފުދޭވަރަށް ތަކެތި ނުދަންނަ މީހުންނަށް ތަކެތި ދަސްކޮށްދިނުން. ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުން. އަދި މާތްވެގެންވާ އިސްލާމްދީނާ ބެހޭގޮތުންވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެނގެންޖެހޭނެ މިންވަރު އެމީހަކަށް ދަސްކޮށްދިނުން. ހަމައެފަދައިން، އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގައިވެސް އެނގެންޖެހޭނެ މަޢުލޫމާތު އަންގައިދިނުން. ހިސާބުވެސް ކޮންމެވެސް ވަރަކަށް ދަސްކޮށްދިނުން. ޞިއްޙަތާބެހޭ މަޢުލޫމާތުވެސް. އަޅުގަނޑުމެންގެ ތެރޭގައި ލިބެން ހުންނަ ކާބޯތަކެތީގެ ފެންވަރުވެސް އަދި އެއިން ހަށިގަނޑަށް ފައިދާ ހުންނަ ތަކެއްޗާއި، ބަލިބަލިން ރައްކާތެރިވާނެގޮތާ، މިކަހަލަ ބޭނުންތެރި މަޢުލޫމާތުތައްވެސް އަންގައިދިނުން. އެއީ އަޅުގަނޑުމެންނަށް މިހުރިހާ މަޢުލޫމާތުތަކެއް އެނގިގެން ނޫނީ އަޅުގަނޑުމެންނަށް އެދެވޭގޮތެއްގައި އަޅުގަނޑުމެންގެ ދިރިއުޅުން ހަމަނުޖެއްސޭނެތީ. އަދި ދިމާވާ އެކިއެކި މައްސަލަތައް ޙައްލުނުކުރެވޭނެތީ. އެހެންވީމާ، މި މަޝްރޫޢަށްވެސް މިރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ތަރުޙީބު ދެއްވައި، އެކަން ކުރިއަށް ގެންދެވުން އަޅުގަނޑު އެދެން. ކޮންމެ މީހަކުވެސް ކިޔަވަންވާނެ. ކިޔެވުމަކީ ވަކި ޢުމުރަކަށް ޚާއްޞަވެފައިވާ ކަމެއް ނޫން. އެއީ ހަމައެކަނި ކުޑަކުދިން ކުރަން އޮތް ކަމެއް ނޫން. ބޮޑެތި މީހުންވެސް ކިޔެވުމަކީ ހަމަ ވަރަށް ބޭނުންކަމެއް. އެހެންވީމާ، ކުޑަކުދިންނާއި ބޮޑެތި މީހުންނާއި، އަންހެނުންނާއި ފިރިހެނުންނާ އެންމެންވެގެން މި މަޝްރޫޢު ކާމިޔާބު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަންވާނެ.
 
ހަމައެފަދައިން، ޢާންމުކޮށް ދިރިއުޅުން ތަނަވަސްކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް ކުރުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެއީ އަޅުގަނޑުމެންގެ އިޤްތިޞާދީ ފެންވަރުވެސް ވަނީ ވަރަށް ނޭދެވޭ ދަށު ދަރަޖައަކަށް ގޮސްފައި. އެކަން ރަނގަޅު ކުރެވޭނީވެސް އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުކޮށްގެން. މިރަށަކީ މަސްވެރި ރަށެއް ކަމަށް އަޅުގަނޑަށް އެނގިފައިވޭ. އެހެންވީމާ، މިރަށުގެ މަސްވެރިކަންވެސް މިހާރަށްވުރެ ރަނގަޅަށް ކުރެއްވޭތޯ ބެއްލެވުން އެއީ މިރަށުގެ ރައްޔިތުންގެ ވާޖިބަކަށްވާނެ. މަސްވެރިކަން އެއީ އަޅުގަނޑުމެންގެ ޤައުމީ އިޤްތިޞާދު އޭގެ މައްޗަށް ބިނާވެފައިވާ އެންމެ ހަރުދަނާ، އެންމެ މުހިންމު މަސައްކަތް. އެތަކެއް ޒަމާނުއްސުރެ ކުރިން އަޅުގަނޑުމެން ކުރަމުން އައި މަސައްކަތް. އެމަސައްކަތަކީ މިހާރުވެސް ރާއްޖޭގެ އިޤްތިޞާދުގެ އެންމެބޮޑުބައި. އެހެންވީމާ، އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިގެން، މަސްވެރިކަން ކުރިއަށް ގެންދެވޭތޯ ބެއްލެވުމަކީ ސަރުކާރުގެ އެދުމެއް. އެއީވެސް ހަމަ ރަށުގެ ރައްޔިތުންގެ އަމިއްލަ ފައިދާއަށްޓަކައި.
 
މިކަމާ ދޭތެރޭގައި ދަންނަވަންޖެހޭ އެއްޗަކީ، އަޅުގަނޑުމެން ރިޔާދޯނިފަހަރުގައި މަސްވެރިކަން ނުކުރާގޮތަށް އޮތުން އެއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނޭ. ސަބަބަކީ މިހާރު ތިޔަ އެންމެ ކަލުންނަށާއި ކަނބަލުންނަށް އެނގިލައްވާނޭ ފަދައިން، ތެލުގެ އަގު ވަނީ ވަރަށްބޮޑުތަން މައްޗަށް ގޮސްފައި. އެކަމާ ދޭތެރޭގައި ސަރުކާރުން ކުރާނެ މާބޮޑު ކަމެއް ނޯންނާނެ. އެއީ ތެލަކީ އަޅުގަނޑުމެންގެ ރާއްޖޭގައި އުފައްދާ އެއްޗެއް ނޫން. ރާއްޖޭގައި އުފެދޭ އެއްޗެއްވެސް ނޫން. ތެލަކީ ޤުދުރަތީ ގޮތުން ބައެއް ތަންތާނގައި ހުންނަ އެއްޗެއް. އެ ހުރިތަނަކުން އެތެޔޮ ނެގެނީ. ބިމުގެ އަޑިން ނަގަނީ. ނަގައިގެން އެހެން ގައުމުތަކަށް ބޭރުކުރަނީ. އެހެން ޤައުމުތަކުން ޖެހެނީ އެ އެއްޗެހި ގަންނަން. އަޅުގަނޑުމެންގެ ރާއްޖޭގައި ތެލެއް ނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް މިޖެހެނީ ބޭރުން ތެޔޮގަނެގެން އެތެރެކުރަން. ދުނިޔޭގެ މާރުކޭޓްތަކުގައި ތެލުގެ އަގު މައްޗަށް ދިޔައިމާ އަޅުގަނޑުމެންނަށްވެސް ޖެހެނީ ހަމަ އެއަގަށް ގަންނަން. ގަނެގެން އެތެރެކުރަން. އެކަން އޮތީ އެހެންކަމަށްވުމާއެކު، އިންޖީނުދޯނިފަހަރުގައި މަސްވެރިކަން ކުރުމަށް މިވަގުތު ވަރަށްބޮޑެތި ދަތިތަކެއް މެދުވެރިވެފައިވޭ. އަޅުގަނޑުމެން ކުރިއްސުރެ ކާބަފައިންގެ ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައިގޮތަށް މިހާރުވެސް ކުރަމުން ގެންދާ ކަމަށްވަންޏާ، އެދަތި އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން ފިލުވައިލެވިދާނެ. އަޅުގަނޑު މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ، މިހާރު އިންޖީނު ދޯނިފަހަރު ހުރުމާއެކު، ރިޔާނެގި ދޯނިފަހަރުގައި މަހަށް ދިޔުމަކީ ވަރަށްގިނަ ބަޔަކަށް ކުރެވޭނެ ކަމެއް ނޫންކަން. ނުވަތަ އެކަން ކުރާކަށް މާގިނަ މީހުންނެއް ތަރުޙީބެއް ނުދޭނެކަން. އެހެންނަމަވެސް އަޅުގަނޑުމެން ވިސްނާލަން ޖެހިއްޖެ. ދެގޮތުން އެއްގޮތެއް އޮތީ، އަޅުގަނޑުމެންގެ ކުރިމަތީގައި. އެއީ، މަސްވެރިކަން ކުރުން. ނޫނީ ނުކުރުން. ނުކޮށްފިއްޔާ އޭގެ ހިތި ނަތީޖާވެސް ލިބެނީ ހަމަ އަޅުގަނޑުމެންނަށް. މަސްވެރިކަން ކުރުމުން އެއީ ކޮންމެ ގޮތަކަށް ކުރި ކަމުގައިވިޔަސް، އިންޖީނު ދޯނިފަހަރުގައި ދިޔަކަމުގައިވިޔަސް ނުވަތަ ރިޔާދޯނިފަހަރުގައި ދިޔަކަމުގައިވިޔަސް، އެ ލިބޭ އެއްޗެއް އެ ލިބެނީ ހަމަ އަޅުގަނޑުމެންނަށް. އެއިން ފައިދާ ލިބެނީވެސް ހަމަ އަޅުގަނޑުމެންނަށް. އެހެންވީމާ، ހަމައެކަނި އިންޖީނު ދޯނިފަހަރުގައި މަސައްކަތްކޮށްފައި، ރިޔާދޯނިފަހަރުގައި މަސްވެރިކަން ނުކުރަންވީ އެއްވެސް ސަބަބެއް ނެތް. ވަރަށް ރަނގަޅަށް ވިސްނާފައި އަޅުގަނޑުމެން އެކަންތައްވެސް އަލުން ދިރުވަންވެއްޖެ މިހާރު.
 
މިރަށުގައިވެސް 14 މަސްދޯނި އެބަހުރި. އެހެން ނަމަވެސް، މަހަށްދަނީ އެންމެ ދެދޯނި ކަމަށްވަނީ، ރިޔާނެގި ދޯނިފަހަރުގެ ތެރެއިން. އެއީ އަޅުގަނޑު ދެކޭގޮތުގައި އެކަން އޮންނަންވީ ގޮތެއް ނޫން. ރަނގަޅަށް އަޅުގަނޑުމެން ވިސްނައިފައި އެހެން ދޯނިފަހަރުގައިވެސް މަހަށް ނުކުންނަންވީ. މަސްވެރިކަން ކުރަންވީ. އަޅުގަނޑުމެން މަސައްކަތް ކުރި މިންވަރަކުން އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްވާނީ. ބޭރުގެ އެހެން ބަޔަކު އައިސް އަޅުގަނޑުމެންނަށް ކާންބޯކަށް ނުދޭނެ. އެހެން ބަޔަކު އައިސް އަޅުގަނޑުމެންނަށް ފައިސާތަކެއްވެސް ނުދޭނެ. ހަމަ އަޅުގަނޑުމެން އަމިއްލައަށް މަސައްކަތް ކުރަންޖެހޭނީ. އަމިއްލައަށް ކުރާ މަސައްކަތެއްގެ ނަތީޖާ ތިމާއަށް ފެންނާނީ. އެ ޙަޤީޤަތް އަޅުގަނޑުމެންނަށް ގަބޫލުކުރެވިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ.
 
ތެލުގެ މައްސަލައިގައި ދެ ދަތިކަމެއް އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ. އެއްކަމަކީ އަގުބޮޑުވުން. އަގުބޮޑުވުމާ ދޭތެރޭގައި އަޅުގަނޑު ދެންމެ މި ދެންނެވިހެން ކަން އޮތީ. ދެންއޮތީ ތެޔޮ ނުލިބުން. ފުދޭވަރަށް، ބޭނުންވާވަރަށް ނުލިބުން. އެކަންވެސް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޙައްލުކުރެވޭނެ. ސަރުކާރުން ރާއްޖެތެރެއަށް ތެޔޮ ފޮނުވާގޮތަށް މިހާރުވަނީ ހަމަޖެހިފައި. ކޮންމެ އަތޮޅަކަށްވެސް ތާނގީތަކެއް މިހާރުވަނީ ފޮނުވިފައި. އެ އަތޮޅުގެ ބައެއް ރަށްރަށުގައި ބަހައްޓައިގެން އެއަށް ސަރުކާރުން ދޫކުރާ ތެޔޮ އެތަންތަނުން މަސްވެރިންނަށް ދޫކުރާގޮތަށް މިހާރު ހަމަޖެހެމުންދަނީ. މިއަތޮޅުގެވެސް ތިން ރަށެއްގައި ތެޔޮ ބެހެއްޓިފައި ހުންނާނެ. އެއްރަށަކީ މިރަށާ މާދުރު ރަށެއް ނޫން. އެއީ ފިޔޯރީ. އެހެންވީމާ، މަސްވެރިންނަށް ފަސޭހަވާނެގޮތްތައް ސަރުކާރުން މިގެންދަނީ ރާވަމުން. އެގޮތްތަކުގެ ބޭނުންކުރައްވައިގެން މަސްވެރިކަން ދިރުވައި މަސްވެރިކަން ކުރިއަށް ގެންދިޔުން އެއީ ރައްޔިތުންގެ ވާޖިބެއް.
 
 ހަމައެއާއެކު، އެހެން މަސައްކަތްތައްވެސް ކުރިއަށް ގެންދެވުމަކީ އަޅުގަނޑުމެން ކޮންމެހެން މިވަގުތު ކުރަންވެއްޖެ ކަމެއް. މިރަށުގެ ރައްޔިތުން ކުރައްވާ އެހެން ބައެއް މަސައްކަތްތަކުގެ ނަމޫނާތަކެއް ދެންމެ އަޅުގަނޑު މިރަށަށް ފޭބިއިރު އަޅުގަނޑަށް ފެނިގެންދިޔަ. އަޅުގަނޑު ވަރަށް އުފާކުރިކަމެއް އެއީ. ފަންގިވިނުން، ރޯނުވެށުން، ބޮލިހިލުން، މިކަހަލަ މަސައްކަތް މިރަށުގެ ރައްޔިތުން ކުރައްވާތީ. އެއިން ކޮންމެ ކަމެއްވެސް އެއީ ހަމަ ވަރަށް ރަނގަޅު މަސައްކަތެއް. އެ މަސައްކަތް ވީހާބޮޑަކަށް ކޮށްގެން، އެއިންވެސް އާމްދަނީއެއް ލިބޭތޯ ބެލުމަކީ އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް. ދެން އަޅުގަނޑުމެން އެންމެބޮޑަށް ސަމާލުކަންދޭންވީ ކަމަކީ، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަން އާލާކުރުމާ ދޭތެރޭގައި. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންނަކީ، އެހެންވީމާ އެއްބަނޑުއެއްބަފާ ބައެއް. އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަންޖެހޭ ލޯބީގެ ގުޅުން، އެހީތެރިކަމުގެ ގުޅުން، އަޅުގަނޑުމެންގެ މެދުގައި ޤާއިމުކޮށްގެން ނޫނީ އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެ.
 
އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ، އަދި އެއް ޤައުމެއްގެ އަހުލުވެރިން ކަމަށްވާތީ، އަޅުގަނޑުމެންގެ މެދުގައި އެހީތެރިކަމާއި އޯގާތެރިކަމާއި ލޯތްބާއި ހެޔޮއެދުން ވެއްޖެ ފަތުރަން. ކޮންމެ މީހަކުވެސް އެހެން މީހުންނާ ދޭތެރޭގައި، ތިމާ، ތިމާޔާ ދޭތެރޭގައި އެހެން މީހުން ކަންތައް ކުރަން އެދޭނެގޮތަށް. އީމާންކަމުގެ ތެރެއިންވާކަމެއް އެއީ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ، "لايؤمن أحدكم حتى يحب لأخيه ما يحب لنفسه." ޙަދީޘްގެ މާނައަކީ، "ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާނެއްނުވެއޭ، އެމީހާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އެހެން މީހުންނަށްވެސް ހެޔޮނޭދޭނަމަކާ." އެހެންވީމާ، ފުރިހަމަ މުއުމިނުން ކަމުގައި އަޅުގަނޑުމެންނަށް ވެވޭނީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، ތިމާގެ އަޚުންނަށްވެސް ހެޔޮއެދިގެން. ހަމައެކަނި ތިމާގެ އަމިއްލަ މުދާތަކަށް ރައްކާތެރިވާންވީކީ ނޫން. ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާންވީކީ ނޫން. އޭގެއިތުރަށް، އެހެން މީހުންގެ މުދާތަކަށާއި، އެހެން މީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާންވީ. އަދި އަބަދުވެސް އަޅުގަނޑުމެންގެ މެދުގައި އޯގާތެރިކަމާއި އެހީތެރިކަން ފަތުރަންވީ. އެގޮތުން އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަން ޤާއިމުކޮށްގެން އަޅުގަނޑުމެންގެ ވެރިންނާއި ރައްޔިތުންނާ ދެމެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮވެގެން، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނީ.
 
ވީމާ، އަޅުގަނޑު މިދެންނެވި ނުކުތާތަކުގެ މައްޗަށް މިރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނެވުން އެދެން. އަދި އެގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުންވެސް އަޅުގަނޑު އެދެން. އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތް ކާމިޔާބުވާނީ އެގޮތަށް މިރަށުގެ ރައްޔިތުންވެސް މަސައްކަތް ކުރައްވައިގެން. މިހާރު ކޮންމެ ރަށެއްގައިވެސް ރަށްކުރިއަރުވާ ކޮމިޓީވެސް އުފެދިފައިވޭ. ކޮންމެ އަތޮޅެއްގައި އަތޮޅު ކުރިއަރުވާ ކޮމިޓީވެސް އެބައޮތް. އެކޮމިޓީތަކުގެ މެންބަރުންވެސް މަޝްވަރާ ކުރައްވައިގެން، ރަށް ކުރިއެރުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އިންތިޒާމު ކުރައްވަންވީ. އަދި އެމަސައްކަތްތައް ރައްޔިތުންވެސް އިޚްލާޞްތެރިކަމާއެކު ކުރައްވަމުން ގެންދަންވީ.
 
އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވިހެން، އެއްރަށެއްގައިވެސް މާގިނަ ވަގުތުތަކެއް ހޭދަކުރެވޭކަށް ނޯވޭ. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ. ނިންމާލުމުގެ ކުރިންވެސް މިރަށުގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ބެހެއްޓެވި އިޙްތިރާމާއި އޯގާތެރިކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވަން.
 
އަޅުގަނޑު އެދެނީ، ފަރެހަށް މިއަދަށްވުރެ ތަނަވަސް މާދަމައެއް. މުޅި ދިވެހިރާއްޖެއަށްވެސް އަދަށްވުރެ ފެހި މުސްތަޤްބަލެއް.

                    والسّلام عليكم ورحمـة اللّـه.