ދިވެހިރާއްޖޭގެ ޕްރައިވެޓް އިންވެސްޓްމަންޓްގެ ތަރައްޤީގެ ޕާޓްނަރުންނަކީ ބިދޭސީ އިންވެސްޓަރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ސަރުކާރުން ތަޢާރަފްކުރެއްވި "ކޯޕޮރޭޓް ރެޒިޑެންޓް މޯލްޑިވްސް" އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައެވެ.

މިޢިނާޔަތް އިފްތިތާޙު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފޮރިން އިންވެސްޓްމަންޓާ ނުލައި، ތަރައްޤީވަމުން އަންނަ ޤައުމަކަށް ކުރިއަށް ދިޔުމުގެ ފުރްޞަތު ހަނިކަމަށް އެންމެންވެސް ގަބޫލުކުރާ ކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓަކީ، މުހިންމު ބޭނުންތެރި ކަމެއްކަމަށް ދެކެވަޑައިގެން، 1979 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް އިޞްލާޙުތަކެއް ގެނެވިގެން، އޭރުގެ ސަރުކާރުން މަސައްކަތް ފެށްޓެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް ޤާނޫނު އެކަނި އިޞްލާޙު ކުރުމަކުން ދިވެހިރާއްޖެއަކަށް އެކި ދިމަދިމާލުން ގިނަ ފޮރިން އިންވެސްޓްމަންޓްތަކެއް ނާންނާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެ މިއަދު ހުޅުވިގެން މިދަނީ އިކޮނޮމިކް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއްގެ ދަށުންކަމަށާއި، މިއީ ކުރިން ކުރަމުން އައި ކަންތައް، އެގޮތަށް ކުރުން، ނުވަތަ ކުރިއަށްވުރެ ބާރު ސްޕީޑެއްގައި ކުރުން ނޫން ކަމުގައި ވިދާޅުވިއެވެ. އަދި ޓްރާންސްފޮމޭޝަނަކީ އިންޤިލާބީ ބަދަލު ކަމަށާއި، އިންޤިލާބީ ބަދަލު ގެންނަ ކަމަށްވަންޏާ، ދައުލަތުގައި ހުރި ވަސީލަތްތަކަކުން އެކަނި މިބަދަލެއް ނުގެނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވެގެން ދާން ޖެހޭނީ، ބޭރުގެ އިންވެސްޓަރުންނަށް އަމާންކަމާއެކީ، ފަހި މާޙައުލެއް ލިބޭނެގޮތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، "ކޯޕޮރޭޓް ރެސިޑެންޓް މޯލްޑިވްސް"ގައި ބައިވެރިވެވަޑައިގަތުމަށް ހުރިހާ ބޭރުގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަކީ ޓޫރިޒަމް ކަމަށް ވުމާއެކު، މި އިންޑަސްޓްރީގައި ހުރިހާ ކަމަކީވެސް މެހްމާންދާރީގެ މައްޗަށް ބިނާވެފައި އޮތް ކަމެއް ކަމަށާއި، ރާއްޖޭގެ ޤުދުރަތީ ގޮނޑުދޮށްތަކާއި، ކަނޑުތަކާއި، މޫދުން އެކަނި މިކަން ކަށަވަރު ނުކޮށްދޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ، "ކޯޕޮރޭޓް ރެސިޑެންޓް މޯލްޑިވްސް"ގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކޮށްދެއްވިއެވެ.