‏ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރެވޭ ‏‏704 ހައުސިންގ ޔުނިޓުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ‏‏އަޅުއްވައިދެއްވައިފިއެވެ. ‏މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ‏‏އަލްފާޟިލާ ފާޠިމަތު އިބްރާހީމް ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏

އެކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވެވި ރަސްމިއްޔާތުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ‏ހުޅުމާލެއަކީ ދިވެހި ޒުވާނުންގެ އުންމީދުތަކާ ‏‏ގުޅިފައިވާ ރަށެއްކަމުގައި ބަޔާންކުރައްވަމުން، މިމަޝްރޫޢުގެ ސަބަބުން ދިވެހި ޒުވާނުންނަށް އެންމެ ‏‏ދަތިވެފައި އޮތް ގެދޮރުވެރިކަން، ‏‏ނުވަތަ ބޯހިޔާވަހިކަން ނެތުމުގެ މައްސަލައަށް ޙައްލެއް ލިބިގެން ‏‏ދާނެކަމުގައި ވިދާޅުވިއެވެ.‏

‏"އަޅުގަނޑުމެންގެ މިކުރާ މަސައްކަތަކީ މިއަދު ދިވެހިރާއްޖޭގެ މުޖުތަމަޢުއަށް ‏‏ދިމާވެފައި ހުރި އެންމެ ބޮޑެތި މައްސަލަތަކަށް، ކޮންމެވެސް ކަހަލަ ދާއިމީ ހައްލެއް ގެނެއުމަށްޓަކައި ‏‏ކުރެވޭ މަސައްކަތްތަކެއް. އެހެންވީމާ، މިއަދު ބިންގާއެޅިގެންދާ 1،500 ފްލެޓަކީވެސް ‏‏އިރާދަކުރެއްވިއްޔާ އޭގެ ‏ސަބަބުން ޒުވާނުންގެ މޫނުތަކަށް ހިނިތުންވުމެއް ގެނެސްދޭނެ މަޝްރޫޢަކަށް ‏‏ވެގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުޅުމާލެއާ ދޭތެރޭގައި މި ސަރުކާރުން ކުރައްވާ ‏‏ތަޞައްވުރުގެ މައްޗަށް ބައްލަވާލައްވަމުން، ހުޅުމާލޭގައި ޒުވާނުންގެ ސިޓީއެއް ހެއްދެވުމަކީ، މި ‏‏ސަރުކާރުގެ އަމާޒު ކަމުގައި ވިދާޅުވިއެވެ. އަދި ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބްރިޖަކީ ‏ އެއްވެސް ‏‏ގޮތަކަށް އިޤްތިޞާދީ ފައިދާތަކެއް ނުވަތަ މަންފާތަކެއް ހޯއްދެވުމަށް ސަރުކާރުން ހިންގާ މަޝްރޫޢެއް ‏‏ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަޝްރޫޢާ މެދު ސަރުކާރުން ދެކެވަޑައިގަންވަނީ، ‏‏ދިވެހި ރައްޔިތުންގެ އަސާސީ ޚިދުމަތަކަށް ބޭނުންވާ ވަޞީލަތެއް ޤާއިމްކުރުމުގެ ‏‏ގޮތުގައިކަން ‏‏އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރަށް، ‏‎ ‎‏ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ، ވަރަށް ‏‏ޝައުޤުވެރިކަމާއެކު، ވަރަށް ‏‏އީޖާބީގޮތެއްގައި ބްރިޖުގެ މަޝްރޫޢު ބަލައިގެންފައިކަން ‏‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏ހުޅުމާލެ ހިއްކުމުގެ ވިސްނުންފުޅަކީ، ރައީސް ‏‏މައުމޫންގެ ވިސްނުންފުޅެއް ‏‏ކަމަށާއި، ހުޅުމާލެ އޭރުއޮތީ ވަރަށް އުންމީދީ ޚިޔާލެއްގެ ގޮތުގައި ކަން ‏‏ފާހަގަކުރެއްވިއެވެ. އަދި މިފުރުޞަތުގައި ރައީސް މައުމޫނުގެ 30 އަހަރުގެ ޒަޢާމަތުގައި ‏‏ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށް، ޙާއްޞަކޮށް އިޖްތިމާޢީ ދާއިރާގައި ހުރި ބޮޑެތި ‏‏މައްސަލަތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ކޮށްދެއްވާފައިވާ މަސައްކަތްތައް ‏‏ފާހަގަކުރައްވައި، ދިވެހިސަރުކާރައި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ.‏

މީގެއިތުރަށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި ‏‏ޢިމާރާތްކުރެވޭ ހައުސިންގ ޔުނިޓުގެ މަޝްރޫޢު ހިންގާ، ‏ޗައިނާ މެޝިނަރީ ‏‏އިންޖިނިއަރިންގ ‏‏ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އަށާއި، ޗައިނާގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ‏‏ޝުކުރުއަދާކުރެއްވިއެވެ.‏