‏ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި، 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލުއުތުރުބުރީ އިންނަމާދޫގައި ފެނަކަ ކޯޕޮރޭޝަން ލިމިޓެޑުން ޤާއިމްކުރެއްވި އާ އިންޖީނުގެ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، "24 ގަޑިއިރު ކަރަންޓު ޔަޤީން" އަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު އެއްވަޢުދުކަން ފާހަގަކުރައްވަމުން، ސަރުކާރުގެ މިފަދަ ވަޢުދުތައް ޙާޞިލްކުރެއްވުމުގައި ފެނަކާގެ ފަރާތުން ކުރައްވަމުން ގެންދަވާ ހީވާގި، އަގުހުރި މަސައްކަތްތަކަށްޓަކައި އެފަރާތަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންނަމާދޫ ރައްޔިތުންނަކީ، މުޖުތަމަޢަށް ފައިދާ ލިބޭ ކަންކަމުގައި އެއްބައިވަންތަކަން އިސްކޮށް، އެކަންކަމުގައި އެއްބާރުލުންދޭ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމުގައި ބަޔާން ކުރައްވަމުން، އިންނަމާދޫ ރައްޔިތުންނަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ނަމޫނާ ރައްޔިތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާޅޮސްމަޑުލުއުތުރުބުރީ އިންނަމާދޫގެ ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ‏ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.