ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ސައްޔިދް ޚަވަރް ޢަލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޕާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ދެޤައުމުގެ ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ އާ ސަފީރު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ އަލްއުސްތާޛާ ޢާއިޝަތު ބިސާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.