ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން، އައްޑު އަތޮޅު މީދޫ އަލިވާގޭ އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޢައްޔަން ކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު މި ޢައްޔަން ކުރެއްވީ، އެމަޤާމަށް އެމަނިކުފާުނު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކުރެއްވުމާ ގުޅިގެންނެވެ.

މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، އަލްއުސްތާޛު ޢަބްދުﷲ ސަޢީދަށް ހުވާލައްދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދެވެ.

އެއަށްފަހު، އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވުން އޮތެވެ.