بســم اللّـه الرّحمـن الرّحيــم
              
السّلام عليــكم ورحـمــة اللّـه وبـركاتـه،
 
         اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
އާދެ، މިރޭ އަޅުގަނޑު މިތަނަށް މިއައީ ވަރަށް އުފާވެރި ވާޖިބެއް އަދާކުރުމަށްޓަކައި. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ހިންގަވަމުން ގެންދަވާ، ތާނައާއި ޢަރަބި ރީތިކޮށް ލިޔަން ދަސްކޮށްދޭ ކްލާހުގެ ފުރަތަމަ ބުރުގެ ފަހު އިމްތިޙާނުގެ ނަތީޖާ ފާޅުކޮށް އަދި އެ އިމްތިޙާނުގައި އެކިއެކި ވަނަތަކަށް އައި ޠާލިބުންނަށާއި ޠާލިބާއިންނަށް އިނާމުދީ، އަދި ފާސްވި އެހެން ކުދީންނަށް ސެޓްފިކެޓް ދިނުމުގެ ޖަލްސާއަށް ހާޒިރުވުން. އާދެ، އަޅުގަނޑު މިތަނަށް މިއައީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ފަރާތުން ދެއްވި ދަޢުވަތަކަށް. އެހެންވީމާ، އެކަމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިނަށް އަދި އެ މިނިސްޓްރީގެ އެހެން ވެރިންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
އާދެ، ދެން އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމަށް ދެކެނީ، މިރޭ އެކި މަޤާމުތައް ހޯދި ޠާލިބުންނަށާއި ޠާލިބާއިންނަށް ތަހުނިޔާ އަދާކުރުން. އެއްވެސް ޝައްކެއްނެތް، އެކުދިން މިވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ކުރި މަސައްކަތްތަކެއްގެ ސަބަބުން އެކުދީންގެ ނަން މިރޭ އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ. އަދި އެކުދީންނަށް ސަރުކާރުގެ ފަރާތުން އިނާމުތަކެއްވެސް ލިބިގެން މިދިޔައީ. މަސައްކަތްކުރާ ކޮންމެ މީހަކަށް، އެމީހަކު އެކުރާ މަސައްކަތެއްގެ ނަތީޖާ اللّـه سبحـانـه وتعـالى ދައްކަވާނެ. އެކަމުގެ ހެތްކެއް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. އެހެންވީމާ، މިރޭ އެކި ވަނަތަކަށް މިއައި ކުދީން، އެކުދީން އެކުރި ހިތްމަތްތެރި، ހީވާގި، ތެދުވެރި މަސައްކަތްތަކަށްޓަކައި އެކުދިންނަށް އިނާމުތައް ލިބުމުގެ ފަޚްރު އެލިބުނީ. އެހެންވީމާ، އެކުދީންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.
 
އާދެ، އެއްވެސް ޝައްކެއްނެތް. ރީތިކޮށް ތާނައާއި ޢަރަބި ލިޔަން ދަސްކޮށްދޭ ކްލާހުގެ މަސައްކަތް، މިދިޔަ އަހަރުދުވަހުގެ ތެރޭގައި ހިނގަމުން ގޮސްފައިވަނީ އެއްވެސް އިޝްތިހާރު ކުރުމެއްނެތި. އެ ކްލާހުގެ ޚަބަރުތައް ޝާއިޢުކުރުމެއްނެތި. އެހެންނަމަވެސް، ވަރަށް ފުރިހަމަގޮތެއްގައި. މި ކްލާސް އުފެއްދުމުގެ ބޭނުން، ތިޔައިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެނެއް ނުވާނެ. އެގޮތަކީ ތާނައަކީ، އަޅުގަނޑުމެންގެ ޤައުމީ ބަސް. ދިވެހިންގެ ލިޔުން. ދިވެހިބަހުގެ ލިޔުން. އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއްބަޔަކީ އަޅުގަނޑުމެންގެ ބަސް. ކޮންމެ ބައެއްގެވެސް އަމިއްލަބަސް އެއީ އެމީހުންގެ ޤައުމިއްޔަތުގެ އެންމެ ޚާއްޞަ އެއް ރުކުން. އެހެންކަމަށްވުމާއެކު، އަޅުގަނޑުމެން ދިވެހީންގެ ދިވެހިވަންތަކަމުގެ އެންމެ މުހިންމު އެއް ރުކުނަކީ، އަޅުގަނޑުމެންގެ ދިވެހިބަސް. ދިވެހިބަސް ލިޔާ އަކުރަކީ ތާނައަކުރު. އެގޮތުން ތާނައަކުރަށް އަޅުގަނޑުމެން ޤަދަރުކުރަންޖެހޭނެ. އިޙްތިރާމްކުރަންޖެހޭ. އެއަކުރު ދަމަހައްޓަންޖެހޭ. އެއީ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުން ކަމަށްވާތީ.
 
ހަމައެއާއެކު، ޢަރަބި އަކުރަށް އަޅުގަނޑުމެން ޚާއްޞަ ޤަދަރެއް ދޭންޖެހޭ. ޢަރަބި އަކުރަށް ވަރަށް ޚާއްޞަ ގޮތެއްގައި ޙުރްމަތްތެރިކޮށްހިތަންޖެހޭ. އެގޮތަކީ ޢަރަބި އަކުރަކީ އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގެ އެންމެ ފުރަތަމަ އަޞްލު ކަމުގައިވާ ކީރިތި ޤުރްއާން ލިޔެވިފައިވާ އަކުރު ކަމަށްވާތީ، އެގޮތުން ޢަރަބި އަކުރަށް އަޅުގަނޑުމެން ޤަދަރުކުރަންޖެހޭ. އެއަކުރު ރީތިކޮށް ލިޔަން ދަސްކުރުން އެހިމެނެނީ އަޅުގަނޑުމެންގެ ދީނީ ވާޖިބުތަކުގެ ތެރެއިން ވާޖިބަކަށް. ކޮންމެއަކަސް ޢަރަބި ލިޔުމުގެ ފަންނަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް މަތިވެރި، ވަރަށް ރީތި ފަންނެއް. އަޅުގަނޑުމެންގެ ތާނަ އަކުރު އަދި އެހިސާބަކަށް ނުދޭ. އެއީ ސަބަބުތަކެއް ނެތިއެއްނޫން. ތާނަ އަކުރަކީ ޢަރަބި އަކުރަށް ނިސްބަތްކުރާއިރު ވަރަށްފަހުގެ އަކުރެއް. ވަރަށްފަހުން އީޖާދުކުރެވުނު އަކުރެއް. އެހެންވުމާއެކު، އަދި އަޅުގަނޑުމެންގެ ތެރޭގައި މި ފަންނު ކުރިއަށް ގެންދާނެ ލިޔާޤަތްތެރި ގިނަ މީހުން ނެތުމާއެކު، އަޅުގަނޑުމެންނަށް އެ ފަންނު ކުރިއަށް ގެންދެވިފައި ނުވަނީ. އެއާ ޚިލާފަށް ޢަރަބި ލިޔުމަކީ މުޅި ދުނިޔޭގައިވެސް މަޝްހޫރު ވަރަށް ރީތި ފަންނެއް.
 
އާދެ، އަޅުގަނޑު ދުށް އެއް ލިޔުމެއްގައި، އެ ލިޔުމެއް ލިޔުއްވި ބޭކަލަކު ލިޔުއްވާފައިވަނީ، [ރީތިކޮށް ލިޔުމަކީ ލޮލުގެ މިޔުޒިކެވެ.] އާދެ، އެ ލިޔާއިރު އެ އަކުރުތައް ލިޔެފައި ހުންނަ ރީތިކަމާއި، އެއް އަކުރު އަނެއް އަކުރާ ގުޅުވާފައި ހުންނަ ފުރިހަމަކަމާއި، ޖުމްލަ އެކުލެވިފައިވާ ރީތިގޮތާ، މިކަންތައްތަކަށް ވިސްނާއިރު، އޭނާ ބުނުއްވަނީ [އެއީ މޫސީޤީ ނޯޓްތަކެއްފަދައެވެ.] ރީތި ރާގެއް އަޅުގަނޑުމެންނަށް އިވުމުން، އަޅުގަނޑުމެންގެ ކަންފަތަށް އެލިބޭ ހިތްގައިމުކަމާއި، އެލިބޭ އަރާމު، ރީތި ލިޔުމެއް ފެނުމުން އަޅުގަނޑުމެންގެ ލޮލަށްވެސް ލިބޭ. އެހެންވީމާ، ރީތިކޮށް ލިޔުމަކީ ލޮލުގެ މޫސީޤާރު. ލޮލުގެ މިޔުޒިކް. އެގޮތުން ޢަރަބިން މިކަން ފާހަގަކޮށްފައިވަނީ. ޢަރަބިންނޭ އަޅުގަނޑުމެން ދެންނެވިޔަސް، އަޅުގަނޑު މި ދަންނަވަނީ މުސްލިމުންގެ ވާހަކަ. އެންމެފުރަތަމަ މުސްލިމުންނަކީ ޢަރަބީން ކަމަށްވުމާއެކު، އަދި ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ ޢަރަބިބަހުން ކަމަށްވުމާއެކު، މުސްލިމުންގެ ތެރެއިން އެންމެ ޚާއްޞަ އެއްބަޔަކީ ޢަރަބީން. ޢަރަބީން ނުވަތަ އެންމެ ފުރަތަމަ ދުނިޔޭގައި އުޅުނު މުސްލިމުން ޢަރަބި ލިޔުމަށް ދީފައިވާ އަހަންމިއްޔަތު އެއީ ވަރަށް މަތިވެރި އެއްޗެއް. އެންމެބޮޑު ސަބަބަކީ، ކުރިންވެސް އަޅުގަނޑު އިޝާރާތްކުރި ފަދައިން، ޢަރަބި އަކުރަކީ އެއިން ކީރިތި ޤުރްއާން ލިޔެފައިވާ އަކުރު ކަމަށްވުން.
 
އާދެ، އަޅުގަނޑުމެން މިހާރު މި ލިޔެ އުޅޭ ޢަރަބި އަކުރު، އެ މިދުނިޔޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފެށުނީ، ކީރިތި ރަސޫލާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ދުނިޔެއަށް ވަޑައިގަތުމުގެ ގާތްގަނޑަކަށް އެއް ޤަރުނު ކުރިންކަމަށް ބުނެވޭނީ. އެންމެ ފުރަތަމަކޮޅުގައި ލިޔަމުން ގޮސްފައިވަނީ ދެގޮތަކަށް. އެއްގޮތަކީ ވަރަށްސާދާ، ވަރަށް އާދައިގެގޮތެއް. މާގިނަ ގަވާއިދުތަކެއްނެތި ވަރަށް ފަސޭހައިން ލިޔެވޭ ކަހަލަ ގޮތެއް. އަނެއްގޮތަކީ ކޫފީ އަކުރޭ ޢަރަބިބަހުން ކިޔާ އަކުރު. ކޫފީ އަކުރު ހުންނަނީ ހަތަރެސްކަނަށް. ވަރަށްގިނަ ކަންކަން، އެ އަކުރުތަކުގައި އެކުލެވިގެންވާނެ. ފޮޅުވަތުން މައްޗަށް ހުންނަބައި ވަރަށް ސީދާކޮށް ހުންނަނީ. އަލިފު (ا). މިސާލަކަށް ލާމު (ل) ނުވަތަ ކާފު (ك) މި އަކުރުތައް. އެ ل އާ އެހެން އަކުރަކާ ގުޅުވައިލާއިރު ނުވަތަ ك އަކުން ފެށޭ ލަފްޡެއްގައި އެ ك އާ އެހެން އަކުރެއް ގުޅުވައިލާއިރު، އެދަނީ ހަމަ ރީތި ހަތަރެސްކަން ގޮތަކަށް. ކަނަކަށްވެގެންދަނީ. ވަރަށް ކަންކަން ގިނަ އަކުރެއް އެއީ. އެހެންނަމަވެސް، ވަރަށް ފުރިހަމަ އަކުރެއް. ވަރަށް ރީތިކޮށް ލިޔެވޭ އަކުރެއް.
 
ކޫފީ އަކުރުގެވެސް އެތައް ބާވަތެއް ހުރޭ. އެންމެ ފުރަތަމަ ލިޔެވުނު މުޞްޙަފުތަކުގައި، ކީރިތި ޤުރްއާންތަކުގައި ހުންނަނީ ކޫފީ އަކުރު. ކީރިތި ޤުރްއާން ލިޔުމުގައި އެންމެ ފުރަތަމަ ބޭނުންކުރެވުނީ ކޫފީ އަކުރު. އަދި އޭގެއިތުރަށް ޢަރަބިބަހުގެ ޚާއްޞަ ލިޔުންތަކާއި، ޚާއްޞަކޮށް، ރަސްމީ ލިޔުންތައް ލިޔުމުގައި. އެ ލިޔުން ނިސްބަތްވަނީ، ކޫފާ އޭ ކިޔާ ރަށަކަށް. ކޫފާ، އެއީ ޢިރާޤުގައި އޮންނަ ރަށެއް. މުސްލިމުން އެރަށް ފަތަޙަކުރީ ހިޖުރީގޮތުން ފުރަތަމަ ޤަރުނުގެ ތެރޭގައި. އެ ރަށް ފަތަޙަކުރުމަށްފަހު، އެރަށް ހިމެނުނީ މުސްލިމުންގެ ޙަޟާރަތުގެ ވަރަށް މުހިންމު ތަނަކަށް. ތަޢުލީމީގޮތުންވެސް އަދި އެނޫންގޮތްގޮތުންވެސް ވަރަށް ފާހަގަކުރެވޭ މަރްކަޒަކަށް. އެތަނަށް ނިސްބަތްވެގެންވާ ލިޔުމެއް މިދެންނެވީ، ކޫފީ ލިޔުމަކީ. އޭގެ ގާތްގަނޑަކަށް ތިން ޤަރުނު ފަހުން، ހިޖްރީގޮތުން ހަތަރުވަނަ ޤަރުނުގައި އެހެން އަކުރެއް އީޖާދުކުރެވިއްޖެ. އެއީ ކޫފީ އަކުރު، އަޅުގަނޑު ކުރިންވެސް މިދެންނެވި ފަދައިން އެއީ، ލިޔަން މާ ފަސޭހަ އަކުރަކަށްނުވާތީ. އެއަށް ޢަރަބިން ކިޔަންފެށީ ނުސްޚު އަކުރޭ. [ނުސްޚު] މި ކްލާހުގައި ބައިވެރިވި ކުދީން ދަސްކުރަމުން ގެންދަނީ މިދެންނެވި އަކުރު. އެއީ ނުސްޚު އަކުރު. އެއީ ހަމައެކަނި ޢަރަބި ލިޔުމުގެ ތަފާތު ފަންނުތަކުގެ ތެރެއިން އެންމެ ފަންނެއް. [ނުސްޚު] ނެގިފައި އެ އޮންނަނީ ޢަރަބި ލަފްޡަކުން. ހަމަ އެ ލަފްޡަކީވެސް ނުސްޚު. ނުސްޚުގެ މާނައަކީ ކޮޕީކުރުން. އެއްޗަކުން ބަލައިގެން އެއްޗެއް ލިޔުން.
 
އެހެންވީމާ، މި ފަންނަށް [ނުސްޚު] އެ ނަން ދެވިފައި އެވަނީ، އެއީ ކީރިތި ޤުރްއާން ކޮޕީކުރަން ބޭނުންކުރެވުނު އަކުރު ކަމަށްވާތީ. މުޞްޙަފް ބަލައިގެން އޭގައި އެންމެ ފުރަތަމަ ކޫފީ އަކުރުން ލިޔެވިފައި ހުރި އާޔަތްތައް ނުސްޚު އަކުރުން ލިޔަނީ. އެ ކޮޕީކުރަނީ. އެ އަކުރަކީ ތިޔަ ހުރިހާ ކުދީންނަށްވެސް މިހާރު އެނގޭނެ އަކުރެއް. ވަރަށް ރީތި، ލިޔަން ވަރަށް ފަސޭހަ އަކުރެއް. އެ އަކުރު ތަންކޮޅެއްފަހުން ތަރައްޤީވެގެން [ޘުލުޘު] މި ނަންކިޔާ އަކުރަކަށް ބަދަލުވެގެންދިޔައީ. މުޅިން ބަދަލުވެގެން ދިޔައީއަކީ ނޫން. ޘުލުޘު ލިޔާ މަޤާމުތަކެއްހުރޭ. ނުސްޚު ލިޔާ އެހެން މަޤާމުތަކެއްހުރޭ. ނުސްޚު ލިޔަނީ އާދަވެގެން ކީރިތި ޤުރްއާން ލިޔުމުގައި ނުވަތަ އެހެންވެސް ރަސްމީ ލިޔުންތަކުގައި. އަދި އެނޫންވެސް އާދައިގެ ލިޔުންތަކުގައިވެސް ބޭނުންކުރެވޭ. ޘުލުޘު އެއީ އެއްއިރެއްގައި އަޅުގަނޑުމެން ބޮޑުއަކުރޭ ކީ އަކުރު. ޢަރަބި ލިޔާއިރު، ބޮޑުއަކުރުން ލިޔެފައޭ، އެ ބުނަނީ އެއީ ޘުލުޘުގެ ވާހަކަ. އެ ތިޔަ ކުދީންނަށްވެސް ފެންނާނެ، އެކި ތަންތާނގައި ލިޔެފައި ހުއްޓައި. ޚާއްޞަކޮށް، ބިސްމި އެއްޗެތި އަޅާފައި ހުންނާނެ، ނޫނީ ބައެއް އާޔަތްތައް ލޮޔަށްލާފައި ހުންނަ ލިޔުންތައް ބަލާއިރު، ވަރަށްގިނަ ލިޔުންތައް ހުންނާނެ މިބުނާ އަކުރުން. އެއީ ޘުލުޘު. އެ އަކުރުގެ ބޭނުންކުރެވެނީ ޚާއްޞަ ދާއިރާތަކެއްގައި. އެއީ މިސްކިތްތަކުގައި، އިސްލާމީ ޚާއްޞަ ޢިމާރާތްތަކުގައި، ކީރިތި ޤުރްއާން ލިޔެފައި ހުންނައިރު، ގިނައިން ލިޔެފައި ހުންނަނީ ޘުލުޘު އަކުރުން. މި ފަންނަކީ ވަރަށް ރީތި، ވަރަށް މަތިވެރި ފަންނެއް، ޘުލުޘު ލިޔުމަކީ.
 
އިސްލާމީ ދުނިޔޭގެ އެކިއެކި މަޝްހޫރު މިސްކިތްތަކުގައި އެހުންނަ ލިޔުންތައް ބަލައިލުމުން، ކޮންމެ އިންސާނަކުވެސް ހަމަ ޢަޖާއިބުވާނެ. އެހާ ރީތިކޮށް، އެހާ ފުރިހަމަކޮށް ލިޔެފައި ހުންނަނީ. އިޞްފަހާނުގެ މިސްކިތްތައް އަޅުގަނޑުގެ އަމިއްލަ ލޮލުން ދުށިން. ހަމަ ޙައިރާންވާހާ ރީތިކޮށް މިސްކިތްތަކުގެ ފާރުތައް ފުރާލައިފައި ވަނީ، މިދެންނެވި ފުރިހަމަ ލިޔުމުން. ކީރިތި ޤުރްއާނުގެ އާޔަތްތައް ލިޔެފައި ހުންނަނީ. ކިހިނެއްތޯ ލިޔެފައި ހުންނަނީ؟ ތަށިމުށީގައި. ތަށިމުށި ކަފައިގެން، ތަށިމުށި ނޫކުލައިގެ ބެކްގްރައުންޑެއްގައި، ހުދުކުލައިގެ އަކުރުތަކަކުން ލިޔެފައި ހުންނަނީ. ޢަޖައިބެއްހާ ރީތި މަސައްކަތެއް. ކެތްތެރިކަމާއެކު ވަރަށްގިނަ ދުވަހު އެ ލިޔުނު ބަޔަކު ކުރި މަސައްކަތެއް އެއީ. ވަރަށް ރީތި، ވަރަށް ފުރިހަމަކަމެއް. ހަމަ ކޮންމެ އިންސާނަކުވެސް ހަމަ ޙައިރާންވާހާ ރީތިކޮށް، އެހެރަ ބޮޑެތި މިސްކިތްތަކުގައި  އެފާރުތައް ފުރާލައިފައި ހުންނަނީ، މިދެންނެވި ރީތި އަކުރުން. ކީރިތި ޤުރްއާނުގެ އާޔަތްތަކުން. އިޞްފަހާނުގެ މިސްކިތްތައް އެކަންޏެއް ނޫން. އެއީ އިރާނުގެ ރަށެއް. ބަޣްދާދު، ކޫފާ، މޫޞިލް، އެތަންތާނގެ މިސްކިތްތައް. ސީރިއާގެ މިސްކިތްތައް. މިޞްރުގެ މިސްކިތްތައް. މިހެންގޮސް ޢަދަދު ނުކުރެވޭހާ ގިނަ މިސްކިތްތަކުގައި މިދެންނެވި ލިޔުންވަނީ ލިޔެވިފައި.
 
އަޅުގަނޑުމެންގެ އިސްލާމްދީނުގައި، ޢިމާރާތް ކުރުމުގެ ފަންނަކީ، ވަރަށް މަތިވެރި ފަންނެއް. ޢިމާރާތް ކުރުމުގެ ފަންނާ ގުޅިފައިވާ ފަންނެއް، މިދެންނެވި ލިޔުން ލިޔުމަކީ. ހަމައެކަނި ޢަރަބި ދުނިޔެއަކުނޫން. އިސްލާމީ ދުނިޔޭގެ އެހެން ތަންތާނގައިވެސް. އަޅުގަނޑުމެންގެ މިސްކިތްތަކާއި އަދި އެހެނިހެންވެސް މުހިންމު މަރްކަޒުތަކުގައި މި ލިޔުން ލިޔެވިފައިވޭ. އެލިޔުމުން އެތަންތަން ޒީނަތްތެރި ކުރެވިފައިވޭ. ތިޔަ ހުރިހާ ބޭފުޅުން އައްސަވާނެ، ތާޖްމަޙަލްގެ ވާހަކަ. މަޝްހޫރު ޢިމާރާތެއް. މުޅި ދުނިޔޭގައި ނެތްފަދަ ރީތި ތަނެއް. އިންޑިޔާގެ އާގަރާ ކިޔާ ރަށެއްގައި ހުންނަނީ. އެ ޢިމާރާތް އުފެއްދެވީވެސް މުސްލިމުންގެ ރަސްކަލެއް. އޭނާގެ އަމުރުފުޅަށް، އެ ޢިމާރާތުގައިވެސް ވަރަށް ރީތިކޮށް ޤުރްއާނުގެ އާޔަތްތައް ލިޔެފައި ހުރޭ. އެހެންވީމާ، މިދެންނެވި ފަންނަކީ، ޘުލުޘު ލިޔުމުގެ ފަންނަކީ ޚާއްޞަ މަޤާމުތަކެއްގައި ވަރަށްބޮޑު އަހަންމިއްޔަތެއް ދެވޭ ފަންނެއް. އޭގެއިތުރުން، ދުނިޔޭގެ އެހެން ތަންތާނގައި ޢަރަބި ލިޔުމުގެ އެކިއެކި ފަންނުތައް އީޖާދުވެގެން ތަރައްޤީވަމުން ގޮސްފައިވޭ. އީރާނުގައި. އީރާނަކީ ކުރީގެ ފާރިސްކަރަ. އެތަނަކީ މުސްލިމުންގެ ވަރަށް ޚާއްޞަ ޤައުމެއް. އެތަނަށް މުސްލިމުން ގޮސް، އިސްލާމީ ޙަޟާރަތު ނުވަތަ އިސްލާމީ ސިވިލްޒޭޝަން އެތަނަށް ވެރިވުމުގެ ފަހުން، އެމީހުންގެ ލިޔުންވެސް ބަދަލުވެގެންދިޔައީ. އެމީހުން ފާރިސީބަހުން ވާހަކަދެއްކި ކަމުގައިވިޔަސް، ލިޔަމުން ގެންދިޔައީ ޢަރަބި އަކުރުން. އެތަނަށް ނިސްބަތްކޮށް، އަޅުގަނޑުމެން ފާރިސީ އަކުރޭ މި ކިޔަނީ. ފާރިސީ އަކުރަކީވެސް ޢަރަބި ލިޔުމުގެ އަކުރެއް. ވަރަށްރީތި، ވަރަށް ފުރިހަމަ އަކުރެއް. އެތާނގައި މިދެންނެވި ފާރިސީގެ އިތުރަށް، [ތަޢުލީޚު] މިނަމުން ލިޔެފައިވާ އަކުރެއްވެސް އުފެދުނު. އެތާނގައި އެއަކުރު ލިޔެވެމުން ގެންދެވުނު. ދެން ތުރުކީވިލާތުގައި ޢުޘްމާނީ ޚިލާފަތުގައި، ލިޔުމުގެ އެހެން ފަންނުތަކެއް، ޢަރަބި ލިޔުމުގެ ރީތި ފަންނުތަކެއް އުފެދިގެން ތަރައްޤީވަމުންދިޔަ. އޭގެތެރެއިން، އެންމެ ޚާއްޞަ ފަންނަކީ، އެންމެ ޚާއްޞަ ލިޔުމަކީ، [ދީވާނީ] މިނަމުން ނަންދެވިފައިވާ ލިޔުން. ދީވާނީ ލިޔުމަކީ ދީވާންތަކުގައި، ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި ބޭނުންކުރެވޭ ލިޔުން. މިނަމުން ނަންދެވިފައި އެވަނީ. ވަރަށް ރީތި އަކުރެއް، ވަރަށް ލިޔަން އުނދަގޫ އަކުރެއް. ވަރަށްގިނަ ދުވަހު ކެތްތެރިކަމާއެކު މަސައްކަތްކޮށްގެން ނޫނީ ފުރިހަމައަށް ނުލިޔެވޭނެ އަކުރެއް.
 
ތުރުކީވިލާތުގައި އެޒަމާނުގެ ޚަލީފާއާބެހޭ ލިޔުންތަކާއި، ރަސްމީ ލިޔުންތައް އަދި ޚަލީފާ ލިޔުއްވާ ފަތްކޮޅުތަކާއި، ޚަލީފާ ކުރައްވާ އެކިއެކި އަމުރުތައް ލިޔެވިފައި ހުންނަ ލިޔުންތައް ލިޔެފައި ހުންނަނީ މިދެންނެވި އަކުރުން. އެއީ ދީވާނީ އަކުރުން. އަދި ހަމަ ތުރުކީވިލާތުގައި ވަރަށްރީތި އެހެން ފަންނެއްވެސް އުފެދިގެންދިޔަ. އެއަށް މިކިޔަނީ ޠަޣުރާ. ޠަޣުރާގެ މާނައަކީ، އެންމެމަތީ ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ނަންފުޅު. އެނަންފުޅާއި އެބޭފުޅަކަށް ލިބިވަޑައިގެންފައިވާ ލަޤަބު ރީތިކޮށް ލިޔެފައި ޑިޒައިންކޮށްފައި، ކޮންމެވެސް ރީތިގޮތަކަށް ލިޔެލާފައި އޮންނަ ލިޔުމަކަށް ކިޔާ ނަމެއް، ޠަޣުރާއަކީ. އެއީ އެރަސްގެފާނުގެ ނުވަތަ އެ ޚަލީފާގެ ނިޝާނެއް ކަމަށްވެސް ބެލިދާނެ. އޭނާ ބޭނުންކުރައްވާނީ އެގޮތަށް. ވަރަށް ރީތިކޮށް ކުރެހިފައި، އެބޭފުޅެއްގެ ނަންފުޅު އޮންނަނީ. އެބޭފުޅެއްގެ ނަންފުޅާއި ލަޤަބު، މިދެންނެވި ގޮތުގެ މަތީން ރީތިކޮށް ކުރެހިފައި، ލިޔެވިފައި އޮންނަ ނިޝާނަށް މި ކިޔަނީ ޠަޣުރާ. އެއީވެސް ތުރުކީވިލާތުގައި އުފެދިގެން ތަރައްޤީވަމުން ގޮސްފައިވާ ފަންނެއް.
 
އަދި އެކިއެކި ޤައުމުތަކަށް ބަލާއިރުވެސް އެކި ޤައުމުތަކުގައި ޢަރަބި ލިޔުމުގެ އެކި ފަންނު އުފެދިފައިވޭ. މިސާލަކަށް، މަޣްރިބުކަރައިގެ މީހުން ލިޔެއުޅޭ ޢަރަބި އަކުރާ އަޅުގަނޑުމެން އާދަވެގެން މި ލިޔެއުޅޭ ޢަރަބި އަކުރާ ކުޑަކޮށް ތަފާތު. މިއީ މުޅިން އަދި އެހެން ފަންނެއް. އެއަށް މި ކިޔަނީވެސް މަޣްރަބީ އަކުރު. މަޣްރިބުކަރަޔަކީ، އުތުރު އެފްރިކާގެ ހުޅަނގުގައި އޮންނަ ޤައުމުތައް. މޮރޮކޯ އެއީ އެތަނުން އެއްތަނެއް. ތޫނިސް، ލީބިޔާ، އަލްޖީރިޔާ ނުވަތަ އަލްޖަޒާއިރު، މިތަންތަނަށް ނަންދެވިފައިވާ ނަމެއް މަޣްރިބު އެއީ. މަޣްރިބާ ގުޅިފައި އޮތީ ކުރީ ޒަމާނުގައި މުސްލިމުން ވެރިކަންކުރި އެހެން ރަށެއް. އެއީ ސްޕޭންގެ ދެކުނު. އެއީ އަންދަލޫސިޔާ. ނުވަތަ އަންދަލުސް. ޢަރަބިން ކިޔާގޮތުންވިއްޔާ، މިތަންތާނގައި ބޭނުންކުރެވުނު އަކުރަކީ، މިދެންނެވި މަޣްރަބީ އަކުރު. އެމީހުން މުޞްޙަފުތައް ލިޔެފައިވަނީވެސް މި އަކުރުން.
 
އާދެ، ޢަރަބި ލިޔުމުގެ ފަންނަކީ ވަރަށް ޚާއްޞަ، ވަރަށް މަތިވެރި ފަންނެއް. މިކްލާހުގައި ބައިވެރިވި ކުދިންނަށް މިހާތަނަށް އަދި އެ ފަންނުން އެނގިފައި މިއޮތީ، އޭގެ ވަރަށް ކުޑަކުޑަ ތަންކޮޅެއް. އެއީ ނުސްޚު އަކުރު އެކަނި. އަޅުގަނޑު ކުރިންވެސް މި އިޝާރާތްކުރި ފަދައިން، ޢަރަބި ލިޔުމުގެ ފަންނުގެ ތެރޭގައި ވަރަށްގިނަ ތަފާތު ބާވަތްތައް ހިމެނޭ. އޭގެތެރެއިން އެއްބާވަތެއް ނުސްޚު އެއީ. ދެން ކުރިންވެސް ދެންނެވިހެން ކޫފީ، އަދި ޘުލުޘު، ދީވާނީ، ފާރިސީ އަދި އޭގެއިތުރަށް ރިޤްޢާ ކިޔާ އަކުރެއް. އާދަވެގެން މީހުން ލިޔެއުޅޭ އަކުރު. އެންމެ ފަސޭހަ އަކުރަކީ ރިޤުޢާ އަކުރު. އެ އަކުރަކީ ޢަރަބީންގެ މީހުން އަމިއްލައަށް އެއްޗެތި ލިޔެލާއިރު ބޭނުންކޮށްއުޅޭ އަކުރު. އެކަކު އަނެކަކަށް ސިޓީ ލިޔާއިރު ބޭނުންކޮށްއުޅޭ އަކުރު. އެހެންވީމާ، ޢަރަބި ބަހުގައި މި ފަންނަށް ދެވިފައިވާ މަޤާމުގެ މަތިވެރިކަން، ވަރަށްކުރުގޮތެއްގައި ނަމަވެސް، އަޅުގަނޑު މި ދައްކާލި ވާހަކަކޮޅުން ސާފުވެވަޑައިގަންނަވާނެކަން އެނގޭ. އަދި އެ ފަންނަށް ޢަރަބިބަހުން މި ކިޔަނީ ޚައްޠު. އަދި އެ ލިޔާ މީހުންނަށް މި ކިޔަނީ ޚައްޠާޠުން. މި ފަންނަށް އިސްލާމީ ޙަޟާރަތު ދީފައިވާ މަޤާމުގެ މަތިވެރިކަން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެ ޚައްޠާޠުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންގެ ނަންފުޅުތައް އެނގިވަޑައިގެންފިއްޔާ.
 
އާދެ، އެންމެ ފުރަތަމަ ޚައްޠާޠެއް ކަމުގައި ބުނެވެނީ ހަތަރުވަނަ ޚަލީފާ على بن أبى طالب [رضي اللّه عنه.] އޭގެފަހުން އެ ފަންނު އުފެދިގެން ތަރައްޤީވަމުން ދިޔައީ. މަޝްހޫރު ޚައްޠާޠުންގެ ތެރޭގައި، މަޝްހޫރު ޚަލީފާއިންގެ ބޭފުޅުން ހިމެނޭ. ޢައްބާސްގެ ޚިލާފަތުގެ ޚަލީފާއިން، އެކިތަންތާނގެ ރަސްރަސްކަލުން، ވަޒީރުން، އަމީރުން، ޤާޟީން، މަޝްހޫރު ޢިލްމުވެރިން، ދީނުގެ ޢިލްމުވެރިން. މިހެންގޮސް ވަރަށްގިނަ ތަފާތު މީސްމީހުންގެ ނަން މަޝްހޫރުވެފައިވޭ. ލިޔުމުގެ ފަންނުގެ މަޝްހޫރު ޚައްޠާޠުންގެ ތެރޭގައި، މިހާރަކަށް އައިސްވެސް ވަރަށް މަޝްހޫރު ޚައްޠާޠުން އެބަ އުޅުއްވާ. މިވަގުތު ދުނިޔޭގައި ނެތްކަމުގައިވިޔަސް، ފަހަކަށްއައިސް އެންމެ މަޝްހޫރުވީ އެއް ޚައްޠާޠަކީ، މުޞްޠަފާ ނަޡީފް ކިޔާ ބޭކަލެއް. ތުރުކީވިލާތުގެ ބޭކަލެއް. އޭނާގެ ލިޔުއްވުން  އަޅުގަނޑުމެން މިޞްރު ޗާޕުގެ ގިނަ މުޞްޙަފުތަކުގައި މި ހުންނަނީ. ބޭރުގައި ލިޔެފައި ހުންނާނެކަންނޭނގެ. ބިޚައްޠި މުޞްޠަފާ ނަޡީފް އައްޝައިޚް ބިޤަދަރުޤަލީ. ޤަދަރުޤަލީއޭ ކިޔާ މީހެއް. އޭނާގެ އެހެން ނަމެއް އެއީ. ޤަދަރުޤަލީގެ ނަމުން މަޝްހޫރުވެފައިވާ، މުޞްޠަފާ ނަޡީފްގެ ލިޔުއްވުމޭ، މި މުޞްޙަފުގައި ވަނީ. އެހެން ހުންނާނެ ވަރަށްގިނައިން މުޞްޙަފުތަކުގައި ލިޔެފައި، ފެށޭ ތާނގައި. އެހެންވީމާ، އޭނާގެ ނަން އެއޮތީ އަބަދަށްޓަކައި އޭނާ ދުނިޔެއަށް ނެރުއްވައިފައި. ދުވަހަކުވެސް ފިލައިގެންނުދާނެ ގޮތެއްގައި. އެއީ އޭނާގެ ލިޔުއްވުމުން މުޞްޙަފު ލިޔުއްވައިފައިވާތީ. ކީރިތި ޤުރްއާން ލިޔުއްވައިފައިވާތީ. އަދި މަޝްހޫރު ޚައްޠާޠުން ކުރައްވައިފައިވާ އެންމެބޮޑު މަސައްކަތަކީ މުޞްޙަފު ލިޔުއްވުން. ކޮންމެ މީހަކުވެސް އެމީހާ އެކުރާ މަސައްކަތް ފުރިހަމަ ދަރަޖައަކަށް ހިނގައްޖެކަމަށް، އެމީހަކަށް އިޙްސާސްވުމުން ދެން ފަށަނީ މުޞްޙަފު ލިޔަން. ކީރިތި ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް ލިޔެލުން އެއީ އެމީހަކު ދެކެނީ އެމީހަކަށް ލިބޭ  އެންމެބޮޑު ޝަރަފު ކަމުގައި. އަދި އެގޮތުން، ކުރީ ޒަމާނުގައި ލިޔެވިފައި ހުންނަ މުޞްޙަފުތައް މިހާރުވެސް ރައްކާކުރެވިފައި އެބަހުރި. އިސްލާމީ ދުނިޔޭގެ ބައެއް މިޔުޒިއަމްތަކުގައި. އަދި އިނގިރޭސިވިލާތް އަދި އެނޫންވެސް ޔޫރަޕުގެ ބައެއް މަޝްހޫރު ތަންތާނގެ މިއުޒިއަމްތަކުގައިވެސް އެބަހުރި. އެކިއެކި މަޝްހޫރު ބޭކަލުން ލިޔުއްވައިފައިވާ މުޞްޙަފުތަކާއި އެނޫންވެސް ލިޔުންތައް.
 
ލިޔުމަކީ، ރީތިކޮށް ލިޔުމަކީ، އެކަމަށް މުޅި ޢުމުރު ހޭދަކުރުން އެކަށީގެންވާވަރުގެ މަތިވެރި ފަންނެއް. ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެކަމަށް ޚާއްޞަކުރެވިފައިވާ މަދަރުސާތައްވެސް ހުރޭ. މިޞްރުގައިވެސް ހުރޭ، ރީތިކޮށް ލިޔަން ދަސްކޮށްދޭ މަދަރުސާއެއް. ހަތަރު އަހަރުގެ މުއްދަތު، ހަތަރު އަހަރު ލިޔުމަށްފަހު، އިމްތިޙާނުން ފާސްވެއްޖިއްޔާ ލިބޭނެ ސަނަދެއް ނުވަތަ ސެޓްފިކެޓެއް. އޭގެފަހުން އަދި އެކުއްޖަކު ސްޕެޝަލައިޒްވާން ބޭނުންވާ ނުވަތަ ޚާއްޞަގޮތެއްގައި ކުރިއަށްދާން ބޭނުންވާ ޚައްޠުގެ ރޮނގެއް އިޚްތިޔާރު ކުރުމަށްފަހު، ދެއަހަރު ދުވަހު އިތުރަށް މަސައްކަތްކޮށްގެން ލިބޭ އެހެން ފާހެއްވެސް އޮވޭ. މިހާރުގެ އެންމެ މަޝްހޫރު ޚައްޠާޠުންގެ ތެރޭގައި ޙުސްނީ ހިމެނޭ. މިޞްރުގެ ވަރަށް މަޝްހޫރު ޚައްޠާޠެއް. އަލްޙާއްޖަ ޖަފްރާއީ ކިޔާ ބޭކަލަކު ހިމެނޭ. އަލްމިރްޞަފީ ކިޔާ ބޭކަލަކު ހިމެނޭ. އަދި އެނޫންވެސް ވަރަށްގިނަ މަޝްހޫރު މީހުން މިހާރުވެސް މިޞްރުގައި އެބަތިބި. މިޞްރުގައި އެކަންޏެއް ނޫން. ޝާމްކަރައިގައި އާދެ، ސީރިޔާގައިވެސް. އަދި ޢިރާޤުގައި، ލުބްނާނުގައި (ލެބަނަންގައި) މިހުރިހާ ތަނެއްގައިވެސް ލިޔުމުގެ މަތިވެރި ފަންނާނުން އެބަ ތިއްބެވި. އެބޭކަލުންނަކީ އެބޭކަލުންގެ ޤައުމުތަކުގައި ވަރަށް ޚާއްޞަ ޢިއްޒަތަކާއި ޤަދަރެއް ލިބިފައިވާ ބައެއް.
 
އާދެ، އަޅުގަނޑުމެން މިހާރު މި ރީތިކޮށް ތާނައާއި ޢަރަބި ލިޔަން ދަސްކޮށްދޭ ކްލާސް އުފެއްދުމުގެ އެންމެބޮޑު ބޭނުމަކީ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ދިރުވުމަށް ބާރުއެޅުން. އެއީ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއްބަޔަކީ ބަސް ކަމަށްވާތީ. އެ ބަސް ލިޔެވޭގޮތް އެއީ އަޅުގަނޑުމެން އަބަދުވެސް އެއަށް ޤަދަރުކުރަންޖެހޭ އެއްޗަކަށްވާތީ. މިގޮތުން މި ކްލާސް އުފެއްދުނީ. ދެވަނަ ސަބަބަކީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ، ޢަރަބި އަކުރަށް އަޅުގަނޑުމެން ލޯބިކުރަންޖެހޭތީ. އާދެ، އެހެންވީމާ، މި ކްލާހުގައި ބައިވެރިވި ކުދިން، އެ އަދާކުރީ ވަރަށް މަތިވެރި ޤައުމީ ޚިދުމަތެއް ކަމަށް އަޅުގަނޑު ދެކެން. އަދި ފާސްވި ކުދިންނަށް ދައުލަތުން ހިތްވަރު ދިނުމުގެ ގޮތުންނާއި، އެކުދިން އެކުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އޭގެތެރެއިން ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ކުދީންގެ މުސާރައަށް ބަދަލެއް އަންނާނެ. އެއީ އެކުދިން އެކުރި މަސައްކަތުން އެހޯދި ނަތީޖާގެ އަގު ސަރުކާރުން ވަޒަންކޮށް އަދި އެހެން މީހުންނަށްވެސް މިއިން ހިތްވަރުދިނުމަށްޓަކައި. ދެވަނަ ބުރުގައި ބައިވެރިވި ކުދީންވެސް، އެކުދީން އެއްއަހަރު ދުވަހު މި މަސައްކަތް ކޮށްފައި، އިމްތިޙާނުން ފާސްވެގެން، ފާސްވާ މާކްސްއަކީ 75 ޕަސެންޓް. 75 ޕަސެންޓް ލިބިއްޖެނަމަ (ދެ ލިޔުމުންވެސް) އެކުދީންނަށް ސެޓްފިކެޓް ލިބޭނެ. ވުމާއެކު އެއީ ސަރުކާރުގެ މުވައްޒަފުން ކަމަށްވަންޏާ، އެކުދީންގެ މުސާރައަށްވެސް އިތުރު ބަދަލެއް އަންނާނެ. އެއީ މިކަން ކުރިއަށް ގެންދިޔުމުގެ ގޮތުން މިހާރު ސަރުކާރުން ހަމަޖައްސަވައިފައިވާ ގޮތެއް. ލިޔުމަކީ އެހާ ޚާއްޞަ ފަންނަކަށްވާތީ، އެކަމަށް ސަރުކާރުން ހިތްވަރުދީ، އެކަމަށް ބާރުއެޅުމުގެ ގޮތުން.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު މިރޭ އެކިވަނަތަކަށް މިއައި ކުދީންނަށް އިޚްލާޞްތެރި މަރްޙަބާއެއް ކިޔަމުން. ޢަބްދުﷲ ވަޙީދު، މުޙަންމަދު ޒުހައިރު، އިބްރާހީމް ރަޝީދު، ފަރީދާ، މުޙަންމަދު ޙުސައިން، އަދި އަޅުގަނޑު ހަނދާންނެތުނު ކޮންމެވެސް ކުއްޖަކު، ދެކުއްޖަކު އޮތުން އެކަށީގެންވޭ. އެހެންނަމަވެސް، މިތާނގައި އަޅުގަނޑު އިންދާ ކިޔުމުގެ ސަބަބުން މި ނަންތައް ފާހަގަކުރެވުނީ. އެހުރިހާ ކުދިންނަށް، އަދި އަޅުގަނޑު ހަނދާންނެތިގެން ނަން ނުކިޔޭ ކުއްޖަކުވާނަމަ، އެކުއްޖަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރަމުން. އަދި ޚާއްޞަގޮތެއްގައި ޙާޒިރީން އެކި ވަނަވަނަ ހޯދި ކުދީންނަށްވެސް ތަހުނިޔާ އަދާކުރަމު. އަޅުގަނޑު ތިޔަކުދީންގެ ނަތީޖާތައް ބަލަމުން ގެންދިޔައިން. ފުރަތަމަ ބުރުގެ އެންމެ ފުރަތަމަ އިމްތިޙާނުގެ ނަތީޖާތައްވެސް ބެލިން. އަދި މިހާރު ފަހުގެ ނަތީޖާތައްވެސް ބެލިން. ހާޒިރީން އެއްވަނައަށް ދެކުއްޖަކު ތިބިކަން ފާހަގަކުރެވޭ. 100 އިން 100 ލިބިގެން. އޭގެ މާނައަކީ ހުރިހާ ގަޑިއަކަށް ހާޒިރުވެގެން. ގަޑިނުޖެހި ހުރިހާ ގަޑިއަކަށް އައިސްގެން ހާޒިރީން 100 އިން 100 ލިބިގެން ކޮންމެވެސް ކްލާހަކުން އެއްވަނައަށް ދެކުއްޖަކު އައިސްފައި އެބަތިބި. އެހެންވީމާ، އެއީ ވަރަށް ބޮޑަށް ފާހަގަކުރަން އެކަށީގެންވާ ކަމެއް. އެކަމަށްޓަކައި އެ ދެކުދިންނަށް ޚާއްޞަ ތަހުނިޔާއެއް އަޅުގަނޑު އަދާކުރަން.
 
އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ކުދިންނަށްވެސް މި ކްލާހުގެ ފައިދާ ފުރިހަމައަށް ލިބުން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ތިޔަ ކުދީންނަށް އެހީތެރިކަން ބެހެއްޓެވި، ތިޔަކުދިންނަށް މި ރީތި ފަންނު ދަސްކޮށްދެއްވަމުން ގެންދެވި މުދައްރިސުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ ވާޖިބަކަށް ދެކެން. އާދެ، އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު، އަލްފާޟިލް މުޙަންމަދު ރަޝީދު، އަލްފާޟިލް މުޙަންމަދު ޞާދިޤު، އަލްފާޟިލް އިބްރާހީމް އިސްމާޢީލް، އަލްފާޟިލް މުޙަންމަދު ނިޒާރު އަދި އޭގެތެރެއިންވެސް އަޅުގަނޑު ހަނދާންނެތުނު ބޭކަލަކު އިންނެވުން އެކަށީގެންވޭ. އެހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމުން އަޅުގަނޑު ވަކިވެލަނީ.
 
      والسّلام عليكم ورحمـة اللّـه وبركاتـه.