بســم اللّـه الرّحمـن الرّحيــم
              
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين،  سيّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
އާދެ، ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ނައިބު އެ ވިދާޅުވި ފަދައިން، މިއަދު އަޅުގަނޑު މިފަށަނީ ގދ. އަތޮޅުގެ ރަށްތަކަށް ކުރާ ޒިޔާރަތެއް. މިއަތޮޅުން އެންމެ ފުރަތަމަ އަޅުގަނޑަށް މިއާދެވުނީ ވާދޫއަށް. އަޅުގަނޑުގެ މިދަތުރުތަކުގެ ބޭނުމަކީ މިހާރު ތިޔަ އެންމެ ކަލުންނާއި ކަނބަލުން އައްސަވައިފައިވާނޭ ފަދައިން، ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް ބަލައިލުން. ރާއްޖެތެރޭގެ ޙާލު އަޙުވާލު ދެކެލުން. އަދި ރާއްޖެތެރެ ތަރައްޤީ ކުރުމަށް ބޭނުންވާ ކަންތައްތަކާބެހޭ މަޢުލޫމާތު ހޯދައި، ސަރުކާރުން އެކަންކަމަށް އެހީވެދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން. މިގޮތުން މީގެކުރިން އަޅުގަނޑު ރާއްޖޭގެ ބައެއް އަތޮޅުތަކަށް މިހާރު ޒިޔާރަތްކޮށްފިން. އުތުރުގެ ބައެއް އަތޮޅުތަކަށާއި އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް މިކުރި ދަތުރުތަކުގެ ސަބަބުން އަޅުގަނޑަށް ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިހާރު ރާއްޖެތެރޭގެ ކަންތައްތައް ތަރައްޤީކޮށް އިޞްލާޙުކުރުމަށް ވަރަށް މުހިންމު މަޝްރޫޢެއްވަނީ ރޭވިފައި. އަދި އެމަޝްރޫޢަށް މިހާރުދަނީ ޢަމަލުކުރެވެމުން. އެއީ، ތިންއަހަރު ދުވަހަށް ދައުލަތުން ފާސްކޮށްފައިވާ މަޝްރޫޢެއް. އެއްކުރޯޑް ސާޅީސް ލައްކަ ރުފިޔާ، މިކަމަށް ޚަރަދުކުރުމަށް މިހާރުވަނީ ހަމަޖެހިފައި. މިމަޝްރޫޢުގައި ވަރަށްގިނަ ކަންތައްތައް ހިމެނޭ.
 
އޭގެތެރެއިން އެއްކަމެއް، ތަޢުލީމަށް އެހީވެދިނުން. ރާއްޖެތެރޭގެ ތަޢުލީމަށް. ސަރުކާރުގެ ޚަރަދުގައި ހިނގާ ޕްރައިމަރީ ސްކޫލެއް ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ހުޅުވުން އަދި މެދުނުކެނޑި 10 އަހަރު ދުވަސް ވަންދެން ހިނގާފައި ހުރި އަމިއްލަ މަކްތަބުތަކާއި މަދަރުސާތަކަށް ސަރުކާރުން އެހީވެދޭގޮތަށް ހަމަޖެއްސުން. ހަމައެފަދައިން، ރައްޔިތުންނަށް ދަތިވާ އެކިކަންކަން ރަނގަޅުކުރުމަށްވެސް މި މަޝްރޫޢުގައި ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެވިފައިވޭ. ބައެއް ރަށްރަށުގެ ފަޅު ތިލަކަމުން ލަފާފުރުމަށް ދަތިވާތީ ފަޅުކޮނުން، ނެރު ގޮއްވުން، އަދި ކޮންމެ ރަށެއްގައިވެސް ރަށުކޯޓެއް އުފެއްދުން، އަތޮޅުއޮފީސްތަކަށާއި ރަށްރަށުގެ ރަށުއޮފީސްތަކަށް މުވައްޒަފުން އިތުރުކުރުން. މިސްކިތްތައް މަރާމާތުކުރުން. ބައެއް ރަށްރަށުގައި އަލުން މިސްކިތް އެޅުން. އެހެންގޮސް ވަރަށްގިނަ ތަފާތު ކަންތައްތައް މި މަޝްރޫޢުގައި އެކުލެވިފައިވޭ. އޭގެ ބޭނުމަކީ ރާއްޖެތެރެ މިހާރު އޮތް ފެންވަރަށްވުރެ ރަނގަޅު ކުރުން. ހުރިހާ ގޮތަކުންވެސް ދައުލަތުގެ ޚިދުމަތްތައް ކޮންމެވެސް މިންވަރަކަށް ރާއްޖެތެރެއަށް ލިބިދިނުން.
 
މި މަޝްރޫޢުގެ ދަށުން މިރަށަށްވެސް ބައެއް ކަންތައްތައް ހަމަޖެހިފައިވޭ. މިރަށުގައި އަލުން މިސްކިތެއް އެޅުން މި މަޝްރޫޢުގައި ހިމެނިފައިވޭ. ހަމައެފަދައިން، ފަޅުތެރެ ކޮނުމާއި، މިބާވަތުގެ އެހެން ބައެއް ކަންތައްތައްވެސް ހިމެނިފައިވޭ. ކޮންމެއަކަސް، ތިޔަ އެންމެ ކަލުންނަށާއި ކަނބަލުންނަށް އެނގިލައްވާނެ ފަދައިން، ރާއްޖެތެރޭގެ ކަންތައްތައް އޮތްގޮތުން ދައުލަތުން އެއްފަހަރާ ހުރިހާ ކަންތައްތަކެއް ރަނގަޅެއް ނުކުރެވޭނެ. އެއީ އެކަންކަމަށް ވަރަށްބޮޑެތި ޚަރަދު ހިނގާނެތީ. އަދި އެކަންކަމަކީ ވަރަށްގިނަ ދުވަހުން ރަނގަޅު ކުރެވޭނެ ކަންކަމަށްވާތީ. އެހެންވުމާއެކު، މިހާރު ސަމާލުކަން ދެވިފައިވާނީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައްތަކަށް އިސްކަންދޭގޮތަށް. އެއީ އެއްފަހަރާ ހުރިހާ ކަމެއް ނުކުރެވޭނެތީ. އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިނގާ ޕްރައިމަރީ ސްކޫލެއް ހުޅުވުން މި މަޝްރޫޢުގައިވޭ. އެގޮތުން މިއަތޮޅުގައިވެސް މިހާރު ސްކޫލެއް ހިނގަމުން އެބަދޭ. މީގެކުރިން ސަރުކާރުގެ ޚަރަދުގައި ރާއްޖެތެރޭގައި ހިންގާ އެއްވެސް ސްކޫލެއް ނެތް. މިއީ ހަމައެކަނި ފަށައިގަތުމެއް. އެއީ އެއްވެސް އަތޮޅެއްގައި އެންމެ ސްކޫލެއް ހުރެގެން، އަތޮޅުގެ ތަޢުލީމުގެ ކަންތައްތައް އެދެވޭ ދަރަޖައަކަށް ކުރިއަކަށް ނުގެންދެވޭނެ. އެހެންނަމަވެސް ސަރުކާރުން ޚަރަދުކުރެވޭނީ ސަރުކާރަށް ލިބޭ އާމްދަނީއަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވާތީ އެއްފަހަރާ އެއަށްވުރެ ގިނަ ކަންތައްތައް ކުރެވެން ނޯންނަނީ.
 
އެހެންވީމާ، ފުރަތަމަ ފަށައިގަތުމެއްގެ ގޮތުން ކޮންމެ އަތޮޅެއްގައި އެއް މަދަރުސާ ސަރުކާރުގެ ޚަރަދުގައި ހިންގައިފައި، އޭގެފަހުން ދައުލަތަށް ތަނަވަސްކަން އިތުރުވަމުންދިޔަދިޔަހެން އިތުރު ސްކޫލްތައް އަޅާގޮތަށް ނުވަތަ ހުޅުވާގޮތަށް ހަމަޖައްސަމުން ގެންދާގޮތަށް މިހާރުވަނީ ގަސްދުކުރެވިފައި. ކޮންމެއަކަސް، މިހުރިހާ ކަންތައްތަކެއް ސަރުކާރުން މިކުރަނީ ރާއްޖެތެރޭގެ ރައްޔިތުންގެ ފައިދާއަށް. ރާއްޖެތެރޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ގޮތުން. އެއީ، ދިވެހިރާއްޖެއަކީ މުޅި ރާއްޖެ ކަމަށްވާތީ، ދައުލަތުގެ ޚިދުމަތްތައް ލިބެންވާނީ ހަމައެކަނި މާލެއަކަށް ނޫން. ހަމައެކަނި މާލޭގެ އަހުލުވެރިންނަކަށް ނޫން. އެ ޚިދުމަތްތައް ރާއްޖެތެރެއަށްވެސް ލިބެންވާނެ. އާދެ، ކޮންމެއަކަސް މިފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ ނުވަތަ އެއިން އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނީ އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން އެއްބާރުލައިގެން މަސައްކަތްކުރި މިންވަރަކުން. ސަރުކާރުން ބަޖެޓެއް ކަނޑައެޅުނު ކަމުގައިވިޔަސް، ފައިސާތަކެއް ޚަރަދުކުރި ކަމުގައިވިޔަސް، އެކަމުން އެދެވޭ ނަތީޖާ ލިބޭނީ އަޅުގަނޑުމެން އެކަންކަން ކާމިޔާބު ކުރުމަށް މަސައްކަތްކުރި މިންވަރަކުން. އަޅުގަނޑުމެންގެ އެއްބާރުލުން އެކަމުގައިވީ މިންވަރަކުން.
 
އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަނީ، ސަރުކާރުން މި ފަށައިގަނެގެން އުޅޭ ކޮންމެ ކަމެއްވެސް ކާމިޔާބުކުރުމަށްޓަކައި ރައްޔިތުންގެ އެހީ ދެއްވުމަށް. ތަޢުލީމާ ބެހޭގޮތުން މިހާރު ވަރަށްބޮޑު އެހެން މަޝްރޫޢެއްވެސް ފެށިގެން ހިނގަމުން އެބަދޭ. އެއީ އަސާސީ ތަޢުލީމުގެ މަޝްރޫޢު. އެ މަޝްރޫޢުގެ ބޭނުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ކޮންމެހެން އެނގެން ބޭނުންވާ މިންވަރަށް ތަކެތި ދަސްކޮށްދިނުން. އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާ ބެހޭގޮތުންނާއި އަދި މުޖްތަމަޢުގައި އަޅުގަނޑުމެން ދިރިއުޅޭއިރު އަޅުގަނޑުމެންނަށް އެކިކަންކަމާ ބެހޭގޮތުން އެނގެން ބޭނުންވާ މަޢުލޫމާތު ދަސްކޮށްދިނުން. މި މަޝްރޫޢުގައި ހިމެނިފައިވަނީ އާދެ، އެންމެ ފުރަތަމަ ލިޔަންކިޔަން ދަސްކުރުން. އެއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަ ބަޔަކަށް އަދިވެސް ލިޔަންކިޔަން ނޭނގޭތީ. ލިޔަންކިޔަން އެނގިގެން ނޫނީ ތަޢުލީމުގެ މަގުގައި ކުރިއަށް ދެވެން ނޯންނާނެތީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ މި މަޝްރޫޢަށް މިރަށުގެ ރައްޔިތުންގެ ފަރާތުންވެސް އެކަށީގެންވާ ތަރުޙީބެއް ދެއްވުމަށް.
 
އަޅުގަނޑު އެއްވެސް ޝައްކެއްނުކުރަން، މިރަށުގެ ރައްޔިތުން ތަޢުލީމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާނެކަމާމެދަކު. ސަބަބަކީވެސް ކުރިއްސުރެ ވާދޫއަކީ ތަޢުލީމުގެ ރޮނގުގައި ފާހަގަކޮށްލެވޭ ރަށަކަށްވާކަން. އަޅުގަނޑުމެންގެ ތާރީޚުގައި ވާދޫއަކީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ރަށެއް. އާދެ، އައްޝައިޚު މުޙައްމަދު ޖަމާލުއްދީން، މަޝްހޫރު ވާދޫ ދަންނަކަލޭގެފާނު އެއީ މިރަށުގެ ޢިލްމުވެރިއެއް. މިރަށުގެ ބޭފުޅެއް. އެކަލޭގެފާނު ދިވެހި ޤައުމަށް ވަނީ ވަރަށްމަތިވެރި ޚިދުމަތްތަކެއް ކުރައްވައިފައި. އަޅުގަނޑުމެން މިހާރު މިއުޅޭ ޝާފިޢީ މަޒުހަބަށް ރާއްޖޭގެ މުސްލިމުން އެނބުރުއްވީވެސް ވާދޫ ދަންނަކަލޭގެފާނު. އެހެންކަމަށްވުމާއެކު، އެކަލޭގެފާނަކީ އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ، ވަރަށް މަތިވެރި ޢިލްމުވެރިއެއް. އެކަލޭގެފާނުގެ މަތިވެރި ޚިދުމަތްތައް އަޅުގަނޑުމެންގެ މެދުގައި އަބަދުގެއަބަދަށް ދެމިހުންނާނެކަމާމެދަކު ޝައްކެއްނެތް. މިދެންނެވި ގޮތުގެ މަތިން ވާދޫއަކީ ތަޢުލީމުގެ މައިދާނުގައި މިގޮތަށް ފާހަގަކޮށްލެވޭ ރަށަކަށްވުމާއެކު، މިހާރުވެސް މިރަށުގެ ރައްޔިތުން ތަޢުލީމަށް ވަރަށްމަތީ އަހަންމިއްޔަތެއް ދެއްވާނޭ ކަމަށް އަޅުގަނޑު ޔަޤީންކުރަން. ރަށުގެ ކުޑަކުދިންނަށް ތަޢުލީމް ދިނުމާއި އަދި ރަށުގެ ބޮޑެތި މީހުންނަށްވެސް އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން އުނގަންނައިދިނުމުގައި މިރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތަރުޙީބު ލިބޭނޭކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.
 
އާދެ، ދެން އަޅުގަނޑު އެނބުރިލާނީ އަޅުގަނޑުމެންގެ މަސައްކަތްތެރިކަމާ ދޭތެރޭގައި އެއްޗެއް ދަންނަވާލުމަށް. ޤައުމުގެ އިޤްތިޞާދު ކުރިއަށްދާނީ ޤައުމުގެ ހުރިހާ ރައްޔިތުން އިޤްތިޞާދު ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރި މިންވަރަކުން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ދިރިއުޅުމަށް ކޮންމެވެސް މަސައްކަތެއްކުރާ މީހެއް. އެމީހެއްގެ ދިރިއުޅުން ތަނަވަސްވާނީ އެމީހަކު ކުރާ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދިރިއުޅުން ތަނަވަސްކުރުމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންކަމެއް. އެގޮތަށް މަސައްކަތް ކުރުމުން އެންމެ ފުރަތަމަ އޭގެ ފައިދާ ލިބޭނީ ހަމަ ތިމާއަށް. ޤައުމަށް ނުވަތަ ރަށަށް ލިބޭ ފައިދާ ލިބޭނީ އޭގެފަހުގައި. އަޅުގަނޑުމެންނަކީ ޢާންމުކޮށް ބަލާއިރު ފައިސާވެރި ބައެއް ނޫން. މުއްސަނދި ބައެއް ނޫން. އަޅުގަނޑުމެންގެ ބޭނުންތައް ފުއްދަންޖެހެނީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން. އަޅުގަނޑުމެން ވަރަށްގިނަ ކަންތައްތައް ކުރަން ބޭނުންވޭ. ގެދޮރު ހަދާލަން ބޭނުންވޭ. ދަރިންނަށް ތަޢުލީމް ދޭން ބޭނުންވޭ. އަޅުގަނޑުމެން ބަލިވެއްޖިއްޔާ ބޭސްކުރަން ބޭނުންވޭ. މިހެންގޮސް ވަރަށްގިނަ ކަންތައްތައް އަޅުގަނޑުމެން އޮންނަނީ ކުރަންޖެހިފައި. އެއިން ކޮންމެ ކަމެއް ކުރަންވެސް އަޅުގަނޑުމެންގެ އަތުން ޚަރަދު ހިނގާ. މިހުރިހާ ޚަރަދެއް ދެކޮޅުޖެއްސޭނީ އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުކޮށްގެން. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކޮށްގެން. ހަމައެފަދައިން، ޤައުމުގެ ނިސްބަތުގައި ބަލާއިރުވެސް ޤައުމުގެ ފެންވަރު މައްޗަށްދާނީ އެކަމަށްޓަކައި ރައްޔިތުން މަސައްކަތްކުރި މިންވަރަކުން. ދައުލަތުން އިރުޝާދު ދެވިދާނެ. ދައުލަތުން އެކިއެކި ކަންކަން ރޭވިދާނެ. އެހެންނަމަވެސް އޭގެ ނަތީޖާ ފެންނާނީ، އެ އިރުޝާދުތަކާ އެއްގޮތަށް ރައްޔިތުން ޢަމަލުކޮށްގެން. ނުވަތަ އެމަޝްރޫޢުތައް ރައްޔިތުން އަމިއްލައަށް ހިންގައިގެން.
 
ދިވެހިރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. ޤުދުރަތީ މުއްސަނދި ކަމުގެ ގޮތުން ބަލާއިރުވެސް ވަރަށް އާދައިގެ ފެންވަރެއްގައިވާ ޤައުމެއް. މީސްކޮޅު މަދު ޤައުމެއް. ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، މިދެންނެވި ހަމަތަކުން ބަލާއިރު ވަރަށް އާދައިގެ ފެންވަރެއްގައިވާ ޤައުމެއް. އަޅުގަނޑުމެން މިއަދު ބޭނުންވަނީ ކުރިއަށްދާން. ހުރިހާ ރޮނގަކުންވެސް ތަރައްޤީވާން. ތަޢުލީމީ ގޮތުންވެސް، ޞިއްޙީގޮތުންވެސް، އިޤްތިޞާދީ ގޮތުންވެސް އަދި އިޖްތިމާޢީ ގޮތުންވެސް އަޅުގަނޑުމެން ބޭނުންވަނީ މިހާރު މިތިބި ފެންވަރަށްވުރެ މައްޗަށް ޖެހިލަން. ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް ކުރިއަށްދެވޭނީ އަޅުގަނޑުމެން އެކަމަށް މަސައްކަތްކުރި މިންވަރަކުން. އެއީ އެއްވެސް ހެއްކެތް ބޭނުންވާ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ވަށައިގެންވާ ކަންތައްތަކަށް ބަލައިލި ނަމަވެސް، އަޅުގަނޑުމެންނަށް އެނގޭނެ ކޮންމެ މީހަކަށްވެސް ކާމިޔާބު ކުރެވެނީ އެމީހަކު އެކަމެއް ކާމިޔާބުކުރަން މަސައްކަތްކުރި މިންވަރަކުންކަން. އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް އަންގަވައިފައިވާގޮތް. މާތްﷲ ވަޙީކުރައްވަނީ، [إِنَّ الَّذِينَ آمَنُواْ وَعَمِلُواْ الصَّــٰلِحَـٰـتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا]. [ހަމަކަށަވަރުން އީމާންވެ ހެޔޮ ޢަމަލުތައް ކުރި މީހުން ދަންނާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ހެޔޮކޮށް ޢަމަލުކުރާ މީހުންގެ ޢަމަލުތައް ގެއްލެނި ނުކުރައްވާހުށީމެވެ.] މިއާޔަތުގައި، އެ ވަޙީކުރައްވަނީ، ހަމައެކަނި ދީނުގެ ޢަމަލުތަކުގެ ވާހަކައެއް ނޫން. ދީނުގެ ބަޔަކީ އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ބައި. ދީނުގެ ފަރުޟުތަކަށް ރައްކާތެރިވުން. ދީނުގެ އަމުރުތަކަށް ބޯލެނބުން. ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވެގެން ތިބުން. މިއީ އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން މުސްލިމުންގެ އެންމެ އިސް ވާޖިބު. އޭގެއިތުރަށް މަޢީޝަތު ތަނަވަސްކުރުމަށް މަސައްކަތް ކުރުމަކީވެސް ދީނީގޮތުންވެސް އަދި ޤައުމީގޮތުންވެސް އަޅުގަނޑުމެންގެ ވާޖިބެއް.
 
މިދެންނެވި އާޔަތުގައި އެ އިޝާރާތް ކުރައްވަނީ ހެޔޮ ޢަމަލުތަކަށް. ހެޔޮ ޢަމަލުތަކުގެ ދާއިރާއަކީ ވަރަށްފުޅާ ދާއިރާއެއް. އޭގެތެރޭގައި ދީނުގެ ޢިބާދާތު ނުވަތަ ދީނުގެ ފަރުޟުތައް ހިމެނޭ. ހަމައެފަދައިން، އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކުރުމަށް ކުރާ ކޮންމެ ޙަލާލު މަސައްކަތެއް އޭގައި ހިމެނިފައިވޭ. އެހެންވީމާ، މިދެންނެވި އާޔަތުން އަޅުގަނޑުމެންނަށް އެނގެނީ، އަޅުގަނޑުމެން ކުރާ މަސައްކަތެއް މާތްﷲ ގެއްލެނިނުކުރައްވާނެއޭ، އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ދައްކަވާނެކަން. އެކަން އޮތީ އެހެންކަމަށްވުމާއެކު، އަޅުގަނޑު އިލްތިމާސް ކުރަނީ، އަޅުގަނޑުމެންގެ މަސައްކަތްތެރިކަންވެސް އިތުރުކުރުމަށް. ކޮންމެ މީހަކުވެސް އެމީހަކު އެކުރާ މަސައްކަތް މިހާރަށްވުރެ ރަނގަޅަށް ކުރެވޭތޯ ބެލުމަށް. އެމީހަކަށް ލިބޭ އެއްޗެއް މިހާރަށްވުރެ އިތުރުކުރެވޭތޯ ބެލުމަށް. ހަމައެއާއެކު، އަޅުގަނޑު އިލްތިމާސް ކުރަން، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވުމާއެކު، އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަން އާލާކޮށް، އެކަން އަޅުގަނޑުމެންގެ މެދުގައި ފެތުރުމަށް. މާތްﷲ އަންގަވައިފައިވަނީ، [إِنَّمَا الْمُؤْمِنُونَ إِخْوَةٌ] "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ".
 
 އެހެންވީމާ، އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމަށް ދެކިގެން، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުންތައް އެއީ އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަ ބާވަތުގެ ގުޅުންތަކަކަށް ހަދަންވެއްޖެ. އަޅުގަނޑުމެންގެ މެދުގައި ފިތުނަވެރިކަމަކަށް، ޙަސަދަވެރިކަމަކަށް ތަންދީގެނެއް ނުވާނެ. އަޅުގަނޑުމެންނަކީ އަޚުންތަކެއް. އެކަން ގަބޫލުކުރަންވާނެ. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އަޚުންގެ މެދުގައި އޮންނަންވާފަދަ މަތިވެރި މާތް ގުޅުން. އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ކަންތައްތަކަށް ފަރުވާތެރިކަން ބަހައްޓާ ފަދައިން، އެހެން މީހުންގެ ކަންތައްތަކަށްވެސް ފަރުވާތެރިކަން ބަހައްޓަންވާނެ. ތިމާގެ އަމިއްލަ މުދަލަށާއި، އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާފަދައިން، އެހެން މީސްމީހުންގެ މުދަލަށާއި، އެހެން މީސްމީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާންވާނެ. އެއީ އިސްލާމީ އުޞޫލަކީ. އެއީ އަޅުގަނޑުމެން އުޅެން އަންގަވައިފައިވާ ގޮތަކީ. މިދެންނެވި މާތް މަތިވެރި އުޞޫލުތަކަށް ރައްކާތެރިވެގެން ނޫނީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މި އެދޭ އުންމީދުތަކެއް ޙާޞިލެއް ނުކުރެވޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން އާކޮށް އާލާކުރުން އެއީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ވާޖިބަކަށް ހަދަންވެއްޖެ. އެކަމަކީ ހަމައެކަނި ވަކިމީހެއްގެ ނުވަތަ ވަކިބައެއްގެ މަސްއޫލިއްޔަތެއް ކަމުގައި ބަލައިގެން ނުވާނެ. އެއީ އަޅުގަނޑުމެންގެ ކޮންމެ ފަރުދެއްގެވެސް މަސްއޫލިއްޔަތެއް ކަމުގައި ބަލަން ޖެހިއްޖެ. ވީމާ، މިގޮތުގެ މަތިން އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައިވެގެން، ވެރިންނާއި ރައްޔިތުންނާ އެކުވެރިވެ އެކަތިގަނޑަކަށްވެގެން އަޅުގަނޑުމެންގެ ރަށް ކުރިއެރުވުމަށް ކުރާ ކޮންމެ މަސައްކަތެއްގައި މާތްﷲ ބަރަކާތް ލައްވާނެ. އެކަމުގެ ނަތީޖާ ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ދައްކަވާނެ.
 
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލެވެން އަންނަނީ މިރަށުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އެއީ އަޅުގަނޑު މިއަދު މިރަށަށް އައުމުގެ މުނާސަބަތު ފާހަގަކުރެއްވުމުގެ ގޮތުން، މިރަށުގެ ރައްޔިތުން ވަރަށްމަތީ ދަރަޖައަކަށް ހުރިހާ ކަމެއްވެސް އިންތިޒާމު ކުރައްވައިފައިވާތީ. އަޅުގަނޑުމެން މިތިބަ ތަންވެސް މިވަނީ ވަރަށް ފުރިހަމަކޮށް ހައްދަވައިފައި. އަދި ރަށުތެރެވެސް ވަނީ ވަރަށް ބޮޑަށް ސާފުކުރައްވައިފައި، ރަނގަޅު ކުރައްވައިފައި. މިހުރިހާ މަސައްކަތްތަކެއް މިގޮތަށް ކުރެއްވުމުން، އެއިން އަޅުގަނޑަށް ދޭހަވާ އެއްޗަކީ މިރަށުގެ ރައްޔިތުންގެ ހިތުގައި ދިވެހި ސަރުކާރާމެދު އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަން. އެހެންވުމާއެކު، އެއްވެސް ހިފެހެއްޓުމެއްނެތި މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ތިޔަބޭކަލުންނާއި ބޭކަނބަލުން ހަނދުމަފުޅު ހުންނާނޭ ފަދައިން، މީގެކުރިންވެސް އެއްފަހަރު އަޅުގަނޑަށް މިރަށަށް އާދެވިއްޖެ. އެއީ 1974 ވަނަ އަހަރު. އެ އަހަރުގެ ފަހުކޮޅުގައި އޭރުގެ ސަރުކާރުން ފޮނުއްވައިގެން އައީ. އަޅުގަނޑާ އަދިވެސް އެހެން ދެތިން ބޭފުޅަކާ އައިސް، މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި.
 
އެހެންވީމާ، މިއަދު އަޅުގަނޑަށް އެއުފާ ޙާޞިލުވާ ކަމަށްޓަކައި މާތްﷲގެ ކިބަޔަށް ޙަމްދާއި ޝުކުރުކުރަން. އަދި އަޅުގަނޑު މިއަދު މިއައިސް ދެއްކި ވާހަކަތަކުން ތިޔަބޭކަލުންނަށާއި ބޭކަނބަލުންނަށް ކޮންމެވެސް ފައިދާއެއް ކުރާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އަޅުގަނޑުގެ ދުޢާއަކީ، މިރަށުގެ ރައްޔިތުންނަށް މިއަދަށްވުރެ ތަނަވަސް މާދަމައެއް މާތްﷲ ދެއްކެވުން. އަދި އަޅުގަނޑުމެން އެންމެން ޤައުމުގެ ތަރައްޤީއަށްޓަކައި މިކުރާ މަސައްކަތްތަކުގައި ހެޔޮ ތައުފީޤު ލެއްވުން.  
        والسّلام عليكم ورحمـة اللّـه.