ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަދާކުރައްވަމުން ގެންދެވި ޒިންމާތަކުން ދުރުކުރައްވައި، އެކަންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސީދާ ބެއްލެވެމުގެ ދަށުން ހިނގާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތުން، ސްޕެޝަލް އިކޮނޮމިކް ޒޯންސް އޮފް މޯލްޑިވްސްގެ އިންވެސްޓްމަންޓްތައް ބަލަހައްޓާ ބޯޑުގެ ޗެއާ ކަމުންނާއި، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ކޯ-ޗެއާ ކަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދުރުކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.