ކީރިތި ރަސޫލާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّمގެ ޢީދު މީލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރަމެވެ. ހަމައެހެންމެ، މި މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި އަދި މުޅި އިސްލާމީ އުންމަތަށް، ތަހުނިޔާ ފޮނުވައި މުބާރަކްބާދީ އަދާކުރަމެވެ.

 
މާތްﷲ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم ރަސޫލުކަމާއިގެން ފޮނުއްވީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްގެ ގޮތުގައެވެ. އެހެންކަމުން، އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ރިސާލަތުގައި ހިފެހެއްޓުމަކީ، މިފަދަ މުނާސަބަތެއްގެ ޒިކުރާ އާކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ ޢަޒުމު ކަމުގައި ވާންޖެހޭނެއެވެ. ހަމައެހެންމެ، މިފަދަ މުނާސަބަތެއް އިޙްތިފާލް ކުރުމުގެ އެންމެބޮޑު ބޭނުމަކަށް ވާންޖެހޭނީ، އެކަލޭގެފާނުގެ މަތިވެރި ޙަޔާތްޕުޅުން ޢިބްރަތް ލިބިގަތުމާއި، އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ދީނުގައި ވަރުގަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތުކުރުމެވެ.
 
ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ، މުސްލިމުންގެ މެދުގައި އޮންނަންވާ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަޚުވަންތަކަމުގެ ފިލާވަޅުކަން، އެއްގޮތަކަށްވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެހެންކަމުން، އެ ފިލާވަޅުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކޮށް، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ މަތިވެރި އުސޫލުތަކުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ޢަޒުމް ކަނޑައެޅުއްވުމަށާއި، ހަމަހަމަކަމާއި އުޚުއްވަތްތެރިކަމާއި، ރަޙުމާއި ހަމްދަރުދީގެ އުސޫލުތައް، ކުރިއަށް ނެރުއްވުމަށް، މި ފުރްޞަތުގައި އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.
 
މާތް ﷲ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެންނަށް ދެއްވާށިއެވެ! ކީރިތި ރަސޫލާ ދެއްކެވި ރިވެތި ނަމޫނާގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ! އެކަލޭގެފާނުގެ މަތިވެރި އިރުޝާދުތަކާއި ގެނެސްދެއްވި މާތް އުސޫލުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ! އާމީން.
 
12 ރަބީޢުލްއައްވަލް 1436
3   ޖަނަވަރީ    2015