ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢަބްދުލްޢަޒީޒް ޢަބްދުއްރަޙްމާން އަލް-ޖައްމާޒް ‏މިއަދު ވަދާޢީ ‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏

މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރައްބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ރާއްޖެއާއި ސަޢޫދީ ޢަރައްބިއްޔާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރައްވައި ފުޅާކުރެއްވުމަށް، ޢަބްދުލްޢަޒީޒް ޢަބްދުއްރަޙްމާން އަލް-ޖައްމާޒް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އަބަދުވެސް ރާއްޖެއަށް ދެއްވަމުންގެންދަވާ ދީލަތި އެހީފުޅުތަކަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ އެކު އޮތް ޒަމާންވީ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ސަފީރުގެ ވާހަކަފުޅުގައި، އެޤައުމުން ރާއްޖެއަށް ކަނޑައެޅުއްވި ‏‏ސަފީރުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު ‏‏އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.ސަޢޫދީ ސަފީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އެދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ވަރަށް މުހިންމު އެބަސްވުންތަކެއް ވެވުނު ކަމަށާއި، އެކަންކަން މިހާރު ޢަމަލީގޮތުން ކުރިއަށްދާކަން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީ ޑޮކްޓަރ ޙުސައިން ފާއިޒް ބައިވެރިވެވަޑައިގެންނެވިއެވެ.‏