މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގޭ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫޢު އިފްތިތާޙު ކޮށްދެއްވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 125 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައެވެ.

މިރޭގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުން ދައުލަތަށް އާމްދަނީ ހޯދައިދޭ އެންމެ ވަރުގަދަ ވަޞީލަތަކީ ކަސްޓަމްސް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ވިޔަފާރިވެރިން ގެންނަ މުދާ އެންމެ ފުރަތަމަ ޖަމާވާ ތަނަކީ ބަނދަރުކަން ފާހަގަ ކުރައްވައި، އެމުދާތައް ދޫކުރުމުގައި ރަހުމަތްތެރިކަމާއި، ހަލުއިކަމާއި، އޯގާތެރިކަމާއެކީ ކަސްޓަމްސްގެ އޮފިސަރުން މަސައްކަތްކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހިންގެ އުއްމީދުތައް ގުޅިފައި އޮތީ ލިބޭ އާމްދަނީ އިތުރުކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އަޅުގަނޑުމެންގެ ޙާލަތު ބަދަލު ކުރާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށާއި، އަމާޒެއް އޮވެގެން އެއާ ހަމައަށް ވާޞިލްވުމަށްޓަކައި ކުރާ މަސައްކަތުގައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހޭނީ އިޤްތިޞާދު ވަރުގަދަ ކުރަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، ދުނިޔޭގެ ހުރިހާ ފަރާތްތަކާއެކީ، މުދަލާއި ވިޔަފާރިއާއި ވިޔަފާރިވެރިންގެ ތެރެއިން ލާމެހިގެން ކުރާ މަސައްކަތުގައި ނަމަވެސް، ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ކަހަލަ ނުރަނގަޅު އަސަރެއް ކުރާނެ، ނުވަތަ ދިވެހިންގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިރޭގެ ޙަފްލާގައި، ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ދާއިރާއިން ފާހަގަކުރެވޭ ފަރާތްތަކަށް ދެވޭ "ކަސްޓަމްސް 125 ޚާއްޞަ އެވޯޑް" ޙާޞިލްކުރެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި، "ކަސްޓަމްސް ޖަރނަލް" މަޖައްލާގެ 125 ވަނަ އަހަރީ ޚާއްޞަ އަދަދުވެސް ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 125 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބައިވެރިވެވަޑައިގެންނެވިއެވެ.