بســم اللّـه الرّحمـن الرّحيــم
    
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين،  سيّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
އާދެ، މިއަދު އަޅުގަނޑުމެން މިތަނަށް އެއްވެ މިތިބީ ވަރަށް މާތް މަޤްޞަދެއްގައި. ވަރަށް މަތިވެރި އުންމީދުތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ފުރިގެންދާ ހިނދެއްގައި. މިއަދަކީ އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެއް ކަމަށް ފާހަގަކުރެވިގެންދާނެ ދުވަހެއް.
 
އާދެ، އަޅުގަނޑުމެންގެ ވަށައިގެން މި ފެންނަ ޤުދްރަތީ ކުލަތަކަށް ވިސްނާއިރު، މިއަދަކީ އެހެން ދުވަސްދުވަހާ އެއްވެސް ތަފާތު ދުވަހެއް ނޫން. މިއަދަކީ އިރުވައިމޫސުމުގެ ހަމަ އާދައިގެ ދުވަހެއް. މޫސުމް ރީތި، އުޑުމަތި ސާފު ދުވަހެއް. އެގޮތުން ބަލާއިރު، މިއަދަކާ އަދި އެހެނިހެން ދުވަސް ދުވަހަކާ ދެމެދުގައި މާބޮޑު ތަފާތެއް އަޅުގަނޑުމެންނަށް ފާހަގައެއްނުކުރެވޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތަޢުލީމީ ދުނިޔެއަށް ބަލައިލައިފިނަމަ، މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދަނީ ވަރަށް އުފާވެރި ކުލަތަކެއް. ވަރަށް ތާޒާ ކުލަތަކެއް. މީގެކުރިން އަޅުގަނޑުމެންގެ ތަޢުލީމީ ޖައްވުން މިހާތަނަށް ފެނިފައިނުވާ ކުލަތަކެއް.
 
އާދެ، މިކަމުގެ ސިއްރަކީ މިއަދު މިއީ މިއަހަރުގެ ތަޢުލީމީ އަހަރު ފެށޭ ދުވަސް ކަމަށްވާކަން. އަދި އެއަށްވުރެ ބޮޑު އަނެއް ސަބަބަކީ، މިއަދަކީ ދައުލަތުން މި ފަށާ އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށޭ ދުވަސް ކަމަށްވާކަން. މިހާ ގިނަ ބަޔަކު ބައިވެރިވެގެން މިހާ މުހިންމު މަސައްކަތްތަކެއް އޭގައި އެކުލެވިގެން މިފަދަ ތަޢުލީމީ މަޝްރޫޢެއް ނުވަތަ މިފަދަ މަސައްކަތެއް ދިވެހިރާއްޖޭގައި އަދި ކުރެވިފައި އޮތެކޭ އަޅުގަނޑަކަށް ދެންނެވޭކަށެއް ނެތް.
 
އާދެ، ދިވެހިރާއްޖޭގެ ޢުމުރުން ލަފާކުރެވޭގޮތުގައި މިވީ ދެހާހަކަށް އަހަރުގެ ތެރޭގައި ތަޢުލީމީގޮތުން މިފަދަ މުހިންމު ދުވަހެއް މީގެކުރިން އައިސްފައިވާ ކަމަކަށްވެސް އަޅުގަނޑަކަށް ދެންނެވޭކަށެއް ނެތް. އެއްވެސް ޝައްކެއްނެތް، މިއަދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މި ފެށޭ މަޝްރޫޢުގެ މުހިންމުކަން އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ ކަމެއް ނޫން. މީގެކުރިން އަޅުގަނޑުމެން ތަޢުލީމު ދެމުން އައިސްފައި ވާނީ ވަކި ޢުމުރެއްގެ ބަޔަކަށް. ވަކި ޢުމުރެއްގެ ކުދިންކޮޅަކަށް. މިއަދު އަޅުގަނޑުމެން މި ފަށާ މަޝްރޫޢުގައި ތަޢުލީމު ދެވެނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް. ހުރިހާ އެންމެންނަށް، އެއްވަގުތެއްގައި މި މަޝްރޫޢު މި ފެށެނީ. އެއްދުވަހެއްގައި މާލޭގައާއި ރާއްޖޭގައި މީހުން އުޅޭނަމަ އުޅޭ ހުރިހާ ރަށެއްގައި އެއްފަހަރާ. މިމަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ އެންމެންނަށް ތަޢުލީމު ޙާޞިލުކޮށްދިނުން. ހަމައެކަނި ކުޑަކުދިންނަކަށް ނޫން.
 
އާދެ، މި މުހިންމު މަޝްރޫޢުގެ މަޤްޞަދާއި އޭގެ ބޭނުން ތިޔަ ހުރިހާ ބޭފުޅުންނަށް މިހާރުވާނީ ވަރަށް ރަނގަޅަށް އޮޅުންފިލާވަޑައިގެންފައި. އެކަމާ ދޭތެރޭގައި މިމަޤާމުގައި އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށް ބޭނުމެއްނުވޭ. އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެން މިހާ އަހަންމިއްޔަތުދީގެން، މިހާ ކުލަގަދަގޮތެއްގައި މިއަދު މި ފަށާ މަޝްރޫޢަށް އެއްވެސް ފަނޑުކަމެއްނައިސް، މިއަދު އަޅުގަނޑުމެންގެ ހިތްތަކުގައި މި އުތުރިއަރަމުންދާ އުންމީދުތަކާ އެއްގޮތްވާގޮތުގެ މަތީން މަޝްރޫޢުގެ ހުރިހާ ކަމެއް ކާމިޔާބަކާ ހަމައަށް ގެންދިޔުމުގައި، ތިޔަ ހުރިހާ ބޭފުޅުންގެޔާއި އަދި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ އެއްބާރުލެއްވުން ދައުލަތާ އެކުގައިވުން.
 
އާދެ، އެއްވެސް ޝައްކެއްނެތް، މިފަދަ މުހިންމު މަޝްރޫޢެއް ކާމިޔާބުކުރެވޭނީ، ވަރަށްގިނަ ފަރާތްތަކެއްގެ އެހީއާއި އެއްބާރުލެއްވުން އޮވެގެން. އެންމެ ފުރަތަމަ މިނިސްޓްރީ އޮފް އެޑިޔުކޭޝަން. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެރިން މިކަމަށް ބަހައްޓަވާ އަހަންމިއްޔަތު. އަދި މިމަސައްކަތް ކާމިޔާބު ކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަތިވެރި ޚިދުމަތްތައް އެއީ މިމަޤާމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ފާހަގަކުރާ ކަމެއް. އަދި ހަމަ އެއާއެކުގައި މިމަޝްރޫޢަށް އެހީވެދެއްވުމުގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެއަށްވުރެ ބޮޑަށް މި މަޝްރޫޢުގައި ބައިވެރިވެ ކިޔަވަން އެދޭ މީހުންނަށް މި ފުރްޞަތުގައި އަޅުގަނޑު ވަރަށް ޚާއްޞަ އުފަލަކާއެކު މަރްޙަބާ ކިޔަން.
 
އާދެ، މި ދެތިން ދުވަހުގެ ތެރޭގައި ކިޔަވަން އެދޭ މީހުން، ނަން ނޯޓްކުރުމުގައި އަޅުގަނޑުމެން ހީވެސްނުކުރާހާ ގިނަ ޢަދަދަކަށް މީހުން، ނަން ނޯޓްކޮށްފައިވޭ. ހަމައެފަދައިން މިމަޝްރޫޢަށް އެހީވެދެއްވުމުގެ ގޮތުން ވަރަށްގިނަ ފަރާތްތަކުން މިކަމަށް ކުރިމަތިލައްވާފައިވޭ. މިކަމުން ދައްކައިދެނީ އަޅުގަނޑުމެންނަކީ ތަޢުލީމަށް ލޯބިކުރާ އަދި އުނގެނުމަށް ލޯބިކުރާ ބައެއްކަން. އެހެންކަމާއެކު، އެހުރިހާ ފަރާތްތަކަށް މިއަދު އިޚްލާޞްތެރިކަމާއެކު ދިވެހިރާއްޖޭގެ ރައީސްގެ ޙައިޘިއްޔަތުންނާއި އަދި އަޅުގަނޑުގެ އަމިއްލަ ޙައިޘިއްޔަތުން ޝުކުރު ދަންނަވަން. އަޅުގަނޑުގެ ނަޞޭޙަތަކީ އަދި އިލްތިމާސަކީ މިއަދު އަޅުގަނޑުމެން މި ފަށާ މަޝްރޫޢު ކާމިޔާބަކާ ހަމައަށް ގެނައުމަށްޓަކައި އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން އެއްބާރުލައިގެން މަސައްކަތް ކުރަމުން ގެންދިޔުން.
 
އާދެ، މިއަދަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ޙާޞިލުވާ ދުވަހެއް. އެއީ މިފަދަ މުހިންމު މަޝްރޫޢެއްގެ ފެށުން ފާހަގަކުރެވޭ ދުވަހަށްވާތީ. އެހެންކަމުން، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އަދި ދިވެހިރާއްޖެއިން ލިޔަންކިޔަން ނުދަތުން ފޮހެލުމުގެ މަޤްޞަދުގައި އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި އަދި ކޮންމެ ދިވެހި ރައްޔިތަކީ މުޖްތަމަޢުގައި މަޤްބޫލު އަދި އެމީހެއްގެ ޚިދުމަތް ޤައުމަށް ލިބޭ ހަރުދަނާ ދިވެހި ދަރިއަކަށް ހެދުމުގެ މަޤްޞަދުގައި މި ފެށޭ އަސާސީ ތަޢުލީމުގެ މަޝްރޫޢު ފަށައި ދިނުމުގެ މާތްކަން އަޅުގަނޑު ލިބިގަންނަން.
 

           والسّلام عليكم ورحمـة اللّـه.