بســم اللّـه الرّحمـن الرّحيــم
    
އާދެ، ފުރަތަމައިނުންވެސް އަޅުގަނޑު އަވަސްވެގަންނާނީ، މިއަދު ޙައްޖުގެ އަޅުކަމުގައި ވަރަށް ހިތާމަވެރި ޙާދިޘާއެއް ހިނގައި، އެތައް ޙައްޖާޖީންނެއް ނިޔާވެފައިވާތީ، އެކަމާ ހިތާމަކުރަމުން، ހަމަ އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަދި ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ހުރިހާ ދިވެހިންގެ ޙާލުވެސް އަދި މިހާތަނަށް އަޅުގަނޑު ބެލިއިރު ހަމަ ވަރަށް ރަނގަޅު. ނަޞީބަކުން ދިވެއްސަކަށް އަދި ކަމެއްނުވޭ. އަދި ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާވެސް ހުންނެވީ ހެޔޮޙާލުކޮޅުގައި. ހަމަ ޙައްޖުގެ އަޅުކަމަށްފަހު މިހާރު މިނާއަށް ވަޑައިގަންނަވަނީ. އެހެންވެ އެވާހަކަ ހަމަ ފުރަތަމައިނުންވެސް ޙިއްޞާކޮށްލަން ބޭނުންވީ.
 
އާދެ، އެއަށްފަހު، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، ކެލާގެ މި ފުޓްސަލް ދަނޑު ހުޅުވަން ލިބުމަކީ އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެއީ، ކުރީގައި މިތާ ބޭފުޅަކު ވިދާޅުވިހެން، އާދެ، ކައުންސިލްގެ ރައީސް ވިދާޅުވިހެން، ކެލާގެ ބޭފުޅުންނަކީ ވަރަށްގިނަ ފުޓްސަލް މުބާރާތްތައް މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި އޯގަނައިޒް ކުރައްވަމުން ގެންދަވާ ބޭފުޅުންކޮޅެއް. އާދެ، ކެލާގެ ޖަމްޢިއްޔާއެއް ޒުވާނުންނަކީ. އެހެންވެ އެފަދަ މުބާރާތެއްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އަޅުގަނޑަށް އެ ޒުވާނުންނާއި އަދި ދާއިރާގެ އެމް.ޕީ ޢަލީ ޢާރިފް ދެއްވި ދަޢުވަތެއް މިއީ، މި ޢީދުގެ މި ކުޅިވަރުތަކުގައި ބައިވެރިވެ، ތިޔަބޭފުޅުންނާއެކު ޢީދުގެ މި އުފަލުގައި ބައިވެރިވެލުން.
 
އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން، ޕީ.އެސް.އެމް އިން މިހާރު ވަރަށް ހިންގުންތެރިކަމާ އެކީގައި، އާދެ، އަޅުގަނޑުމެންގެ އެމް.ޑީ ޚަލީލާއި، ޑީ.އެމް.ޑީ އާއި އަދިވެސް ބޯޑު މެންބަރުން މިތާ ތިއްބެވީތީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ މަސައްކަތް މިހާރު ވަރަށް ހަލުއިމިނުގައި ބާރަށް ގޮސް، ދައުލަތުގެ މީޑިއާ ފުޅާވެ، ދައުލަތުން ކުރާ ކަންތައްތައް މިހާރު ދައުލަތުން އިތުރަށް އެ ވާހަކަ ދައްކާކަށް ނުޖެހޭ އަޅުގަނޑުމެން. އިރާދަކުރެއްވިއްޔާ ދައުލަތުގެ މީޑިއާއިން ދައުލަތުން ކުރާ ކަންތައްތައް ދަނީ ފެންނަމުންނޭ.
 
އެހެންވީމާ، އެގޮތުގެ މަތިން އަޅުގަނޑުމެން މިހާރު މިއަދު މި ހުޅުވާ ފުޓްސަލް ދަނޑަކީވެސް އަޅުގަނޑު ދެކޭގޮތުގައި ހަމަ ރައީސް ޔާމީން، ޒުވާނުން ޞިއްޙަތާއި ދުޅަހެޔޮކަމާއި އަދި ކުޅިވަރުގައި ޝާމިލުކުރުމަށްޓަކައި ކުރައްވާ މަސައްކަތުގެ ތެރެއިން، ސްޕޯޓްސް އެރީނާގެ ތެރެއިން ހަމަ ހިމެނޭ އެ ކޮމްޕޯނަންޓް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޔޫތު މިނިސްޓްރީން ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަ ކުރައްވާ، ކުރިއަށް އޮތް ތާނގައިވެސް ވަރަށް ބައިވަރު ދަނޑުތައް ނިންމަން.
 
އެހެންވެ އަޅުގަނޑު މާ ދިގުކޮށް ވާހަކަ ދައްކާކަށް ނެތިން. އާދެ، އަޅުގަނޑުވެސް، އަޅުގަނޑު ބޮޑަށް ވާހަކައަށްވުރެ ބޮޑަށް މިއަދު ހުޅުވުން ޢަމަލީގޮތުން މި ދަނޑު ހުޅުވުމުގެ ކަންތައްތައް ނިންމުން އޮތީ.
 
އެހެންވީމާ، އަޅުގަނޑު ވާހަކަ ކުރުކޮށްލާނަން. އަދިވެސް އެއްފަހަރު، ކެލާ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه