މީލާދީ އާ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާ މިއުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، އާ އަހަރުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ.
 
            ނިމިގެން މިދިޔަ 2015 ވަނަ އަހަރު ވެގެންދިޔައީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއި އެކަލާނގެ އިރާދަފުޅާއެކު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އުފާފާގަތި އަހަރަކަށެވެ. ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދިޔަ އަހަރަކަށެވެ. ހަމައެހެންމެ، ރާއްޖޭގެ ރައްޔިތުންނަށް އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ކާމިޔާބީތަކެއް ލިބުނު އަހަރަކަށެވެ. އިޤްތިޞާދީ ގޮތުންވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރަކަށެވެ.
 
            2016 ވަނަ އަހަރާ އަޅުގަނޑުމެން މި ބައްދަލުކުރަނީ 2015 ވަނަ އަހަރު އަޅުގަނޑުމެން ޙާސިލުކުރި ކާމިޔާބީތައް ރަމްޒީގޮތުން ކުރިމަގަށް ވާސިލުކޮށްދޭނެ މުހިންމު ބިނާއެއްގެ ޢަމަލީ މަސައްކަތް ފެށިގެންދިޔަ ދަނޑިވަޅެއްގައެވެ. މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ހިންގޭ އެންމެ މުހިންމު އެއް މަޝްރޫޢު ކަމަށްވާ، މާލެއާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ މަޝްރޫޢު އިފްތިތާޙު ކުރެވި، އެމަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ އުފާ ޙިއްޞާކުރަމުންދާ ވަގުތެއްގައެވެ. މިއީ، އަޅުގަނޑުމެންގެ އެތަކެއް އުންމީދުތަކެއް، މި ބްރިޖާ ގުޅި ވަނީ ލާމެހިފައެވެ. އަދި މި ބްރިޖް ވެގެންދާނީ، ދިވެހިރާއްޖޭގައި މި ފަހުގެ ތާރީޚެއްގައި އާރާސްތު ކުރެވޭ އެންމެ ވަރުގަދަ ބިނާއަށެވެ. އިރާދަކުރެއްވިއްޔާ، މި ބްރިޖްގެ ޢަމަލީ މަސައްކަތްތައް ނިމި، 2018 ވަނަ އަހަރު ބްރިޖް ހުޅުވިގެންދާނެ ކަމުގެ ޔަޤީންކަން، ދިވެހި ރައްޔިތުންނަށް މި ފުރްޞަތުގައިވެސް އުފަލާއެކު އަޅުގަނޑު އަރުވަމެވެ.
 
ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދެއްވި ދައުލަތުގެ ބަޖެޓަކީވެސް، މުޅި ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުންތަކަށް އެތައް މަގުތަކެއް ފަހިކޮށްދޭނެ ބަޖެޓެއްކަންވެސް އަޅުގަނޑު ފާހަގަކުރަމެވެ. މި ބަޖެޓުގެ ސަބަބުން މި ވޭތުވެދިޔަ އަހަރަށްވުރެ ގިނަ މުހިންމު ބޮޑެތި މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު އިރާދަކުރެއްވިއްޔާ ފެށިގެންދާނެއެވެ. އަދި މިހާރު ފަށާފައިވާ ބައެއް މަޝްރޫޢުތައް ނިމި، ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެ އަހަރަކަށްވެސް އިރާދަކުރެއްވިއްޔާ، މިއަހަރު ވެގެންދާނެއެވެ.
 
ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ފެށި ހިނގަމުންދާއިރު، އެ މަޝްރޫޢުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ނުހަނު ބޮޑަށް ބޭނުންވާ ވާހަކަވެސް މިފުރްޞަތުގައި އަޅުގަނޑު މި ދަންނަވަނީ އުންމީދާއެކުގައެވެ.
                
             މިއަދު މި ފެށުނު އާ އަހަރަކީ، ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރެވޭ އަހަރުކަންވެސް މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކުރަމެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއަށް ގެންދިޔުމަށްޓަކައި މުޅި އަހަރަށް ބަހާލައިގެން ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެއެވެ. އިރާދަކުރެއްވިއްޔާ މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށާއި، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައިސް، ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރައްޔިތުންނަށް އިތުރު ތަނަވަސްކަން ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތަރައްޤީއަށްޓަކައިވެސް މިއަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫޢުތަކެއް ފެށިގެންދާނެކަންވެސް އަޅުގަނޑު ހަނދާނަށް ގެންނަމެވެ.
 
      2016 ވަނަ އަހަރަކީ، އިރާދަކުރެއްވިއްޔާ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް، ޤައުމީ ތަރައްޤީގެ މަގުގައި އިތުރު ކުރިއެރުންތައް ޙާޞިލު ކުރެވޭނެ އަހަރަކަށް ވެގެންދާނެއެވެ.
 
     މާތްﷲ، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތްތައް މިންވަރު ކުރައްވާށިއެވެ! ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށިއެވެ! ރާއްޖެއަށް އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން މިންވަރު ކުރައްވާށިއެވެ!