ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޑޮކްޓަރ ޢަލީ ޝަމީމް، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޑޮކްޓަރ ޢަލީ ޝަމީމް ހަމަޖެއްސެވި ކަމުގެ ލިޔުން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގެ ކުރިން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ޑޮކްޓަރ ޢަލީ ޝަމީމް ކުރެއްވިއެވެ.