ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، ސިންގަޕޫރުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ‏ޑޮކްޓަރ ޗުއަ ޔޮންގ ހައި ‏މިއަދު ވަދާޢީ ‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏

މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަ ކުރައްވައި، މިގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ‏

މިބައްދަލުކުރެއްވުމުގައި، ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމަށް ‏ޑޮކްޓަރ ޗުއަ ޔޮންގ ހައި ‏ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޝުކުރު އަދާކުރެއްވިއެވެ. އަދި، ސިންގަޕޫރަށް ޒިޔާރަތްކުރާ ދިވެހިންނަށް އެޤައުމުން އަބަދުވެސް ބަހައްޓާ މެހެމާންދާރީއާއި ގާތްކަމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޝުކުރު އަދާކުރެއްވިއެވެ.

ސިންގަޕޫރު ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ‏‏ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، ‏ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ‏‏ކަމުގައި ވިދާޅުވިއެވެ.‏ ‏އަދި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެޤައުމަކީ ވަރަށް އެއްގޮތް ސިފަތަކެއް ލިބިފައިވާ ދެޤައުމުކަން ފާހަގަ ކުރައްވައި، ސިންގަޕޫރު ސަރުކާރުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަމާއި ‏‏އެއްބާރުލެއްވުން ދެއްވާނެކަމުގެ ‏‏ޔަޤީންކަން ދެއްވިއެވެ.‏

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީނާއި، މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް ބައިވެރިވެވަޑައިގެންނެވިއެވެ.‏