‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ސިންގަޕޫރުގެ ސަރުކާރުން ‏‏ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ‏ޑޮކްޓަރ ޗުއަ ޔޮންގ ހައި ‏މިއަދު ވަދާޢީ ‏‏ޒިޔާރަތް ‏‏ކުރައްވައިފިއެވެ.‏

‏މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ‏‏ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ރާއްޖެއާއި ‏‏ސިންގަޕޫރާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރައްވައި ފުޅާކުރެއްވުމަށް، ‏ޑޮކްޓަރ ޗުއަ ޔޮންގ ހައި ‏‏ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ‏

‏މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ‏‏މިގުޅުން އެކި ދާއިރާތަކުގައި އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ‏‏ޚާއްޞަކޮށް ސައިބަރ ކްރައިމް ފަދަ މުޖުތަމަޢުގައި ކަންބޮޑުވުން އުފެދިފައިވާ މައްސަލަތައް ‏‏ނައްތާލެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.‏

‏ސިންގަޕޫރު ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ‏‏‏ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، ‏ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ‏‏‏ކަމުގައި ވިދާޅުވިއެވެ.‏ ‏އަދި ސިންގަޕޫރު ސަރުކާރުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަމާއި ‏‏‏އެއްބާރުލެއްވުން ދެއްވާނެކަމުގެ ‏‏ޔަޤީންކަން ދެއްވިއެވެ.‏

‏މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން ‏‏އެފެއާޒް ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ‏‏ޝަރީފު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏ ‏