މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަ މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފިއެވެ. ސްރީލަންކާގެ ރައީސަށް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހިމެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަ ޑަޔަސް އަށް އަރައިވަޑައިގަތުމުން ސްރީލަންކާގެ ރައީސްގެ އިސްތިޤުބާލުގަ 7 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭންޑުން ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ސްރީލަންކާގެ ރައީސްގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮނަރ ގާޑެއް އެރުވިއެވެ. އަދި އެމަނިކުފާނު ރައީސް އޮފީހަށް ވަދެވަޑައިގަތުމަށް ފަހު ޢިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގަ ސޮއެކުރެއްވިއެވެ.