ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަރިހަށް، ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ރާއްޖެ ވަޑައިގެން އުޅުއްވާ، ވައިސް ޗެއާމަން އޮފް ދަ ސްޓޭންޑިންގް ކޮމިޓީ އޮފް ނެޝަނަލް ޕީޕަލްސް ކޮންގްރެސް، މެޑަމް ޝެން ޔުއޭޔުއޭ، ‏މިއަދު އިޙްތިރާމުގެ ‏‏ޒިޔާރަތެއް ކުރައްވައިފިއެވެ.‏

‏ މިއަދު މެންދުރު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަ ކުރައްވައި، މިގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެންމެ ބޮޑު އެއްބާރުލުމެއް ދޭ އެއްފަރާތްކަން ފާހަގަ ކުރެއްވިއެވެ. އަދި، މިނިވަން ފަންސާހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެމަޤާމަށް ޢައްޔަނުކުރެއްވުމާ ގުޅިގެން، ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބު އެމަނިކުފާނަށް މަރްޙަބާ ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމަށް މިހާތަނަށް ‏ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ މުޙަންމަދު ޙައްސާން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.