بســم اللّـه الرّحمـن الرّحيــم
         اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
            ކްލިކް ކޮލެޖްގެ ޕްރެޒިޑެންޓް އަލްފާޟިލް ނައުޝާދު މުޙަންމަދު، ވައިސް ޕްރެޒިޑެންޓް އަލްފާޟިލް ޙަސަން ޢަބްދުﷲ ސަޢީދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ ޢަބްދުﷲ ނަޒީރު، ޕްރޮފެސަރ ކެވިން ޑީ.އޯ ގޯރމަން، ޑޮކްޓަރ ވިލިއަމް ޖޯން ޖެކްސަން، ޑިރެކްޓަރ އޮފް ލަރނިންގ އެންޑް ޓީޗިންގ، މިރޭގެ އެންމެ ފަޚްރުވެރި މަޤާމު ޙާޞިލު ކުރައްވަމުން ގެންދަވާ އަޅުގަނޑުމެންގެ ލޮބުވެތި ދަސްވެނިން، ލޮބުވެތި ބެލެނިވެރިން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.
 
          الســّلام عليــكم ورحـمــة اللّـه وبـركاتـه
 
ޝައްކެއްނެތް، މިރެޔަކީ ވަރަށްވެސް އުފާވެރި ރެއެއް. މަތީ ތަޢުލީމުގެ ފުރްޞަތު، ރާއްޖޭގެ ދަރިވަރުންނަށް، އެކި ދާއިރާތަކުން ފަހިވެގެން ގޮސް، މިރޭވެސް ވަރަށްގިނަ ދަރިވަރުންތަކެއް މިވަނީ ދަސްވެނިވެފައި. މިއަދު ރާއްޖެއަކީ ވަރަށް ޙަރަކާތްތެރި ޤައުމެއް. ވަރަށްގިނަ ކަންތައްތަކެއް، ރާއްޖޭގައި ކުރެވެމުން އެބަގެންދޭ. އަދި ވަރަށްގިނަ ކަންތައްތަކެއް ކުރުމަށް ރާއްޖޭގައި ރޭވެމުން އެބަދޭ. މިއިން ކޮންމެ ކަމަކީ، އެކަމަށް ޤާބިލު ފަންނީ މީހުން ބޭނުންވާ ކަންތައްތައް. ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިއަދު ރާއްޖޭގެ ކަންތައްތައް ކުރުމަށްޓަކައި، ދިވެހިންނަށް ބޭނުންވާ ފަންނީ ޤާބިލުކަމާއި ތަޢުލީމު އުނގެނުމުގެ ފުރްޞަތު، ރާއްޖޭގައި ފަހިވުމަކީ މުހިންމު ކަމެއްކަން. އަޅުގަނޑުމެން ދިވެހިން މިއަދު ވިސްނަން އެބަޖެހޭ، ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމަށްޓަކައި ބޭނުންވާ ކަންތައްތައް ކުރުމުގެ ޤާބިލުކަން އަމިއްލައަށް ލިބިފައިވާ ބައެއް ކަމުގައި އަޅުގަނޑުމެން ވުމަށް.
 
މިރޭ ވަރަށް ފަޚްރުވެރި ދަރިންތަކެއް، ދަސްވެނިވެގެން މިދިޔައީ، މުހިންމު ދާއިރާތަކަކުން. ތިޔަ ހުރިހާ ލޮބުވެތި ދަރިވަރުންނަށް، ވަރަށް ހޫނު މަރްޙަބާއެއް އަޅުގަނޑު ދަންނަވަން. އެޔާއެކީގައި އަޅުގަނޑުމެންގެ ރާއްޖެ، ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އެބަހުރި. ހޯދަންޖެހޭ ހޯދުންތަކެއް އެބަހުރި. ދެންމެ ޔުނިވަރސިޓީގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން، އަޅުގަނޑުމެންނަށް ވާހަކައެއް ޙިއްޞާކޮށްދިން. ހޯދުންތަކެއްގެ ވާހަކަ. ރާއްޖެއަކީ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ކުރަންޖެހޭ ގިނަގުނަ ދިރާސާތަކަކާއި، ހޯދަންޖެހޭ ހޯދުންތަކާއި، ރައްކާތެރި ގޮތުގައި ރާއްޖޭގެ މާޙައުލު ބެލެހެއްޓުމާއި، ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމާއި، ރާއްޖެ ވަށައިގެންވާ ބޮޑު ބިޔަ ކަނޑުގެ ޙަޤީޤަތް ހޯދުމާއި، އެ ކަނޑުގައި ފޮރުވިފައިވާ އެތައް ޚަޒާނާތަކާއި މުއްސަނދިކަން ދެނެގަތުމުގެ އަމިއްލަ ޤާބިލުކަން މިއަދު ދިވެހިން ހޯދަން އެބަޖެހޭ. އަބަދު އެހެން ފަރާތްތަކަށް ބަރޯސާކުރުން އަޅުގަނޑުމެން ދޫކުރަން އެބަޖެހޭ.
 
ލޮބުވެތި ދަރިވަރުން، ޢިއްޒަތްތެރި ބެލެނިވެރިން؛
 
ޝައްކެއްނެތް، މިއަދު ރާއްޖޭގެ އިޤްތިޞާދު ހަލުއިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެކަމަށް ބޭނުންވާ ހަކަތަ، އެއްވެސް ޝައްކެއްނެތްގޮތުގައި، ރާއްޖެއިން ލިބެން ހުންނަން އެބަޖެހޭ. ރާއްޖޭގެ ފަޚްރުވެރި ދަރިން، ޤައުމަށް ބޭނުންވާ މުހިންމު ދާއިރާތަކުގައި، ޤައުމަށް ޚިދްމަތް ކުރުމަށް އަހުލުވެރިވެފައިވާ ބަޔަކަށް ވާން އެބަޖެހޭ. މިއަދު ތިޔަ ލޮބުވެތި ދަރިވަރުންނަކީ، އެ މަޤާމު ފުރުއްވާނެ ބޭފުޅުން. އެކަމަކު އަޅުގަނޑުގެ އިލްތިމާސަކީ، މިއަދުގެ ފުރްޞަތު، އެއަށްވުރެ މާ ފުޅަލޭ. މިއަދު ވިސްނުން ބަހައްޓަން ޖެހެނީއަކީ، ހަމައެކަނި ރާއްޖޭގެ ކުންފުނިތަކާއި، ރާއްޖެއިން ހޯދެންހުރި މަޤާމުތަކާއި ވަޒީފާތަކުގައި ދެމިތިބުމަކަށް އެކަންޏެއް ނޫން. މިއަދު ދިވެހިން، ބެލެނިވެރިން، އަޅުގަނޑުމެންގެ އުންމީދު، އަޅުގަނޑުމެން ވާސިލުވާން ބޭނުންވާ ލަނޑުދަނޑި، އެއަށްވުރެ މާ އުސް ދަރަޖައަކަށް ގެންދަން އެބަޖެހޭ. މިއަދު ޢަޒުމް ކަނޑައަޅަން އެބަޖެހޭ. ދުނިޔޭގެ އިޤްތިޞާދީ ބޮޑެތި ކުންފުނިތަކާއި، އިޤްތިޞާދީ ގޮތުން ޙަރަކާތްތެރިވާ ބޮޑެތި ޤައުމުތަކާއި، ޖަމާޢަތްތަކާއި، އިންސްޓިޓިއުޝަންސްތަކުގައި ދިވެހިންވެސް ފަޚްރުވެރިކަމާއެކީ މަޤާމު އަދާކުރުމަކީ، އެއީ މިއަދު އަޅުގަނޑުމެން ގެންގުޅެންޖެހޭ އުންމީދު. މިއަދު އަޅުގަނޑުމެންގެ ވަޒީފާގެ ބާޒާރާއި، އަޅުގަނޑުމެން މަސައްކަތް ކުރަންވާ ދާއިރާ، އޭގެ ޙުދޫދު ކަނޑައެޅިފައި އޮންނަންވާނީކީ ރާއްޖެއަކަށް ނޫން. މިއަދު އެއަށްވުރެ ދުރަށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ.
 
ލޮބުވެތި ބެލެނިވެރިން، ފަޚްރުވެރި ދަރިވަރުން؛
 
އަޅުގަނޑު މިރޭ މި ޖަލްސާއަށް ޙާޒިރުވިއިރުގައި، ވަރަށް އުފާވެރި އިޙްސާސްތަކެއް ކުރަމުން އައީ. ވަރަށްގިނަ ސަބަބުތަކަށްޓަކައި. އެއް ސަބަބަކީ މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނަކީ، މާތްﷲގެ އިރާދަފުޅާއެކީގައި، ރާއްޖޭގައި ޤައުމީ ފެންވަރުގެ ދެވަނަ ޔުނިވަރސިޓީއެއް ޤާއިމުކުރުމަށްޓަކައި ފާސްކުރެވުނު ޤާނޫނެއް. ރާއްޖޭގައި ޤާއިމުކުރެވިގެންދާ އިސްލާމީ ޔުނިވަރސިޓީ ވެގެންދާނީ، އަޅުގަނޑު ދެކޭގޮތުގައި، ދިވެހި ޖައްވުގައި، ދިވެހިންގެ މި އުފާވެރި ދީބުގައި ޢިލްމީ ދަންމަރު މުޅި ރާއްޖެއަށް ފަތުރާލާނެ މުހިންމު ޢިލްމީ މަރްކަޒަކަށް. އަދި ހަމައެޔާއެކީގައި ދިވެހިންގެ އާދަކާދަޔާއި ޘަޤާފަތާއި، ދިވެހިން ބޭނުންވާ ހަމަތަކާއި އުޞޫލުތައް، ޢިލްމީ ގޮތަކަށް ދިރާސާކޮށް، ތަޙުޤީޤީ ނަޒަރަކުން ކަންތައްތައް ހޯދުމަށްޓަކައި މި މަރްކަޒު ވެގެންދާނީ، މުހިންމު ޢިލްމީ ވަސީލަތަކަށް. މިއަދު ހަމައެޔާއެކީގައި ރާއްޖޭގެ މަތީ ތަޢުލީމުގެ ކަންތައްތައް ބަލަހައްޓާ ކައުންސިލުން މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައި. ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިރުޝާދުގެ މަތިން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާބެހޭ ކައުންސިލުން މިހާރު ވަނީ މިއަދު އަޅުގަނޑުމެން މި ދެކޭ، މި ޙިއްޞާކުރާ ކްލިކް، އަދި މިފަދަ އެހެން އެހެން ކޮލެޖްތަކުން ކުރާ މަސައްކަތަށް އިތުރަށް ކުރިއަށް ދެވޭނެފަދަ އުޞޫލުތައް ޤާއިމުކޮށްފައި. އިރާދަކުރެއްވިއްޔާ، އިންސްޓިޓިއުޝަންސްތަކުން ކޮލެޖަށް، ކޮލެޖުން ޔުނިވަރސިޓީއަށް ބަދަލުވުމަށް ބޭނުންވާ އުޞޫލާއި ޤަވާޢިދު މިހާރުވަނީ ނިމިފައި. އަޅުގަނޑު ދެކޭގޮތުގައި މިއީ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ މަތީ ތަޢުލީމަށް މަސައްކަތްކުރާ މިފަދަ ހުރިހާ އިންސްޓިޓިއުޝަންސްތަކަކާއި މަރްކަޒުތަކަށް ލިބިގެންދާނޭ ވަރަށް މުހިންމު ކުރިއެރުމެއް. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު އަދިވެސް އެއްފަހަރު މަރްޙަބާ ދަންނަވަން.
 
ރާއްޖޭގައި ތަޢުލީމަށްދޭ އަހަންމިއްޔަތަކީ ސިއްރު ކަމެއް ނޫން. ދިވެހިންނަކީ ވަރަށް ތަޢުލީމަށް ލޯބިކުރާ ބައެއް. އިންތިހާއަށް ތަޢުލީމު ހޯދަން މަސައްކަތްކުރާ ބައެއް. މިރޭވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އޭގެ މަންޒަރު. ރާއްޖޭގައި މިދިޔަ ދުވަސްތަކުގެ ތެރޭގައި، ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންނަށް އޮތް ފުރްޞަތުތައް އިތުރަށް ހޯދައިދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން. 2014 ވަނަ އަހަރު އެކަނިވެސް ޓީޗިންގ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި، އެކި ޔުނިވަރސިޓީތަކާއި ކޮލެޖްތަކާ ގުޅިގެން، ކުދިންގެ ޖުމްލަ ޢަދަދު ގާތްގަނޑަކަށް 2451 އަށް އަރާފައިވޭ. 2015 ވަނަ އަހަރު، މިއަހަރު އެޕްރީލް މަހުގެ ނިޔަލަށް ލޯނުގެ ފުރްޞަތުގެ ގޮތުގައި ސަރުކާރުން 2258 ކުދިންނަށް ފުރްޞަތު ހޯއްދަވައިދެއްވާފައިވޭ. މީގެއިތުރުން، ލޯނާއި ސްކޮލަރޝިޕްގެ ގޮތުގައި މުދައްރިސުން ތަމްރީނު ކުރުމަށް 80 ފުރްޞަތު ދެއްވާފައިވާއިރު، ފުލް ސްކޮލަރޝިޕް ގޮތުގައި 426 ފުރްޞަތުވެސް ލިބިފައިވާކަން އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ މަތީ ތަޢުލީމް ޙާޞިލު ކުރަން ބޭނުންވާ ދަރިވަރުންނަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި، އެ ފުރްޞަތު ފަހިކޮށްދިނުން. އަދި މިކަމަށްޓަކައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދަވާ ޚާއްޞަ އަހަންމިއްޔަތާއި ސަމާލުކަމަށްޓަކައި، އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.
 
އަޅުގަނޑަށް އެބަ ފެނޭ، ރާއްޖޭގައި މަތީ ތަޢުލީމުގެ މަރްކަޒުތައް ދަނީ އިތުރުވަމުން. ކޮލެޖްތައް އިތުރުވަމުން. މިހާރު ޔުނިވަރސިޓީތައްވެސް މިދަނީ އިތުރުވަމުން. އެޔާއެކީގައި ސެޓްފިކެޓްތައް ޙާޞިލްކުރާ ދަރިވަރުންގެ ނިސްބަތްވެސް ދަނީ އިތުރުވަމުން. ޑިޕްލޮމާ އިތުރުވެ، ޑިގްރީތައް އިތުރުވަމުން އެބަދޭ. މިއީ ހައްތަހާވެސް އުފާވާންޖެހޭ ކަންތައްތައް. އަދި އުފާކުރަންޖެހޭ ކަންތައްތައް. އެކަމަކު މިޔާއެކީގައި އަޅުގަނޑު މިއަދު ކަންބޮޑުވާ ކަންތައްތަކެއްވެސް އެބަހުރި. ސެޓްފިކެޓްތައް އިތުރުވެއްޖެ، ރަނގަޅު. ޑިގްރީތައްވެސް އިތުރުވެގެން ހިނގައްޖެ. އެއީވެސް ރަނގަޅު ކަމެއް. މަތީ ތަޢުލީމް ޙާޞިލުކުރާ ތަންތަން އިތުރުވެގެން ހިނގައްޖެ. މި މަސައްކަތްކުރާ ފަރާތްތައް އިތުރުވެގެން ހިނގައްޖެ. މިހުރިހާ ކަންތައްތަކެއްވެސް ރަނގަޅު. އެކަމަކު ހިތާމަޔާއެކީގައި، އެއްކަމެއް އަޅުގަނޑަށް ފާހަގަކުރެވޭ. އެއީ އިތުރުނުވި ކަމެއް. އެކަމަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި މަސައްކަތުގެ އަޚްލާޤުގެ ސުލޫކު ރަނގަޅުވުން. މިއީ އަޅުގަނޑު ދަންނަވާނީ، އިޖްތިމާޢީ ގޮތުން ރާއްޖެއަށް ދިމާވެފައި އޮތް ވަރަށްބޮޑު ކަންބޮޑުވުމެއް.
 
މިއަދު ދިވެހި ޤައުމު، އިޤްތިޞާދީ ގޮތުން ކުރިއެރުވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރޭ. އަދި ތަފާތު މަޝްރޫޢުތައް ރޭވިގެންދޭ. މިއިން ކޮންމެ ކަމެއްގެ އަޞްލު މަޤްޞަދެއް ޙާޞިލުވުމަށްޓަކައި އޮތް އެންމެބޮޑު އެއް ގޮންޖެހުމަކީ، އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގައި އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުންދާ މަސައްކަތުގެ އަޚްލާޤު. ކޮންމެ މީހަކުވެސް ވަޒީފާ ހޯދަން ބޭނުންވޭ. އަޅުގަނޑުމެންނާ ހަމަޔަށް އެ ޝަކުވާތައް ކޮންމެ ދުވަހަކު އާދޭ. ކޮންމެ މީހަކު ބޭނުންވޭ މަސައްކަތްވެސް ކުރަން. ވަޒީފާ އަދާކުރުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެއް. އެކަމަކު ހަމައެޔާއެކީގައި މަސައްކަތެއް، ވަޒީފާއެއް ލިބުމަށްފަހުގައި، ވަޒީފާއަށް ޢުޒުރު ދެއްކުމަކީވެސް އެންމެ ގިނައިން ކުރާހިތްވާ ކަންތައް ކަމުގައި މިއަދު ވަނީ ވެގެން ގޮސްފައި. މިއަދު އެމީހަކު އަދާކުރާ ވަޒީފާއެއްގައި، ތިމާ ކުރާ މަސައްކަތުން ވަޒީފާ އަދާކުރާ ފަރާތުގެ އިތުބާރު ހޯދުމަށް، އެފަރާތުގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރުމާއި، މިކަންތައްތަކާ ދޭތެރޭގައި ވިސްނާލަނީ ކިތައް މީހުންތޯ ވަނީ ސުވާލު އުފެދިފައި. މިއަދު ތިމާގެ ނަފްސަށް ލޯބިކުރާ ފަދައިން، ތިމާ އަދާކުރާ ވަޒީފާއަށް ލޯބިކުރަނީ ކިތައް މީހުންތޯ ސުވާލުކުރަންޖެހޭ. ތިމާގެ އަމިއްލަ މުދާ ރައްކާކުރާ ފަދައިން، ތިމާ ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތަކާއި ސިއްރުތައް ހިފަހައްޓަނީ ކިތައް ފަރާތުންތޯ، މިއަދު ސުވާލު އުފެދޭ. މީގެ ނަތީޖާއަކީ އަޅުގަނޑުމެން ކިތަންމެ ފަޚްރުވެރިކަމާއެކީގައި އިޤްތިޞާދީ ގޮތުން ކުރިއަށްދާން ބޭނުންކަމުގެ ވާހަކަ ދެއްކި ކަމުގައިވީނަމަވެސް، އަމިއްލައަށް ކުރެވެންހުރި އެތައް މަސައްކަތެއް އަޅުގަނޑުމެންނަށް މިއަދު މިޖެހެނީ އެހެން މީހުންނަށް ބަރޯސާކުރަން އެފަރާތްތަކަށް ދޫކޮށްލަން.
 
ލޮބުވެތި ދަރިވަރުން، ޢިއްޒަތްތެރި ބެލެނިވެރިން؛
 
ޤައުމެއްގެ އައިޑެންޓިޓީއަކީ، އެ ޤައުމެއްގެ ރައްޔިތުންގެ އަޚްލާޤު. އެ ޤައުމެއްގެ ރައްޔިތުން މަސައްކަތަށާއި، ވަޒީފާއަށްދޭ އަހަންމިއްޔަތު. އަޅުގަނޑުމެންނާ ބެހޭގޮތުން ތާރީޚުތަކުގައި ލިޔެފައި ވަނީ ވަރަށް ފޮނި ވާހަކަތަކެއް. ދިވެހިންނަކީ މުރާލި، ހީވާގި، ކަމަށް ކަމޭހިތާ، ސާފުތާހިރުކަމުން ބަޔަކު ޙަސަދަވެރިވާހާވެސް ފުޅާގޮތެއްގައި މަސައްކަތް ކުރާ ބައެއްގެ ގޮތުގައި. އެކަމަކު މިއަދު މިކަން ބަދަލުވެފައިވަނީ ކިހިނަކުންތޯ އަޅުގަނޑުމެން ސުވާލުކުރަންޖެހޭ. މިއަދު ވަޒީފާ ހޯދުމަކީ ބުރަ ކަމެއް ކަމުގައިވިޔަސް، ވަޒީފާއަށް ގަޑިއަށް ނިކުތުމަކީ އަދި އެއަށްވުރެ މާ ބުރަ ކަމަކަށްވަނީ ވެފައި. ވަޒީފާގެ މުސާރަޔާމެދު އަޅުގަނޑުމެން ޝަކުވާކުރާއިރު، ކޮންމެ މީހަކުވެސް މަހެއް ފެށުމާ އެކީގައި މަސައްކަތް ކުރަނީ، ދެން އެމަހުގެ ބާކީ އޮތް ދުވަސްތަކަށް ޢުޒުރު ދައްކާނެ ގޮތަކާ ބެހޭގޮތުން. ވަޒީފާއަށް ނުނިކުމެ މަޑުޖައްސާލެވޭނެ ގޮތެއް ފެނޭތޯ.
 
ލޮބުވެތި ދަރިވަރުން؛
 
މި ޤައުމުގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ، ޒުވާނުންގެ ވާހަކަ. އެއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ދެކެވޭ ވާހަކަ. ޙައިރާންވާންވީ ކަމެއް ނޫން. އަޅުގަނޑަށް މިތާނގައި ހުދު ޔުނީފޯމްގައި ތިބި ޒުވާނުންވެސް އެބަ ފެނޭ. މިރޭ ދަސްވެނިވެގެން މި ދިޔައީވެސް ހަމަ ޒުވާނުން. ޒުވާންކަމަކީ އެއްގޮތަކަށްވެސް ހުސްނުވާ ޚަޒާނާއެއް ނޫން. އަރާ އިރު، އޮއްސޭ ފަދައިން، ޒުވާންކަންވެސް ނިމުމަކަށް އަންނާނެ. އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އެންމެ ބުއްދިވެރިޔަކީ، ޝައްކެއްވެސްނެތްގޮތުގައި، އެ ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ހިފާ މީހާ. ބައެއް ކުދިންނަށް، ބައެއް ދަރިވަރުންނަށް ހީވެދާނެ، އަޅުގަނޑުމެންނަށް އެކިގޮތްގޮތުން ފެންނަ ޙަރަކާތްތަކާއި، މުޖްތަމަޢުން ފެންނަ ބައެއް ކުލަތަކުގައި، ބައެއް ޒުވާނުން އާދަޔާ ޚިލާފު ގޮތްގޮތަށް ވިދާލީމަ، އެއީ އެންމެމޮޅު ގޮތޭ. އެކަމަކު ޙަޤީޤީ ޒުވާނާއަކީ، ޒުވާންކަމަކީ ތިމާ ވާސިލުވާން ބޭނުންވާ މަންޒިލަށް ނުވަތަ ލަނޑުދަނޑިއަށް ޙާޞިލުވުމަށްޓަކައި އެއީ އެންމެބޮޑު ހަކަތައެއްގެ ގޮތުގައި ބޭނުންހިފާ ޒުވާނުން.
 
އަޅުގަނޑު މިރޭ ތިޔަ ހުރިހާ ދަރިވަރުންނަށް ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލާނީ، މިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވާ ޙަދީޘްފުޅެއް. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވަނީ، اغتنم خمسا قبل خمس: شبابك قبل هرمك و صحتك قبل سقمك  و غناك قبل فقرك و فراغك قبل شغلك و حياتك قبل موتك މި ޙަދީޘްފުޅުގެ މާނައަކީ، ފަސްކަމެއް މެދުވެރިވުމުގެ ކުރިން، ފަސް ކަމެއްގެ ފައިދާ ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން، ޒުވާންކަމުގެ ބޭނުން ހިފާށެވެ. އަދި ބަލިވުމުގެ ކުރިން، ހެޔޮ ޞިއްޙަތުގެ ބޭނުން ހިފާށެވެ. ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. މަޝްޣޫލުވުމުގެ ކުރިން، ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. މަރުވުމުގެ ކުރިން، ޙަޔާތުގެ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.
 
އަޅުގަނޑު އެދެނީ، ކޮންމެ ޒުވާނަކުވެސް މި ޙަދީޘްގައި މިވާ ގޮތުގެ މަތިން ޢަމަލުކުރެވޭތޯ ބެއްލެވުން. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ކިތަންމެ ބޮޑު މަޝްރޫޢަކާއި، ކިތަންމެ ބޮޑު މެނިފެސްޓޯއަކާއި، ކިތަންމެ ބޮޑު ޕްލެޖްތަކެއް ޤައުމަށް ލިބިފައި އޮތް ކަމުގައިވީނަމަވެސް، އެ ޤައުމާއިގެން ކުރިއަށްދާނެ ޒުވާނުން ނެތް ޤައުމަކަށް އުފާވެރިކަމެއް ނާންނާނެކަން. މެލޭޝިޔާގެ ކުރީގެ ޕްރައިމް މިނިސްޓަރ މަހާތީރު މުޙަންމަދު، އެމަނިކުފާނު ލިޔުއްވާފައިވާ [އަ ނިއު ޑީލް ފޮރ އޭޝިއާ] އެފޮތުގައި ބުނެފައިވޭ ވަރަށް މުހިންމު ވާހަކައެއް. އެބޭފުޅާ ވިދާޅުވަނީ، [ތިމަންނަމެން އޭޝިއާ މީހުންނާއި ހުޅަނގުގެ މީހުންގެ ހުރި ތަފާތު ބިނާވެފައިވަނީ، އޭޝިއާ މީހުންނަކީ އަމިއްލަ ބޭނުންތަކަށްވުރެން، މުޅި މުޖްތަމަޢުގެ މަޞްލަޙަތާއިގެން ކުރިއަށް ދިޔުމަށްޓަކައި އިސްކަންދޭ ބައެކޭ.]
 
އެހެންވީމާ، އަޅުގަނޑު މިރޭ ޒުވާނުންނަށް ދޭނެ ނަޞޭޙަތަކީ، ތެދުވާށޭ، ހޭލާށޭ، ހިނގައިގަންނާށޭ، ނިދި މަދުކުރާށޭ، އަދި ތިމާއަށާއި، ތިމާގެ ޢާއިލާއަށާއި، މުޖްތަމަޢަށް ކުރެވެން ހުރީ ކޮންކަމެއްތޯ، މި ޒުވާން ޢުމުރުގައި ބަލާށޭ.
 
އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى އަޅުގަނޑުމެން މި ދިވެހިރާއްޖެއަކީ، ޢިލްމުގެ މަތިވެރި ނޫރުން ހިދާޔަތް ލިބިފައިވާ ޤައުމެއް ކަމުގައި މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެންނަކީ ޢިލްމަށް ލޯބިކުރާ، ޢިލްމާ އެއްގޮތަށް އުޅޭ ޤައުމެއް ކަމުގައި އެކަލާނގެ މިންވަރު ކުރެއްވުން. އާމީން.
 
            والســّلام عليــكم ورحـمــة اللّـه وبـركاتـه