ދިވެހިރާއްޖޭގެ ކަންކަން ނިންމުމުގެ ޙައްޤު، ދިވެހިންނަށް އޮންނަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންނާ ހަމައިން އައިސްފައިވާކަމާއި، ރައްޔިތުންގެ ވެރިކަން ބަދަލަކުރުމުގެ ފުރިހަމަ އިޚްތިޔާރު ރައްޔިތުންނަށް ލިބިގެންވާކަން ފާހަގަ ކުރައްވަމުން، ދިވެހިރާއްޖޭގެ ކަންކަން ނިންމުމުގެ ޤާބިލުކަން ދިވެހިންގެ އެބަހުރިތޯ ރައްޔިތުންނާ ސުވާލު ކުރެއްވިއެވެ. އަދި، އެޤާބިލުކަން ދިވެހިންގެ އެބަހުރި ކަމުގައި ވިދާޅުވެ، އެމަނިކުފާނާއެކު ހުރިހާ ރައްޔިތުންވެސް މިކަމަށް އެއްބަސްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ކުރިއަށް ދާން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ވާންޖެހޭނެކަމަށާއި، ދައުލަތުން ކުރައްވާ މަސައްކަތްޕުޅުގެ ދުވެލި ދާންވާނީ ކުރިއަށް ކަމުގައި ވިދާޅުވިއެވެ. އަދި، އަޅުގަނޑުމެން އަބަދުވެސް ނުރައްކާތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައި ވިދާޅުވެ، މިކަން މިހެން އޮތްނަމަވެސް، ދިވެހި ޤައުމު ދާންވާނީ ކުރިއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތައް ކުރެއްވުމުގައި ސަރުކާރުން ސާބިތުވެ ކުރިއަށް ވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، މި ސަރުކާރުގެ އެދިވަޑައިގަތުމަކީ، ދިވެހިރާއްޖެއަށް އުފާފާގަތިކަން ކަމަށާއި، ދިވެހިރާއްޖެއަކީ ތަނަވަސް ދައުލަތަކަށް ވެގެންދިޔުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިޤްތިޞާދީ ތަރައްޤީ، ރާއްޖޭގެ ހުރިހާ ދިމާލަކަށް ޢާންމުކުރަން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ މި ޢަޒުމަކަށް ބަދަލެއް ނާންނާނެ."

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މިހާރުގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ދިވެހި ދައުލަތުގެ އެންމެ އިސް ޒިންމާއަކީ ޤައުމުގެ މަޞްލަޙަތާއި، ޤައުމުގެ ސަލާމަތާއި، ރައްޔިތުންގެ ދިރިހުރުމުގެ ޙައްޤު އެކަށައަޅައިދީ، ކަށަވަރުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖެއަށް މި ދިމާވި ކަންކަމުންނާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާއި އުވާލުމަކުން، ޤައުމީ މަޞްލަޙަތު އިސްކުރެއްވުމަށް ދިވެހި ދައުލަތުން ކުރައްވާ މަސައްކަތްޕުޅުތަކަށް އެއްވެސް އަސަރެއް ނުފޯރާ މިންވަރަށް، އިރާދަކުރެއްވިއްޔާ ސަރުކާރުގެ މިޞްރާބު ސީދާކުރައްވައި، ސަރުކާރުގެ މަސައްކަތްޕުޅުތަކުގައި ސާބިތުކަންމަތީ ތިއްބަވާނެ ވާހަކަވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ޔަޤީންކޮށްދެއްވިއެވެ.

ޖުމްހޫރީ ދުވަހަކީ ޤައުމު ފަޚްރުވެރިވާ ދުވަހެއް ކަމަށާއި، ޤައުމު ފަޚްރުވެރިވަނީ، ޤައުމުގެ މަތިވެރި ރައްޔިތުންނަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ދިވެހިރާއްޖެ މިހާހިސާބަށް ގެނެސްދެއްވައި، ޤައުމު ބިނާކުރުމުގެ މަސައްކަތުގައި، އެކި ރޮނގު ރޮނގުން ޤައުމަށް ކުރިއެރުން ލިއްބައިދީފައިވާ ފަރާތްތަކުގެ އަގުހުރި ޚިދްމަތްތަކުގެ ހަނދާން އާކުރައްވަމުން، އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތުގެ މަސައްކަތް ފުރިހަމަވެގެން މިދަނީ، މިޤައުމުގެ ރައްޔިތުންގެ ހުރި ހިތްވަރާއި ފަންވަރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެންމެ އުފާ ފާޅުކުރުން ޙައްޤު ކަމަކީ، މި ޖުމްހޫރިއްޔަތަށް އުފާފާގަތިކަމާއި، ކުރިއެރުންތައް ހޯއްދަވައިދެއްވަން މަސައްކަތް ކުރެއްވި އެކިއެކި ފަރާތްތަކުން ކޮށްދެއްވާފައި ހުރި ޚިދްމަތްތަކުގެ އަގު ވަޒަންކުރުން ކަމުގައި ވިދާޅުވެ، މިއަހަރު ޤައުމީ އިނާމާއި ޚާއްޞަ އިނާމު ހާސިލް ކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ދަންނަވައި، ޝުކުރު އަދާކުރެއްވިއެވެ.