ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަކީ އަބަދު މުދާ ގަނެ، މުދާ ވިއްކަން ތިބޭ ބަޔަކަށް ވެގެން ނުވާނެކަމަށާއި، މިހާރަށްވުރެން ފުޅާގޮތެއްގައި ބައިނަލްޢަޤްވާމީ ވިޔަފާރީގެ ތެރެއަށް ވަނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ޢިލްތިމާސްކުރެއްވީ، އެސް.ޓީ.އޯ އަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަކުރުމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވެވި މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދުން އެންމެ ބޮޑު ބުރައެއް އުފައްލަވާ އެއްކަމަކީ ދިވެހިރައްޔިތުންނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށްޓަކައި ކުރާ ޚަރަދުކަން ފާހަގަކުރައްވަމުން، ތެލުގެ އަގުތައް މިހާރަށްވުރެން ހެޔޮކުރެވޭނެ ގޮތަކަށް، އަދި ފަސޭހަކަމާއެކު ރާއްޖޭގެ ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދެވޭނެ ގޮތަކާ ދޭތެރޭގައި އެސް.ޓީ.އޯ އިން ވިސްނަންޖެހޭކަމުގައި ވިދާޅުވިއެވެ. މިގޮތުން ގައުމީ ޝިޕިން ލައިނެއް ހިންގުމަށާއި، ތެޔޮއުފުލާ ޓޭންކަރުތައް ގަތުމަށްވެސް އެސްޓީއޯއިން ވިސްނަންޖެހޭ ކަމަށާއި، އެކަންކަމަށް އެސްޓީއޯއަށް ސަރުކާރުން އެހީތެރިވެވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރު ހިއްޞާވާ ކުންފުނިތައް އުފައްދާފައި ވާނީ އެވަގުތުގެ ޙާލަތަށް، ނޫނީ އެވަގުތެއްގެ ޒަޙޫރަތަށް އެޑްރެސްކުރުމަށްޓަކައިކަން ފާހަގަކުރައްވަމުން، ކުންފުނިތަކުގެ އެންމެ މުހިންމު މަޤްޞަދަކަށް ވާންވާނީ ފޯރުކޮށްދޭ ޚިދުމަތެއް ނުވަތަ ވިއްކާ މުދަލެއް ރާއްޖެއިން ހުސްވިޔަނުދީ، ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ފޯރުކޮށްދިނުމަށްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރަށް، ކުންފުނިތަކުން ދޭ ޚިދުމަތްތައް ދިނުމުގައި އެކުންފުންޏެއްގެ އަމިއްލަ ސްޕީޑް އިޚްތިޔާރު ނުކުރެވޭނެކަމަށާއި، ކުންފުނިތަކުގެ މަސައްކަތްތައް، އެމަނިކުފާނުގެ ސަރުކާރުން އިޤްތިޞާދު ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާ އެއްހަމައެއްގައި ކުރިއަށް ގެންދެވެން ޖެހޭނެކަމުގައި ބަޔާންކުރެއްވިއެވެ.
މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، 'ކުންފުނިތަކުން ޕަރފޯމަންސް ނުދެއްކޭ ކަމަށްވަންޏާ، ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންވެސް ބަދަލުވާނެ' ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ކުންފުނިތައް އޮޑިޓުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ފިނޭންސް މިނިސްޓްރީ ގުޅިގެން މިހާރު އެބަ ކުރިއަށް ގެންދަވާކަމުގައި ބަޔާންކުރެއްވިއެވެ. މި އޮޑިޓުގެ ބޭނުމަކީ ކުންފުނިތައް އުފައްދާފައިވާ ބޭނުންތައް ޙާސިލުކުރެވޭތޯ ދެނެގަތުމާއެކު، އެކުންފުނީގެ މުވައްޒަފުންނަށް އެކަށީގެންވާ ޢާމްދަނީއެއް ލިބޭނެގޮތް ކަށަވަރުކޮށްދިނުމާއި، ކުންފުނިތައް ގިންތި ކުރުމާއެކީ، ކުންފުނިތަކުގެ މުސާރަތައް ހަމަޖެހޭ ޢުސޫލުތަކަކަށް ފެއްތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އެސް.ޓީ.އޯ އަށް އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި، މިހާރު އެސް.ޓީ.އޯ ގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އެންމެހައި މުވައްޒަފުންނަށް އެކުންފުނީގެ ރަން ޔޫބީލުގެ މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ.
މި ޙަލްފާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެސް.ޓީ.އޯ އަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރެއްވުމުގެ ގޮތުން އެމަނިކުފާނަށް އެކުންފުނީގެ ފަރާތުން ހަނދާނީ ފިލައެއް އެރުވިއެވެ. މިފިލާ އެމަނިކުފާނާ ޙަވާލުކޮށްދެއްވީ، އެކުންފުނީގެ ޗެއަރމަން އަލްފާޟިލް އަޙްމަދު ނިޔާޒެވެ. އެސް.ޓީ.އޯ އަށް ދިގު މުއްދަތުގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ އެފަރާތްތަކާ ޙަވާލުކޮށްދެއްވީ، އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދަމް ޢާޒިމެވެ.