އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރޮބިން މުޑީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް ‏‏މިއަދު ވަދާޢީ ‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏

މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ‏ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ‏‏މިގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، އޮސްޓޮރޭލިޔާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ސްކޮލަޝިޕް ފުރުޞަތުތައް އިތުރުކުރުމާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އޮސްޓްރޭލިޔާގެ ސަފީރު މަޝްވަރާކުރެއްވިއެވެ.

އޮސްޓްރޭލިޔާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ‏‏ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، ‏ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ‏‏ކަމުގައި ވިދާޅުވިއެވެ.‏ ‏އަދި އޮސްޓްރޭލިޔާ ސަރުކާރުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަމާއި ‏‏އެއްބާރުލެއްވުން ދެއްވާނެކަމުގެ ‏‏ޔަޤީންކަން އެކަމަނާ ދެއްވިއެވެ.‏

މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ އަލްއުސްތާޛާ ޢާއިޝަތު ބިސާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.