ރައީސުލްޖުމްހޫރިއްޔާ،‏ ‏ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ދަފްތަރު ނަންބަރު 2762 އާދަމް ޝަރީފާއި، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ތ.ބުރުނި ނިވައިދޮށުގެ މޫސާ ޒަމީރު ‏މިއަދު ޢައްޔަން ކުރައްވައިފިއެވެ. ‏މި ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އާދަމް ޝަރީފާއި، ‏ މޫސާ ޒަމީރު ‏ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައެވެ. ހުވާކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ ‏‏މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.‏