ކުރިޔަށް އޮތް ފާގަތި ދިގު ޒަމާންތަކަށް އަޅުގަނޑުމެން އިންތިޒާރު ކުރާއިރު، އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށްވާންވީ، ފުރިހަމަ މިނިވަންކަމާއެކު ބޭރުގެ އެންމެހައި އިސްތިޢުމާރީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ދީމިޤްރާތީ ޖުމްހޫރިއްޔާއެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ޤައުމު ވާޞިލުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލް މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމަށް ގުޑުންއެރި ކޮންމެ ފަހަރަކު، އެކަން ކުރިމަތިވެފައިވަނީ، ހަމައެކަނި ސިޔާސީ މަންފާއެއް ލިބިގަތުމަށް ސިޔާސީ ފިކުރެއްގެ ތެރެއިން އުފެދިގެން އައި ކަންތައްތަކަކުން ނޫންކަމުގައި ވިދާޅުވިއެވެ. އަދި، އެކަން އެގޮތަށް ދިމާވެފައިވަނީ، ދާޚިލީ މައްސަލަތައް ވަކިގޮތަކަށް ޙައްލުކުރުމަށް ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމުގައި، އޭރުގެ ބޮޑުން ޢަމަލުކޮށްފައިވާ ގޮތްތަކުންކަމަށް ދިވެހި ތާރީޚުން ހެކިދޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ އެތެރެއިން ދިމާވާ ގޮންޖެހުންތަކަށްވުރެ، ޤައުމުން ބޭރުން އަންނަ ޙަމަލާތަކަކީ، މިއަދު އަޅުގަނޑުމެން އެކަމަކަށް ވަރަށް ބޮޑަށް ފާރަލައި ސަމާލުކަން ދޭންޖެހިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ ގޮތުން މުއްސަނދި ޤައުމުތަކުން އެކިއެކި ފިކުރުތަކާއި ޘަޤާފަތްތައް ފެތުރުމުގެ ޒަރީޢާ ބޭނުންކޮށްގެން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދާޚިލީ އިޚްތިޞާޞްގެ ތެރެއަށް ވަނުމާއި، ޤައުމީ ސިޔާދަތަށް އުނިކަން އަންނަ އުޞޫލުތަކާއި ގޮތްތައް ތަޢާރުފުކުރަން އުޅުމަކީ، ބައިނަލްއަޤްވާމީ ޞުލްޙައިގެ ނަޒަރުން ބަލާއިރު، ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމުގައި ބަޔާންކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޤައުމަކަށް ލިބިފައިވާ މިނިވަންކަމުގެ އަގު އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ، އެޤައުމެއްގައި އިޤްތިޞާދީ ފުދުންތެރިކަން ޤާއިމުކުރެވި، އެކަމުގެ މަންފާ، ޤައުމުގެ އެންމެހައި ރައްޔިތުންނަށް ލިއްބައިދެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ. އަދި، ޤައުމެއްގައި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކޮށް، އިޖުތިމާޢީ ގޮތުން ރައްޔިތުން ބާރުވެރިކޮށް، އުފާފާގަތި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރު ކޮށްދެވޭނީ އިޤްތިޞާދީ ފުދުންތެރިކަން ރައްޔިތުންނަށް ހޯދައިދެވިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އިޖުތިމާޢީ ތަރައްޤީއާއި، މުޖުތަމަޢުގެ ހަމަޖެހުމަކީ، ޤައުމެއް ޤައުމެއްގެ ގޮތުގައި މިނިވަންކަންމަތީ އޮތުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ބަވަނަވެފައިމިވާ ދުނިޔޭގައި، ޒަމާނަށް އައިސްފައިވާ ބަދަލުތަކުގެ ނުރަނގަޅު އަސަރުތަކުގެ ސަބަބުން، ރާއްޖޭގެ މިއަދުގެ އިޖުތިމާޢީ ފޭރާމުގައި ވަނީ ބޮޑެތި ބާގަނޑުތަކެއް އުފެދިފައިކަން ހިތާމައާ އެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.