‏ހިޓާޗީ ކުންފުނީގެ ފަރާތުން 'މާލޭ ވޯޓަރ ކްރައިސިސް މެނޭޖްމަންޓް ފަންޑް' އަށް ‏‏އެއް މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރައްވަން ނިންމަވާފައިވާ ކަމުގައި އެކުންފުނީގެ އެގްޒެކެޓިވް ‏‏ވައިސް ޕްރެޒިޑެންޓް އެންޑް އެގްޒެކެޓިވް އޮފިސަރ ޖުންޒޯ ނަކަޖީމާ ވިދާޅުވެއްޖެއެވެ.‏

‏ހިޓާޗީ ކުންފުނީގެ ފަރާތުން މިކަން އިޢުލާނުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ‏‏ބައްދަލުކުރެއްވުމުގައެވެ.‏
‏މިބައްދަލުކުރެއްވުމުގައ، މިމަހުގެ 4 ވަނަ ދުވަހު މާލޭ ވޯޓަރ އެންޑް ސުވަރޭޖް ‏‏ކޮމްޕެނީގައި ހިނގާދިޔަ އާލިފާނުގެ ހާދިސާއާއި ގުޅިގެން، ހަލާކުވި ޕެނަލް ބޯޑުތައް މަރާމާތުކޮށް، ‏‏ފެނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރައްވަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް ދެބޭފުޅުންގެ ‏‏ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. ‏

‏މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފެނުގެ ‏‏މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށާއި، ކުއްލި ޙާލަތެއްގައި ޢަމަލުކުރާނެގޮތުގެ ‏‏ޕްލޭނެއް އެކުލަވާލެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަވާ ކަމެއް ކަމުގައި ‏‏ވިދާޅުވިއެވެ. އަދި، މިފަންޑަށް ހިޓާޗީ ކުންފުނީގެ ފަރާތުން ވެދެއްވި ދީލަތި ‏‏އެހީފުޅަށްޓަކައި ދިވެހި ‏‏ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، ‏ޝުކުރު ދެންނެވިއެވެ. މީގެއިތުރަށް، ދިވެހި ސަރުކާރަށް ‏‏ދިމާވާ މިފަދަ ބޮޑެތި ހާދިސާތަކުގައި ޖަޕާން ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްވަމުން ‏‏ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، ޖަޕާން ސަރުކާރަށާއި ‏‏ރައްޔިތުންނަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.‏
‏މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ ‏‏މައުމޫނާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙަންމަދު ‏‏ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. ހިޓާޗީގެ ‏އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުގެ އަރިހުގައި ‏‏ބައިވެރިވެވަޑައިގަތީ، ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ‏‏ނޮބުހިޓޯ ހޯބޯއެވެ.‏