ދިވެހި ދައުލަތުގެ ފަރާތުން "މިނިވަން 50ގެ ޝަރަފުގެ އައްޑަނަ" ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ)ގެ ހަނދާނަށާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ) އަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރުވައިފިއެވެ. މި ދެ ބޭފުޅުންނަށް މި ޢިއްޒަތް އެރުވީ، މިނިވަންކަމުގެ ރަންޔޫބީލް މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ހަނދާނަށް "މިނިވަން 50ގެ ޝަރަފުގެ އައްޑަނަ" މި އެރުވީ އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް ލިބުނު ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ކޮށްދެއްވި މަތިވެރި ޚިދްމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ) އަށް "މިނިވަން 50ގެ ޝަރަފުގެ އައްޑަނަ" މި އެރުވީ އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށްފަހު، ރާއްޖޭގެ މިނިވަންކަން ޙިމާޔަތް ކުރައްވައި، ދިފާޢު ކުރައްވައި، ދެމެހެއްޓެވުމަށްޓަކައި ދިވެހި ޤައުމަށް އެމަނިކުފާނު ކޮށްދެއްވާފައިވާ މަތިވެރި ޚިދްމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި، "މިނިވަން 50ގެ ޝަރަފުގެ އައްޑަނަ" ލިބިވަޑައިގެންނެވި ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިން ކަމުގައިވާ، ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށާއި، ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް، ދިވެހި ދައުލަތުގެ ނަމުގައި މަރުޙަބާއާއި ޝުކުރު ދެންނެވިއެވެ.