ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިނާއި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފުގެ އިތުރުން ޕާކިސްތާން ސަރުކާރުގެ ވުޒާރާތަކުގެ މިނިސްޓަރުންނާއި ބައެއް އިސްވެރިންނާއި ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކަށްފަހު، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގައި ގުޅުންބަދަހިކުރުމުގެ އެއްބަސްވުމާއި، ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމާއި، ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާ ޕާކިސްތާން ސަރުކާރުން ސޮއިކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙު މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.