އަލަށް އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ، އެބޭފުޅަކު އެ ޚިދްމަތް ކުރައްވާ ދާއިރާއަކުން އިނާމު ޙައްޤު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށް ވިދާޅުވެ، މިކަމަށް ވަރަށްބޮޑު އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި މިހާރު ވަރަށް ފަންނުވެރި ހުނަރުވެރި ޒުވާނުން ތިބުމާއެކު، ޒުވާނުންގެ ޝައުޤުވެރިކަން ހުރި ދާއިރާތަކަށް އިސްކަން ދެއްވައިގެން، ފުރްޞަތު ހުޅުއްވައިލެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރަށް ކުރާ ޚިދްމަތް ވަޒަންކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އަދި ސަރުކާރަށް ކުރާ ޚިދްމަތަކީ، ވަރުގަދަ ޤައުމީ ޚިދްމަތެއް ކަމަށް ވިދާޅުވަމުން، ޚިދްމަތުގައި ދެމިތިބި، އަދި އެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ޚިދްމަތުގެ އަގު ވަޒަންކުރަންޖެހޭ ކަމުގައި ވިދާޅުވެ، ދައުލަތަށް ޚިދްމަތް ކުރުމުގެ ދާއިރާއިން މި އަހަރު އިނާމަށް ފުރްޞަތު ހުޅުއްވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ދެއްވާ ޚާއްޞަ އިނާމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، އިނާމު ދެއްވުމަށް މިހާރު ބައްލަވާ މިންގަނޑުތައް އަލުން ދިރާސާ ކުރައްވައި، ގެންނަވަންޖެހޭ އިޞްލާޙުތައް ގެންނެވުމަށާއި، ޕީ.އެޗް.ޑީ ޙާޞިލު ކުރައްވާ ފަރާތްތަކަށް އިނާމު ދެއްވުމުގައިވެސް އުޞޫލުތަކެއް އެކުލަވައިލެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން މިއަހަރުވެސް ތަފާތު ރޮނގުތަކަށް ފުރްޞަތު ހުޅުއްވައިލެއްވުމުގެ ބޭނުންތެރިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގަވާއިދު އެކުލަވައިލައްވާއިރު، ވީހާވެސް ގިނަ ނަންތައް އިނާމަށް ހުށަހެޅޭ ގޮތަށް ކޮމިޓީގެ ބޭފުޅުން ވިސްނާވަޑައިގަތުމަށާއި، އެކަމުގައި ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ހޯއްދަވައިގެން މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.