ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ހަތަރު ބޭފުޅުން، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މިގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ހަތަރު ބޭފުޅުންނަކީ، އައްޑޫސިޓީ މީދޫ ހަސަންކާރިގޭ މުޙައްމަދު ފަރުޙާދާއި، ގަލޮޅު އަތަ ޔޫސުފް މާނިޢު މުޙައްމަދާއި، މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށި ގުލިސްތާނުގޭ އަލްއުސްތާޛް ޙައްސާނު ޙަމީދާއި، ތިލަދުންމަތި ދެކުނުބުރި ނެއްލައިދޫ ދިލްސާދުގޭ އަލްއުސްތާޛާ ޚަދީޖާ ޢަބްދުﷲއެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަމަށް ހަމަޖައްސަވާފައިވަނީ މުޙައްމަދު ފަރުޙާދެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވިއެވެ.