ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި، މާޅޮސްމަޑުލު އުތުރުބުރީ ކަނދޮޅުދޫ ހުސްނުހީނާގޭ މޫސާ ޢަލީކަލޭފާނު، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް މޫސާ ޢަލީކަލޭފާނު ޢައްޔަން ކުރެއްވުމުގެ ކުރިން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އެމަނިކުފާނު ކުރެއްވިއެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މޫސާ ޢަލީކަލޭފާނާ ޙަވާލުކުރެއްވިއެވެ.