بســم اللّـه الرّحمـن الرّحيــم
              
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين،  سيّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
އާދެ، އަޅުގަނޑު މިއަދު މި ފެށި ދަތުރަކީ ފޯއްމުލަކަށާއި ހުވަދުއަތޮޅަށް ކުރާ ދަތުރެއް. އެ ދަތުރު ފެށުމުގެ ގޮތުން، އެންމެ ފުރަތަމަ އަޅުގަނޑު އައްޑުއަތޮޅަށް މިއައީ. ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ނައިބު އެ ވިދާޅުވިފަދައިން، މި ފުރްޞަތުގެ ބޭނުން އަޅުގަނޑު މިކުރީ، އައްޑުއަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް، ބައެއް ވާހަކަތައް ދަންނަވާލަން ގަސްދުކުރާތީ.
 
އާދެ، މިއީ އަޅުގަނޑު މިއަތޮޅަށް އަންނަ ފުރަތަމަފަހަރެއް ނޫން. މިއީ އަޅުގަނޑު އައްޑުއަތޮޅަށް ޒިޔާރަތްކުރާ ހަތަރުވަނަފަހަރު. އެންމެ ފުރަތަމަ އަޅުގަނޑު އައީ 1974 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި. އެއީ އޭރުގެ ސަރުކާރުން އަޅުގަނޑު ފޮނުއްވައިގެން. އަޅުގަނޑާއި އަދި އަޅުގަނޑާއެކު ބައެއް އެހެން ބޭފުޅުން، ރާއްޖޭގެ ދެކުނުގެ، މީހުން އުޅޭ ހުރިހާ ރަށްރަށަށް ދިޔުމަށް ހަމަޖައްސަވައި ފޮނުއްވައިގެން. އޭގެފަހުން އަޅުގަނޑު މިއަތޮޅަށް ޒިޔާރަތްކުރީ 1978 ވަނަ އަހަރުގެ ކުރީކޮޅުގައި. އަޅުގަނޑުގެ ތިންވަނަ ޒިޔާރަތަކީ އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން ކުރި ޒިޔާރަތެއް. އެއީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި. އާދެ، އައްޑުއަތޮޅަށް ޒިޔާރަތް ކުރުމަކީ އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. އައްޑުއަތޮޅަށް އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވޭ. އަދި އަޅުގަނޑު ހީކުރާހިތްއޮތީ އައްޑުއަތޮޅުގެ ރައްޔިތުންވެސް އަޅުގަނޑަށް ވަރަށް ޚާއްޞަ ގޮތެއް ބަހައްޓަވާކަމަށް. މިހެން މިދެންނެވީ، މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އައްޑުއަތޮޅުގެ ރައްޔިތުން އަޅުގަނޑަށް ދެއްވި ފުރިހަމަ ތަރުޙީބު އެއީ ދުވަހަކުވެސް އަޅުގަނޑު ހަނދާންނެތޭނެ އެއްޗަކަށްނުވާތީ. މިއަތޮޅުން އަޅުގަނޑަށް ލިބުނު ވޯޓުގެ ނިސްބަތަށް ބަލާއިރު، މިއަތޮޅުގެ ރައްޔިތުންގެ، އަޅުގަނޑު ދަންނަވާނީ، ހަމަ ހުރިހާ އެންމެންވެސް ތިބީ އަޅުގަނޑަށް ތަރުޙީބުދީ އަދި އަޅުގަނޑަށް ތާއީދުކުރާ ގޮތެއްގައި ކަމަށް.
 
އާދެ، މިއަތޮޅަށް އައުމުންވެސް އަޅުގަނޑަށް އެހާ ބޮޑު އުފަލެއް އިޙްސާސް ކުރެވޭ. އައްޑުއަތޮޅުގެ އިޚްލާޞްތެރި ރައްޔިތުންގެ ހިނިތުންވެފައިވާ މޫނުތައް ފެނުމުން، އަޅުގަނޑު ހިތުން ހަމަ ކޮންމެ މީހަކަށްވެސް ވަރަށް މަތިވެރި ދަރަޖައަކަށް އުފާ ޙާޞިލްކުރެވޭނެ. އަޅުގަނޑު ކުރީ ދަތުރުގައިވެސް ދެންނެވި ފަދައިން، އައްޑުއަތޮޅަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ވަރަށް ޚާއްޞަ އަތޮޅެއް. ވަރަށްގިނަ ގޮތްގޮތުން ބަލާއިރު، ވަރަށް ޚާއްޞަގޮތަކަށް ފާހަގަކޮށްލެވޭ އަތޮޅެއް. އަތޮޅަކީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އަތޮޅު. އޭގެ މާނައަކީ ރާއްޖޭގެ އެންމެފަހަށް އޮންނަ އަތޮޅަކީ އައްޑުއަތޮޅެއް ނޫނޭ. ކޮންމެ ކަމެއްގެވެސް މުގުލުގައި ވަރަށް ހަރުދަނާ ވަރަށް އިޚްލާޞްތެރި މީހަކު ނުވަތަ ބަޔަކު ތިބެންޖެހޭ ހަމައިގެ މަތިން އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ މުގުލުގައި އޮތީ އައްޑުއަތޮޅޭ. ކޮންމެއަކަސް އަޅުގަނޑަށް މިވީހާ ތަނުން ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެގިނަފަހަރު ޒިޔާރަތްކުރުމުގެ އުފާ ޙާޞިލްވެފައިވަނީ އައްޑުއަތޮޅަށް. މީގެކުރިން އެއްވެސް އެހެން އަތޮޅަކަށް ހަތަރުފަހަރު އަޅުގަނޑަށް އަދި ދެވިފައެއްނުވޭ.
 
އާދެ، މީގެކުރިން އަޅުގަނޑު މިއަތޮޅަށް އައި ދުވަހު މިއަތޮޅުގެ ހުރިހާ ރަށްރަށެއްގެވެސް ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކައި ހެދިން. އެދަތުރުގައި އަޅުގަނޑު މިއަތޮޅުގެ ހުރިހާ ރައްޔިތުންނަށް ދެންނެވީ، އަޅުގަނޑު މިކުރާ ދަތުރުތަކުގެ މަޤްޞަދަކީ، ސަރުކާރާއި ރައްޔިތުންނާ ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި ގުޅުން ބަދަހިކުރުންކަމަށް. އަޅުގަނޑު އޭރު ދެންނެވިން، މީގެކުރިން ސަރުކާރާއި ރައްޔިތުންނާ ދެމެދުގައި މާބޮޑު ގުޅުމެއް ނޯވެޔޭ، އޭރު ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތީ ވަރަށްފުން ވަޅުގަނޑެކޭ. އެހެންވުމާއެކު، އަޅުގަނޑުގެ ބޭނުމަކީ އެ ވަޅުގަނޑަށް ފަސްއަޅައި، އިޚްލާޞްތެރިކަމާއި އިތުބާރުގެ ފާލަމެއް ރައްޔިތުންނާއި ސަރުކާރާ ދެމެދުގައި ޤާއިމުކުރުމޭ.
 
އާދެ، އެ މަޤްޞަދުގައި އަޅުގަނޑު ރާއްޖެތެރެއަށް މި ޒިޔާރަތްކުރަނީ. އުތުރުގެވެސް މިހާރު ވަރަށްގިނަ އަތޮޅުތަކަށް އަޅުގަނޑަށް ޒިޔާރަތް ކުރެވިއްޖެ. ހއ. އަތޮޅަށާއި، ހދ. އަތޮޅަށް އަޅުގަނޑު ހިނގައްޖައިން. އޭގެފަހުގައި ބ. އަތޮޅަށާއި ޅ. އަތޮޅަށް އަދި އެންމެފަހުން ށ. އަތޮޅަށްވެސް އަޅުގަނޑު ޒިޔާރަތްކޮށްފިން. މިފަހަރު އިރާދަކުރެއްވިއްޔާ، އަޅުގަނޑު ގަސްދުކުރަނީ، ކުރިންވެސް އިޝާރަތްކުރި ފަދައިން، އެންމެ ފުރަތަމަ ފޯއްމުލަކަށް ޒިޔާރަތް ކުރަން، މާދަމާ. އޭގެފަހުގައި ހުވަދުއަތޮޅަށް ޒިޔާރަތްކުރަން. މިހުރިހާ ދަތުރުތަކެއްގެވެސް މަޤްޞަދަކީ މިދެންނެވީ. ރައްޔިތުންނާއި ސަރުކާރާ ދެމެދުގައި އޮންނަންވާ ގުޅުން ބަދަހިކުރުން. އަދި ރައްޔިތުންގެ ޙާލު އަޙުވާލު ބަލައި، ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދެވޭނެ ގޮތްތަކާ ދޭތެރޭގައި ވިސްނައި، އެގޮތުގެ މަތީން ސަރުކާރުން ޢަމަލުކުރަމުން ގެންދިޔުން.
 
އާދެ، މީގެކުރިން އަޅުގަނޑު އައްޑުއަތޮޅަށް އައިސް ތިޔަ ހުރިހާ ބޭފުޅުންނާ މުޚާޠަބުކޮށް ދެއްކި ވާހަކަތަކުގެ ތެރޭގައި، ބައެއް ކަންތައްތަކަށް ޚާއްޞަ ބާރެއް އެޅިން. އޭގެތެރެއިން އެއްކަމަކީ، މަސައްކަތްތެރިކަން އިތުރުކުރުން. އަޅުގަނޑު ދެންނެވިން، ކޮންމެ ޤައުމެއްގެވެސް އިޤްތިޞާދަކީ ވަރަށް މުހިންމު އެއްޗެކޭ. ކޮންމެ ޤައުމެއްވެސް ކުރިއަށްދާނީ، އެޤައުމެއްގެ އިޤްތިޞާދު ކުރިއަށްދިޔަ މިންވަރަކުންނޭ. އަދި ކޮންމެ ޤައުމެއްގެވެސް އިޤްތިޞާދު ކުރިއަށްދާނީ، އިޤްތިޞާދު ކުރިއަށް ގެންދިޔުމަށްޓަކައި ރައްޔިތުން މަސައްކަތްކުރާ މިންވަރަކުންނޭ. އެހެންކަމަށްވުމާއެކު، އަޅުގަނޑު އިލްތިމާސް ކުރިން، އަދި ނަޞޭޙަތްތެރިވިން، ރާއްޖޭގެ ރައްޔިތުން އެމީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް. އެމީހުން އެކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދީ ފެންވަރު މައްޗަށް ގެންދިޔުމަށްޓަކައި. އާދެ، މިއިލްތިމާސަކީ، މި ނަޞޭޙަތަކީ އަޅުގަނޑުދާ ކޮންމެ ރަށެއްގެވެސް ރައްޔިތުންނާ މުޚާޠަބުކޮށް، ދައްކާ ވާހަކައިގެ ތެރޭގައި އެންމެ ބޮޑަށް ބާރުއަޅާ ނުކުތާ. ހަމައެއާއެކު، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުމާ ދޭތެރޭގައިވެސް އަޅުގަނޑު ވާހަކަ ދައްކަން. އެ ގުޅުން ރަނގަޅު ކުރުމަށް. އެ ގުޅުމަކީ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުމަކަށް ހެދުމަށް. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވުމާއެކު، އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތުގެ މަތިން، އަޅުގަނޑުމެން އެންމެންނަކީ އަޚުންތަކެއް ކަމުގައި ވުމަށް.
 
އާދެ، މިފަހަރު އަޅުގަނޑު ގަސްދުކުރަނީ އެހެން ދެ ކަމަކާ ދޭތެރޭގައި އެއްޗެއް ދަންނަވާލުމަށް. އޭގެތެރެއިން އެއްކަމަކީ މިއަހަރު ސަރުކާރުން ފަށައިގެން މިއުޅޭ، "އަސާސީ ތަޢުލީމުގެ މަޝްރޫޢު". ތިޔަ އެންމެ ކަލުންނަށާއި ކަނބަލުންނަށް އެނގިލައްވާނެ ފަދައިން، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު މުޅި ރާއްޖޭގައި އެއްވަގުތެއްގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ވަނީ ފެށިފައި. މި މަޝްރޫޢުގެ މުހިންމުކަން އަޅުގަނޑު ހިތުން ތިޔައިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެނެއް ނުވާނެ. ތަޢުލީމަކީ ޤައުމެއް ކުރިއަށްދިޔުމަށްޓަކައި އެންމެބޮޑަށް ބޭނުންވާ ޚިދުމަތް. ތަޢުލީމެއްނެތި އެއްވެސް ޤައުމެއް ކުރިއަކަށް ނުދާނެ. އަދި ތަޢުލީމެއްނެތި އެއްވެސް އިންސާނަކުވެސް ދިރިއުޅުމުގެ މައިދާނުގައި  ކާމިޔާބެއް ނުވާނެ. އެހެންކަމަށްވުމާއެކު، އަޅުގަނޑުމެންނަކީވެސް ކުރިއަރަމުންދާ ޤައުމަކަށްވުމާއެކު، އަދި ކުރިއަރަން ބޭނުންވެފައިވާ ޤައުމަކަށްވުމާއެކު، އަޅުގަނޑުމެން އެންމެބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައިވަނީ ތަޢުލީމަށް.
 
 އާދެ، ތަޢުލީމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ލިޔަންކިޔަން ދަސްކުރުން. ތަޢުލީމުގެ އެންމެ ފުރަތަމަ ހަރުފަތަކީ ލިޔަންކިޔަން ދަސްކުރުން. އެހެންކަމަށްވުމާއެކު، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ އެންމެ ފުރަތަމަ ބައި ކަމުގައި ހިމެނިފައިވަނީ ލިޔަންކިޔަން ދަސްކުރުން. ވަރަށް ހިތާމައާއެކު، ދަންނަވަންޖެހެނީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ލިޔަންކިޔަންވެސް ނޭނގެއޭ. ތަންކޮޅެއް ކުރިން އަޅުގަނޑުމެންނަށް ހީވެފައި އޮތީ ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ އެއްވެސް މީހަކު ނޫޅޭކަމަށް. އެއީ މީގެ ވިއްސަކަށް އަހަރު ކުރިން. ނުވަތަ ފަންސަވީހަކަށް އަހަރު ކުރިން. ނުވަތަ ތިރީހަކަށް އަހަރު ކުރިން. ޙަޤީޤަތަކަށްވުން އެކަށީގެންވޭ، ނުވަތަ ޙަޤީޤަތާ ވަރަށް ކައިރިކުރާ ކަމަކަށްވުން އެކަށީގެންވޭ. އެހެންނަމަވެސް، މިދޭތެރެއިން އަޅުގަނޑުމެންނަށް ތަޢުލީމަށް އެއްވެސް އަހަންމިއްޔަތެއް ދެވިފައި ނުވާތީއާއި، އަދި ޚާއްޞަކޮށް، ރާއްޖެތެރޭގެ ތަޢުލީމަށް އެއްވެސް އަޅާލުމެއްނެތި އޮތް ދުވަސްވަރު، މިދެންނެވި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. ލިޔަންކިޔަން ނުދަންނަ މީހުންގެ ޢަދަދު އައީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އެހެންގޮސް ބައެއް އަތޮޅުތަކުގައި، ހިތާމައާއެކު ދަންނަވަންޖެހެނީ، ލިޔަންކިޔަން ނުދަންނަ މީހުންގެ ޢަދަދު ގާތްގަނޑަކަށް ސަތޭކައަކުން ފަންސާހާ ހަމައަށް ގޮސްފައިވެއޭ.
 
ހަމައެއާއެކު ދަންނަވަންޖެހެނީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާ ދޭތެރޭގައިވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް އެމީހުންނަށް އެނގެން ބޭނުންވާ މިންވަރަށް ނޭނގެއޭ. އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ނަމާދުކުރަން ނުދަންނަ މީހުން. ރޯދަހިފަން ނުދަންނަ މީހުން. މިދެންނެވީ އެކަން އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތުގެ މަތީން ކުރަންނޭނގޭ މީހުން. މިދެންނެވި އަޅުކަންތަކުގެ ރުކުންތަކާއި، ޝަރުޠުތަކާއި، އެ އަޅުކަން ޞައްޙަވާނެގޮތްތަކާއި، ޞައްޙަނުވާނެ ގޮތްތައް ނޭނގޭ މީހުން. އެއީ، ވަރަށް ހިތާމަހުރި ކަމެއް. ކޮންމެ މުސްލިމަކަށްވެސް އެނގެންވާނެ މިދެންނެވި މަޢުލޫމާތު. ޤުރްއާން ކިޔަވަން އެނގެންވާނެ. ނަމާދުކުރަން އެނގެންވާނެ. ރޯދަހިފަން އެނގެންވާނެ. އަދި ޒަކާތްދޭން އެނގެންވާނެ. ޒަކާތްދޭންޖެހެނީ ކޮންކޮން އެއްޗިއްސަކުންތޯ އެނގެންވާނެ. ނެރެންޖެހެނީ ކޮން މިންވަރެއްތޯ އެނގެންވާނެ. ހަމައެފަދައިން، ޙައްޖާބެހޭ މަޢުލޫމާތުވެސް އެނގެންވާނެ. އަދި މިދެންނެވި ޢިބާދާތުތަކާ ގުޅިފައިވާ އެހެނިހެން ކަންތައްތައްވެސް އެކަންތައްތައް ކުރަން މާތްﷲ އަންގަވާފައިވާ ގޮތަށް ކުރަން އެނގެންވާނެ. އެހެން ނޭނގޭނަމަ އެމީހަކީ ފުރިހަމަ މުސްލިމަކު ކަމުގައެއް ނުވާނެ.
 
ކޮންމެއަކަސް މިދޭތެރެއިން އަޅުގަނޑުމެންނަށް ތަޢުލީމާ ދޭތެރޭގައި އެއްގޮތަކަށްވެސް ޚިޔާލުކުރެވިފައި ނުވާތީއާއެކު، މިދެންނެވި މަޢުލޫމާތުވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ވަނީ ނޭނގި. އެހެންވީމާ، އަސާސީ ތަޢުލީމުގެ އެންމެ މުހިންމު އަނެއްބަޔަކީ އިސްލާމްދީނާ ބެހޭގޮތުން ކޮންމެ މުސްލިމަކަށްވެސް އެނގެން ބޭނުންވާނެ މިންވަރު އުނގަންނައިދިނުން. ހަމައެއާއެކު އަޅުގަނޑުމެންގެ ރާއްޖެއަކީ ކޮންތަނެއްކަމާއި، ރާއްޖެއާބެހޭ އެކި މަޢުލޫމާތު އެނގުން އެއީވެސް އަސާސީ ތަޢުލީމުގެ މުހިންމު ބައެއް. ރާއްޖެއާބެހޭ އެކިއެކި މަޢުލޫމާތު، އަޅުގަނޑުމެންގެ ތާރީޚާބެހޭ މަޢުލޫމާތު، އަޅުގަނޑުމެންގެ ސަގާފަތާބެހޭ މަޢުލޫމާތު، އަޅުގަނޑުމެންގެ ރާއްޖެއިން ލިބެން ހުންނަ ކާބޯތަކެއްޗާބެހޭ މަޢުލޫމާތު، އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެނގެން ބޭނުންވާ މަޢުލޫމާތު. އަދި މިނޫންވެސް މިބާވަތުގެ ކޮންމެހެން އެނގެން ބޭނުންވާ މަޢުލޫމާތު، މިދެންނެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން އުނގަންނައިދެވޭނެ. ހަމައެފަދައިން، ހިސާބާބެހޭ މަޢުލޫމާތުވެސް އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސްވަރަކަށް ހިސާބު އެނގެން ބޭނުންވާނެ މީހެއް. ދިރިއުޅުމުގައި ދިމާވާ އެކިއެކި މައްސަލަތަކުގައި ހިސާބުގެ ބޭނުންކުރަން އެނގުމަކީ ކޮންމެހެން ބޭނުންކަމެއް. އެކަން އޮތީ އެހެންކަމަށްވުމާއެކު، އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިސާބާބެހޭ ބައެއްވެސް ހިމެނިފައިވޭ.
 
އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށުނީ މިދިޔަ މަހު. މި މަޝްރޫޢަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ވަރަށްމަތީ ދަރަޖައަކަށް ތަރުޙީބު ލިބިފައިވޭ. ސަރުކާރުން ހީވެސް ނުކުރާހާ ގިނަ ޢަދަދަކަށް ވޮލަންޓިއަރުން ލިބިފައިވޭ. މުޅިއެކު 500 ވޮލަންޓިއަރުން ބޭނުންވި ތަނެއްގައި 2000 ވޮލަންޓިއަރުންނަށްވުރެ ގިނަ މީހުން ލިބިފައިވޭ. މިއިން ދައްކާ އެއްޗަކީ ޤައުމީ ޚިދުމަތުގެ ރޫޙުގައި އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަބަޔަކު ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތުގައި ބައިވެރިވާން ބޭނުންކަން. ހަމައެފަދައިން، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން ތަޢުލީމު ޙާޞިލްކުރަން ބޭނުންވާ މީހުންގެ ޢަދަދުވެސް ވަރަށްގިނަ. މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް ވަރަށްގިނަ ޢަދަދަކަށް މީހުން އެ ކްލާސްތަކަށް މިހާރު އެބަދޭ. އެއީ ވަރަށް ބޮޑަށް އުފާކުރުން އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން ވަރަށް ބޮޑަށް ފަޚްރުވެރިވުން އެކަށީގެންވާ ކަމެއް. އެހެންވުމާއެކު، އަޅުގަނޑު ޔަޤީންކުރަނީ، މި މަޝްރޫޢު ރޭވިފައިވާ ގޮތުގެ މަތީން 6 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑު މިދެންނެވި މިންވަރަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަޢުލީމު ލިބިދެވޭނެ ކަމަށް. ކޮންމެއަކަސް މިވާހަކަ މިއަށްވުރެ ދިގުކޮށް ދައްކާކަށް އަޅުގަނޑު ހިތުން މިމަޤާމު ތަނެއްނުދޭ. އަޅުގަނޑުގެ އިލްތިމާސަކީ އަދި ނަޞޭޙަތަކީ، ސަރުކާރުން މިހާބޮޑު އަހަންމިއްޔަތެއްދީގެން، މިހާބޮޑު ޚަރަދުކޮށްގެން މިހާރު ފަށައިގެން މިއުޅޭ މަޝްރޫޢަށް އައްޑުއަތޮޅުގެ ރައްޔިތުންގެ ފަރާތުން އިޚްލާޞްތެރި ތަރުޙީބެއް ލިބުން.
 
އާދެ، ދެން އަޅުގަނޑު ދަންނަވަން އޮތް އަނެއް ވާހަކައަކީ، ރާއްޖޭގެ ބިމުން އަޅުގަނޑުމެންނަށް ލިބެންހުރި ފައިދާތައް އަދި ވަނީ އަޅުގަނޑުމެންނަށް ޙާޞިލް ނުކުރެވިއޭ ދެންނެވުން. އާދެ، ޤައުމުގެ އިޤްތިޞާދު ތަރައްޤީ ކުރެވޭނީ ކޮންމެ ޤައުމެއްގައިވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްގެން. ޤުދްރަތީ ގޮތުން ކޮންމެ ޤައުމަކަށްވެސް ލިބިފައިވާ މުއްސަނދިކަން، އޭގެ އެންމެމަތީ ފެންވަރަށް ގެންދެވޭތޯ މަސައްކަތް ކޮށްގެން. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑަކީ ވަރަށް މުއްސަނދި ކަނޑެއް. އޭގައި ވަރަށް މަތިވެރި ޚަޒާނާތަކެއް މާތްﷲ ލައްވާފައިވޭ. އޭގެ ބޭނުން އަޅުގަނޑުމެން މިދަނީ  ކުރަމުން. އެއްދުވަހުން އަނެއް ދުވަހަށް އެ މަސައްކަތް އިތުރުކުރެވޭތޯ އެއިން ލިބޭ އެއްޗެއް އިތުރުކުރެވޭތޯ އަޅުގަނޑުމެން ބަލަމުން އެބަގެންދަމު. އެހެންނަމަވެސް އަޅުގަނޑުމެންގެ ބިމުން ލިބެންހުރި ފައިދާތައް އަދި އަޅުގަނޑުމެންނަކަށް ޙާޞިލެއް ނުކުރެވޭ. އެކަމާ ދޭތެރޭގައި އަޅުގަނޑުމެންނަށް އަދި ސަމާލުކަންދޭންވީ މިންވަރަކާ ގާތަށްވެސް ސަމާލުކަމެއް ނުދެވޭ. މިހެން ދެންނެވި ކަމުގައިވިޔަސް، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ދަނޑުވެރިކަމުގެ މަސައްކަތާއި، ކާބޯތަކެތި އުފައްދާ ގަސްތައް އިންދުން، މިބާވަތުގެ މަސައްކަތް  ކުރެވެމުންދޭ. މިއަތޮޅުގައިވެސް ފޯއްމުލަކުގައިވެސް، ހުވަދުއަތޮޅުގައިވެސް އަދި އެހެންވެސް ބައެއް އަތޮޅުތަކުގައި. އެހެންނަމަވެސް ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ދަނޑުވެރިކަމަށް ދޭންޖެހޭ އަހަންމިއްޔަތު އަދިވަނީ ނުދެވި. އެއީ މިހާތަނަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިހުމާލުކުރެވިފައިވާ ކަމެއް.
 
އެކަން އޮތީ އެހެންކަމަށްވުމާއެކު، މިއަހަރުގެ ޤައުމީދުވަހު އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި ވަރަށް ޚާއްޞަ އިލްތިމާސެއް ކުރިން. އެއީ ރާއްޖޭގެ ކޮންމެ މީހަކުވެސް މިއަހަރުގެ ތެރޭގައި ރުކެއް އިންދުން. އޭގެ ބޭނުމަކީ އަޅުގަނޑުމެންގެ ބިމުން ލިބެންހުރި ފައިދާތައް އިތުރުކުރުން. ދިވެހި ރުކަކީ އަޅުގަނޑުމެން އެންމެންވެސް ދަންނަ ފަދައިން، ވަރަށް ބޭނުންތެރި އެއްޗެއް. އެ ރުކުގެ ކޮންމެ އެއްޗަކުންވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބޭ. ފުރަތަމަ އެ ރުކަށް އަޅުގަނޑުމެން ދިވެހިރުކޭ ކިޔާ ކިޔުމުންވެސް އޭގެ އަހަންމިއްޔަތު ދިވެހިރާއްޖެއަށް ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަޒަންކުރެއްވޭނެ. ކޮންމެއަކަސް މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް އެކަމަށް އެއްވެސް ސަމާލުކަމެއް ދެވިފައެއް ނުވޭ. މިދެންނެވީ ރުއް އިންދުމަށް އެއްވެސް ސަމާލުކަމެއް ނުދެވޭ ވާހަކަ. އަޅުގަނޑުމެން ކަނޑާ ރުކަކަށް ނުވަތަ ވެއްޓޭ ރުކަކަށް ރުކެއް އިންދަމަކުން ނުގެންދަމު. އެކަމުގެ ނަތީޖާއަކަށްވީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ރުއްގަސް މުޅިން މަދުވެގެންދިޔުން. ވަރަށްގިނަ ޢަދަދަކަށް މަދުވެގެންދިޔުން. ހަމައެކަނި ރުކެއް ނޫން. އެކި ބާވަތްބާވަތުގެ ގަސްވެސް މިހާރުވަނީ ވަރަށް ބޮޑަށް މަދުވެފައި.
 
އެހެންވީމާ، އަޅުގަނޑު މިދިޔަ ޤައުމީ ދުވަހު އިލްތިމާސްކުރީ، ރާއްޖޭގެ ރައްޔިތުންކުރެ ކޮންމެ މީހަކުވެސް ރުކެއް އިންދުމަށް. އެއީ ހަމައެކަނި ރަމްޒީ ކަމެއްގެ ގޮތުގައި އަޅުގަނޑު ކުރި އިލްތިމާސެއް ނޫން. އެއީ ޢަމަލީގޮތުން އަޅުގަނޑުމެން އެކަމުގައި ބައިވެރިވެގެން ދަނޑުވެރިކަމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި. ރާއްޖޭގެ ބިމުން އަޅުގަނޑުމެންނަށް ލިބެންހުރި ފައިދާތައް ހޯދުމަށްޓަކައި. މިހާރުވެސް ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ބިންހުރެ، އެއްވެސް ކަމެއް ނުކޮށް، އެއިން އެއްވެސް ފައިދާއެއް ޙާޞިލްވޭތޯ އަޅުގަނޑުމެން ނުބަލަން. ވަރަށްގިނަ ބާވަތްބާވަތުގެ އެއްޗެތި އަޅުގަނޑުމެންނަށް ބިމުގައި ހެއްދިދާނެ. އެހެންނަމަވެސް އަޅުގަނޑުމެން އެކަންތައް މިހާތަނާ ޖެހެންދެން މާރަނގަޅަކަށް ކޮށްފައެއްނުވޭ. އެހެންވީމާ، ޤައުމެއްގެ އިޤްތިޞާދު ކުރިއަށްދާނީ ހުރިހާ ރޮނގަކުންވެސް މަސައްކަތް ކޮށްގެން ކަމަށްވާތީ، މިރޮނގުންވެސް އިތުރު މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑު އިލްތިމާސްކުރީ. އަދި މިހާރުވެސް މިކުރަނީ. އެއީ އަޅުގަނޑު މިރޭ ދަންނަވާލަން އޮތް ދެވަނަ ވާހަކައަކީ. އަޅުގަނޑުމެން އެންމެން ގަދައަޅައި މަސައްކަތް ކުރަމާ ހިންގަވާށޭ، އަޅުގަނޑުމެންގެ ބިމުގައި މާތްﷲ ލައްވާފައިވާ ނިޢުމަތްތައް ޙާޞިލްކުރެވޭތޯ. ވީހާގިނަ ޢަދަދަކަށް ރުއް އިންދޭތޯ، ވީހާ ގިނަ ޢަދަދަކަށް ލަކުޑިގަސް ހެއްދޭތޯ، ވީހާގިނަ ތަންތާނގައި ގޮވާން ކުރެވޭތޯ ނުވަތަ އެނޫންވެސް ފައިދާހުރި ކަންތައްތައް އަޅުގަނޑުމެންނަށް މި ބިމުގައި ކުރެވޭތޯ. އެއްވެސް ޝައްކެއްނެތް، އަޅުގަނޑުމެންގެ މަސްވެރިކަން ތަރައްޤީކޮށް އަދި އަޅުގަނޑުމެންގެ ބިމުންވެސް ލިބެންހުރި ފައިދާތައް އަޅުގަނޑުމެން ޙާޞިލް ކުރަމުންގެންދާ ކަމުގައިވަންޏާ މާލަސްތަކެއްނުވެ އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދީ ފެންވަރުވެސް މައްޗަށްދާނެ.
 
އާދެ، އައްޑުއަތޮޅަށް އައިސް އައްޑުއަތޮޅުގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކާއިރު، ހަމަ ކޮންމެހެންވެސް އިޝާރާތްކޮށްލަންޖެހޭ އަދި އެހެން މައްސަލައެއްވެސް އެބައޮތް. ތިޔަ ހުރިހާ ބޭކަލުންނާއި ބޭކަނބަލުންވެސް އަޅުގަނޑަށް އެނގޭ، އެކަމާ ދޭތެރޭގައި ކޮންމެވެސް އެއްޗެއް މިރޭ އަޅުގަނޑު ދަންނަވާނެ ކަމަށް އިންތިޒާރު ކުރައްވާނެކަން. އެއީ ގަމުގެ މައްސަލަ. މީގެކުރިން އަޅުގަނޑު އައިސް އައްޑުއަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކި ދެއްކުމުގައި، ގަމާ ދޭތެރޭގައިވެސް ވާހަކަ ދެއްކިން. އަޅުގަނޑު އޭރު ދެންނެވިން، ގަމުގެ މައްސަލައަކީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ މައްސަލައެކޭ. އައްޑުއަތޮޅުގެ ރައްޔިތުންނަށާއި އަދި މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރާނެ ގޮތެއްގެ މަތިން ގަމުގެ މައްސަލަ ހަމަޖެއްސުމަކީ ވަރަށްބޮޑު ސަމާލުކަމެއް ސަރުކާރުންދޭ ކަމެކޭ. އާދެ، މިހާރުވެސް އަޅުގަނޑު މިދަންނަވަނީ ހަމަ އެހެން. މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވަމުން، އެމަޖިލީހަށް އަޅުގަނޑު ހުށަހެޅި ޕްރެޒިޑެންޝަލްއެޑްރެސްގައިވެސް މިވާހަކަ ވަރަށް ސާފުކޮށް ދަންނަވައިފައިވާނެ. ރައްޔިތުންގެ ވަކީލުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު ޔަޤީންކޮށް އަރުވައިފައިވާނެ، އައްޑުއަތޮޅުގެ ގަމުގެ މައްސަލައަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ މައްސަލައެއްކަން. އަދި ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ ކެނޑިނޭޅި، ފައިދާހުރި ގޮތެއްގައި ގަމުގެ ބޭނުންކުރެވޭތޯ ކަމަށް. އަޅުގަނޑު އައްޑުއަތޮޅުގެ ރައްޔިތުންނަށް މިހާރުވެސް މި ޔަޤީންކޮށްއަރުވަނީ، ސަރުކާރުން އެކަމަށްދޭ އަހަންމިއްޔަތުގެ ބޮޑުކަން. މިހާރުވެސް މަސައްކަތް ކުރަމުން މިގެންދަނީ، ފައިދާހުރި ގޮތެއްގައި ގަމުގެ ބޭނުންކުރެވޭތޯ ކަމަށް. އެކަމާ ދޭތެރޭގައި ކުރެވެންއޮތް ހުރިހާ މަސައްކަތެއް މިހާރުވެސް ދަނީ ކުރަމުންކަން. އެއްވެސް ހާލެއްގައި އެކަން އެއީ ހަނދާންނެތިފައިވާ ކަމެއް ނޫންކަން.
 
އާދެ، އަޅުގަނޑަށް އެނގޭ، ކުރީ އަހަރު، މިދިޔަ އަހަރު އަޅުގަނޑު ތިޔަބޭފުޅުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކިފަހުން މިހާރު އަށެއްކަ މަސްދުވަސް ވޭތުވެހިނގައްޖެ. މި 8 މަސްދުވަހުގެ ތެރޭގައި ގަމާ ބެހޭގޮތުން އެއްވެސް ކަމެއް ހަމަޖެހިފައެއްނެތް. އެހެންކަމުން، ބައެއް ބޭފުޅުންގެ ހިތްޕުޅަށް އެރުން އެކަށީގެންވޭ، އެކަމާ ދޭތެރޭގައި އެދެވޭގޮތަށް ސަރުކާރުން މަސައްކަތް ނުކުރަނިއްޔޭ. ނުވަތަ ސަރުކާރުން މަސައްކަތްކުރި ކަމުގައިވިޔަސް، ބައެއް ފަރާތްތަކުން އެކަމަށް ހުރަސްއަޅަނިއްޔޭ. އާދެ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ ސާފުކޮށް ކަންއޮތްގޮތް. އަޅުގަނޑު ދަންނަވަން ބޭނުންވަނީ ޙަޤީޤަތް. އެއްވެސް ޙާލެއްގައި އެއްވެސް ކަމެއް ފޮރުވާކަށް އަޅުގަނޑު ބޭނުމެއްނުވޭ. އެއްވެސްކަމެއް ފޮރުވާކަށް އަޅުގަނޑު ގަސްދެއްވެސްނުކުރަން. އެހެންކަމުން، އަޅުގަނޑު މިދަންނަވަނީ އެކަން މިހާތަނަށް ވެފައިވާގޮތް. އަޅުގަނޑު މިދިޔަ އަހަރު އައިސް އައްޑުއަތޮޅުގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކިއިރު، ބޭރުގެ ފަރާތަކުން ގަމާ ބެހޭގޮތުން ހުށަހަޅާފައިވާ ހުށަހެޅުމެއްގެ ވާހަކަ ދަންނަވާލިން. އެއީ، "އޮރިއަންޓް އެކްސްޕްރެސް އެއަރވޭޒް" ކިޔާ ކުންފުންޏެއްގެ ހުށަހެޅުމުގެ ވާހަކަ. އަޅުގަނޑުމެން އޭރު ހީކުރީ އެއީ ވަރަށް ފައިދާހުރި ހުށަހެޅުމެއް ކަމަށް. އެންމެ ފުރަތަމަ އެމީހުން އައިސް ދެއްކި ވާހަކަތަކުންވެސް އެކަހަލަ ގޮތަކަށް ދޭހަވެގެން، އަޅުގަނޑު މީގެކުރިން މިއަތޮޅަށް އައިސް ދެއްކި ވާހަކައިގައި އެހެން ކަނޑައެޅިގެން ދަންނަވައިފައިވާނެ. އަޅުގަނޑު ދަންނަވައިފައިވާނެ، އަޅުގަނޑަށް ފެންނަގޮތުގައި އެމީހުން ވަރަށް ރަނގަޅު ހުށަހެޅުމެއް ހުށަހަޅައިފައިވާކަމަށް.
 
އޭގެފަހުން އެމީހުން ރާއްޖެއަށް އައިސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އަދި އައްޑުއަތޮޅަށްވެސް އައިސް، އައްޑުއަތޮޅުގެ ގަން ބަލައިފައި، އެމީހުން ދިޔައީ. އޭގެފަހުން ވަރަށްބޮޑު ހުށަހެޅުމެއް އެމީހުންވަނީ ހުށަހަޅައިފައި. އޭގެތެރޭގައި ވަރަށްގިނަ ބާވަތްބާވަތުގެ ކަންތައްތައް ހިމެނޭ. އެންމެފުރަތަމަ ކަމަކަށް، ގަމުގެ އެއަރޕޯޓް ބޭނުންކުރުން. ބައިނަލްއަޤްވާމީ ފެންވަރުގެ އެއަރޕޯޓެއް ކަމުގައި ގަން ހެދުން. ހަމައެއާއެކު، ޓުއަރިސްޓް އިންޑަސްޓްރީވެސް ގަމުގައި ފެށުން. ނުވަތަ އައްޑުއަތޮޅުގައި ޓުއަރިސްޓު އިންޑަސްޓްރީ ފެށުން. މަސްވެރިކަމާބެހޭ ކާރުޚާނާއެއް އުފެއްދުން. ފަރނީޗަރ ހަދާ ކާރުޚާނާއެއް އުފެއްދުން. އަދިވެސް ވަރަށްގިނަ ކަންތައްތައް އެމީހުން ހުށަހަޅައިފައިވޭ. އެހެން ކަމަށްވުމާއެކު، އެމީހުންގެ އެހުށަހެޅުން ލިބުމުން އަޅުގަނޑަށް ޔަޤީންކުރެވުނީ އެމީހުންނަކީ ވަރަށް އެކަށީގެންވާ ހުށަހެޅުމެއް ހުށަހެޅި ބައެއް ކަމަށް. އެހެންނަމަވެސް ކުރިން އަޅުގަނޑުމެންނަށް ލިބިފައިވާ ތަޖުރިބާތަކެއްގެ މައްޗަށް ބަލާއިރު، ވަރަށް ބޮޑަށް އަޅުގަނޑުމެން ވިސްނަންޖެހޭ. ތިޔަ އެންމެ ބޭފުޅުންނާއި ބޭކަނބަލުން އައްސަވާނެ، ދިވެހިރާއްޖެއަށް އެކިއެކި ކަންކަމުގައި އައި ބޭރު ކުންފުނިތަކުގެ ވާހަކަ. އެމީހުންގެ މަސައްކަތްތައް ނިމިގެންދިޔަގޮތް.
 
މިސާލެއްގެ ގޮތުން ދަންނަވަނީނަމަ، "އައި.ސީ.ޕީ ބެންކޮކް" ކިޔާ ކުންފުންޏަކުން ރާއްޖޭގައި މަސްވެރިކަމާބެހޭ މަޝްރޫޢެއް ފެށި، އެމަސައްކަތް އެތައް އަހަރެއް ވަންދެން ހިންގި. އެހެންނަމަވެސް، މިދިޔަ އަހަރު އެމީހުން ދިޔައިރު ސަރުކާރަށްވަނީ ވަރަށްބޮޑު ގެއްލުން ލިބިފައި. އެމީހުންނަކީ އެކަން ކުރެވޭވަރުގެ ފެންވަރެއް ހުރި ބަޔަކަށްނުވި. އެފަދަ މަސައްކަތެއް ކުރުމުގެ ތަޖުރިބާހުރި ބަޔަކަށްވެސްނުވި. އަދި އެމީހުންގެ އަމިއްލަ ފައިސާއިން މަސައްކަތް ކުރެވޭވަރުގެ ބަޔަކަށްވެސްނުވި. އެމީހުން ލޯނުގެ ގޮތުގައި ފައިސާ ހޯދާފައިވަނީ މޯޑިކް ބޭންކުން. އެންމެފަހުން އެމީހުން މަސައްކަތް ހުއްޓާލައިފައި ދިޔައިރު އެމީހުންވަނީ އެބޭންކަށް ވަރަށްމަތީ ޢަދަދަކަށް ދަރާފައި. ހަމައެފަދައިން، އެމީހުންވަނީ ދިވެހި ސަރުކާރަށްވެސް ވަރަށްމަތީ ޢަދަދަކަށް ދަރާފައި. ފައިސާގެ ގޮތުންނާއި ތަކެތީގެ ގޮތުން ސަރުކާރަށް ދައްކަންޖެހޭ އެތައް އެއްޗެއް އަދިވެސް އެބަހުރި. އެމައްސަލަ އަދިއޮތީ މިހާތަނަށްވެސް ހަމަނުޖެހި. އެމީހުން އ. އަތޮޅު މަހިބަދޫގައި ސްޓޭޝަނެއް ހެދި. އެހެންނަމަވެސް ހަދައިފައިވަނީ ވަރަށް ދޯދިޔާގޮތަކަށް. ރަނގަޅު ގޮތަކަށް ނޫން. މިހާރުވެސް އެ ސްޓޭޝަން އެތާނގައި އެބަހުރި. އެހެންނަމަވެސް ބޭނުންކުރެވޭގޮތަކަށް ނޫން އެތަންހުރީ. އޭގެއިތުރަށް ވޭމަންޑޫގައިވެސް އެމީހުން ސްޓޭޝަނެއް ހެދި. އެތަންހުރީ ނުނިމި. އަދި މ. އަތޮޅުގައިވެސް ސްޓޭޝަނެއް ހަދަމުން ގެންދިޔަ. އެހުރިހާ ކަމެއްވެސް އެމީހުން ކޮށްފައިވަނީ ވަރަށް އެކަށީގެންނުވާގޮތަކަށް. ވަރަށް ފެންވަރު ދަށްގޮތަކަށް. އެންމެފަހުން ކަންތައްތައް ނިމިގެންދިޔައީ، އެއިން އެމީހުންނަށާއި އަދި ސަރުކާރަށް ވަރަށްބޮޑަށް ގެއްލުންވާގޮތަކަށް. އެއީ އެއްތަޖުރިބާ.
 
އަނެއް ތަޖުރިބާއަކީ، އެއަރ މޯލްޑިވްސް ލިމިޓެޑް އުފައްދައިގެން، އޭގެ ކަންތައްތައް ދިޔަގޮތް. ތިޔަބޭފުޅުން އައްސަވާނެކަންނޭނގެ، ސިންގަޕޯރގައި ރަޖިސްޓަރީ ކުރެވިފައިވާ ކުންފުންޏެއްގެ ވާހަކަ. އެތަނަށް ކިޔަނީ، [ޓްރައިނައިން ކޯޕަރޭޝަން]. ޓްރައިނައިން ކޯޕަރޭޝަނުގެ ފަރާތުން ދިވެހި ސަރުކާރަށް ހުށަހަޅައިގެން، އެއަރ މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން މާލެއާއި ކޮޅުނބާ ދޭތެރޭގައި ވައިގެ މަގުން ދަތުރުފަތުރު ކުރަމުން ގެންދިޔައީ. އެކުންފުނީގެ ސަތޭކައަކުން ފަންސާސް އެއް ޙިއްޞާ އޮތީ ދިވެހި ސަރުކާރަށް. ސަތޭކައަކުން ސާޅީސް ނުވައެއް އޮތީ ޓްރައިނައިން ކޯޕަރޭޝަނަށް. ދިވެހި ސަރުކާރުގެ ސަތޭކައަކުން ފަންސާސް އެއް ޙިއްޞާއަކީ އޭގެކުރިން ސަރުކާރަށް ގަނެފައި އޮތް ދެބޯޓް. ދެ މަތިންދާބޯޓް. އެ ދެ މަތިންދާބޯޓުގެ އަގެއް ކަމުގައި އެމީހުން ގަބޫލުކުރީ ދެލައްކަ ހަތަރުހާސް ޔޫ.އެސް.ޑޮލަރު. އެމީހުންގެ ސަތޭކައަކުން ސާޅީސް ނުވަ ޙިއްޞާ ކަމުގައި އެ އެގްރީމަންޓުގައި އެއްބަސްވެވިފައި އޮތީ އެ މަތިންދާބޯޓުތައް އޯވަރހޯލްކޮށް، އޭގެ އިންޖީނުތައް ރަނގަޅުކޮށް، އަދި އެކަށީގެންވާ ބައިނަލްއަޤްވާމީ ފެންވަރެއްގައި މަތިންދާބޯޓް ދުއްވުމަށް ކުރަންޖެހޭ ހުރިހާ ޚަރަދުތަކެއް ކުރުން. އެއީ އެމީހުން އެ ޚަރަދުކުރަން ޖެހިފައިވަނީ ސަތޭކައަކުން ސާޅީސް ނުވައެއް ހަމަވާވަރަށް. އެހެންނަމަވެސް، ކަންތައް ދިޔައީކީ އެހެނެއް ނޫން. އެމީހުންނާ ދިވެހި ސަރުކާރާ ދެމެދުގައި ކޮށްފައި އޮތް އެގްރީމަންޓް އެންމެފަހުން ޖެހުނީ ބާޠިލުކުރަން. ބާޠިލުކޮށްފައި ބެލިއިރު ސަރުކާރަށް ވަނީ ވަރަށްބޮޑު ގެއްލުން ލިބިފައި. އެއަރ މޯލްޑިވްސް ލިމިޓެޑް ހިންގައިގެން ލިބުނު އެއްވެސް ފައިސާއެއް ސަރުކާރަކަށް ނުލިބޭ. އެއީ އެ އެއަރލައިން ހިންގަން ތިބީ ޓްރައިނައިން ކަމަށްވާތީ. ސަރުކާރުން ރައުސްމާލުގެ ގޮތުގައި ބައިވެރިކުރި ދެ މަތިންދާބޯޓުގެ ތެރެއިން އެއް މަތިންދާބޯޓުވެސް އެންމެފަހުން ނުލިބުނު. އެއަށް އަދިވެސް ވަނީ ވީގޮތެއް ނޭނގިފައި. އެއްބޯޓް ލިބުނު. އަނެއް ބޯޓް އޭރު އެމީހުން ގެންގޮސްފައި ވަނީ ސިންގަޕޫރަށް. ސިންގަޕޫރަށް ގެންގޮސްފައި، އެ އޯވަރހޯލް ކުރުމުގެ ބޭނުމުގައި ގެންދިޔައީ. ނުވަތަ އެހެން ކިޔާފައި ގެންދިޔައީ. ގެންގޮސްފައި އެއަށް ހެދިގޮތެއްވެސް ހަމަ މިއަދާ ހަމައަށްވެސް ނޭނގެ. ކޮންމެއަކަސް އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ އެކަންތައްވެސް ނިމުނީ ނާކާމިޔާބުވެގެންނޭ. އެއީ އެކަށީގެންނުވާ ބަޔަކަށް އެ މަސައްކަތް ޙަވާލުކުރެވިގެންނޭ. އެމީހުންގެ ފެންވަރަކީ ކޮބައިކަން، އެމީހުންގެ އަތުގައި ފައިސާހުރި މިންވަރަކީ ކޮބައިކަން، އަދި އެފަދަ ކަމެއް ހިންގުމުގެ ތަޖުރިބާ އެމީހުންނަށް ލިބިފައިވާކަން، މިކަންކަން ސަރުކާރުން ޔަޤީންނުކޮށް އެމީހުންނާ އެފަދަ މަސައްކަތެއް ޙަވާލުކުރުމުގެ ނަތީޖާ މިދެންނެވީ.
 
ހަމައެފަދައިން، އައި.ސީ.ޕީ ބެންކޮކާވެސް ސަރުކާރުން މަސްވެރިކަމުގެ މަސައްކަތް ޙަވާލުކުރީ ބަލަންވީވަރަށް ނުބަލައި. މިދެންނެވި ކަހަލަ މަޢުލޫމާތު ފުދޭވަރަށް ނުހޯދައި. އޭގެ ނަތީޖާއަކަށްވީ އެކަމުން ވަރަށްބޮޑެތި ގެއްލުން ސަރުކާރަށްވުން. ސަރުކާރަށޭ އަޅުގަނޑު މިދަންނަވަނީ ދިވެހި ޤައުމަށް. އެކަމުން ދިވެހި ޤައުމަށް، ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުން. އެފަދަ ހިތި ތަޖުރިބާތައް އަޅުގަނޑުމެންނާ މީގެކުރިން ކުރިމަތިވެފައިވާތީ، އަޅުގަނޑު ގަސްދުކުރީ ގަމުގެ މައްސަލަ ނިންމާއިރުވެސް އެ މަސައްކަތް ކުރަން އަންނަ ބަޔަކާ ދޭތެރޭގައި ފުދޭވަރަކަށް ފުރަތަމަ މަޢުލޫމާތު ހޯދަން. އެމީހުންނަކީ ކޮންބައެއްކަމާއި، އެމީހުންގެ އިޤްތިޞާދީ ފެންވަރަކީ ކޮބައިކަމާއި، އެފަދަ ބޮޑެތި މަސައްކަތްތަކެއް ހިންގޭވަރުގެ ބައެއްތޯ ބެލުން. އެފަދަ މަސައްކަތްތަކެއް ހިންގުމުގެ އިޤްތިޞާދީ ފެންވަރު އެ ކުންފުނީގައި ހުރިތޯ ބެލުން. ހަމައެފަދައިން، އެފަދަ މަސައްކަތްތަކެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބައެއްތޯ ބެލުން. މިހުރިހާ ކަމެއް ބަލައިފައި ނޫނީ އެމީހުންނާ އެހާ ބޮޑު ކަމެއް ޙަވާލުކޮށްފިއްޔާ، އަޅުގަނޑުމެންނަށް އައި.ސީ.ޕީ ބެންކޮކުން ލިބުނު ގެއްލުންފަދަ ގެއްލުމެއް ލިބިދާނެކަން އަޅުގަނޑަށް ޔަޤީންވާތީ. ހަމައެފަދައިން، ޓްރައިނައިން ކޯޕަރޭޝަނާ ގުޅިގެން ސަރުކާރުން ހިންގި އެއަރ މޯލްޑިވްސް ލިމިޓެޑް، އެއަށްވެސް ލިބުނު ގެއްލުންފަދަ ގެއްލުމެއް ލިބިދާނެތީ. އަދި އެމީހުން މިދެންނެވި އޮރިއަންޓް އެކްސްޕްރެސް އެއަރވޭޒްގެ ފަރާތުން ހުށަހަޅާފައި އޮތް ހުށަހެޅުމުގައި އެމީހުން އެންމެ ފުރަތަމަ ހުށަހެޅީ 50 އަހަރަށް ގަން ބޭނުންކުރަން. އެއީ ވަރަށްދިގު މުއްދަތެއް. 50 އަހަރަކީ ޤައުމެއްގެ ޙަޔާތުގައިވެސް ވަރަށްދިގު މުއްދަތެއް. އިންސާނެއްގެ ޢުމުރު އެއީ. މީގެ 50 އަހަރު ފަހުން އަޅުގަނޑުމެންގެ ތެރެއިން ދުނިޔޭގައި ތިބޭނީ ކިތައް މީހުން ކަމެއްވެސް އަޅުގަނޑުމެންނަކަށް ނޭނގެ. އަދި ބައިނަލްއަޤްވާމީ ގޮތުންވެސް އެހާ ދިގު މުއްދަތަކަށް ބޭރުބަޔަކާ ކަމެއް ޙަވާލުކުރުމަކީ މިހާރު ކޮށްއުޅޭ ކަމެއް ނޫން.
 
އެހެންކަމަށްވުމާއެކު، އެނުކުތާއަށް އަޅުގަނޑު އެންމެ ފުރަތަމަ އިޢުތިރާޒު ކުރިން. އެއްވެސް ޙާލެއްގައި އެއްވެސް ބަޔަކަށް ދިވެހިރާއްޖޭގެ ބިމުން ބައެއް ނުވަތަ ދިވެހިރާއްޖޭގައި މަސައްކަތް ހިންގުމަށް 50 އަހަރަކަށް ނުދެވޭނެ ކަމަށް އަޅުގަނޑު ބުނިން. ދެން ކޮންމެއަކަސް އެމީހުން ތިބީ މުއްދަތު އެއަށްވުރެ ކުޑަކުރަން. އެހެންނަމަވެސް އަޅުގަނޑުމެން އެދުނީ އެމީހުންނާބެހޭ ސާފު މަޢުލޫމާތު ދިވެހި ސަރުކާރަށް ދޭން. އެމީހުންގެ ކުންފުނީގެ ތާރީޚު، ކޮންއިރަކުއްސުރެ ފެށިގެން ހިންގަމުން އައި ކުންފުންޏެއްތޯ، އެމީހުންގެ އިޤްތިޞާދީ ފެންވަރަކީ ކޮބައިތޯ، އެމީހުންގެ އަތުގައި ހުރި ފައިސާގެ ޢަދަދަކީ ކޮބައިތޯ، އެމީހުންގެ އޮގަނައިޒޭޝަނުގައި ތިބި މުވައްޒަފުންގެ ޢަދަދަކީ ކޮބައިތޯ، އޭގެތެރޭގައި މިކަހަލަ މަސައްކަތްތަކެއް ހިންގާ ފެންވަރުގެ މީހުން ތިބިތޯ، އެކަމުގެ ތަޖުރިބާ ލިބިފައި ތިބި މީހުން ތިބިތޯ، އަދި އެމީހުންގެ ބެކްގްރައުންޑާބެހޭ ހުރިހާ މަޢުލޫމާތެއް ސަރުކާރަށް ސާފުކޮށްދިނުމަށް. މިގޮތަށް އެދުމުން އެމީހުން އެމައްސަލަތައް ދިޔައީ ވަރަށް ބޮޑަށް ލަސްކުރަމުން. މިކޮޅުން ފޮނުވާ ސިޓީއަށް ޖަވާބެއްނާދެ. މެސެޖް ފޮނުވީމާވެސް ވަރަށް އަވަހަށް ބޭނުންވާ މަޢުލޫމާތު ފޮނުވާނެ ކަމަށް ބުނެފައި، އެބުނާ މަޢުލޫމާތެއް ނުލިބޭ. ދެން އަޅުގަނޑުމެން ގުޅީ ޔުނައިޓެޑް ނޭޝަންސާ. ޔުނައިޓެޑް ނޭޝަންސްގެ ފަރާތެއް އޮވޭ، މިދެންނެވި ކަހަލަ އެކި ޤައުމުތަކުގައި މަސައްކަތްކުރާ ކުންފުނިތަކާ ބެހޭގޮތުން މެންބަރު ޤައުމުތަކަށް ލަފާދޭ ކޮމިޝަނެއް. އެއީ ޔޫ.އެން.ސީ.ޓީ.ސީ. އަޅުގަނޑުމެން އެފަރާތާ ގުޅިން. ގުޅައިފައި އަޅުގަނޑު އެދުނީ، މި އޮރިއަންޓް އެކްސްޕްރެސް އެއަރވޭޒް ލިމިޓެޑް ކިޔާ ކުންފުންޏާބެހޭ މަޢުލޫމާތު ސާފުކޮށްދިނުމަށް. އެއީ ކޮންފެންވަރެއްގެ ކުންފުންޏެއްތޯ، އެމީހުންނަށް މިކަހަލަ މަސައްކަތްތަކެއް ކުރެވިދާނެތޯ، ނޫނީ އެއީވެސް ޓްރައިނައިން ކަހަލަ ބައެއްތޯ، ނުވަތަ އައި.ސީ.ޕީ ކަހަލަ ބައެއްތޯ ބެލުމުގެ ބޭނުމުގައި.
 
 ޔުނައިޓެޑް ނޭޝަންސްގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށްމަތީ ދަރަޖައަކަށް މިކަމުގައި އެހީ ލިބުނު. މިކޮޅުން އަޅުގަނޑުމެން ކަމާބެހޭ ހުރިހާ ލިޔުންތަކެއް ޔުނައިޓެޑް ނޭޝަންސަށް ފޮނުވިން. އޮރިއަންޓް އެކްސްޕްރެސް އެއަރވޭޒުން ހުށަހެޅި ޕްރޮޕޯޒަލް ހަމަ ތަފްޞީލުކޮށް އެފަރާތަށް ހުށަހެޅިން. އަދި އެމީހުން ދީފައި ހުރި އެހެން މަޢުލޫމާތުތައްވެސް ޔުނައިޓެޑް ނޭޝަންސަށް ހުށަހެޅިން. އެކަމާ ދޭތެރޭގައި ޔުނައިޓެޑް ނޭޝަންސްގެ މިދަންނަވާ ޖަމްޢިއްޔާގެ އިޤްތިޞާދީ މާހިރުން އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނައިފައި އަޅުގަނޑުމެންނަށް ޖަވާބުދިން. ދިން ޖަވާބުގައި ބުނަނީ އޮރިއެންޓް އެކްސްޕްރެސް އެއަރވޭޒުން ހުށަހެޅި ހުށަހެޅުމުގައި އިޤްތިޞާދީ ގޮތުން ހަމަނުޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުއްޓޭ. އެކަންތައްތައް އެމީހުން ވަކިވަކިން ބަޔާންކޮށްދީފައިވޭ. ދެން އޮރިއަންޓް އެކްސްޕްރެސް އެއަރވޭޒްގެ މަޢުލޫމާތު އެމީހުން ވަރަށް ބޮޑަށް ސާފުކޮށްފައި އަޅުގަނޑުމެންނަށް އަންގައިފައިވޭ.
 
އެހާބޮޑު މަޝްރޫޢެއް ހުށަހެޅި ފަރާތް، މިދެންނެވީ އެ މަޝްރޫޢުގައި އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަކަށް، ބައިނަލްއަޤްވާމީ ފެންވަރަކަށް ހިންގުމާއި، ޓުއަރިސްޓު އިންޑަސްޓްރީއެއް ހިންގުމާއި، މަސްވެރިކަމާބެހޭ ކާރުޚާނާއެއް އުފެއްދުމާއި، އަދި ޕޯލްޓްރީ ފާމެއްވެސް ހިންގުމާއި، ރާއްޖޭގައި ފަރނީޗަރ ކާރުޚާނާއެއް ހިންގުމާއި، އަދި މާމެލާމެއްޔާ ބެހޭވެސް ވަރަށްބޮޑު މަސައްކަތެއް ފެށުމާ، މިހެންގޮސް ދިހަ ބާރަ ކަންތައް، މަސައްކަތް ކުރަން ހުށަހެޅި ފަރާތް. އެމީހުންނާބެހޭ މަޢުލޫމާތު ސާފުކުރިއިރު، އެކުންފުނީގައި މުޅިއެކު ތިބި ކަމަށްވަނީ އެންމެ ދެ މުވައްޒަފުން. އެއީ މިތަނަށް އެ އައި މިސްޓަރ ޕާރސް ކިޔާ މީހާއާއި އޭނާ ގެންގުޅޭ ސެކްރެޓަރީއަކާ. އެއީ އެ އޮގަނައިޒޭޝަނުގެ ފެންވަރު ހުރިވަރު. މުޅިއެކު ތިބީ ދެމީހުން. އެމީހުންގެ ބޭންކް އެކައުންޓަކީ ކިހާވަރެއްތޯ ބެލިއިރު އޮތީ މުޅިއެކު ތިންހާސް ޑޮލަރު. އެއީ އާދައިގެ މީހަކުވެސް، ބޭރު ދުނިޔޭގެ އާދައިގެ މީހެއްގެ އަތުގައިވެސް އެއަށްވުރެ ގިނަ ފައިސާ ހުންނާނެ. ހިސާބަކަށްވެސް މަސައްކަތްކޮށްލައި އުޅޭ މީހަކު ވިއްޔާ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެއަށްވުރެ މާގިނަ ފައިސާ ހުރި ކިތަންމެ ބަޔަކު ތިބޭނެ. އެމީހުންގެ އޮފީހެއްވެސް ނެތް. ހޮންގކޮންގގައި އެމީހުންގެ ކުންފުނި ރަޖިސްޓަރީ ކޮށްފައި އޮތީ. އެކުންފުނި ރަޖިސްޓަރީ ކޮށްފައި އޮތް ކަމުގައިވިޔަސް، އެކުންފުނި ހިންގާ މަރްކަޒެއް ކަމުގައިވަނީ އެހެން ކުންފުންޏެއް ހިންގާ ތަނެއްގެ އެއްކޮޓަރި. އެއްކޮޓަރިއޭ ދެންނެވިޔަސް އެއީ އެއްމޭޒު. މޭޒެއްގެ ކައިރީގައި މިސްޓަރ ޕާރސް އިންނަނީ. އޭގެ އަނެއް ފަރާތުގައި އޭނާގެ ސެކްރެޓަރީ އިންނަނީ. އެއީ އެކުންފުންޏަކީ. ޔުނައިޓެޑް ނޭޝަންސްގެ ފަރާތުން އަޅުގަނޑުމެންނަށް އެންމެފަހުން ފޮނުވި ރިޕޯޓުގައި ބުނެފައިވަނީ އޮރިއަންޓް އެކްސްޕްރެސް އެއަރވޭޒްގެ އަގު އެމީހުން އެހުށަހެޅުން ހުށަހަޅާފައިވާ ކަރުދާހަށްވުރެވެސް ކުޑައޭ. އެމީހުން އެހުށަހެޅުން އެހުށަހެޅި ކަރުދާހުގެ އަގުވެސް އެމީހުންގެ އެކުންފުނީގެ އަގަށްވުރެ މާބޮޑޭ. އެހެންވީމާ، އެއީ އެއްގޮތަކަށްވެސް އިތުބާރު ކުރުން އެކަށީގެންވާ ފެންވަރުގެ ބައެއް ނޫނޭ. އެމީހުންގެ އެއްވެސް ތަޖުރިބާއެއް ނެތޭ. މިކަހަލަ އެއްވެސް ކަމެއް މީގެކުރިން ހިންގާފައި ތިބި ބައެއް ނޫނޭ އެމީހުންނަކީ. އެހެންވީމާ، އެމީހުންނާއެކު އެއްވެސްކަހަލަ އެގްރީމަންޓެއް ކުރާކަށް ނުފެނެއޭ.
 
 އަޅުގަނޑު ކުރިންވެސް ދެންނެވިން، އައި.ސީ.ޕީ.ގެ ތަޖުރިބާ އަދި ޓްރައިނައިންގެ ތަޖުރިބާ. އެކަންތައް އޮތީ އެހެން ކަމަށްވުމާއެކު، އަދި ޚާއްޞަކޮށް، ޔުނައިޓެޑް ނޭޝަންސްގެ ފަރާތުން އެފަދަ ލަފައެއް އަޅުގަނޑުމެންނަށް ދީފައިވާތީ، އެކަން އަޅުގަނޑަށް ފެނުނީ ވަރަށް އެކަށީގެންނުވާ ކަމެއް ކަމުގައި. މިދެންނެވީ އެމީހުންނަށް ގަން ދިނުން. އެއީ ހަމަ އެއްވެސްކަހަލަ ޔަޤީންކަމެއްނެތި، ބޭރު ބައެއްގެ އަތްމައްޗަށް އަޅުގަނޑުމެންގެ ލޮބުވެތި ވަޠަނުގެ ވަރަށް ލޮބުވެތި ބިމެއް ދޫކޮށްލުން އެއީ އަޅުގަނޑު ދުށީ ވަރަށް ހަމަނުޖެހޭ ކަމެއް ކަމުގައި. އެހެންކަމުން އެމައްސަލަ ހަމަނުޖެހުނީ.
 
މިއަދާ ޖެހެންދެންވެސް އަޅުގަނޑުމެން އެކަންތައް ހުއްޓާލީކީ ނޫން. މިހާރުވެސް އެންމެފަހުންވެސް އަޅުގަނޑުމެން އެމީހުންނަށް އެންގިން، އަދިވެސް މާލެ އަންނާށޭ. އައިސް އަހަރެމެން ބޭނުންވާ މަޢުލޫމާތު އަހަރެމެންނަށް ދޭށޭ. އެއީ ކަލޭމެންގައި އެފެންވަރުގެ ކަމެއް ކުރެވޭވަރުގެ ތަޖުރިބާއެއް އަދި އެފެންވަރުގެ ކަމެއް ހިންގޭވަރުގެ މީހުން ތިބިކަން ސާފުކޮށްދޭށޭ. އަހަރެމެން ހިތްހަމަޖެހޭވަރަށް ކަލޭމެން މިބަޔާންތައް އަހަރެމެންނަށް ދީފިއްޔާ، މިމަޢުލޫމާތުތައް ސާފުކޮށްދީފިއްޔާ އަދިވެސް އަހަރެމެން މިތިބީ އެކަމާ ދޭތެރޭގައި ވިސްނާށޭ. އެހެންނަމަވެސް، އެމީހުންނަށް އެނގިއްޖެ، އަޅުގަނޑުމެންނަށް އެމީހުންނާބެހޭ މަޢުލޫމާތު ސާފުވެއްޖެކަން. އެހެންކަމުން، އެމީހުން އޭގެފަހަކުން ނާދެ. އެންމެފަހުންވެސް ފޮނުވި ޓެލެކްސްގައި ބުނެފައި އޮންނަނީ ތިމަންނަމެންނަށް ގަން ދޭނެ ކަމުގެ ޔަޤީންކަންދޭށޭ. އެކަމުގެ ލިޔުމެއް ދޭށޭ. އޭރުން ތިޔަބުނާ ހުރިހާ މަޢުލޫމާތުތަކެއް ގެނެސްދީފާނަމޭ. އަޅުގަނޑު ހިތުން ބުއްދިހުރި އެކަކުވެސް އެކަހަލަ ކަމެއް ކުރާކަށް ގަބޫލެއްނުވާނެ. ކިހިނެއްތޯ، ސަރުކާރުގެ ފަރާތުން ރަސްމީ ލިޔުމެއް ދޭނީ އެކަހަލަ ބަޔަކަށް. ގަން އެމީހުންނަށް ދީފާނެކަމުގެ ރަސްމީ ލިޔުމެއް އެމީހުންނަށް ދިނީމާ، އެމީހުން އެމަޢުލޫމާތު ސާފުކޮށްދޭންވެސް އެބުނަނީ. އެމަޢުލޫމާތު އަޅުގަނޑުމެންނަށް އޮތީ ކުރިން ސާފުވެފައި. އެވަރުގެ ފެންވަރުހުރި ބައެއް ނޫންކަން އަޅުގަނޑުމެންނަށް ކަނޑައެޅިގެން އެނގޭ. އެކަން އޮތީ އެހެން ކަމަށްވުމާއެކު، އެމީހުންނާ ދޭތެރޭގައި އެގްރީމަންޓެއް މިހާތަނަށްވެސް ނުކުރެވި މިއޮތީ.
 
އާދެ، މި މައްސަލަ ލަސްވަމުންދާތީ، ބައެއް ބޭފުޅުން ޚިޔާލުކުރެއްވުން އެކަށީގެންވޭ، މީގައި ކޮންމެވެސް އެހެންކަހަލަ ކަމެއްވެސް އުޅެނިއްޔޭ. މިސާލަކަށް، ރައީސް އެކަމަށް ހުރަސްއަޅުއްވަނީކީ ނޫނޭ. ގަން ކުއްޔަށް ދެއްވަން ނުވަތަ ބޭރުބަޔަކަށް ދެއްވަން ރައީސް ގަސްދުކުރައްވަފާނޭ. އެހެންނަމަވެސް، ސަރުކާރުގެ ބައެއް އެހެން ފަރާތްތަކުން އެކަމަށް ހުރަސްއަޅަނިއްޔޭ. އެއީ އެއްގޮތަކަށްވެސް ތެދު ވާހަކައެއް ނޫން. ޤާނޫނީގޮތުން ކޮންމެ ކަމެއްވެސް ނިންމުމުގެ އެންމެފަހު ބަސް ބުނުމުގެ އިޚުތިޔާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް. އެހެންވީމާ، ރައީސް ބޭނުންވާގޮތަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުނިމޭނެ. އަދި ކިތަންމެ ބަޔަކު ހުރަސްއެޅިކަމުގައިވިޔަސް، ނުވަތަ ހުރަސްއަޅަން ގަސްދުކުރި ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާ އެކަމެއް ނިންމަން ހުރިއްޔާ ޤާނޫނީގޮތުން އޭނާއަށް އެކަމެއް ނިންމޭނެ. އެހެންވީމާ އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިކަމުގައި އެކަހަލަ އެއްވެސް ކަމެއް ނޫޅޭ. އެއްގޮތަކަށްވެސް، ރައީސް ވަކިގޮތަކަށް ނިންމަން ގަސްދުކޮށްގެން ހުއްޓާ، އެހެންބަޔަކު ހުރަސްއަޅާތީ އެކަން ނުވަނިއްޔަކީ ނޫނޭ. އެކަމުގެ ޙަޤީޤަތް އަޅުގަނޑު ވަރަށް ސާފުކޮށް މިދެންނެވީ. ވަރަށް ތަފްޞީލުކޮށް މިދެންނެވީ. އެކަހަލަ އެކަށީގެންވާ ހިތްހަމަޖެހޭ އަދި ގަން ކަހަލަ މުހިންމު ތަނެއް ބޭރުބަޔަކާ ޙަވާލުކުރާ ފެންވަރުގެ ބައެއް އަދި އަޅުގަނޑުމެންނަށް  ކުރިމަތިނުވަނިއްޔޭ. މިދޭތެރެއިން އޮރިއަންޓް އެކްސްޕްރެސް އެއަރވޭޒްއާ ދޭތެރޭގައި އެމީހުންގެ ހުށަހެޅުން ލިބިގެން އެމީހުންނާ ވާހަކަ ދައްކައި އަޅުގަނޑުމެންނާ، މިދެންނެވީ، ދިވެހި ސަރުކާރާއި އޮރިއަންޓް އެކްސްޕްރެސް އެއަރވޭޒްއާ ދެމެދުގައި ސިޓީއާއި ޓެލެކްސްތަކާ، މިކަހަލަ އެއްޗެތި ބަދަލުކުރެވެމުންދިޔަ މުއްދަތުގައި، ކުރިންވެސް ހީވެފައި އޮތް ގޮތުގެ މަތީން މިކަން ރަނގަޅު ގޮތަކަށް ނިމިދާނެހެން ހީވާތީ އެހެން ފަރާތަކާ އަޅުގަނޑުމެން ނުގުޅަމު އޭރަކު. އެއީ އެހެން ފަރާތަކާ ގުޅައިފިއްޔާ އަޅުގަނޑުމެން އޮރިއަންޓް އެކްސްޕްރެސް އެއަރވޭޒްއާއެކު ކުރަމުންދިޔަ މަސައްކަތް ނާކާމިޔާބު ވެދާނެތީ.
 
އެހެންވީމާ، އެހެން ބަޔަކާ ނުގުޅައި އެދުވަސްކޮޅު މަޑުކޮށްލީ. އެހެންވުމުގެ ސަބަބުން މިހާތަނާ ޖެހެންދެން އެހެންބަޔަކު އަދި މަތިވެފައިނެތީ. އެހެންނަމަވެސް މިހާރު އަޅުގަނޑު ގަސްދުކޮށްފައި އޮތީ ވަރަށް އަވަހަށް ބޭރުގެ ބައެއް ނޫސްތަކުގައި ގަމާބެހޭ އިޝްތިހާރު ޖަހަން. ޚާއްޞަކޮށް، ފިނޭންޝަލް ޓައިމްސްގައި. އިރާދަކުރެއްވިއްޔާ މި އަންނަ މޭމަހު ތެރޭގައި ނުކުންނަ ރާއްޖެއާބެހޭ ސަޕްލިމެންޓެއްގައި ގަމާބެހޭ އިޝްތިހާރެއް އޮންނާނެ. ގަމުގެ ބޭނުން، ބޭރުގެ އިތުބާރުހުރި ފަރާތަކުން ކުރަން ބޭނުންވެއްޖިއްޔާ އެމީހުންނަށް އެކަން ކޮށްދޭގޮތަށް. އެހެންވީމާ އަޅުގަނޑު މި ޔަޤީންކޮށްއަރުވަނީ، މިކަމަކީ، ގަމުގެ މައްސަލައަކީ ސަރުކާރުން ވަރަށްމަތީ އަހަންމިއްޔަތެއްދޭ ކަމެއްކަން. އަޅުގަނޑު ކުރީ ދުވަހު އައިސް ދެންނެވި ފަދައިން، ހަމަ އޭރުއްސުރެ ފެށިގެން މިހާތަނާ ޖެހެންދެން މެދުނުކެނޑި އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަން. އެހެންނަމަވެސް ގަން އެއްވެސް ފަރާތަކާ ޙަވާލުކުރެވޭނީ ޙަވާލުކުރުން އެކަށީގެންވާ ފެންވަރުގެ ފަރާތެއް ފެނިގެން. ގަމުގެ ރައްޔިތުންނަށާއި އައްޑުއަތޮޅުގެ ރައްޔިތުންނަށާއި އަދި މުޅި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެކަހަލަ ހުށަހެޅުމެއް ހުށަހެޅިގެން. އެންމެ ފުރަތަމަ އަޅުގަނޑު ބަލަނީ އައްޑުއަތޮޅަށް. އައްޑުއަތޮޅަށް ފައިދާހުރި ގޮތަކަށް ގަން ބޭނުންކުރެވޭނެ އެއްވެސް ކަހަލަ ގޮތެއް، ހަމަޖެހޭ ގޮތެއް ފެނިއްޖިއްޔާ އެންމެ ހިނދުކޮޅަކަވެސް އެކަން ހަމަނުޖައްސައެއް އަޅުގަނޑު ނުހުންނާނަން. އެކަމުގެ ޔަޤީންކަން އައްޑުއަތޮޅުގެ ރައްޔިތުންނަށް އަޅުގަނޑު އަރުވަން. މިހާތަނާޖެހެންދެންވެސް ހިތްހަމަޖެހޭ އަދި އެކަމުގެ ޔަޤީންކަމެއް އޮންނަ ބާވަތުގެ އެއްވެސް މަޝްރޫޢެއް ގަމާ ބެހޭގޮތުން އަޅުގަނޑުމެންނަށް ލިބިފައިނުވާތީ، މިހާތަނާ ޖެހެންދެން މިމައްސަލަ ޙައްލަކަށްނައިސް މިއޮތީ.
 
އަޅުގަނޑު މިހެން ދަންނަވާއިރުވެސް އަދިވެސް އެބައުޅޭ، ބޭރުގެ ބައެއް ފަރާތްތައް ގަމާ ދޭތެރޭގައި ޝައުޤުވެރިކަމެއް ބަހައްޓައިގެން އުޅޭ. ދޭތެރެދޭތެރެއިން ބޭރުގެ ބައެއް ފަރާތްތައް ގަމަށް އައިސް ގަން ބަލައި ހަދާކަން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިދޭތެރެއިން އަތުވެއްޖެ ފްރެންކްފަރޓް އެއަރޕޯޓުގެ ބައެއް. އަދި އޭގެކުރިން އިންޓަރނޭޝަނަލް އެއަރ ރޭޑިއޯގެ ބައެއްވެސް އަތުވެއްޖެ. އަދި ކުރިއަށް އޮތް ތާނގައިވެސް އިތުރު މީހުން އެބައާދޭ. އަބޫދާބީގެ ބައެއްވެސް އަތުވެއްޖެ. މިހުރިހާ އެންމެން މިއަންނަނީ މިތަން ބަލަން. ބަލާފައި އެންމެ ރަނގަޅު ގޮތަކަށް ބޭނުންކުރެވެން އޮތީ ކޮންގޮތަކުންތޯ ވިސްނާފައި، އެކަމާބެހޭ ހުށަހެޅުމެއް ސަރުކާރަށް ހުށަހަޅަން. އެހެންވީމާ، މިހާރު ސަރުކާރުން މި އިންތިޒާރު ކުރަނީ އެމީސްމީހުން ހުށަހަޅާ ހުށަހެޅުންތައް، އަޅުގަނޑުމެން، އެއީ ކޮންމެ ފަރާތެއް ކަމުގައިވިޔަސް އައްޑުއަތޮޅުގެ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ގަން ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަން ލިބިއްޖިއްޔާ އެފަރާތަކާ ގަން ޙަވާލުކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަޅުގަނޑުގެ ބޭނުމަކީ ވީ އެންމެ އަވަސް ފުރްޞަތެއްގައި މައްސަލަ ހަމަޖެއްސުން. އެހެންވީމާ، އަޅުގަނޑު އެދެނީ އައްޑުއަތޮޅުގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ފުރިހަމައަށް މިކަމުގައި ތާއީދު ކުރެއްވުން. އަދި އަޅުގަނޑަށް ފުރިހަމަ އިތުބާރު ދެއްވުން. އެއްވެސް ޙާލެއްގައި އަޅުގަނޑު މިތާނގައި ދަންނަވާ ވާހަކަޔާ ޚިލާފަށް ޢަމަލުނުކުރާނެ ކަމުގެ ޔަޤީންކަން ތިޔަ ހުރިހާ ބޭފުޅުންގެ ހިތްޕުޅުގައިވެސް ބޭއްވެވުން.
 
އާދެ، އަޅުގަނޑު ގަސްދުކުރިވަރަށްވުރެވެސް މާދިގުކޮށް މިވާހަކަ ދެކެވިއްޖެ. އެހެންނަމަވެސް އެއީ މިހާ މުހިންމު މައްސަލައަކަށްވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެކަން ވެފައި އޮތްގޮތް ސާފުކޮށްދިނުމުގެ ގޮތުން. އަދި އަޅުގަނޑު ހިތުން މިވާހަކަތައް މިހާ ތަފްޞީލުކޮށް ދެއްކީމާ ތިޔަބޭފުޅުންނަށް މިހާރު ވަރަށް ބޮޑު އެއްޗެއް ސާފުވެވަޑައިގަންނަވާނެ. ވަރަށްބޮޑުތަން ތިޔަބޭފުޅުންގެ ހިތްޕުޅުހަމަޖެހިދާނެ މިހާރު. އެހެންކަމަށްވުމާއެކު، ވަގުތުވެސް މާދިގުވެފައިވާތީ، އަޅުގަނޑު ދެން ގަސްދުކުރަނީ ވާހަކަ ނިންމާލަން.
 
ކޮންމެއަކަސް އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އައްޑުއަތޮޅަށް އައުމަކީ، އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ކަމެއް. މިއަތޮޅުގެ ރައްޔިތުން އަޅުގަނޑަށް ބަހައްޓަވާ އިޙްތިރާމާއި އަދި އޯގާތެރިކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން. މީގެކުރީފަހަރު އަޅުގަނޑު އައިއިރުވެސް އަދި މިފަހަރުވެސް މިއަތޮޅުގެ ރަށްތައް ވަރަށްމަތީ ދަރަޖައަކަށް ޒީނަތްތެރި ކުރައްވައިފައިވޭ. އަޅުގަނޑަށް ތަރުޙީބު ދެއްވުމުގެ ގޮތުން ވަރަށްގިނަ މަސައްކަތް ކުރައްވައިފައިވޭ. އެކަންކަމަކީ އަޅުގަނޑު ކުރިންވެސް ދެންނެވިން، އަޅުގަނޑު އެއްގޮތަކަށްވެސް އެދޭ ކަންތައްތަކެއް ނޫނޭ. އެއްވެސްކަހަލަ ތަކުލީފެއް ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށްޓަކައި އުފުއްލެވުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫނޭ. އެހެންނަމަވެސް، އެކަމުން ތިޔަ އެންމެ ބޭކަލުންނާއި ބޭކަނބަލުން ދައްކަވަން ބޭނުންވަނީ ތިޔަބޭކަލުންނާއި ބޭކަނބަލުންގެ ހިތްޕުޅުތަކުގައި ދައުލަތާމެދު އުފެދިފައިވާ އިޚްލާޞްތެރިކަން ކަން އަޅުގަނޑަށް ޔަޤީންކުރެވޭތީ، އެކަމަށްޓަކައި ހުރިހާ ބޭކަލުންނަށް ބޭކަނބަލުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއަތޮޅުގެ އަތޮޅުވެރިންނަށާއި ރަށްރަށުގެ ވެރިންނަށާއި އަދި އަތޮޅު ކުރިއެރުވުމަށް އެހީވާ ކޮމިޓީގެ މެންބަރުންނަށާއި، ރަށް ކުރިއެރުވުމަށް އެހީވާ ކޮމިޓީގެ މެންބަރުންނަށާއި އަދި ޢާންމުކޮށް އައްޑުއަތޮޅުގެ ހުރިހާ ރައްޔިތުންނަށާއި އަދި ޚާއްޞަކޮށް، މިރޭ ހިތަދޫގެ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު އަދިވެސް އެއްފަހަރު މިދަންނަވަނީ އައްޑުއަތޮޅަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކޭ. އައްޑުއަތޮޅަށް އަޅުގަނޑުގެ ހިތުގައި ވަރަށްޚާއްޞަ މަޤާމެއް ދެވިފައިވެއޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ގޮތްތަކެއް ހޯދޭތޯއޭ. އަދި ޚާއްޞަކޮށް، އައްޑުއަތޮޅުގެ ރައްޔިތުންނަށްވެސް ފައިދާހުރި ގޮތްތަކެއް ހޯދައިދެވޭތޯއޭ.
 
މާތްﷲ އަޅުގަނޑުމެން އެންމެން ރާއްޖެ ތަރައްޤީ ކުރުމުގެ މަގުގައި މިކުރާ މަސައްކަތްތަކުގައި ހެޔޮ ތައުފީޤު ލައްވާށި. އަޅުގަނޑަށާއި އަދި ތިޔަ އެންމެ ކަލުންނަށާއި ތިޔަ އެންމެ ކަނބަލުންނަށް އަދި ޢާންމުކޮށް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާށި. މާތްﷲ ރުހިވޮޑިގެންވާ މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންގެ ފައިތިލަތައް ސާބިތުކުރުމުގެ ތައުފީޤު ދެއްވައި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވައި އަދި ހުރިހާ ގޮތަކުންވެސް ރާއްޖެ ތަރައްޤީ ކުރުމުގެ ހެޔޮ ނަޞީބު އަޅުގަނޑުމެންނަށް މާތްﷲ ދެއްވުމަށް އެދި އަޅުގަނޑު ދުޢާކުރަން.
        والسّلام عليكم ورحمـة اللّـه.