‏ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާއި ‏‏ރަޙުމަތްތެރި ސިނާޢަތެއްގެ ‏‏ގޮތުގައި ތަރައްޤީވެގެން ދިއުމަކީ ސަރުކާރާއި، އަދި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ‏‏ސަރުކާރާއެކުގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުގެ ‏‏އުންމީދުކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަހަރުގެ ‏‏މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މިރޭ ފާދިއްޕޮޅު ނައިފަރު މަދްރަސަތުލް އިފްތިތާޙުގައި ‏‏ބޭއްވެވި ޙާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏ރާއްޖެއިން ކުރާ ދޮށީގެ މަސްވެރިކަމަކީ ‏‏އެހެން ގިނަ ޤައުމުތަކުން ކުރާ މަސްވެރިކަމާ ޙިލާފަށް، ތިމާވެއްޓާ ‏‏ރަށްޓެހި، އަދި އެކްސްޕޯޓު ކުރެވޭ ‏‏މަހަކީ އޭގެ ‏ޒާތުގައި ‏‏ޕްރީމިއަމް ކޮލިޓީގެ ‏މަސްކަމުގައި ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، ދިވެހި ‏‏މަސްވެރިން ބާނާ މަހުގެ ޢަދަދު ‏‏ކުޑަކަމާއެކު، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ކަނޑައެޅުމުގައި ‏‏ދިވެހިރާއްޖޭގެ އެއްވެސް ރޯލެއް ‏‏ނޯންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ‏

‏ ‏މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، ‏މަސްވެރިކަމަކީ ‏‏ބައިނަލްޢަޤްވާމީ ދާއިރާގައި ‏‏ރާއްޖެއަށް ‏އެންމެ ގިނަ ގޮށްޖެހުންތަކެއް ދިމާވާ އެއް ދާޢިރާކަމުގައި ‏‏‏ފާހަގަކުރެއްވިއެވެ. ‏އަދި، ޤައުމަށް އައި ތަރައްޤީއާއި ގުޅިގެން ޔޫރަޕުން ‏‏ދިވެހިރާއްޖެއަށް ލިބެމުން ‏‏އައި ޙާއްސަ ޢިނާޔަތްތަކުން މިހާރު ރާއްޖެ މަޙުރޫމްވެފައިކަން ފާހަގަކުރައްވަމުން، ބައިނަލްޢަޤްވާމީ ‏‏ބާޒާރުގައި ރާއްޖެ ވާދަކުރަންޖެހިފައިވަނީ، ރާއްޖެއަށް ‏‏ވުރެން މާބޮޑެތި ޢަދަދުތަކުގެ މަސް އެކްސްޕޯޓު ‏‏ކުރާ ފަރާތްތަކާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ‏

‏ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރިކަމުގައި ރާއްޖެއަށް ދިމާވާ ‏‏ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މަސްވެރިކަމުގެ ސިނާޢަތުގެ ފަންނީ މަޢުލޫމާތު ހޯދުމުގައި، ‏‏ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ހަމަކުރަންޖެހޭކަމުގައި ‏‏ވިދާޅުވިއެވެ. މީގެއިތުރަށް މިކަމުގައި، އެންމެ ވަރުގަދަ ފަންނީ އެހީތެރިކަން ‏‏ހޯދުމުގެ ‏‏މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏ރާއްޖޭގެ ޢާބާދީގެ 35 ޕަސެންޓަކީ ‏‏ޒުވާނުންކަމުގައި ވީއިރު، އެ ހުރިހާ ޒުވާނުންނަށް ސަރުކާރުގެ ފަރާތުން ވަޒީފާގެ ‏‏ފުރުސަތު ‏‏ތަނަވަސް ކޮށްދޭން ޖެހިފައިވާކަމުގައި ބަޔާންކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތަކީ މިކަން ‏‏ކަށްވަރުކޮށްދިނުމުގައި ޙިއްޞާވާނެ އެއް ޝިނާޢަތްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.‏

‏މަސްވެރިކަމުގެ ސިނާޢަތަށް ޒުވާނުން ނެރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ‏‏މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ‏މިއަދު ފެލިވަރުގައި އިފްތިތާޙުކޮށް ދެއްވި ‏‏މަސްވެރިންގެ މެރީނާ އިންވެސް 240 ‏‏ވަޒީފާ އުފެދިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ‏‏ފާހަގަކުރެއްވިއެވެ. މިފަދަ މެރީނާއެއްގެ ބޭނުމަކީ، އާއިލާތަކާ ވަކިން ގިނަދުވަހު ކަނޑުމަތީގައި އުޅޭ ‏‏ޒުވާނުންނަށް، ކޮންމެވެސް ‏‏ވަރެއްގެ އަރާމާއި، މުނިފޫލިފިލުވުމާއި، އަދި ޒުވާނުންނަށް ބޭނުންވާ ‏‏ހަރަކާތްތަކުގައި ޝާމިލުވެ އުޅުމުގެ ‏‏ފުރުސަތު ތަނަވަސް ކޮށްދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ. ‏

މިރޭގެ މިރަސްމިއްޔާތުގައި، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވާ ޙާއްސަ ‏‏އިނާމުތައް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކޮށްދެއްވިއެވެ. އަދި 'މަސްވެރިންގެ ހަވީރު' ގެ ނަމުގައި، ‏‏މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑޮކްޓަރ މުޙަންމަދު ޝައިނީ ދެއްވި ރޭގަނޑުގެ ‏‏ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެޑައިގަތެވެ.‏