ފެނަކަ ކޯޕޮރޭޝަން ލިމިޓެޑުން މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީގައި ޤާއިމްކޮށްފައިވާ އާ އިންޖީނުގެ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު މެންދުރުފަހު މަޑުއްވަރީގައި ބޭއްވެވި ރަސްމިއްޔާތުގައި، އިންޖީނުގެ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރި ނަމަވެސް މުޅި ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ އިޖްތިމާޢީ މަސައްކަތްތަކުގައި، ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި، ރަށަށް އަންނަ މިފަދަ ތަރައްޤީއަކީ، މުޅި ރައްޔިތުންނަށް ލިބޭ އުފަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ފެނަކަ ކޯޕޮރޭޝަން ލިމިޓެޑުން މަސައްކަތް ކުރައްވަނީ، ރާއްޖޭގެ ހުރިހާ ދިމާއެއްގެ 24 ގަޑިއިރު ކަރަންޓް ލިބޭނެކަން ކަށަވަރުކޮށްދިނުމަށްޓަކައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަން 50 މިއަހަރު ފާހަގަ ކުރެވެމުންދާއިރު، އަޅުގަނޑުމެން މިނިވަންކަންމަތީގައި ތިބެން ބޭނުންނަމަ، އަޅުގަނޑުމެންގެ އަމިއްލަވަންތަ ސިފަތައް ދެމެހެއްޓުމަށްޓަކައި އިޤްތިޞާދީ ގޮތުންވެސް ބާރުވެރި ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ ކަމުގައި ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގެ ޒުވާން ޖީލަކީ، އަމިއްލަވަންތަކަން ދޫކޮށްނުލައި، އިޤްތިޞާދު ބިނާކުރުމާއި، މުޖްތަމަޢުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ކަންތައްތަކުގައި، އެއްވެސް ކަހަލަ ގުޑުމެއްނެތި، ސާބިތުކަމާއެކީ ކުރިއަށްދާ ޖީލެއްގެ ގޮތުގައި ބިނާކުރެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.