ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވާފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ލަޤަބް އަރުވާފައިވާ ގަލޮޅު ހެލެނގެލި ޢަބްދުއްސައްތާރު މޫސާދީދީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު، ރައީސުލްޖުމްހޫރިއްޔާ އެއްސެވީ ވަރަށް ފުން ހިތާމަޔާ އެކުގައެވެ. އެހެންކަމުން، މި ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީގެ އަނބިކަނބަލުންނަށާއި، ބޭފުޅުންނަށާއި، ޢާއިލާގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައެވެ.

ޢަބްދުއްސައްތާރު މޫސާދީދީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ، ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ. އެމަނިކުފާނަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވާފައިވާ ވަރަށް ހަރުދަނާ ޤައުމީ ޝަޚްޞިއްޔަތެކެވެ. މަޑުމައިތިރި އަޚްލާޤެއްގެ ވެރިޔެކެވެ. ވަރަށް ޚުލްޤު ހެޔޮ ބޭފުޅެކެވެ.

މަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީއަކީ ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވައި، ވަރަށްގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މި މަޤާމުތަކުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައެވެ. އެމަނިކުފާނު ފުރުއްވި އިސް މަޤާމުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމާއި، ކޮޅުނބުގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓޭޓިވް ކަމުގެ މަޤާމާއި، އެމްބެސެޑަރ ކަމުގެ މަޤާމު ހިމެނެއެވެ. ދިވެހި ދައުލަތުގެ ރެޕްރެޒެންޓޭޓިވް ކަމުގެ މަޤާމުގައި ކޮޅުނބުގައި ހުންނަވައިގެން، އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ، ވަރަށް ޚާއްޞަ ގޮތެއްގައި ހަނދާންކުރަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. މީގެއިތުރުން، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ ވަކީލު ކަމުގެ މަޤާމުގަޔާއި، އެމެރިކާގައި ހުންނަވާ ދިވެހި ދައުލަތުގެ އެމްބެސެޑަރ ކަމުގެ މަޤާމުގަޔާއި، މިނިސްޓަރ އޮފް ފިނޭންސް ކަމުގެ މަޤާމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކުރަންޖެހެއެވެ. އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، މިނިސްޓަރ އޮފް ފިޝަރީޒް ކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށާއި، މަސްވެރިކަމުގެ ދާއިރާއަށް ޒަމާނީ ބަދަލުތައް ގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދި މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކުގެ މަތިންވެސް މި ފުރްޞަތުގައި ހަނދާން އާކުރަންޖެހެއެވެ.

އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީ ފާހަގަކުރެވިފައިވަނީ، ޤައުމުގައި އެއިރަކު ހުންނެވި ވެރިޔަކު އެމަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެއްވެސް ކަމެއްގައި ފަސްޖެހިވަޑައިނުގެން، އެ ޙަވާލުކުރެއްވި އެއްވެސް ކަމަކަށް ނޫނެކޭ ވިދާޅުނުވެ، ތެދުވެރިކަމާއި ކެތްތެރިކަމާއެކު ޚިދްމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީއަކީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވި މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެފަހުން އެމަނިކުފާނު ހުންނެވީ، ދިވެހި ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމުގައެވެ. އެމަނިކުފާނަށްވަނީ މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް އެރުވި ޝަރަފުގެ ހަނދާނީ ފިލާވެސް ޢަބްދުއްސައްތާރު މޫސާދީދީއަށް ވަނީ ލިބިވަޑައިގެންފައެވެ.

މާތްﷲ، މަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ!