ވަކި ބޭފުޅަކު ސަރުކާރުގައި ޚިދުމަތްކުރައްވަން ނެތުމަކުން، ރާއްޖެއަށް އަންނަން ހުރި އިންވެސްޓްމަންޓްތައް އައުމަށް އިރާދަކުރެއްވިއްޔާ އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިޔަޤީންކަން ދެއްވީ، ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ރާއްޖޭގެ ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި، މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގެންނެވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަވާފައިވާތީ، އެކަމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ކެބިނެޓާއެކު މަސައްކަތްކުރައްވަނީ ވަކި މީހަކު ހުރެގެން ނުވަތަ ވަކި މީހަކު ގޮސްގެން، ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކަށް އަނަރޫފަކަމެއް ލިބޭނެކަމަށް ވިސްނަވައިގެންނޫން ކަމުގައި ވިދާޅުވިއެވެ. އަދި، އިރާދަކުރެއްވިއްޔާ، ސަރުކާރުގެ މަސައްކަތްޕުޅުތައް ކުރިއަށް ގެންދެވުމުގެ ފުރިހަމަ ޤާބިލްކަން އެމަނިކުފާނުގެ ކެބިނެޓްގައާއި ރިޔާސަތުގައިވެސް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ އެކީ މަސައްކަތްކުރެއްވި އެއްބޭފުޅަކު މިހާރު ޚިދުމަތުން ބޭރުގައި ހުންނަވަން ޖެހުނީމަ ހިތާމަކުރަން. އެހެންނަމަވެސް އެއީ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަކަށް ވެގެން ނުދާނެ."

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ އިންވެސްޓްމަންޓްތަކުގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ކަންތައްތައްވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމުގައި ވިދާޅުވިއެވެ. އަދި، އަބަދުވެސް ޒުވާނުންގެ ކަންތައްތައް ރަސްމީކޮށް ހިނގަމުންދިޔައީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ބެއްލެވުމުގެ ދަށުންކަމަށާއި، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ރަސްމީކޮށް ކުރައްވަމުން ގެންދަވާ ކަންކަން ކުރެއްވުމުގައި އެއްވެސް ކަހަލަ ހުރަހެއް ނުވަތަ ދަތިކަމެއް ނެތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.