بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ وحده، وَالصّـلاة وَالسّلام علـى مَن لا نبي بعده.
މީޑިއާ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙަންމަދު ޢާޞިފް، ނައިބު ރައީސް އަލްފާޟިލް އަޙްމަދު ޝަރީފް ނަފީސް، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު، ކޮމިޝަނަރ އޮފް އިންފޮމޭޝަން އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙަންމަދު ޝަހީބް، މީޑިއާ ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުން، މިރޭގެ މި ޙަފްލާގައި ވަރަށް ޝަރަފްވެރި ވަނަތަކާއި އަދި މަޤާމުތަކެއް ޙާޞިލު ކުރެއްވި އެންމެހާ ޢިއްޒަތްތެރި ބޭފުޅުން، މި އުފާވެރި ހަފްލާގެ ޢިއްޒަތްތެރި ޖަލީސުން، ދުރާއި ގާތުން މި އުފާވެރި މަންޒަރު މިރޭ އަޑުއައްސަވާ އަދި ބައްލަވަމުން ގެންދަވާ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ލޮބުވެތި އެންމެހާ ރައްޔިތުން.
الســّلام عليــكم ورحـمــة اللّـه وبـركاتـه
ޝައްކެއްނެތް، މިނިވަންކަމާއެކު ތިމާގެ ޚިޔާލު ފާޅުކޮށް، ފިކުރު ފާޅުކުރުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ދުސްތޫރީ ޙައްޤެއް. މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމާއި، މުވާޞަލާތްތައް ބޭނުންކޮށްގެން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި އަދި ހަމައެޔާއެކީގައި މަޢުލޫމާތު ހޯދައި ލިބިގަތުމަކީ، މިއަދު ދިވެހިރާއްޖޭގެ ދުސްތޫރުގައި ބިންވަޅު ނެގިފައިވާ އަސާސީ ޙައްޤެއް. ޢަމުދުން ޚަބަރު ފޯރުކޮށްދިނުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގައި، މަސްދަރު ހާމަކުރުމެއްނެތި، މި ޙައްޤު އަދާކުރުމަކީ ދުސްތޫރުން ލިބިދީފައިވާ މުހިންމު ރުކުނެއް. މިއަދު މި މުހިންމު ޙައްޤު، ދިވެހިރާއްޖޭގެ ދުސްތޫރުގައި ބިންވަޅު ނެގިފައިވާއިރުގައި، މިފަދަ ޙައްޤެއް އަޅުގަނޑުމެންނަށް ލިބިދީފައިވަނީ ކީއްވެގެންތޯ، އެބަ ސުވާލުކުރަންޖެހޭ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، ކޮން ބޭނުމެއްގައި، ކީއްވެގެން ގެނެއްސަ އޮތް ޙައްޤެއްތޯ ސުވާލުކޮށްލަން އެބަޖެހޭ.
މިއަދުގެ ޑިމޮކްރަސީގައި އައިސްފައިވާ ހަމަތަކަކީ، ރައްޔިތުންގެ ފައިދާއަށްޓަކައި އެތަކެއް ޤަރުނެއް ވަންދެން ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ތަޖުރިބާކޮށްފައިވާ ޙައްޤެއް. އަދި އެ މުޖްތަމަޢުތަކުގައި ގަބޫލުކޮށްފައިވާ ޙައްޤުތަކެއް. އަޅުގަނޑު ދެކޭގޮތުގައި، މި މުހިންމު ޙައްޤުގެ އެންމެ މުހިންމު ބޭނުމަކީ، ތެދާއި ދޮގު ސާފުކޮށްދިނުން. ތެދު ހާމަކޮށްދިނުމަކީ، މިނިވަން ޑިމޮކްރެޓިކް ނިޒާމެއްގައި ވަރަށް މުހިންމު އަސާސީ ސިފައެއް. އެހެންކަމުން، މިރޭގެ ވާހަކަތަކުގައި އަޑުއިވިގެންދިޔަ ފަދައިން، މިނިވަން މީޑިއާ ބަލައިގެންފައިވަނީ، ޑިމޮކްރަސީގެ ހަތަރު ވަނަ ރުކުނުގެ ގޮތުގައި. މިއީ މިޒަމާނުގެ ޑިމޮކްރެޓިކް ނިޒާމްތަކުގައި ބިންވަޅު ނެގިގެން އައިސްފައިވާ ޙައްޤެއް ކަމުގައިވީނަމަވެސް، މި ޙައްޤަކީ ޙަޤީޤަތުގައި އިސްލާމީ ޝަރީޢަތުގައި، އޭގެ އަސާސް ބިނާވެގެން އައިސްފައިވާ މުހިންމު ޙައްޤެއްކަން އަޅުގަނޑު ފާހަގަކުރަން. އިސްލާމްދީން އައުމުން، އެ ދީނަކީ ޙަޤީޤީ ދީނެއް ނޫންކަމަށް ދެއްކުމަށް، މައްކާގެ މުޝްރިކުން ގަދައަޅައި މަސައްކަތް ކުރަމުންދިޔަ. އެހިނދު اللّـه سبحـانـه وتعـالى ކީރިތި ޤުރްއާނުގައި ވަޙީކުރެއްވީ، يَا أَهْلَ الْكِتَابِ لِمَ تَلْبِسُونَ الْحَقَّ بِالْبَاطِلِ وَتَكْتُمُونَ الْحَقَّ وَأَنتُمْ تَعْلَمُونَ [އޭ ފޮތުގެ އަހުލުވެރީންނޭވެ! (އެއީ ޙައްޤުކަން) ތިޔަބައިމީހުންނަށް އެނގިތިބި ހާލުގައި، ޙައްޤާއި ބާޠިލު އޮޅުވާލައި، އަދި ޙައްޤުގޮތް ތިޔަބައިމީހުން ފޮރުވަނީ ކީއްވެގެންހެއްޔެވެ؟]
އެއްވެސް ޝައްކެއްނެތްގޮތުގައި، މިނިވަން ނޫސްވެރިކަމަކީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ދިރުވައި އާލާކޮށް ތަރައްޤީ ކުރުމުގައި، ވަރަށް މުހިންމު ރަން ދައުރެއް އަދާކޮށްފައިވާ ނިޒާމެއް. މަޢުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަން ފުޅާވެގެންދިޔުމާއެކު، ދިވެހި ޤައުމުގެ ރައްޔިތުންނަށް، އެތަކެއް ކަންތައްތަކެއް ސާފުވެގެންދިޔަ، އޮޅުންފިލައިގެންދިޔަ. ކުރިން ހީކުރެވިފައިވާ ގޮތާ ޚިލާފަށް، ކޮންމެ މީހަކު ގޯހެއް ހެދިކަމުގައިވިޔަސް، އެއީ ގޯހެއްކަން ބުނެދިނުން ނުވަތަ ދެނެގަތުމުގެ ޙައްޤު، ދިވެހިންނަށް ލިބިގެންދިޔަ. މިއަދު އަޅުގަނޑުމެން، މި ފާއިތުކުރަމުންދަނީ ދިވެހި ނޫސްވެރިކަމުގެ މުޅިން އާ މަރްޙަލާއެއް. އަދި ދިވެހިން މިވަނީ މި މަރްޙަލާއަށް ދަތުރުކޮށްފައި. އެއްވެސް ޝައްކެއްނެތްގޮތުގައި، ދިވެހިންނަކީ ފޮތްކިޔުމަށް ޝައުޤުވެރިވާ ބައެއް. މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ބައެއް. ޒަމާނަށް އައި ބަދަލާއެއްކޮށް، މިއަދު މަޢުލޫމާތު ވަރަށް ބޮޑަށް ޑިޖިޓަލައިޒްވެގެން ހިނގައްޖެ. ކޮންމެ މީހަކު ސީދާ ނޫސްކަރުދާސް ހިފައިގެން ނެތް ކަމުގައިވީނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވެނީ، މިއަދު ދިވެހިން އެންމެ ގިނައިން ކުރާ އެއްކަމަކީ، މަޢުލޫމާތު ހޯދުމަށްޓަކައި ނޫސްކިޔުމޭ، ޚަބަރުތައް ކިޔުމޭ. މިޒަމާނުގެ ތަފާތު ވަސީލަތްތަކުގެ ތެރެއިން، ޚާއްޞަ ގޮތެއްގައި ސޯޝަލް މީޑިއާތަކުގެ ތެރެއިން، ދިވެހިން މިއަދު މަޢުލޫމާތު ހޯދަމުން ގެންދަނީ، ދުނިޔޭގެ އެހެންވެސް ޤައުމުތަކަށް އައިސްފައިމިވާ އިންޤިލާބީ ބަދަލުތަކުގެ ތެރެއިން. މަޢުލޫމާތުގެ މި މުއްސަނދި ޚަޒާނާއަށް ދިވެހިންވެސް ވަނީ ޣަރަޤުވެގެން ގޮސްފައި. މިއަދު މަޢުލޫމާތު ހޯދުމަށް އޮތް ޝައުޤުވެރިކަން އިތުރުވެގެން ހިނގައްޖެ. ޝައްކެއްވެސްނެތް، އަދި މުޅި މަޢުލޫމާތު ފޯރުކޮށްދިނުމުގެ މާޙައުލާ ދޭތެރޭގައި، މީހުން ދެކޭގޮތްވެސް ވަރަށް ބޮޑަށް ތަފާތުވެގެން ހިނގައްޖެ.
ޢިއްޒަތްތެރި ޙާޒިރީން؛
ޝައްކެއްނެތް، މިއަދު ވަރަށް ފަސޭހަކަމާއެކު މަޢުލޫމާތު ލިބެން ހުންނައިރު، އެއަށްވުރެ ފަސޭހަކަމާއެކު، އެ މަޢުލޫމާތު ލިބެން ހުންނަ މަސްދަރުތައް ނިސްބަތްވާގޮތް ވަރަށް ބޮޑަށް ސާފުވެގެންދޭ. މަޢުލޫމާތާއި ނޫސްވެރިކަން ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައިވާތަން، މިއަދު ހާމަކޮށް ފެންނަން އޮތްއިރު، މިއަދު އަޅުގަނޑުމެންގެ ގެތަކުގައި، އެއް ޢާއިލާއެއް އެކީގައި ޚަބަރު ބެލުމަށްވެސް ވަނީ ދަތިވެފައި. އެކަކު ބޭނުންވާ ޗެނަލެއް، އަނެކަކަށް ކަމުނުދޭ. އެކަކު ކިޔާ ޚަބަރެއް، އަނެކަކަށް ކަމުނުދޭ. އެވަރަށް އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ސިޔާސީ ކުލަ ޖެހިފައި. މިއީ ދުނިޔޭގެ އެހެންވެސް ޤައުމުތަކުގައި، ނޫސް މީޑިއާތަކުގައި ހިނގާ ކަމެއް. ސިޔާސީ އެކި ފިކުރަށް ތާއީދު ކުރުމަކީ ހިނގަމުން އަންނަ ކަމެއް. އެކަމަކު އެފަދަ ނޫސްތަކުގައިވެސް ބިނާކުރުވަނިވި ފާޑުކިޔުންތަކާއި، ތަރައްޤީގެ ދިރާސާތަކުން ދަލީލު ދައްކާކަން ފާހަގަކުރެވޭ. އެހެން ނަމަވެސް، ރާއްޖޭގައި ސިޔާސީގޮތުން ބުރަވާ އެކިއެކި ޛަރީޢާތަކުން ފޮނުވާ ޚަބަރުތަކުގައި، މިފަދަ ގޮތަކަށް ކަންކަން ހަމަޖެހިފައިވާ ކަމަށް ގަބޫލުކުރަން ދަތި.
ލޮބުވެތި ނޫސްވެރިން؛
މިރޭ އަޅުގަނޑުގެ އިލްތިމާސަކީ، ނޫސްވެރިން، ޤަލަމުގެ ބާރާއި އަގު ވަޒަންކުރަން ދަސްކުރަމާ ހިނގާށޭ. އަޅުގަނޑުގެ އިލްތިމާސަކީ، މަޢުލޫމާތު ފޯރުކޮށްދިނުމުގައި، ތިޔަބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ، އެއްގޮތަކަށްވެސް ހަނދާންނައްތާނުލައްވާށޭ. ޙައްޤު ވާހަކަތަކާއި، ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި ފަސްޖެހިވަޑައިނުގަންނަވާށޭ. ޙައްޤު ގޮތާއި، ތެދު މަޢުލޫމާތު ހާމަކުރުމަކީ، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު އަމާނާތެއް ކަމަށް ގަބޫލުކުރައްވާށޭ. އެއްވެސް ޝައްކެއްނެތްގޮތުގައި، ބިނާކުރުވަނިވި ފާޑުކިޔުމަކީ މައްސަލައެއް ނޫން. ކަންތައްތަކާ ދޭތެރޭގައި ވިސްނައި، ޚިޔާލުފާޅުކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވާފައިވަނީ، أَوَلَمْ يَنظُرُوا فِي مَلَكُوتِ السَّمَاوَاتِ وَالْأَرْضِ وَمَا خَلَقَ اللَّـهُ مِن شَيْءٍ އެ އާޔަތުގެ މާނައަކީ، [އަދި އުޑުތަކާއި ބިމުގެ ވެރިކަމާމެދުގައްޔާއި، ﷲ ހައްދަވާފައިވާ އެންމެހާ ތަކެއްޗާ މެދު އެއުރެން ވިސްނައި ނުބަލަނީ ކީއްވެހެއްޔެވެ؟] މި އާޔަތުން ސާފުކޮށް އަޅުގަނޑުމެންނަށް އެނގެނީ، އަޅުގަނޑުމެން ލިޔަންޖެހެނީއަކީ ހަމަ ތިބެފައެއް ނޫންކަން. އަޅުގަނޑުމެން ޚިޔާލުފާޅުކުރަންޖެހެނީއަކީ، އެއްވެސް ގޮތަކަށް ނުވިސްނާ ނޫންކަން. އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވެގެންވަނީ ވިސްނައި، ފިކުރުކޮށް، އަޅުގަނޑުމެން ލިޔާ ލިޔުންތަކާއި، ގެނެސްދޭ މަޢުލޫމާތުތައް، އެގޮތަށް ބިނާކުރުން.
ލޮބުވެތި ޙާޒިރީން؛
މިރޭ މި މަޤާމުގައި ހުއްޓި ހުރެ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް، މިރޭ ނޫސްވެރިކަމުގެ ދާއިރާއިން އެންމެ މަތިވެރި ޝަރަފް ހޯއްދަވައިގެން ވަޑައިގެންނެވި ދިވެހިރާއްޖޭގެ ވަރަށް ލޮބުވެތި، އަޅުގަނޑުމެން އެންމެންގެ ޤަދަރާއި ޢިއްޒަތް، އެބޭފުޅަކަށް މި ދާއިރާއިންނާއި އަދި ދިވެހި ޤައުމުގެ އިޖްތިމާޢީ، ސިޔާސީ ދާއިރާއިންނާއި، ޢިލްމީ ދާއިރާއިން ވަރަށް އަގުހުރި ޚިދްމަތްތަކެއް ފޯރުކޮށްދެއްވާފައިވާ، އަގުހުރި ދިވެހި ދަރިއެއް ކަމަށްވާ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު ތަހުނިޔާ ދަންނަވައި ޝުކުރު ދެންނެވުން. ނޫސްވެރިޔަކަށް ދެވޭ އެންމެ މަތިވެރި ޝަރަފަކީ، އަޅުގަނޑު ދެކޭގޮތުގައި އިތުބާރު. އެއީ ނޫސްވެރިކަމުގެ އެތިކްސްއާ ލާމެހިފައިވާ ކަމެއް. ނޫސްވެރިކަމުގެ އެތިކްސްއަކީ ބުރަ އެހާމެ ބިޔަ މަސްއޫލިއްޔަތެއް. ތިމާ ފޯރުކޮށްދޭ މަޢުލޫމާތަކީ، ތިމާއަށް ރަނގަޅަށް އެނގިގެން ފޯރުކޮށްދޭ މަޢުލޫމާތަކަށްވުން މުހިންމު.
އެހެންވީމާ، މިއަދު ނޫސްވެރިކަމަކީވެސް އެކަމުގެ ތަޖުރިބާއާއި މަޢުލޫމާތާއި، އެކަމުގެ ހުނަރާއި ޢިލްމު ހޯދައިގެން ކުރާ މަސައްކަތަކަށްވާން އެބަޖެހޭ. އަދި މިގޮތުން އެ މަސައްކަތް ކުރާއިރުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަލަހައްޓަންޖެހޭ މިންގަނޑަކީ، ނޫސްވެރިއެއްގެ ނަޒާޙަތުގެ މިންގަނޑު ކަމަށް އަޅުގަނޑު ދެކެން. ޝައްކެއްނެތް، އަޅުގަނޑުވެސް ގަބޫލުކުރަން، މިއަދު ރާއްޖޭގެ ނޫސްވެރިކަމަށް އޮތް ގޮންޖެހުންތައް ވަރަށްގިނަ. އެކަމަކު އެންމެބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ، މިއަދު ރާއްޖޭގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ މައްޗަށް އޮތް އިތުބާރާމެދު އުފެދޭ ސުވާލު. ނަޒާޙަތްތެރިކަމާ ބެހޭގޮތުން ދެކޭގޮތް. ނޫސްވެރިންގެ އެތިކްސްގެ ވާހަކަ، ކެފޭތަކުގެ ކޮފީމޭޒުމަތީގައްޔާއި، ސިޔާސީ ވެރިންގެ މޭޒުތަކުގެ މަތީގައި، ތަފާތު ގޮތްގޮތަށް ދެކެވެމުންދޭ. މިއަދު ނޫސްވެރިކަން ފަހިވެ، ފަރިވެ، ފޮޅި ޗާލުވަމުންދާއިރު، ނޫސްވެރިންގެ މައްޗަށް އޮތް އިތުބާރާއި ނަޒާޙަތްތެރިކަން މޯޅިވެ، މިލަމުންދާކަން ފާހަގަކުރަނީ ހިތާމަޔާއެކު. ބިޔަ ރާޅުމަތީގައި އެކިގޮތްގޮތަށް ރާޅާއަޅާ ކުޅަދާނަ ޙަރަކާތްތައް ދައްކާ ޒުވާނުން، އެ މޫސުމުގައި އެ މަންޒަރު ބަލައި، އެތަނަށް އަންނަ މީހުންގެ މޫނުމައްޗަށް އުފާވެރިކަން ގެންނަން މަސައްކަތް ކުރާ ފަދައިން، ކޮންމެ މޫސުމަކަށް ފަރިވާ ކުޅަދާނަ ނޫސްވެރިން އެންމެން އުފާކުރަން މަސައްކަތް ކުރާނަމަ، އެއީ ނޫސްވެރިން ކަމުގެ ނަޒާޙަތްތެރިކަން ކަމަކަށް ނުބެލެވޭނެ. މިއީ މިއަދު ދިވެހި ނޫސްވެރިކަމަށް ދިމާވެފައިވާ ޙަޤީޤީ ގޮންޖެހުމެއް ކަމަށް ގަބޫލުކުރާއިރު، އިތުބާރު ދަމަހައްޓައި، އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ ނޫސްވެރިން ތިބިކަން ދަނެ، އެފަރާތްތަކަށް މިރޭ މި ފިޔަވަޅުމަތީގައި އަޅުގަނޑު ޙައްޤު ތަޢުރީފާއި ޝުކުރު އަދާކުރަން.
ޢިއްޒަތްތެރި ލޮބުވެތި ޙާޒިރީން؛
ޙައްޤު ބަސް ބުނުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް. ޙައްޤު ބަސް ބުނުމަށް އެއްވެސް މީހަކު ފަސްޖެހިގެނެއް ނުވާނެ. ތެދު ގޮތްތައް ހާމަކުރަން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. ރަނގަޅު ގޮތްތައް ފަތުރަން މަސައްކަތް ކުރަންޖެހޭނެ. ސަރުކާރާއި އެހެންވެސް ފަރާތްތަކުން ކުރާ ރަނގަޅު ކަންތައްތައް ބަޔާންކޮށް، އެ ކަންތައްތަކަށް ހިތްވަރުދޭ ފަދައިން، ހިނގާ ނުރަނގަޅު ކަންތައްތައް ސަމާލުކަމަށް ގެނައުމަކީވެސް އަޅުގަނޑުމެން އެންމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް. އެއީ އެއްވެސް މައްސަލައެއް ނޫން. މި އުންމަތުގެ ދެވަނަ ޚަލީފާ، ޢުމަރު ބުނުލް ޚައްޠާބުގެ އަރިހަށް މީހަކު އައިސް ދެންނެވި، [އޭ ޢުމަރުގެފާނެވެ! ކަލޭގެފާނު ﷲ އަށް ބިރުވެތިވާށެވެ!] އެހިނދު އެތަނަށް ޙާޒިރުވެ ހުންނެވި ބޭކަލަކު ދެކެވަޑައިގަތީ، މިހާރު އެމީހާ ޙައްދުފަހަނައަޅައި ދިޔައީ ކަމަށް. އެހިނދު ޢުމަރުގެފާނު ވިދާޅުވި، [އެމީހާ އަހަރެންނަށް ހަނދާންކޮށްނުދޭނަމަ، އަދި އަހަރެންނަށް އެމީހާގެ ވާހަކަ އަޑުއެހުމުގެ ޤާބިލުކަން ލިބިފައިނުވާނަމަ، ކަންތައްތައް ރަނގަޅެއްނުވާނޭ.]
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ދިވެހި ޤައުމުގައި ނޫސްވެރިން ކުރާ މަސައްކަތުން ތެދު ފެތުރުމުގެ ތައުފީޤު، އެކަލާނގެ މިންވަރު ކުރެއްވުން. ރާއްޖޭގެ ރައްޔިތުންނަށް ޙައްޤު ގޮތްތައް ބުނެދިނުމުގައި، ދިވެހި ނޫސްވެރިން ކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى ތައުފީޤާއި ބަރަކާތް މިންވަރު ކުރެއްވުން. މުޖްތަމަޢުގައި ހިނގާ ނުރަނގަޅު ކަންތައްތައް ސަމާލުކަމަށް ގެނެސް، އެކަންތައްތައް އިޞްލާޙު ކުރުމުގައި، އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި، އެކަލާނގެ ބަރަކާތް ލެއްވުން. އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه
_____________________________