ޗައިނާއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި އެންމެ ބޮޑަށް ޙިއްޞާވާ ފަރާތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނުގެ އަރިހަށް، ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް، ގާއު ޔެން، ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކުރެވިފައިވާ ގާތް ގުޅުން މިއަހަރު ފެށުނު އިރާ އަޅާބަލާއިރު ވަރަށް ބޮޑުތަން ވަރުގަދަވެފާވާކަން ފާހަގަ ކުރައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ޗައިނާގައި ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގެ ގޮތުން އޮފީހެއް ހުޅުވިގެން ދިއުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގގެ އެހީތެރިކަން ފާހަގަ ކުރައްވާ އެމަނިކުފާނު ރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮއްދެއްވަމުން ގެންދަވާ ކަންކަމަށް ވަރަށް އިޙްލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާގެ ސަރުކާރުގެ އެހީއާއެކު މާލެއާއި ހުޅުމާލެއާ ދެމެދު ބިނާކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ މަޝްރޫޢުއަކީ ޚާއްޞަކޮށް ޒުވާނުންގެ ހުވަފެންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢުއެއް ކަމުގައާއި، މިވަގުތު ރާއްޖެއަށް އެންމެ ބެނުންތެރި ކަމެއްގެ ގޮތުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ބަހައްޓަވާ ޝައުޤުވެރިކަމުގެ ސަބަބުން އެހެން ޤައުމުތަކުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް އިތުރަށް ބާރު ލިބިގެންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ރާއްޖެއަށް އިޖްތިމާޢީ ހަމަޖެހުން ގެނައުމުގައި ޗައިނާއިން އަދާ ކުރަމުންދާ މުހިންމު ދައުރަށްޓަކައި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް، ގާއު ޔެން ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ރާއްޖެ ވަޑައިގަތީ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޗައިނާއިން ކަނޑައެޅުއްވި ޙާއްޞަ މަންދޫބުގެ ހައިޞިއްޔަތުންކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވިގޮތުގައި ބްރިޖްގެ މަޝްރޫޢު ކާމިޔާބު ކުރުމުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ދެމުން ގެންދާނެ ކަމުގައާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށާއި ތަރައްޤީއަށް ޗައިނާ ސަރުކާރުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް، ގާއު ޔެން އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ބްރިޖްގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ވަގުތަށް ފެށުމާއި ނިންމުމަށްޓަކައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ވަރަށް މުހިންމުކަމުގައި ވިދާޅުވެ، މި ބްރިޖް ފުރިހަމަ ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ދެޤައުމުންވެސް ގުޅިގެން މަސައްކަތްކޮއްގެން ކަމުގައި ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް ވިދާޅުވިއެވެ. މީގެ އިތުރުން ބްރިޖް ހެދުމުގެ މަސައްކަތުގައި ދިވެހި ޒުވާނުން ތަމްރީން ކުރެއްވުމާ ބެހޭގޮތުންވެސް އެކަމަނާ، ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.