ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ރާއްޖޭގައި ހިންގާ ސްކޫލުތަކާއި މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ޙަރަކާތްތައް މޮނިޓަރކޮށް އެ ތަންތަނުން ދޭ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ހިފަހައްޓައިތޯ ބަލައި ކަށަވަރުކުރުމުގެ ގޮތުން "ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް" ގެ ނަމުގައި އިދާރާއެއް 2015 ފެބުރުވަރީ 24 ވަނަ ދުވަހު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 461 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ. 
 
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓްގެ މަސައްކަތްތައް
1. ރާއްޖޭގައި ހިންގާ ސްކޫލުތަކާއި މަތީ ތަޢްލީމާއި ތަމްރީނުދޭ މަރުކަޒުތަކުންދޭ ތަޢުލީމުގެ ފެންވަރު ބެލުމަށާއި، އެތަންތަނުންދޭ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި ފެންވަރު ރަނގަޅުކުރުމަށް ލަފާދިނުން.
2. ރާއްޖޭގައި ހިންގާ ސްކޫލުތަކާއި މަތީ ތަޢްލީމާއި ތަމްރީނުދޭ މަރުކަޒުތަކުންދޭ ތަޢުލީމުގެ ފެންވަރު ބަލައި، ފެންވަރު މިންކުރާނެ އުސޫލުތައް ހަދައި ތަންފީޒުކުރުން.
3. ރާއްޖޭގައި ހިންގާ ސްކޫލުތަކާއި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިނގާނުހިނގާގޮތް ބެލުން.
4. ރާއްޖޭގައި ހިންގާ ސްކޫލުތަކާއި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުންދޭ ތަޢުލީމުގެ ފެންވަރު ބަލާނޭ މިންގަނޑުތައް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު އެކަށައަޅައި ޢާންމުކުރުން.
5. ސްކޫލުތަކާއި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަފްތަރެއް ހަދައި އެ ދަފްތަރު ބެލެހެއްޓުން.
6. ސްކޫލުތަކާއި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުގެ ވަޞީލަތްތަކާއި، ކިޔަވައިދޭ ކޯސްތަކާއި، މުވައްޒަފުންނާއި، ދަރިވަރުންނާއި، ދަސްވެނީންގެ މަޢުލޫމާތު ބަލަހައްޓައި، މި މަޢުލޫމާތުގެ ޚުލާޞާ ޢާންމުކުރުން.
7. ރާއްޖޭއިން ބޭރުން ސްކޫލު ތަޢުލީމާއި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން އާންމުކޮށް ދިވެހިން ދާ މަރުކަޒުތަކުގެ ފެންވަރާ ގުޅޭ މަޢުލޫމާތު ޢާންމުކުރުން.