ކުރީގެ ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް ވަނީ ފްރޭމް ކުރެވިފައި ކަމަށް ވިދާޅުވެ އެވާހަކަ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި ކަމަށާއި، އެކަން ހިނގާދިޔަގޮތް ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވި ވާހަކަފުޅާގޮތުން ދަންނަވަމެވެ.

އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ޝައިޚް އިމްރާން ޢަބްދުﷲ ގެ އެދިވަޑައިގަތުމަކަށް އެޕާޓީގެ 6 (ހައެއް) ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ 03 މާރޗް 2015 ވީ އަންގާރަ ދުވަހުގެ މެންދުރު ފަހު 1:15 ގައެވެ.

މިބައްދަލުކުރެއްވުމުގައި ޝައިޚް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވަނީ ފްރޭމް ކުރެވިފައި ކަމަށާއި، އެހެންކަމުން ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ޝައިޚް އިމްރާން ޢަބްދުﷲގެ އެވާހަކަފުޅާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުރީގެ ޑިފެންސް މިނިސްޓަރ ވަނީ ފްރޭމް ކުރެވިފައިކަން ނުވަތަ ނޫންކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އެމައްސަލަ އެވަނީ ތަޙްޤީޤު ކުރެވި ޝަރީޢަތުގެ މަރުޙަލާގައިކަން ފާހަގަކުރައްވައި، ފުލުހުންގެ މިނިވަން ތަޙްޤީޤަކަށް ފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން އުފުލާފައިވާ ދައުވާއެއް އަނބުރާ ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ތަންދޭ ކަމެއް ނޫން ކަމަށް ދެންނެވުނެވެ.

އަދި ޝައިޚް އިމްރާން ޢަބްދުﷲ އަށް، ކުރީގެ ޑިފެންސް މިނިސްޓަރު ފްރޭމް ކުރެވިފައިވާ ކަމަށް ޤަބޫލުފުޅުކުރެއްވޭނަމަ، ނުވަތަ ސާބިތު ހެކިތަކެއް ވާނަމަ، ކުރީގެ ޑިފެންސް މިނިސްޓަރުގެ ޤާނޫނީ ޓީމާއި ގުޅިވަޑައިގެން ޝަރީޢަތުގެ މަރުޙަލާގެ ތެރެއިން އެމަސައްކަތްކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވިއެވެ. އަދި މިއީ ޝަރުޢީ މަރުޙަލާގެ ތެރެއިން ނިމެންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމުގައި ވަނީ ވިދާޅުވެފައެވެ.

ދޮޅުގަޑިއިރެއްހާއިރު ވަންދެން، ރައީސުލްޖުމްހޫރިއްޔާ އަދާލަތު ޕާޓީގެ ވަފުފާއެކު ހޭދަކުރެއްވި އެބައްދަލުކުރެއްވުމުގައި އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޝައިޚް އިމްރާން ޢަބްދުﷲ ކަންބޮޑުވެވަޑައިގަންނަވާ ކަންކަން ހުރިކަން ފާހަގަކުރައްވާ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ނުވަތަ ފަސާދައިގެ ޢަމަލުތައް ހިނގަމުންދާކަން ޝައިޚް އިމްރާން ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. މިކަމާގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެފަދަ ޢަމަލުތައް ސަރުކާރުގެ ތެރޭގައި ހިނގާކަމަށް ޝައިޚް އިމްރާން ޢަބްދުﷲ އަށް ފާހަގަކުރެވިފައިވާނަމަ، އެކަންކަން ހުށަހަޅުއްވާނެ މުއައްސަސާތައް ރާއްޖޭގައި ޤާއިމުވެފައި އެބަހުރި ކަމަށް ވިދާޅުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކަށް ހުށަހަޅުއްވައިގެން ކުރިއަށް ވަޑައިގަތުމަށް ޝައިޚް އިމްރާން ޢަބްދުﷲގެ އަރިހުން އެދި ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން އުފައްދާފައިވާ މުއައްސަސާތަކާއި، ނިޒާމުތަކަށް ޖާގަދެއްވައިގެން، ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކަމުގައި ޝައިޚް އިމްރާން ޢަބްދުﷲ ގެ އަރިހުގައި ދެންނެވިއެވެ.