ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ކޮރަޕްޝަންގެ އެންމެ ބޮޑު އަމަލުކަމަށްވާ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުގެ ކޮރަޕްޝަންގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ކަމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކުގައި އެއްވެސް ޙަޤީޤަތެއްނެތްކަމުގެ ޔަޤީންކަން، އެމަނިކުފާނެ ދިވެހި ރައްޔިތުންނަށް އަރުއްވައިފިއެވެ. އެމަނިކުފާނު މިކަން ތަކުރާރު ކުރެއްވީ، މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރީ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ދިވެހި ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމަށާއި، ދިވެހިރާއްޖެއަށް ފަތުރުވެރިން ނުފޮނުވުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު ގޮވާލަމުންދާކަން ހިތާމައާއެކު ފާހަގަ ކުރެއްވިއެވެ. އަދި މިކަމުން ގެއްލުންވާނީވެސް ހަމަ ހުރިހާ ދިވެހި ރައްޔިތުންނަށްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ކުޑަފަރީ ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ބަނދަރަކީ 2004 ވަނަ އަހަރު ސަރުކާރުން ފެށްޓެވި މަޝްރޫޢެއްކަމުގައި ވިދާޅުވިއެވެ. އަދި، އެ މަޝްރޫޢު ކުރިއަށްދިޔައިރު އޭގައި ސިޔާސީ ކުލަވަރު ޖެހި، އެކި ސަބަބުތަކާ ހުރެ ބަނދަރުގެ މަސައްކަތް ލަސްވެގެން ދިޔަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިފަދަ ކަންކަމުން ލިބިގަންނަންވީ ފިލާވަޅަކީ، ސިޔާސީ ޚިޔާލު ތަފާތުވުމާއި ސިޔާސީ ވިސްނުމުގެ ތެރެއިން ރައްޔިތުންނަށް ލިބެންވާ ފައިދާ ނުލިބި ދިއުމަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވާނެކަން ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ ދިވެހިރާއްޖޭގައި އަށަގެންފައި އޮތް ވިޔާނުދާ އާދައެއްކަންވެސް ހިތާމައާއެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައި ހުރި މަޝްރޫޢުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އަދި، މިސަރުކާރުގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، ސަރުކާރާ ހަވާލުވެވަޑައިގަތުމުގެ ކުރީގެ ދިވެހިރާއްޖެއާއި، 5 އަހަރު ފަހުގެ ދިވެހިރާއްޖެއާ ވަރަށް ތަފާތުކޮށް، ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތަކެއް ފެނިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަޤީންކަން ދެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ، ރާއްޖެ ބިނާކޮށް އާރާސްތުކޮށް، ރާއްޖޭގެ ގެއްލިފައި އޮތް އަޚްލާޤު އަނބުރާ ހޯދައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި، ޒުވާނުންނަށް ފުރްޞަތުތައް ހޯދައިދެއްވުމާއި، އަންހެނުންގެ ޙައްޤުތައް ހޯދައިދެއްވުންފަދަ ސަރުކާރުން ކުރައްވަމުންގެންދަވާ އެކިއެކި މަސައްކަތްޕުޅުތަކުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.