ސިޔާސީ ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، މުޅި ރާއްޖެއަށް ކުރިއެރުން ގެނެސްދިނުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގައި އެންމެން ގުޅިގެން ކުރިއަށް ދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަދުލު ދެކުނުބުރީ ގޮއިދުއަށް މިއަދު ޒިޔާރަތްކުރައްވައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

‏ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި މި ސަރުކާރުން ހިންގަވާ މަޝްރޫޢުތަކުގައި އެއްވެސް ބަޔަކު މަޙުރޫމް ވެގެންނުދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، މިފަދަ މަސައްކަތްޕުޅުތައް ކުރިއަށް ގެންދެވުމުގައި ސަރުކާރަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

އިޖްތިމާޢީ ރައްކާތެރިކަމާއި މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމާއި، ޒުވާނުންނަށް ބޭނުންވާ ފުރުޞަތުތައް ހޯއްދަވައިދެއްވުމަކީ މި ސަރުކާރުގެ އެންމެ ވަރުގަދަ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި ސަރުކާރުން މިކުރާ މަސައްކަތަކީ، ޒުވާނުންނަށް ވިސްނައިދެނީ، ޒުވާނުންނަކީ އެއްގޮތަކަށްވެސް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތިބެންޖެހޭ ބައެއްނޫންކަން. ޒުވާނުންނަކީ އިސްވެ، ދައުލަތާއި ރައްޔިތުންނާއެކީ، ޒުވާނުންގެ މަސައްކަތުން ދިވެހިރާއްޖެ ކުރިއަށް ގެންދަން ތިބި ވަރަށް އީޖާބީ، ކަންތައްތައް ކުރެވޭ ބަޔަކަށް ހަދައިދިނުމަށް ކުރެވޭ މަސައްކަތް މި ސަރުކާރުން މި ކުރަނީ."

މީގެ އިތުރުން، ގޮއިދޫގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށް ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދުއަށް މިއަދު ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، މިއަދު މެންދުރުފަހު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.