بســم اللّـه الرّحمـن الرّحيــم
 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
ހީވާގިކަމާއި ކެތްތެރިކަމާއި ބުރަ މަސައްކަތާއެކީގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއަށް ގެންދެވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ އަޅުގަނޑުމެންގެ މިއަދުގެ ހީވާގި ތަޢުލީމާބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް، އަދި އެކަމަނާގެ އަރިހުގައި މަސައްކަތް ކުރައްވާ އަޅުގަނޑުމެންގެ ހީވާގި އެންމެހާ ބޭކަލުންނާއި ބޭކަނބަލުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރާއްޖޭގެ އުންމީދު ކަމަށްވާ، ދިވެހިރާއްޖޭގެ ހީވާގި ދަރިވަރުންނާއި، މިފަދަ މުހިންމު ކާމިޔާބީއެއް ޙާޞިލުކޮށްދިނުމަށްޓަކައި، އެބައެއްގެ އަމިއްލަ އުފަލާއި އަރާމު ޤުރްބާން ކުރަމުންދާ އަޅުގަނޑުމެންގެ ލޮބުވެތި މައިންބަފައިން، މިރޭގެ އެންމެ ފަޚުރުވެރި މަޤާމު ޙާޞިލުކޮށްފައިވާ ދިވެހިރާއްޖޭގެ ކުރިމަގުގެ އުންމީދު ކަމަށްވާ އަޅުގަނޑުމެންގެ ހީވާގި، ލޮބުވެތި ދަރިވަރުން، ރާއްޖޭގެ އެންމެހާ ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
ޝައްކެއްނެތް، މިރެޔަކީ އުފާވެރި ރެއެއް. މިރޭގެ މި ޖަލްސާ ބޭއްވިގެން މިދަނީ އަދި މި މުނާސަބާ ފާހަގަކުރެވިގެން މިދަނީ، ފަޚުރުވެރި ވަނަތަކެއް ހޯދާފައިވާ ދަރިވަރުންގެ ކުލަގަދަ ކާމިޔާބީ ފާހަގަކުރުމަށްޓަކައި. މިކަމަށްޓަކައި ބުރަ މަސައްކަތާއެކީގައި މަސައްކަތްކޮށްގެން، މިދިޔަ ދުވަސްތަކުގެ ތެރޭގައި، މި ކާމިޔާބީ ޙާޞިލުކުރި އެންމެހާ ދަރިވަރުންނަށާއި، އެ ދަރިވަރުންގެ ބެލެނިވެރިންނަށާއި، އަދި އެ މަސައްކަތުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރި ހީވާގި މުދައްރިސުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި މަރްޙަބާ ދަންނަވައި ތަހުނިޔާ އަދާކުރަން.
 
މިއަދު ތިޔަ އެންމެހާ ދަރިވަރުން ތިޔަ ގެނެސްދިނީ، ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން. މިރޭ ޝައްކެއްނެތްގޮތުގައި، މައިންބަފައިންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭބިގެންދާނެ. މުދައްރިސުންގެ ހިތްތަކަށް އާދަޔާ ޚިލާފު އުފާވެރިކަމުގެ ޝުޢޫރުތަކެއް ވެރިވެގެންދާނެ. ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭނެ. މިއީ، ވަރަށް އުފާވެރި ރެއެއް. މިއީ، އުފާވެރި މުނާސަބަތެއް ފާހަގަކުރެވެމުންދާ ރެއެއް.
 
އެކަމަކު އެޔާއެކީގައި، އަޅުގަނޑު ހަމަ ތިޔަ އެންމެހާ ލޮބުވެތި ދަރިވަރުންނަށް ދަންނަވާލަން ބޭނުންވާ އިލްތިމާސެއްވެސް އެބައޮތް. އެއީ، މި ތަޢުލީމީ ކާމިޔާބީ ފާހަގަކުރަމުންދާއިރު، މިޔާއެކީގައި ކޮނޑުގައި އެޅިފައިވާ މުހިންމު ޒިންމާވެސް ނެގުމުގެ ޢަޒުމް، މިރޭ އާކުރަމާ ހިނގާށޭ. ކޮންމެ ދަރިވަރަކީވެސް ރާއްޖެއަށާއި، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހީވާގިކަމާއެކީގައި ޚިދުމަތް ކުރުމުގެ ރޫޙު ހިތުގައި ޢަޒުމް ކަނޑައަޅާ ދަރިވަރަކަށްވަމާ ހިނގާށޭ. އަޅުގަނޑުމެންގެ ކޮންމެ ދަރިވަރަކީ، ރާއްޖޭގެ އިޤްތިޞާދު ބައްޓަން ކުރުމުގައި، ރާއްޖޭގެ އިޖްތިމާޢީ ހަމަޖެހުން ޤާއިމުކުރުމުގައި، ހީވާގިކަމާއެކީގައި އަތުކުރި އޮޅާލައިގެން މަސައްކަތްކުރާ ދަރިވަރަކަށްވަމާ ހިނގާށޭ. އަޅުގަނޑުމެންގެ ކޮންމެ ދަރިވަރަކީ، ދުނިޔޭގެ އެހެން ތަންތަނަށް އައިސްފައި އޮތް ހަމަޖެހުން، ގާތުން ބަލައި، އެ އުފާވެރިކަން އިޙްސާސް ކުރަމުންދާ ދަރިވަރަކަށް ވީހިނދު، އަޅުގަނޑުމެންގެ މި ރާއްޖެއަކީ، އެ އުފާވެރިކަން ވެރިވެފައިވާ، އެ މަގުން ހިނގާ ތަނަކަށް ހަދަން މަސައްކަތްކުރާ ދަރިވަރަކަށްވަމާ ހިނގާށޭ.
 
ޢިއްޒަތްތެރި ބެލެނިވެރިން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން،
 
ޝައްކެއްނެތް، ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމަކީ، ކޮންމެ ޤައުމެއްގެވެސް ފަޚުރު. މިރޭ އަޅުގަނޑުމެންނަށް މި ރަމްޒުކޮށްދެނީ، އެއްދުވަހުން އަނެއް ދުވަހަށް، އެއް އަހަރުން އަނެއް އަހަރަށް، ރާއްޖޭގެ ތަޢުލީމީ ނިޒާމު، މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި އުފުލެމުންދާކަން. ފެންވަރު މަތިވަމުންދާކަން. ރާއްޖޭގައި، ދުނިޔޭގެ ނިސްބަތުން ފާހަގަކުރެވޭ ފެންވަރުގެ ކާމިޔާބީ ޙާޞިލުކުރާ ދަރިވަރުން، އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔުމަކީ، ވަރަށްބޮޑު އުންމީދެއް. ވަރަށްބޮޑު ކާމިޔާބީއެއް. ވަރަށްބޮޑު ހިތްހަމަޖެހުމެއް މި މުޖުތަމަޢަށް ވެރިވެގެންދާ ކަމެއް. އެއީ ސަބަބަކާހެދި. ސަބަބަކީ ތަޢުލީމަކީ އިޤްތިޞާދީ ގޮތުން ކުރިއެރުމަށްޓަކައި އެންމެ މުހިންމު ވަސީލަތް. ތަޢުލީމަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢެއް ހަމަޖެހުމަށްޓަކައި، އެއްވެސް ޝައްކެއްނެތްގޮތުގައި، އެކަމުގެ ސިއްރު.
 
މިއަދު އަޅުގަނޑުމެންގެ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އައިސްފައިވާ ހިންގުމުގެ ހަރުދަނާކަމާއި، އެ ޤައުމުތަކަށް އައިސްފައިވާ ކުރިއެރުމާއި، އުފެއްދުންތެރިކަމާއި، ހަލުއި ދުވެލީގައި ދަތުރުކުރަމުންދާ އިޤްތިޞާދުތަކުގެ ސިއްރަކީ ކޮބައިތޯ؟ ޖަވާބަކީ އެންމެ ކަމެއް. އެއީ ޢިލްމު. އެއީ ތަޢުލީމް. އެހެންވީމާ، މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް ފަޚުރުވެރިވާންވީ. ރާއްޖޭގެ ތަޢުލީމީ ނިޒާމު، އެއްދުވަހުން އަނެއް ދުވަހަށް ފެންވަރު މަތިވަމުންދާތީ. އެކަމުގައި ހީވާގިކަމާއެކު މަސައްކަތް ކުރައްވާ ފަރާތްތަކެއްވޭ. މުދައްރިސުންވޭ. ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވާ އެންމެހާ ބޭފުޅުން ހިމެނޭ. އެކަމަކު އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ، މި ފެށިގެން މިދާ ދައުރުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އާދަޔާ ޚިލާފު ބޮޑެތި ބަދަލުތަކެއް ގެންނަވައި، ރާއްޖޭގެ ދަރިވަރުންގެ ޙައްޤަށްޓަކައި މަތީ ތަޢުލީމުގެ ފުރްޞަތު، އެތައް ގުނައެއް އިތުރުކުރައްވައި، ގާތްގަނޑަކަށް އެއްހާހަށްވުރެ ގިނަ ފުރްޞަތު، ރާއްޖޭގެ ދަރިވަރުންނަށް ހުޅުއްވައިލައްވައި، ރާއްޖޭގައި ޚުދު މަތީ ތަޢުލީމުގެ ފުރްޞަތަށްޓަކައި އިތުރު ޔުނިވަރސިޓީއެއްވެސް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވާ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ދަރިވަރުންނަށްޓަކައި، ރާއްޖޭގެ ރައްޔިތުންނަށްޓަކައި ތަޢުލީމީ ނިޒާމު ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް، މިރޭގެ މި ޙަފްލާގައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދެންނެވުން.
 
ކީރިތި ޤުރްއާނުގައި އެންމެ ފުރަތަމަ އާޔަތެއްގެ ގޮތުގައި اللّـه سبحـانـه وتعـالىބާވައިލެއްވި އާޔަތަކީ اقْرَأْ بِسْمِ رَبِّكَ الَّذِي خَلَقَ [ފަހެ ކަލޭގެފާނު، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތުން ކިޔަވާށެވެ.] އަމުރެއް އައީ. އެހެންވީމާ، މުސްލިމުންގެ ޙައިޘިއްޔަތުން، މުސްލިމުންގެ އެންމެ މަތިވެރި ފޮތް، ކީރިތި ޤުރްއާނުގެ އެންމެ ފުރަތަމަ އަމުރެއްގެ ގޮތުގައި، އެންމެ ފުރަތަމަ ކޮމާންޑެއްގެ ގޮތުގައި އައީ، އުނގެނޭށޭ، ކިޔަވާށޭ، ތަޢުލީމް ޙާޞިލުކުރާށޭ. އެއީ، ދެންމެ މިދެންނެވި ސަބަބަށްޓަކައި. އެއީ، މުޅި އިންސާނިއްޔަތު ބިނާވެފައިވަނީ އުނގެނުމުގެ މައްޗަށް ކަމަށްވާތީ. މުޅި މުޖުތަމަޢުގެ ހަމަޖެހުން ބިނާވެފައިވަނީ އުނގެނުމުގެ މައްޗަށް ކަމަށްވާތީ.
 
 މިއަދު އެކަމުގެ ޙަޤީޤަތް އަޅުގަނޑުމެންނަށް ދުނިޔޭގެ އެހެން ހުރިހާ ތަނަކުން ފެންނަ ފަދައިން، އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގެ ތެރޭގައިވެސް ފެނިގެންދޭ. ރާއްޖޭގައި މިއަދު ދަތުރުކުރަމުން މިދާ މިޞްރާބަށް ބަލާއިރުގައި، އެއް ދުވަހުން އަނެއް ދުވަހަށް ބޮޑެތި ކާމިޔާބީތަކެއް ރާއްޖެ ޙާޞިލު އެބަކުރޭ. އަޅުގަނޑުގެ މިރޭގެ އިލްތިމާސަކީ، ތިޔަ ލޮބުވެތި ދަރިވަރުންނަށް، ކުރިއަށް ވަޑައިގަންނަވާށޭ. ތަޢުލީމީ ގޮތުން ހޯދެން އޮތް ކާމިޔާބީތައް ޙާޞިލު ކުރައްވާށޭ. އަޅުގަނޑު ގަބޫލުކުރަން، މިރޭގެ މި ޙަފްލާގައި ބައިވެރިވާ ދަރިވަރުންނަކީ ހަމައެކަނި ރާއްޖޭގެ މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުން އެކަންޏެއް ނޫން. މިރޭގެ މި ދަރިވަރުންގެ އިތުރުން، ރާއްޖޭގައި އުފެއްދުންތެރި ކަމުގެ ދާއިރާއިން، އެކިއެކި ފަންނުވެރިކަމުގެ ރޮނގުން، އިޤްތިޞާދީ އެކިއެކި މަސައްކަތުގެ ތެރެއިން ބޮޑެތި ކާމިޔާބީތައް ޙާޞިލުކުރާ ޒުވާނުން އެބަތިއްބެވި. މިއިން ކޮންމެ ފަރާތަކީވެސް އުނގެނޭ ފަރާތް. މިއިން ކޮންމެ ފަރާތެއްގެ ސަބަބުން ރާއްޖެއަށް އަންނަނީ ކުރިއެރުން. އެއީ ޝައްކެއްނެތްގޮތުގައި، ލިބޭނެ ކުރިއެރުމެއް. އުނގެނުމުގެ ސަބަބުން މުޖްތަމަޢުތައް އުފުލިގެންދާނެ. ފަރުދުންގެ ޢާންމު ޙާލަތު އުފުލިގެންދާނެ. އުނގެނޭ ފަރާތުގެ ޤަދަރާއި، ނިސްބަތާއި، މަޤާމު އުފުލިގެންދާނެ. އެއީ ޝައްކެއްނެތްގޮތުގައި، އެކަން ހަމަޖެހިފައިވާ ގޮތް.
 
ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىވަޙީކުރައްވަނީ، يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ،[اللّـه سبحـانـه وتعـالىތިޔަބައިމީހުންގެ ތެރެއިން އެކަލާނގެއަށް އީމާންވި މީހުންނާއި، ޢިލްމު އުނގެނޭ މީހުންގެ ދަރަޖަ އުފުއްލަވާނެއެވެ.] އެއީ އެކަލާނގެ ވަޢުދެއް.
 
ލޮބުވެތި ދަރިވަރުން، ރާއްޖޭގެ ޢިއްޒަތްތެރި ބެލެނިވެރިން،
 
ތިޔަ ކޮންމެ ދަރިވަރެއް މިރޭ ފަޚުރުވެރިކަމާއެކީގައި އެނބުރި ގެޔަށްދާނެ. އެއަށްފަހުގައި، ޙަޔާތުގެ ވަރަށް މުހިންމު ދައުރަކަށް އެނބުރިގަންނާނެ. މަތީ ތަޢުލީމު ޙާޞިލު ކުރުމަށްޓަކައި. އެކަމަކު މިރޭގެ މި ފަޚްރުވެރި ކާމިޔާބީގައި ވަރަށް މުހިންމު ކަމެއް ހަނދާންކުރަންޖެހޭ. މުޅި އިންސާނިއްޔަތުގައި، ކާމިޔާބީގެ އެންމެ މުހިންމު އެއްކަމެއް ބިނާވެފައިވަނީ، ތިމާގެ ހިތުގައި އެކަކު އަނެކަކަށް ދޭ އިޙްތިރާމުގެ މައްޗަށް، ޤަދަރުގެ މައްޗަށް. ތިމާ، އަނެކާއާ ދޭތެރޭގައި ދެކޭ ގޮތުގެ މައްޗަށް. އެއިން އެންމެ މުހިންމު ދައުރެއް އަދާކޮށްދޭންޖެހެނީ ތިމާގެ މައިންބަފައިންނަށް. އެއީ ހިމޭންކަމާއެކީގައި ރަނގަޅަށް ވިސްނައިފިނަމަ، ވަރަށްގިނަ ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ފަހުމްކޮށްދޭ ކަމެއް. ތިމާމެންގެ އަމިއްލަ ނިދި، ދަރިއަށްޓަކައި ޤުރްބާންކުރަނީ. އަމިއްލަ ތަނަވަސްކަން، ހިފެހެއްޓުމެއްނެތި ދަރިންނަށް ހޭދަކުރަނީ. ތިމާގެ ވަގުތު، ކޮންމެ ވަގުތެއްވެސް ދަރިއަށްޓަކައި ޤުރްބާންކުރަނީ. އެއީ، އަޅުގަނޑުމެންގެ މައިންބަފައިން. އެ މައިންބަފައިންނަށްޓަކައި މިއަދު ތިޔަކުދިން ވާންޖެހޭ ޤުރްބާނީއެއް އެބައޮތް. އެއީ، ކަމޭހިތުން. އެއީ، އިޙްތިރާމް ކުރުން. ބައެއް މައިންބަފައިން، މުސްކުޅި ޢުމުރަށް ދަތުރުކުރީމަ، އަޅުގަނޑުމެންނަށް ދޭންޖެހޭ ސަމާލުކަން، ގިނަފަހަރަށް ނުދެވޭ. އަޅާލަންޖެހޭ މިންވަރަށް އަޅާނުލެވޭ. އެކަމަކު ގުދުވެފައި، އެމީހުން ތެދުވާ ގަޑީގައި ފައިވާން ސީދާކޮށްދިނުމަކީ އެއީ، ހަމަ އެ މައިންބަފައިންގެ ހިތަށް ވަރަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއް. އެއީ، އަޚްލާޤިއްޔާތު. އެއީ، ތަޢުލީމަކީ. އެހެންވީމާ، ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىވަޙީކުރައްވާފައިވަނީ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا [އެދެމީހުންގެ މައްޗަށް ރަޙްމަތް ލައްވާނދޭވެ! ތިމަންނަމެން ކުޑައިރުގައި ރަޙުމާއި އޯގާތެރިކަމާއެކީގައި ތިމަންނަމެން ބޮޑުކުރިފަދައިން.]
 
މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ތިޔައިން ކޮންމެ ދަރިވަރަކުވެސް، އެފަދަ ދަރިޔަކަށްވުމަށް. މައިންބަފައިންނަށް ކަމޭހިތައި، މުޖްތަމަޢުގެ އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ ދަރިވަރުންނަށްވުމަށް.
 
ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން، ހީވާގި ދަރިވަރުން،
 
އަޅުގަނޑުގެ ވާހަކަ ނިންމާލަމުން، އަޅުގަނޑު ތިޔަ ދަރިވަރުންނަށް އަދި މައިންބަފައިންނަށް ކުރަން ބޭނުންވާ މުހިންމު އިލްތިމާސެއް އަދި އެބައޮތް. އެއީ، މިރޭ ހަދިޔާއެއްކަމަށް ބެއްލެވިޔަސް ރަނގަޅުވާނެ. އެ ހަދިޔާއަކީ މި ތަޢުލީމާއި، އުނގެނުމާ، މިއިން ކޮންމެ ކަމެއްގެ މަޤްޞަދެއް އެބައޮތް. އެ މަޤްޞަދު އަދާކުރަން އެބަޖެހޭ. އެ މަޤްޞަދަކީ، ތިމާގެ އަމިއްލަ ޖާހަތާއި، ތިމާގެ އަމިއްލަ އުފާ އިސްނުކުރުން. ޤައުމުގެ މައްޗަށް އިސްނުކުރުން. ތިމާގެ އުޞޫލު އިސްކުރުން. ތިމާ ގަބޫލުކުރާ ހަމަތައް އިސްކުރުން. ޤައުމަށާއި، ދީނަށާއި، އެ ދީނުގެ އަސާސްތަކާއި މަސްދަރުތަކުގައި ހިފަހައްޓަން ޢަޒުމު ކަނޑައެޅުން. އެއްވެސް ޝައްކެއްނެތްގޮތުގައި، އެއީ، ދުނިޔޭގެ ތަޖުރިބާ. އެއީ، ކާމިޔާބީތައް އައިސްފައިވާ ގޮތް.
 
ގްރީކްގެ މަޝްހޫރު ފިލޯސަފަރެއް ކަމުގައިވާ ސޮކުރެޓީސް އޭނާގެ ތަޤްރީރެއްގައި ބުނެފައިވޭ، ވަރަށް މުހިންމު ފިލާވަޅެއް. ހަމަ މިމޭރުމުން ވާހަކަ ދައްކަމުން، އޭނަ ބުނެފައިވަނީ، ފަނޑިޔާރުންނަށް ތިމަންނަ ކުރާ އިލްތިމާސެކޭ. އަދަބު ދޭށޭ ތިމަންނަގެ ދަރިންނަށް. އެދަރިން ރަނގަޅު ކަންތައްތައް ދޫކޮށް، ތަނަވަސްކަމުގެ މައްޗަށް އިސްކަންދޭ ވަގުތުގައި، އެދަރިންނަށް އަދަބު ދޭށޭ. އެ ދަރިން ތިމާގެ ގައިގައި ނެތް ކަމެއް ދައްކަން މަސައްކަތްކުރާ ވަގުތުގައި، އެދަރިންނަށް އަދަބު ދޭށޭ. އެއީ، ވަރަށް މުހިންމު ފިލާވަޅެއް.
 
ތަޢުލީމުގެ މިއަދުގެ ބޭނުމަކީ، އަޅުގަނޑުގެ އިލްތިމާސަކީ، ހަމަތަކާއި އުޞޫލުތައް އިސްކުރުން. ތިމާގެ ޢަޤީދާ އިސްކުރުން. ޤައުމިއްޔަތު އިސްކުރުން. ޤައުމިއްޔަތާއި އިސްލާމްދީނުގެ އަސާސްތަކާއި މަސްދަރުތައް އިސްކުރުން. އެއީ، އަޅުގަނޑު ތިޔަ ހުރިހާ ކުދިންނަށާއި މައިންބަފައިންނަށްވެސް ކުރާ އިލްތިމާސެއް.
އެންމެފަހު ވަގުތުގައި، ތިމާ ނިމިގެންދާ ހިނދުގައި، ފައިދާކުރުވާނެ އެއްޗެހިތަކުގެ ތެރޭގައި ހިމެނެނީ ޢިލްމު. ހިމެނެނީ ހަމަތައް. އެހެންވީމާ، ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ، إذامات الإنسان انقطع عمله إلاّ من ثلاث صدقة جارية أو علم ينتفع به أوولد صالح يدعوله މިއީ، މިރޭ އަޅުގަނޑު ތިޔަ ހުރިހާ ދަރިވަރުންނަށާއި މައިންބަފައިންނަށް ދޫކުރާ ހަދިޔާއަކީ. ބަލަންވީ މިއީ ދަރިވަރުން، ތިމާމެންގެ ޙަޔާތައިގެން ކުރިއަށް ދިޔުމުގެ އަސާސް ކަމަށް. މައިންބަފައިން ބަލަންވީ ދަރިން ތަރުބިއްޔަތު ކުރުމުގައި، މި ޙަދީޘަކީ މިއީ އެންމެ މުހިންމު މަސްދަރު ކަމަށް. ކީރިތި ރަސޫލާގެ ޙަދީޘްފުޅުގެ މުރާދަކީ، ކޮންމެ އިންސާނަކުވެސް މަރުވާނެ. އެއީ، އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. މަރުވެގެން ދިޔައީމަ، އެއްކަލަ ތަނަވަސްކަމާއި، މުދަލާ، ހުރިހާ އެއްޗެއް އެޔާއެއްކޮށް ނިމިގެންދާނެ. ބޮޑެތި ގެތަކާއި، ހޯދާފައިވާ ހުރިހާ އެއްޗެއް ނިމިގެންދާނެ. އެކަމަކު އިންސާނާ މަރުވެގެންދާއިރުގައި، ތިންކަމެއް އޭނާ ދޫކޮށްފައި ދޭ. މަރުވެގެން ދިޔަޔަސް، އޭނާޔާ އެއްކޮށް ތިންކަމެއް ހިމެނިގެންދޭ. އެއްކަމަކީ، ދެމިގެންދާ ގޮތަށް ކޮށްފައިވާ ޞަދަޤާތެއް. އަނެއް ކަމަކީ، ފައިދާކުރުވަނިވި ގޮތަށް ޙާޞިލުކޮށްފައިވާ ޢިލްމު ނުވަތަ ދޫކޮށްފައިވާ ޢިލްމު. އަނެއް ކަމަކީ، ތިމަންނައަށް ދޫކުރާނެ ހެޔޮލަފާ، ރަނގަޅު ޞާލިޙު ދަރިޔަކު. އެހެންވީމާ، ރަނގަޅު ދަރިން ތަރުބިއްޔަތުކޮށްގެން، ދަރިންނަށް ޢިލްމު އުނގަންނައިދިނުމުގެ ހިތްހަމަޖެހުން މިރޭ މައިންބަފައިން ހޯދަންޖެހޭ. ސަބަބަކީ އެފަދަ ދަރިންނަކީ، ތިމާ ދުނިޔޭގައި ނެތް ދުވަހަކުވެސް، ތިމާއަށްޓަކައި ހެޔޮދުޢާ ކުރާނޭ ރަނގަޅު ދަރިން ކަމަށްވާތީވެ. އަދި ހަމައެޔާއެކީގައި، ދަރިވަރުން ހިތްހަމަޖައްސަންޖެހޭ. ތިމާ ފައިދާކުރަނިވި ގޮތެއްގައި ޙާޞިލުކޮށްފައިވާ ޢިލްމަކީ، އެއީ ތިމާ ނެތިގެންދާ ދުވަހުވެސް ތިމާއަށް ފައިދާކޮށްދޭނެ އެއްޗެއް ކަމަށްވާތީ.
 
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالىއަޅުގަނޑުމެންގެ މި މުޖުތަމަޢަކީ، ހަމަޖެހުމާއި، ޢިލްމަށް ލޯބިކުރާ ބަޔަކަށްވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ބަޔަކަށްވުމުގެ އިތުރުން، އިޖުތިމާޢީ ހަމަޖެހުމާއި، އިޤްތިޞާދީ ތަނަވަސްކަން ހޯދުމަށް މަސައްކަތްކުރާ މުޖުތަމަޢެއް ކަމުގައި މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މައިންބަފައިން ދެކެ ލޯބިވާ،  އެ މައިންބަފައިންނަށް ކަމޭހިތާ، އަޅުގަނޑުމެންގެ މުދައްރިސުންނަށް އިޙްތިރާމްކުރާ ބައެއް ކަމުގައި  اللّـه سبحـانـه وتعـالىމިންވަރު ކުރެއްވުން. އަދި އަބަދުވެސް ޢިލްމަށް ލޯބިކުރާ، ޢިލްމު ހޯދުމަށް މަސައްކަތް ކުރާ ހެޔޮ ބައެއް ކަމުގައި اللّـه سبحـانـه وتعـالىމިންވަރު ކުރެއްވުން. އާމީން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه